އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ 3 މަރުޙަލާ ފުރިހަމަކުރާނަމަ ބޮޑުތަނުން ވަރި މަދުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ވަރިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ 3 މަރުޙަލާ ފުރިހަމަކުރާނަމަ ބޮޑުތަނުން ވަރި މަދުވާނެ! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

މުސްލިމުންގެ މެދުގައި ވަރިގިނަކަމުން އެހެން ދީންތަކުގެ މީހުންގެ ނަފްރަތު މުސްލިމުންނަށް ލިބޭކަށް އޮތް ލިޔުމެއް ކިޔައިފީމެވެ. އެއީ ހަމަތެދެއްތޯ؟

ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވި މައްސަލައަކީ މިހާރަކަށް އައިސް ބައެއް މުޖުތަމަޢުތަކުގައި އޮތް މައްސަލައެކެވެ. ހިތާމަކުރަންޖެހޭ ކަމެކެވެ. ތިރޡީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ

ގިނަ ދީންތަކަށް މީހުން އުޅޭ ބައެއް ޤައުމުތަކުގައި ތަފާތު ދީންތަކުގެ މީހުން ލޯބީގެ ގޮތުން ގުޅި ކައިވެނިކުރެއެވެ. ކައިވެނިކުރުމަށްޓަކައި ދީން ބަދަލުކުރެއެވެ. ކާފިރު އަންހެނުން އިސްލާމްވެސް ވެއެވެ. ނަމަވެސް ހިތާމަވެރި ގޮތްތައްވެސް މިއަދު އަންނަނީ މެދުވެރިވަމުންނެވެ.

އެހެން ދީންތަކުގެ އަންހެނުންނަށް ހުށަހެޅުމުން މުސްލިމް ފިރިހެނުންނާއި ކައިވެނިކުރަން ބޭނުން ނޫން ކަމަށް ބުނެއެވެ. ދީނުގެ ސަބަބަކުންނޫނެވެ! މުސްލިމް ބައެއް ފިރިހެނުންގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. އަނބިންނާއިމެދު ކަންތައް ކުރާގޮތުންނެވެ.

އެފަދަ އަންހެނުން މުސްލިމް ފިރިހެނުންނާއި ކައިވެނިކުރަން ބޭނުން ނޫން ކަމަށް ބުނަނީ ކީއްވެގެންހެއްޔެވެ؟ ބައެއް މުސްލިމް ފިރިހެނުން ހަރުކަށިވެފައި އަނިޔާވެރިވުން އިތުރުވުމުގެ ސަބަބުންނެވެ. ހިތަށްއަރާއިރަށް ވަރިކޮށްފައި އެއްލައިލާ މިންވަރު ގިނަކަމުންނެވެ!

މިދައްކަނީ ކައިވެނިކުރުމަކީ ކުރަންޖެހޭކަމެއްކަމަށް ޤަބޫލުނުކުރާ ހުޅަނގުގެ ޤައުމުތަކުގެ ވާހަކައެއް ނޫނެވެ. ކައިވެނީގެ މުހިންމުކަމާއި ކައިވެނީގެ އަގު ވޒަންކުރާ މީހުން ދިރިއުޅޭ ޤައުމުތަކުގެ ވާހަކައެވެ. އެފަދަ މުޖުތަމައުތަކުގައި ކަންކަން ހިނގަމުން އަންނަ ގޮތުގެ ވާހަކައެވެ.

އަނބިންނަށް އަނިޔާވެރިވުމަކީ ﷲ ތަޢާލާ ކަނޑައެޅިގެން ނަހީ ކުރައްވަވާފައިވާ ކަމެކެވެ. ހަމަ އެއާއިއެކު ވަރި ކުރުމަކީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އަމަލެވެ. އިސްލާމް ދީނުގައި ވަރިއާއި ހަމައަށް ދެވެނީ 3 މަރުހަލާއަކަށްފަހުގައެވެ.

މައްސަލައެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ އޮތީ ދެމީހުންގެ މެދުގައި މަޝްވަރާކޮށް ހައްލުކުރަން މަސައްކަތް ކުރުމެވެ. އެގޮތުން ޙައްލު ނުކުރެވުނުނަމަ އެންމެ އިތުބާރު ހިފޭ، ދެފަރާތުގެ ޢާއިލާގެ މީހުންގެ އެހީތެރިކަން ހޯދައިގެން މައްސަލަ ޙައްލުކުރަން މަސައްކަތް ކުރުމެވެ. އެއީ ދެވަނަ މަރުޙަލާއެވެ! އެވަރުންވެސް ޙައްލު ނުކުރެވުނު ނަމަ އެންމެ އިތުބާރު ހިފޭ، ތަޖުރިބާހުރި، ގާތް އެކުވެރިން މެދުވެރިކޮށްގެންވެސް މައްސަލަ ހައްލުކުރަން މަސައްކަތް ކުރަން ޖެހެއެވެ. އެއީ 3 ވަނަ މަރުޙަލާއެވެ.

ވަރިއާއި ހަމައަށް ދާން އިސްލާމް ދީނުގައި އޮތީ މި 3 މަރުހަލާ ވެސް ފުރިހަމަކޮށް ޙައްލެއް ނުހޯދިއްޖެ ނަމައެވެ.

ނަމަވެސް ގިނަ ފަހަރު ވަރިކޮށްލެވެނީ އަންނަ ރުޅިމަތީގައެވެ. މިއިން އެއްވެސް މަރުހަލާއެއް ފުރިހަމަ ނުކޮށެވެ. ކޯޓަށް ހުށަހަޅަނީވެސް ވަރިކޮށްލުމަށްފަހުގައެވެ. މިއީ ވަރަށް ދެރަކަމެކެވެ. މިކަމުގެ ސަބަބުން ދެރަ ނިކަމެތިކަން ލިބެނީ ތިމާއަށް އެކަންޏެއް ނޫނެވެ. މިހާރު މިދެއްކެނީ އެކަމުގެ ސަބަބުން މުޅި އިސްލާމީ އުންމަތަށް ގެއްލުން ލިބެމުން އަންނަކަމުގެ ވާހަކަތަކެވެ.

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް ސަމާލުކަން އިތުރުކުރާށެވެ! މުސްލިމުން ވާން ޖެހޭނީ އެހެން ދީންތަކުގެ މީހުންނަށް ހުރިހައި ގޮތަކުން ވެސް ނަމޫނާ ބައަކަށެވެ. އިސްލާމުންނަށް ކުރިއެރުން ލިބި ނަޞްރު ލިބުނީ މުސްލިމުންގެ ގޮތުގައި ތިބި ދުވަސްވަރުއެވެ. ވީމާ އިސްލާމް ދީނަށް ކުރިއެރުން ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރާ ބައަކަށްވަމާހިނގާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް