އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ޑޮކްޓަރީ ބޭސް އަގުބޮޑުކޮށް ވިއްކާ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު ދައުލަތުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުޞްތަފާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އާސަންދައިގެ ބޮޑު އިންސައްތައެއް ބޭހަށް ޚަރަދުވާއިރު، ޚަރަދު އެންމެ ބޮޑަށް ކުޑަކުރެވޭނީވެސް ބޭހުންނެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކީ ބޭހަށް ދައުލަތުން ކުރާ ޚަރަދު ކުޑަކުރެވޭނެކަމަށް ފެނޭ. އަދި މީގެއިތުރުން ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން މިހާރު ބޭސްތައް 60% އޮން އެވްރެޖް ޑިޑަކްޝަނެއް ލިބޭނެކަމަށްވެސް ތަފާސްހިސާބުތަކުން އަޅުގަނޑުމެންނަށް ދައްކާ," ސާއިދު ވިދާޅުދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އާސަންދައަށް 2.3 ބިލިއަން ރުފިޔާގެ ޚަރަދެއް ވެގެންދާއިރު އޭގެތެރެއިން 1.6 ބިލިއަން ބޭހަށް ކުރެވޭ ޚަރަދު ކުޑަކުރުމަށް މިއީ އެޅޭނެ އެންމެ ހަރުދަނާ އަދި ރައްޔިތުޔިތުންނަށް އޭގެ އެންމެ އެދެވޭ އަސަރު ކުރާނެ އެއް ފިޔަވަޅު ކަމަށެވެ.
ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަނީ އިންތިހާއަށް ބޮޑު ފައިދާއަކާއެކު ކަމަށް ފާހަގަކުރެވިފައިވާތީ، މި މައްސަލަ ހައްލުކުރުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. މި ފިޔަވަޅަކީ ބޭހަށް ކުރާ ޚަރަދު ކުޑަކޮށް، މިހާރު ކުރާ އެއްވެސް ކަމަކަށް އަސަރުކުރުމެއް ނެތި އެންމެ ރަނގަޅަށް ރިފޯމްކުރުމަށް އެޅޭ ފިޔަވަޅެއްކަން މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
Advertisement
12 ސެޕްޓެމްބަރ 2024