އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 32 ސިކުންތު
އަޅުގަނޑު ކިޔަވައިގެން އޮފީހެއްގައި ވަޒީފާއަދާކުރަންފެށީ އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގައެވެ. އެއިރު އަޅުގަނޑުގެ ޢުމުރަކީ 22 އަހަރެވެ. އޮފީހުގައި 12 ވަރަކަށް އަންހެންކުދިން މަސައްކަތްކުރެއެވެ. އަތުގައި ޑިގްރީއެއް އޮތް ނަމަވެސް މަސައްކަތުގެ ތަޖުރިބާ ނެތުމުން މަސައްކަތްކުރަންޖެހުނީ ޓްރޭނީއެއްގެ ގޮތުގައެވެ.
އަޅުގަނޑު ކުރި ބުރަމަސައްކަތާއި ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން ޕްރޮބޭޝަނަށް 3 މަސްދުވަސް ދިންނަމަވެސް 2 ވަނަ މަހު ވަޒީފާ ދާއިމީކޮށްދީފިއެވެ. އެއީ މަސައްކަތުގައި ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
އަޅުގަނޑަށްވުރެ މަތީ މަޤާމުތަކުގައި 6 އަންހެންކުދިން ތިބެއެވެ. އެކުދިންނަށް ރަނގަޅު މުސާރަވެސް ލިބޭތީ އާއި ތަނަވަސް ޢާއިލާތަކުގެ ކުދިން ކަމުގައިވާތީ ތިބެނީވެސް ވަރަށް ރީތިވެގެންނެވެ. އަގުބޮޑު ސެންޓުވެސް ޖަހައި މޭކަޕްވެސްކޮށްގެންނެވެ. އަޅުގަނޑަށް ހުރެވެނީ ވަރަށް އާދައިގެ ގޮތަކަށެވެ.
މޭކަޕްކުރުމަކީ އަޅުގަނޑު އެއްއިރަކުވެސް ކުރާކަމެއް ނޫނެވެ. މައިންބަފައިންނަކީ ފަޤީރުން ކަމުގައިވާތީ ދުވަހަކުވެސް އަގު ބޮޑު ސެންޓާއި އަގުބޮޑު ގަހަނާއެއް ނުވެސް ލިބެއެވެ. އެހެންވެ އެކަންކަމަށް ޝައުޤުވެރިއެއްވެސް ނުވެއެވެ. ލިބޭ މުސާރައިން ޢާއިލާއަށް ޚަރަދުކުރަންޖެހޭތީ ކޮންމެހެން ކުރަން ބޭނުން ނުވާ ކަންކަމަށް ޚަރަދެއްވެސް ނުކުރެވެއެވެ.
ވަޒީފާގެ މަސްއޫލިއްޔަތު ވީހާ ފުރިހަމައަށް އަދާކުރާތީ ވެރިންގެ ރުހުން ލިބެއެވެ. ކުރާ މަސައްކަތް ބަލައިގަނެއެވެ. 2 އަހަރުވީއިރު ވެރިން އެންމެ އިތުބާރުކުރާ މުވައްޒިފުންގެ ތެރޭގައި ހިމެނިއްޖެއެވެ. ވެރިންގެ ސިއްރު މަސައްކަތްތައްވެސް ކުރަން ޙަވާލުކުރަން ފަށައިފިއެވެ. އަޅުގަނޑަށްވުރެ އިސްކޮށް ތިބޭ މުވައްޒިފުން އެކަމަށް ހިތްހަމަނުޖެހޭކަން އަޅުގަނޑަށް ވިސްނެއެވެ.
ބައެއް ކުދިން އަޅުގަނޑު ގާތުގައި ބުނެއެވެ. "ވަޒީފާގައި އަވަހަށް ކުރިއަށްދާން ބޭނުންނަމަ ޒީނަތްތެރިވުން އިތުރުކުރާށެވެ. ވެރިންގެ ގާތުގައި ބަހައްޓާ ރަސްމީކަން ކުޑަކޮށްލާފައި ސަމާސާވެސްކޮށްހަދާށެވެ. ގާތް ގުޅުން އުފައްދަން މަސައްކަތްކުރާށެވެ."
އެވާހަކަތަކަށް ދެކޮޅު ނުހެދުމުގެ ގޮތުން އެކުދިންގެ ގާތުގައި އާނބަސްބުނަމެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެމެވެ. އަޅުގަނޑު އުޅެމުން ގެންދިއައީ ހަމައެއްގޮތަކަށެވެ. އަޅުގަނޑު ޤަބޫލުކޮށްގެން ހުރީ ވަޒީފާގައި ކުރަން ޖެހޭ ކަންކަން ވީއެންމެ ރަނގަޅަކަށް ކުރަމުން ގެންދާނަމަ ރަނގަޅު ގޮތްތައް މެދުވެރިވާނެ ކަމަށެވެ. ވަޒީފާގެ ކުރިއެރުންވެސް ލިބޭނެ ކަމަށެވެ.
