އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއް ކަމަށް ދާޚިލީ ވަޒީރު ޢަލީ ޢިހްސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކޮށް، އެތަކެތި ގެންގުޅުމާއި އަދި ވިއްކުން ވެސް މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ދަރިން މަސްތުގެ މަގަށް ފަސޭހަކަމާއެކު އަނބުރާލާ ކަމެއްގެ ގޮތުގައި އޮތް ވޭޕްކުރުން މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ މި ޤައުމު ތާއަބަދަށް ޝުކުރުވެރިވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދދަށުން، އަންނަ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭނެއެވެ. އަދި އަންނަ ޑިސެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭ ބެހުން ވެސް މަނާކުރެވޭނެއެވެ.
މި ނިންމުމަކީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރެޓް ރާއްޖެއަށް އެތެރެކުރުން މަނާކޮށްދިނުމަށް އެކި ޖަމިއްޔާތަކުން އެދެމުންދިޔަ ދަނޑިވަޅެއްގައި ނިންމާފައިވާ ނިންމުމެކެވެ. ގިނަ ފަރާތްތަކުން މި ނިންމުމަށް މަރުޙަބާ ކިޔާފައިވާއިރު، މިއީ މާދަމާގެ މުސްތަޤުބަލަށް ނިންމާފައިވާ ވަރަށް މުހިންމު ނިންމުމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
Advertisement
15 އޮކްޓޯބަރ 2024