އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު
މޭކަޕްކުރަން އުނގުޅާ ބައެއް ސާމާނު އުނގުޅުމުން ގުނަވަނުގަ ފެންޖެހޭނެ ކަމަށް ބުނެފާނެއެވެ. ނަމަވެސް އެކަން ޔަޤީންވަނީ ކިހިނަކުންހެއްޔެވެ؟ ޔަޤީންވާކަމަކީ މުޅި ހަށިގަނޑުގައި ފެންނުޖައްސައި ހިނެއިން ޞައްޙަ ނުވާނެ ކަމެވެ. ވުޟޫގެ ގުނަވަންތަކުގައި ފެންނުޖައްސައި ވުޟޫ ޞައްޙަ ނުވާނެ ކަމެވެ.
ދެން ވިސްނާށެވެ! ޖުނުބުގެ ޙާލަތުގައި ހުންނައިރު އެމީހާއެވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރޭގައެވެ! އެމީހަކާއި ޖިންނި ޝައިޠޯނުންނާއި ދެމެދަށް އެއްވެސް ހުރަހެއް ނެތެވެ. އެހެރީ ހަމަ އަތްފޯރާފަށުގައެވެ. އެއްޗެތީގެ ބާރުގެދަށުގައެވެ. އެހުރެވެނީ ދައުވަތުވެސް ދީގެންނެވެ. މިޙާލަތަށްވުރެ ނުރައްކައުތެރިކަންބޮޑު ޙާލަތަކީ ކޮބައިހެއްޔެވެ؟
ޙައިޟުވެރިންނާއި ނިފާސްވެރިންގެ ތެރެއިން ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދިގެން ތިބޭ މީހުންނަށް (ﷲ ތަޢާލާ ހަނދުމަކޮށް ޛިކުރުކޮށް ހެޔޮ އަމަލުކުރާ މީހުންނަށް)ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ އެމީހުންނަށް ހިނައިގަނެ ނަމާދުކުރެވޭނީ އެކަމުން ސަލާމަތްވެވުމުންނެވެ. އެއީ އެމީހުންގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. ނަމަވެސް ޖުނުބުވެރިޔާ ހިނައިނުގަނެ ނަމާދުނުކޮށް އެހުންނަނީ އެމީހާގެ އަމިއްލަ އިޚްތިޔާރުގައެވެ! ޤަޞްދުގައެވެ! ވީމާ މިއީ މުޅިން ތަފާތު ދެ ކަމެކެވެ.
ޒީނަތްތެރިވާށެވެ! މޭކަޕްވެސްކުރާށެވެ! ފިރިންނަށް ޒީނަތްތެރިކަން ދައްކާށެވެ! ނަމަވެސް މިފަދަ އެންމެހައިކަންކަން ކުރަންވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ ގޮތަށެވެ. ހިނައި ޠޯހިރުވެ ވުޟޫކޮށް ނަމާދުކުރުމަށް ހުރަސް ނޭޅޭނެ ގޮތަށެވެ!
ހިތާމައަކީ މިއަދު ބައެއް މީހުން ޖުނުބުވެރިޙާލުގައި އެތައް ދުވަހެއްވަންދެން ތިބެކަމެވެ. ބައެއް މީހުން ބޮލުގައިލާ ޑައީ، ނިޔަފަތީގައިލާ ޕޮލިޝް ފަދަ އެތައްކަމަކުން ހިނެއިން ފުރިހަމަނުކުރެވި އެތައް ދުވަހެއް ވަންދެން އެބަތިބެއެވެ! އެހާލުގައި ހުރެ އެމީހާ ނަމާދުކުރާނީ ކިހިނަކުންހެއްޔެވެ؟ ކުރާ ނަމާދު ޞައްޙަވާނީ ކިހިނަކުންހެއްޔެވެ؟ ނަމާދު ނުކޮށް ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގަންނާނީ ކިހިނަކުންހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
8 ޑިސެމްބަރ 2024