ވަޒީފާގެ 3 ވަނަ އަހަރު ކުންފުނީގެ އެއް ވެރިއަކު އަޅުގަނޑު ގާތުގައި ބުނީ އަމިއްލަ ކަމަކު ވާހަކަދައްކާލަން ބޭނުންވާ ކަމަށާއި އޮފީސް ނިމިގެން މަޑުކޮށްލައި ދިނުމަށެވެ. އަޅުގަނޑު މަޑުކުރީމެވެ. ރަސްމީ ގަޑި ނިމުނު ނަމަވެސް އަޅުގަނޑުގެ އިތުރުންވެސް ބައެއް މުވައްޒިފުން އޮފީހުގައި މަޑުކޮށްގެން މަސައްކަތްކުރަން ތިއްބެވެ.
އަޅުގަނޑު ގެންގޮސްފައި ފުރަތަމަވެސް ބުނީ ދައްކަން އުޅެނީ އޮފީހުގެ މަސައްކަތާއި ނުވަތަ ވަޒީފާ އާއިބެހޭ ވާހަކައެއް ނޫން ކަމަށާއި އޭނާގެ މުޅިން އަމިއްލަ ވާހަކައެއް ކަމަށެވެ. އެހެން ބުނުމުން ކުޑަ ޙައިރާންކަމެއްވެސް ލިބުނު ނަމަވެސް ބޭނުން ކޮންމެ ވާހަކައެއް ބުނަން އެދުނީމެވެ.
"މިއީ ލަދުވެތިވެސް ވާހަކައެކެވެ. އަހަރެމެންގެ ކައިވެންޏަށް 4 އަހަރުވެއްޖެއެވެ. އަހަރެންގެ ފުށުން ފެނުނު އެއްވެސް ނުބައި ކަމެއް ނުއޮންނާނެއެވެ. ފަރުވާކުޑަކުރިކަމެއްވެސް ނުއޮންނާނެއެވެ. އަނބިމީހާ ބޭނުންވާ ކަންކަމުގެ އިތުރުން އޭނާގެ ޢާއިލާއަށް ބޭނުންވާ ކަންކަންވެސް މިގެންދަނީ ކޮށްދެމުންނެވެ.
އެހެންކަމާއިއެކުވެސް އަނބިމީހާ ވަރަށް ދަށުދަރަޖައިގެ ކަމެއް ކޮށްފިއެވެ. ކާރުގެ ޑްރައިވަރަކަށް ގެންގުޅޭ ބޭރުމީހާ އާއިއެކު ގުޅުން ހިންގައިފިއެވެ. އެހެންވެ މިއުޅެނީ މިރޭ އަނބިމީހާ ވަރިކޮށްފައި ފޮނުވާލަންވެގެންނެވެ.
މިކަމުން ސިކުނޑިއަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބޭނެއެވެ. އަދި އެންމެ ދުވަހަކުވެސް އަންބަކާއި ނުލައި ހުންނާކަށްވެސް ބޭނުމެއް ނޫނެވެ. އެހެންވެ ވަރަށް ބޮޑަށް ވިސްނާފައި އަހަރެން ނިންމީ މަރީ އާއި ގުޅޭށެވެ. އަހަރެން މަރީ އިޚްތިޔާރުކުރަން ނިންމީ މަރީގެ އަޚްލާޤަށް ބަލައިގެންނެވެ. ވަރަށް ހަރުދަނާކަން ޔަޤިންކުރެވޭތީއެވެ. އަދި އެނޫންވެސް ކިތަންމެ ސަބަބެއް ހުރީމައެވެ. ވީމާ މިކަމުގައި މަރީގެ ބަހެއް ބޭނުމެވެ. ރުހުނަސް ނުރުހުނަސް ވަޒީފާއަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. މިބުނީ ނުރުހުނަސް ވަޒިފާގައި ހުރެވޭނެ ކަމަށާއި ލިބުން ޙައްޤު ކުރިއެރުންވެސް ލިބޭނެ ކަމެވެ. އަދި މިކަން އިތުރު މީހަކަށްވެސް ނުއެނގޭނެއެވެ. މަރީ ބޭނުންނަމަ މިޗެޕްޓަރު މިވަގުތުން ފެށިގެން ނުވެސް ދައްކާ ވާހަކައަކަށް ހަދައި ބަންދުކޮށްލެވިދާނެއެވެ. ބޭނުންނަމަ މާދަމާ ކައިވެނިވެސް ކުރެވިދާނެއެވެ."
