އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ހެދުނު އެންމެ ގޯހަކުން އުފާވެރި ދިރިއުޅުން ބިލާހަކަށް! ޢިބްރަތް ޙާޞިލުކުރަންޖެހޭ އެތައް ކަމެއް ހިމެނޭ މުހިންމު ފިލާވަޅެއް!

ޢިބްރަތްތެރި ވާހަކަ: ހެދުނު އެންމެ ގޯހަކުން އުފާވެރި ދިރިއުޅުން ބިލާހަކަށް! ޢިބްރަތް ޙާޞިލުކުރަންޖެހޭ އެތައް ކަމެއް ހިމެނޭ މުހިންމު ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 4 ސިކުންތު

އެދެމަފިރިންނަށް ދަރިއަކު ނުލިބި 4 އަހަރުވެފައިވަނިކޮށް އަނބިމީހާ ބަލިވެއިނުމުން ދެމަފިރިންވެސް ތިބީ ވަރަށް އުފަލުންނެވެ. ފުރތަމަ ކުއްޖާއަށްފަހު އަހަރު ދެކޮޅުގައި އިތުރު ދެކުދިން ލިބުމުން ދެމަފިރިން ތިބީ ވަރަށް ހިތްހަމަޖެހިގެންނެވެ. ދެމަފިރިންވެސް ދަރިން ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންވެ ދިރިއުޅެމުން ދިއައީ ވަރަށް ހިތްހަމަޖެހިގެންނެވެ. 

ފިރިމީހާއަކީ މިޒަމާނަށް ބަލާއިރު ވަރަށް ރަނގަޅު ފިރިއެކެވެ. އޮފީސް ނިމުމާއިއެކު ގެއަށް ގޮސް އަނބިދަރިންނާއިއެކު ވަގުތު ހޭދަކުރާ މީހެކެވެ. ކޮންމެހެން ދާންޖެހޭ ތަނަކަށް ނޫނީ ބޭރަށް ނުދާތީ އަނބިމީހާވެސް ކުދިންވެސް ތިބެނީ ވަރަށް ހިތްހަމަޖެހިގެން ވަރަށް އުފަލުގައެވެ.

ދިރިއުޅުން ބޮޑު ބިލާހަކަށްވެގެންދިއައީ ދޮށީދަރިފުޅުގެ ޢުމުރުން 10 އަހަރުގައި ހަދަންޖެހުނު ޓެސްޓް ތަކެއް ހެދުމުންނެވެ. ޓެސްޓްތަކުން ދެއްކި ގޮތުގައި އެއީ ފިރިމީހާގެ ދަރިއެއް ނޫނެވެ. ފިރިމީހާ ވަރަށް ރުޅިގަދަވިއެވެ. އަދި އެހައިދެރަވެސްވިއެވެ. ދިރިއުޅުންމަތިން އެކުގައި ފޫހިވިއެވެ. 

އަނބިމީހާ ބުނީ އެކުއްޖާއަކީ ފިރިމީހާގެ އެންމެ ގާތް އެކުވެރިޔާގެ ދަރިއެއްކަމަށެވެ. ފިރިމީހާގެ މަންމަ ބަލިވެގެން މަންމަ ގޮވައިގެން ލަންކާއަށް ގޮސްހުއްޓައި އޭނާއަށް މަޖުބޫރުކުރުވައިގެން ކުރި ކަމަކުން ލިބުނު ކުއްޖެއްކަމަށެވެ. އެހެން ބުނަން އެނގެނީ ފިރިމީހާގެ ބޭރުން އޭނާނޫން މީހަކާ އެބާވަތުގެ އެއްވެސް ގުޅުމެއް ހިންގާފައި ނުވާނެތީ ކަމަށެވެ. އެވާހަކަ ކުރިން ދައްކަން ނުކެރިފައި ހުރީ ދައްކައިފިނަމަ ފިރިމީހާ ކަންކަން ކުރާނެ ގޮތް ނުއެނގޭތީ އާއި ފިރިމީހާ ދެކެ ލޯބިވާވަރުން ދުވަހަކުވެސް ވަކިވާން ބޭނުން ނުވާތީ ކަމަށެވެ. އަދި އެކަންކުރީ އެންމެ ރެއަކު ކަމަށްވުމުން ދަރިއަކު ލިބިދާނެކަމަށް ހީނުކުރެވޭތީ ކަމަށެވެ. 

