އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 9 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ"
މާނައީ: "ތިބާގެ އުމުރުގައި ބަރަކާތް ލެއްވި، ރިޒްގު ތަނަވަސްވުމަށް ލޯބިކުރާމީހާ (ބޭނުންވާ މީހާ) ރަހިމުގެ ގުޅުން ބަހައްޓާށިއެވެ."
ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ވަޤުތުގައި ބަރަކާތްލެއްވޭ ކަމެކެވެ. ރިޒްޤު ތަނަވަސްކޮށްދޭ ކަމެކެވެ.
ރަޙިމުގެ ގުޅުން ޤާއިމް ކުރުމަށްޓަކައި ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކުރުމާއި، ޢާއިލާގައި ތިބޭ މީހުންގެ ޙާލު ބަލާ ދަތިޙާލުގައި ތިބޭ މީހުންނަށް ފަސޭހަ ކޮށްދިނުން ހިމެނެއެވެ.
ﷲ ތަޢާލާ އަންފާލް ސޫރަތުގެ 75 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَٰبِ ٱللَّهِ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمُۢ ﴿٧٥﴾
މާނައީ: "އަދި اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (75)"
ޙަލާލް ރިޒްޤު ލިބުމަށް އެދޭ މީހެއް ނަމަ ރަޙިމުގެ ގުޅުން ދަމަހައްޓަން ޖެހެއެވެ.
ﷲ ތަޢާލާ މުޙައްމަދު ސޫރަތުގެ 22 އަދި 23 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ ﴿٢٢﴾ أُو۟لَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَٰرَهُمْ ﴿٢٣﴾
މާނައީ: "ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި فساد ކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟ (22) އެއުރެންނީ، އެއުރެންނަށް اللَّه لعنة ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ. (23)"
ރަޙިމުގެ ގުޅުން ދެމެހެއްޓުމޭ ބުނެވޭ ބަހުގެ މާނައަކ ގާތްތިމާގެ މީހުންނަށް ބަހާއި ޢަމަލުން އިޙްސާންތެރިވުމެވެ.
ނިސާ ސޫރަތުގެ 1 ވަނަ އާޔަތުގައި ވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا ﴿١﴾
މާނައީ: "އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ. (1)"
Advertisement
2 ނޮވެމްބަރ 2024