ވިސްނާލަން ކުޑައިރުކޮޅަކު ހުރުމަށްފަހު އެއްބަސްވީމެވެ. ވިސްނައިލީ އަޅުގަނޑުގެ ނިކަމެތި ޙާލަތަށެވެ. އަދި ވެރިއަކު ކަމަށްވުމުންނެވެ. ދެމީހުންގެ ފެންވަރު އެހައި ތަފާތުވީމާ އެކުގައި އުޅުމުގައި ޖެހިދާނެ މައްސަލަތަކާއިމެދު ވިސްނައިލެވުނީއެވެ. ވެރިމީހާ ހުރި ވަޤުތުން ޖަވާބަކަށް ބޭނުންވެގެންކަމަށްވާތީ ވަގުތުން ޖަވާބުދީފައި މިބުނި ކަންކަމުގެ ވާހަކަ ދެއްކީމެވެ.
އޭނާ ބުނީ އިންސާނުންގެ ދަރަޖަ ތަފާތުވަނީ ތަނަވަސްކަމުން ނޫން ކަމަށާއި އަޚްލާޤުން ކަމަށެވެ. ތަޤްވާވެރިކަމުން ކަމަށެވެ. އެކުގައި އުޅެން ފެށުމުން އޭނާއަކީ ދީނުގެ ކަންކަމަށް ކިހާވަރަކަށް ލޯބިކުރާ މީހަކުކަން އެނގޭނެ ކަމަށެވެ. "އަހަރެން ތަންކޮޅެއް ކުރިން އެއް ދުވަހު މަރީ ނަމާދުކުރަންތޯ އާއި މަންމަމެން ނަމާދުކުރޭތޯ ސުވާލުކުރީވެސް މިބަދަލު ގެންނަން ވިސްނަމުން އަންނާތީ. މަރީގެ ތިއަ ޢުމުރުގައިވެސް ދަމުނަމާދުކުރާކަމަށް ބުނީމާ މަރީއަށް އޭ ޕްލަސްއެއް ދޭން ޖެހުނީ. އެހާމަތިން މާކްސް ލިބުނީމަ މިގޮތަށް ނިންމީ."
ކޮންމެއަކަސް އޭނާގެ ނުފޫޒުބޭނުންކޮށްގެން ނަމަވެސް ކޯޓުން އަވަސްކޮށްގެން އަނެއްރޭ ކައިވެނިކޮށްފިއެވެ. ކައިވެންޏަށް ފަހުވެސް ވަޒީފާ އަދާކުރަމެވެ. ދެމީހުން އޮފީހަށް އައިސް ގޮސްހަދަނީ އެކުގައެވެ. ކައިވެނީގައި މިހާރު 8 އަހަރުވެއްޖެއެވެ. 3 ދަރިންވެސް ވަނީ ލިބިފައެވެ. ފިރިމީހާއަކީ ވަރަށް ތަޤްވާވެރި ރަނގަޅު ފިރިއެކެވެ. ފަޤީރުންނަށް ދީލަތިވެސް މީހެކެވެ.
އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ތަނަވަސް މީހުންނާއި ގުޅެން ނުވަތަ ވަޒިފާގެ ކުރިއެރުން ހޯދަން އަޅުގަނޑުގެ އެކުވެރިން އެބުނި މަގުން ކަންކަން ނުކޮށް ރަނގަޅު ގޮތުގައި ހުރިނަމަވެސް ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާކަމެވެ. އެކުވެރިން އެބުނި މަގުން މަސައްކަތްކޮށްގެން ލިބޭ ކާމިޔާބީއަކީ ޙަޤީޤީ ކާމިޔާބު ނޫންކަމާއި ފޭލްވުން ގާތްވާނެކަމެވެ. ޙަޤީޤީ ކާމިޔާބު ލިބުން އޮތީ ރަނގަޅު ގޮތުގައި ޢަމަލުތައް ބެހެއްޓުމުން ކަމެވެ.
މިއީ އަޅުގަނޑުގެ ތަޖުރިބާއިން އަޅުގަނޑަށް ވިސްނުނު ގޮތެވެ. ޙިއްޞާ މިކުރީ އަޅުގނޑަށް ކަންކަން ދިމާވިގޮތެވެ. ހެޔޮ ނަޞޭޙަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
30 އޮކްޓޯބަރ 2024