ފިރިމީހާއަށް އެކަންކަން އެނގުމުން ބުނީ ދެން ޢަމަލުކުރާނެ ގޮތަކާއިމެދު ވިސްނައި ގޮތެއް ނިންމަން ދުވަސްކޮޅެއް ބޭނުންވާ ކަމަށެވެ. އަދި ގޭގައި ދެމަފިރިން ދިރިއުޅޭނީ ދެކޮޓަރީގައި ކަމަށެވެ. 

މަހެއްހައި ދުވަސްފަހުން އެކުވެރިޔާއާއި އަނބިމީހާ ބައިތިއްބާފައި ފިރިމީހާ ބުނީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތިކަން އޭނާއަށް ލިބިއްޖެ ކަމަށެވެ. އެއްބަނޑު އެއްބަފާ ފިރިހެނަކު ނެތުމުން އަޚެއް ކަމަށް ބަލައިގެން ކުޑައިރުންސުރެ ގެންގުޅުނު އެންމެ ގާތް އެކުވެރިޔާ އާއި އިންތިހާއަށް ލޯބިވާ އަނބިމީހާ އާއި ދެމީހުންގެ ކިބައިން އަނިޔާ ލިބުމަށްވުރެ ބޮޑު ހިތްދަތިކަމެއް ނުލިބޭނެ ކަމަށެވެ. 

"ޙަޤީޤަތް އެނގުނުއިރު މިވަނީ 3 ކުދިން ލިބިފައި. އެކުވެރިޔާގެ ދަރިއަކާއި އަހަރެންގެ ދެ ދަރިން. އެކުވެރިޔާގެ ދަރިދެކެވެސް އަމިއްލަ ދަރިއަކުވާވަރަށް ލޯބިވޭ. އެހެންވީމާ ނެރެ މަގުމައްޗަށް އުކައިލެވޭކަށްވެސް ނެތް. ވީމާ ހައްލުކުރަން އަމަލުކުރެވިދާނެ ފުރަތަމަ ގޮތަކީ ތިއަ ދެމީހުން ކައިވެނިކޮށްގެން މިގޭގައި އުޅުން. އަހަރެންވެސް އުޅޭނަން. އެއިރުން އެންމެންނަށްވެސް ދަރިންނަށް ލޯބި ދެވޭނެ." 

އެކުވެރިޔާއަށް އެގޮތް ކަމަކު ނުދިއައެވެ. އެކުވެރިޔާބުނީ އޭނާގެ އަނބިމީހާ އާއި ލިބިފައިވާ ދެ ދަރިން ދޫކޮށްލަން ނުކެރޭނެ ކަމަށެވެ. އެހެންވީއިރު ދެ އަންތބަށް ކައިވެނިކުރަންވީ ނޫންތޯ ސުވާލުކުރުމުން ބުނީ އެކަމަށް އަނބިމީހާ ނުރުހޭނެ ކަމަށެވެ. އެހެން ބުނުމުން އޭނާ ބުންޏެވެ. "ކަލޭގެ އަމިއްލަ އަނބިމީހާ އާއި ދަރިންނާއިމެދު ތިއަވަރަށް ވިސްނާނަމަ އަހަރެންގެ ދިރިއުޅުމުގައި ކަލޭ ހުޅުޖެހީ ކަލެއަކީ ހާދަ ނުބައި ނުލަފާ އަނިޔާވެރިއެއް ވީމައިތާއެވެ! ބަލަ ކަލޭ ހީކުރީ އަހަރެންގެ ހިތް ހައްދަވާފައިވަނީ ދަގަނޑުން ކަމަށް ހެއްޔެވެ؟ 

