އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށްޓާއި އަދި ހަކަތައާބެހޭ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހީމް، މިއަދު ބ. އަތޮޅު ކައުންސިލްގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރައްވައިފިއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން، ބ. އަތޮޅުގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގެ ފުރާޅުގައާއި އަތޮޅު ކައުންސިލް އިދާރާގެ ފުރާޅުގައި 15 ކިލޯވޯޓްގެ ސޯލާ ފޮޓޯވޯލްޓެއިކް ސިސްޓަމެއް ޤާއިމުކުރެވޭނެއެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް އެޅޭ އިސްތިރާޖީ ފިޔަވަޅެއްކަމަށް ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ބ. އަތޮޅުގެ ރަށްތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މީގެ އިތުރުން، މި މަޝްރ٫ޢުގެ ސަބަބުން އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމަށް ހިތްވަރު ލިބިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ފުރިހަމަވުމުން، ބ. އަތޮޅުގެ ރަށްތަކުގައި ކަރަންޓުގެ ޚަރަދު މަދުވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
Advertisement
8 އޮކްޓޯބަރ 2024