އަހަރެން ދުވަހަކުވެސް އެއްވެސް މީހެއްގެ ކިބައިން ބަދަލެއް ނުހިފަމެވެ. ނަމަވެސް ކަލޭގެ ކިބައިން މިހާރުވެސް ބަދަލު ހިފައިފީމެވެ. އެއީ ކަލެއަށް ފައިސާގެ ގޮތުންނާއި އެހެންވެސް ގޮތްގޮތުން ކުޑައިރުންސުރެ އެހީތެރިވަމުން އެހައި ބޮޑަށް އިތުބާރުކޮށްގެން ގެންގުޅެނިކޮށް އަހަރެންނަށް މިހައި ބޮޑު ދެރައެއްދީ އަހަރެންގެ ހިތް ކުދިކުދިކޮށްލީތީއެވެ. މިތާ މިދެއްކުނު ހުރިހާ ވާހަކަތަކެއްގެ އަޑު މިހާރުވާނީ ކަލޭގެ އަނބިމީހާއަށް އިވިފައެވެ. މަންޒަރުވެސް ފެނިފައެވެ. ކަލެއަށް އަހަރެންގެ އަންހެނުންނާއި ކައިވެނިކޮށްގެން މިގޭގައި ދިރިއުޅެން ދިން ފުރުޞަތު ތިއަދޫކޮށްލީއެވެ. ދެން މާ މާތް މީހަކަށް ހެދިގެން ޤުރްއާން ކިޔަވައި ޜޭއަޅުކަންކުރުމުގެ ނަމުގައިވެސް މިގޭގެ ގޯތިތެރޭގައި ހުއްޓައި ފެނުނު ނަމަވެސް ދެފައި އެކުގައި ބިންދައިލާނަމެވެ. އަވަހަށް މިގެއިން ނުކުމެގެންދާށެވެ." 

އެކުވެރިޔާ މާފަށް އެދި ސަލާންޖެހުމުންވެސް ބުނީ މާފުކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ. "ﷲ އަށްޓަކައި މާފުކުރަންޖެހޭބައި މާފުކޮށްފީމެވެ. ނަމަވެސް ކަލެއާއި 4 ކަޅި ހަމަކޮށް ވާހަކަދައްކައި އުޅެން ބޭނުމެއް ނޫނެވެ." 

އެކުވެރިޔާ ބުނީ އޭނާއަށް އެކަންކުރެވުނީ މަސްތުގެހާލުގައި ހުރެގެން ކަމަށެވެ. ޖަވާބުގައި ބުންޏެވެ. "ކަލޭ އެއްވެސް ކަމެއް ނުކޮށް ހުއްޓައި މަސްތުއައިސް ކަލޭގެ ހަށިގަނޑަށްވެރިވެގަތީހެއްޔެވެ؟ ވީމާ މަސްތުގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ ކަލޭ ދުނިޔޭގެ އުފާ ހޯދަންވެގެން މަސްތުވީ ނޫންހެއްޔެވެ؟ މަސްތު ކަލޭގެ މައްޗަށް ބާރުގަދަވެގަތްނަމަ ކަލޭ ގެންގޮސް ޖިމާޢު ކުރުވާނީ ކަލޭގެ ހަގަށް ތިބި މާރީތި ކޮއްކޮމެންނާއި ނޫންހެއްޔެވެ؟ އަހަރެންގެ އަނބިމީހާގެ ޢިއްފަތްތެރިކަމަށް އަރައިގަތީ އެކަންކުރަން ކަލޭ ބޭނުންވެގެން ނޫންހެއްޔެވެ؟ ވީމާ މަސްތުގެ ބޮލުގައި ތިއައަޅުވަނީ ކޮންކަމެއް ހެއްޔެވެ؟ އިތުރު ބަހަނާތައް ނުދައްކައި ހަމަމިހާރު މިގެއިން ނުކުންނާށެވެ." 

އެކުވެރިޔާ ނުކުމެގެން ގެއަށް ދިއައިރު ޓެކްސީއެއް ގެނުވައިގެން އަނބިމީހާ ދެދަރިން ގޮވައިގެން ދާން ގެއިން ނުކުންނަނީއެވެ. ހުއްޓުވަން އުޅެއުޅެ އެކަމެއް ނުވިއެވެ. މަގުމަތިވީމާ މީހުންނަށް ފެންނާތީ ގައިގައި އަތްލެވޭނެ ގޮތެއް ނެތުމުން ޖެހުނީ ބަލަހައްޓައިގެން ހުއްޓި ހުންނާށެވެ. 

އެކުވެރިޔާ ނެރެ ފޮނުވާލުމަށްފަހު އަނބިމީހާއަށް ބުނީ ކުރިންވެސް އުޅުނު ގޮތަށް ގޭގައި އުޅެވިދާނެ ކަމަށާއި ބޭނުން ނަމަ ދޮށީދަރިފުޅު ގޮވައިގެން ގެއިން ނުކުމެގެން ދެވިދާނެ ކަމަށެވެ. ނަމަވެސް އޭނާގެ ދެދަރިން ނުދޭނެ ކަމަށެވެ. އަނބިމީހާ އިޚްތިޔާރުކުރީ ކިތަންމެ ހިތްދަތިޙާލުގައިވެސް ފިރިމީހާގެ ބެލުމުގެދަށުގައި ގޭގައި އިނުމަށެވެ. 

އެކުވެރިޔާގެ އަނބިމީހާ އޭނާއަށް މާފުނުކުރުމުން ޖެހުނީ އަނބިމީހާ ވަރިކުރާށެވެ. އެއިގެ 4 މަސްފަހުން އެއްރޭ ފެނުނީ އެކުވެރިޔާގެ އަނބިމިހާ އާއި ދެދަރިން ގޮވައިގެން އައިސް ގެއަށް ވަންތަނެވެ. އަނބިމީހާ ޙައިރާންވެ ބަލަހައްޓައިގެން ހުންނަން ފެށީމާ ބުންޏެވެ. "މިއީ އެކުވެރިޔާއަށް ހެޔޮ އެދިގެންނާއި އަހަރެންގެވެސް ހިތްހަމަޖެހުމަށްޓަކައި ކުރިކަމެކެވެ. މިއައީ ދެމީހުން ކައިވެނިކޮށްގެންނެވެ. އެކުގައި ދެ އަނބިން ގުޅިގެން އުޅެން ބޭނުންނުވާނަމަ ކުރިން ބުނި ގޮތަށް ގެއިން ނުކުމެގެން ދެވިދާނެއެވެ. ޝަކުވާނުކޮށް ދެ މީހުން ގުޅިގެން އުޅެން ބޭނުންނަމަ ހަމަ އުޅެންވީއެވެ." 

އަނބިމީހާ އޭނާއަށް ކުރެވުނު ކުށް ޤަބޫލުކޮށް އިޚްތިޔާރުކުރީ ދެއަނބިން ގުޅިގެން އެކުގައި ރީތިކޮށް ދިރިއުޅޭށެވެ. އެއިގެ ފަހުން މިހާރު 3 އަހަރުވެދާނެއެވެ. އެމީހުން ދިރިއުޅެމުން އަންނަނީ ގުޅިގެން އެއް ޢާއިލާއެއްގެ ގޮތުގައެވެ. އެކުވެރިޔާވަނީ ގެ ކުއްޔަށްދީފައި ލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. 

މިއީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ޒުލްފާގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. އޭނާ ދިރިއުޅެމުން އައި އުފާވެރި ދިރިއުޅުން ހިތްދަތި ދިރިއުޅުމަކަށް ބަދަލުވެގެންދިއަ ގޮތުގެ ވާހަކައެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިއީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ވާހަކައެކެވެ. ކޮންމެ ދެމަފިރިއަކުވެސް ވިސްނައި ސަމާލުކަންދޭންޖެހޭ އެތައް ކަންތައްތަކެއް މިވާހަކައިގައި ހިމެނިގެންވެއެވެ. ވީމާ އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކައިން ފައިދާތަކެއް ޙާޞިލުކުރެވޭނެ ކަމަށެވެ. 

ނިންމާލުމުގެ ކުރިން އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެކުވެރިޔާ ވަރިކުރި އަނބިމީހާ އާއި ކައިވެނިކުރީ އެކުވެރިޔާއަށް ހެޔޮއެދިގެން ކަމަށް ބުނުމުން ބައެއް މީހުންގެ ހިތުގައި ސުވާލުތަކަެއް އުފެދިދާނެއެވެ. އޭނާ އެބުނީ އެ 3 މައިން އަނެއްކާވެސް ނުބައި މީހެއްގެ އަތްމައްޗަށްގޮސް އިތުރަށް ނިކަމެތިވުމުން ސަލާމަތްކޮށްދިން ވާހަކައެވެ. 3 މައިން ބެލެހެއްޓުމާއި އޭނާ ޙަވާލުވި ވާހަކައެވެ.

 

- ނީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް