އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 36 ސިކުންތު
ވިސްނާށެވެ! މީހަކު ބުންޏަސް ކިތަންމެ ބޮޑު ޖަމާއަތަކުން ބުންޏަސް، އަދި ޤާނޫނުގައި އޮތަސް ކީރިތި ޤުރްއާނާއި ސުންނަތުން ޘާބިތުވާ އެއްވެސް ކަމެއް އެނޫން ގޮތަކަށް ކޮށްގެން ޤިޔާމަތް ދުވަހު އެމީހަކަށް ސަލާމަތްކަމެއް ނެތެވެ. ޢިބްރަތް ޙާޞިލުކުރަންވީވެސް އަދި ހިތްވަރު ލިބިގަންނަންވީވެސް ޙައްޤުނޫން ބަސްފުޅެއް ވިދާޅުނުވަން، ﷲ ތަޢާލާ އަންގަވާފައި އޮތް ގޮތަށް ނޫން ގޮތަކަށް ކަމެއް ނުކުރައްވަންވެގެން ތަކްލީފްތަކާއި ގަދަވޭނުގައި ދުނިޔެ ދޫކުރެއްވެވި ޢިލްމްވެރިންގެ ކިބައިންނެވެ.
ނިކަން ބުނެބަލާށެވެ! ތިބާއަށް އަނިޔާއެއް ލިބުމުން ﷲ ތަޢާލާގެ އެންގެވުންތައް މުގުރަން ހިތްވަރުދިން މީހުން ކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ދެރަވެ ކަންބޮޑުވާ ކަމަށް ހަދައި ޑްރާމާ ކުޅުން ނޫން އެއްވެސް ކަމެއް ކުރޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ލިބުނު ގެއްލުމަށް ފަރުވާކުރަން އެންމެ ޑޮލަރެއްވެސް އަމިއްލަ ޖީބުން ދިއްކޮށްލާހެއްޔެވެ؟
އެމީހުން ބުނާގޮތަށް އެމީހުންނަށް ކަންކަން ކޮށްދޭން އުޅުމުގެ ތެރޭގައި އެބަ ޒިނޭކުރެވެއެވެ. ޒިނޭގެ ދަރިން އެބަ ލިބެއެވެ. އެދަރިން ލިބުމުން އެތައް ޚަރަދެއް ކުރަން ޖެހެއެވެ. އެތައް ތަކްލީފްތަކެއް އުފުލަން ޖެހެއެވެ. މުޖުތަމައުއަށް ބަދުނާމްވެގެންދެއެވެ. ބަދަލުގައި އަނިޔާދިން މީހުން ކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ މިޒަމާނަކީ ކައިވެނިކޮށްގެން ލިބޭ ދަރިންނަށް ވެސް އަޅައިނުލުން އިތުރުވަމުން އަންނަ ޒަމާންކަން އެންމެންވެސް ޤަބޫލުކުރެއެވެ. ވީއިރު މިކަންކަން އަމިއްލަ ވިސްނުމުން ޤަބޫލުނުކުރަން ތިއުޅެނީ ކީއްވެގެންހެއްޔެވެ؟
އެންމެ މުހިންމީ ޤިޔާމަތްދުވަހެވެ. ފާފަތައް ކުރެވުމުން ދެއްވަވާނެ ގަދަފަ ޢަޛާބެވެ. އދއަށް ނުވަތަ އެހެންވެސް ޖަމާއަތަކަށް އެދުވަހު ކޮށްދެވޭނެ އެއްވެސް ކަމެއް އޮންނާނެ ހެއްޔެވެ؟
ބައެއް ހާލަތުގައި ކޮންމެވެސް ވަރެއްގެ އެހީއެއްވެސް ވެދާނެއެވެ. އެއީ ހިތްވަރުދީގެން އަދިވެސް އެމީހުންގެ ޓީމުގައި ގެންގުޅުމަށެވެ. ނުބައި އަމަލުތައް ކުރުވުމަށެވެ. ނަމަވެސް ގޮންޖަހާފައި ބުނަމެވެ. އެފަދަ އަނިޔާއެއްގެ ސަބަބުން ތިބާއަށް ބޮޑު އަނިޔާއެއް ލިބި، ނުކުޅެދުންތެރިއަކަށް ވެއްޖެނަމަ ތިބާ ކޮބައިތޯ ބަލައިވެސް ނުލާނެއެވެ.
ﷲ ތަޢާލާ އަހަރެމެންނާއިމެދު އަމަލު ކުރައްވަވަނީ އެގޮތަކަށް ނޫނެވެ. ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވައެވެ. ހެޔޮ ރަޙްމަތްފުޅު އިރާދަކުރައްވަވައެވެ. ބަލިތަކަށް ޝިފާ ދެއްވަވައެވެ. ލޮބުވެތި އުޚުތުންނޭވެ! ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމައަށް އަމަލުކުރާ ބައަކަށްވާށެވެ! އެއިރުން ކުރިމަތިވާ މައްސަލަތައް މަދުވާނެއެވެ. ހިތާމަކުރަންޖެހޭ ހާލަތްތައް ކުރިމަތިވުން މިހާރަށްވުރެ އެތައް ގުނައަކަށް މަދުވާނެއެވެ! ﷲ ތަޢާލާ ދެއްވަވާފައި ނުވާ މިނިވަންކަމެއް ހޯދަން މަސައްކަތް ނުކުރާށެވެ! ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުގައި ފުރިހަމައަށް ސާބިތުވާށެވެ! މިއަދު އެންމެ ގިނައިން އަދި އެންމެ ބާރަށްވެސް އިވެމުން މިދަނީ އަންހެނުންނަށް އަނިޔާކުރާކަމުގެ ތަފާތު ވާހަކަތަކެވެ. އަންހެނަކަށް ކޮންމެވެސް ބައަކު ޖިންސީ ގޯނާ ނުވަތަ އެނޫންވެސް އަނިޔާއެއް ކޮށްގެން އުޅޭކަމުގެ ވާހަކަތަކެވެ. އެފަދަ ކަންކަމަށް އަހަރެމެން އެންމެން ވެސް ކަންބޮޑުވަމެވެ. ދެރަވެސް ވަމުއެވެ. އެފަދަ ކަންކަން ކުރުމުން އެކަން ކުރާ ބައަކަށް ނަފުރަތުވެސް ކުރަމުއެވެ.
އެހެންކަމާއިއެކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަން އެބަހުއްޓެވެ. އިސްލާމް ދީނަކީ އަންހެނުންނަށް އެންމެ ފުރިހަމައަށް ހިމާޔަތާއި ރައްކައުތެރިކަން ދީފައިވާ ދީނެވެ. އަންހެނުންނަށް ފާރަވެރިވެ ހިމާޔަތްކޮށް ބަލަހައްޓަން އަމުރުކޮށްފައިވާ ދީނެވެ. މަޙްރަމަކާއި ނުލައި ބޭރުގައި އެކަނި އުޅުމާއި މަހްރަމަކާއި ނުލައި ދަތުރު ކުރުން މަނާކުރާ ދީނެވެ. މިހުރިހާ ރައްކައުތެރިކަމެއް ދިނުމުން އަންހެނުންގެ ތެރެއިން ބައަކު މިބުނަނީ އިސްލާމް ދީނުގައި ތިމަންނަ މެންނަށް ތިއަ ފަދައިން ރައްކައުތެރިކަން ދީފައި އޮތް ނަމަވެސް އެކަންކަން ބޭނުން ނޫން ކަމަށެވެ. އެއީ އަޅުވެތިކަން ކަމަށާއި ތިމަންނަމެން ބޭނުންވަނީ މިނިވަންކަން ކަމަށެވެ. މިނިވަންކަން ހިފަހައްޓާނަމަ އެއީ ތިމަންނަމެންގެ ހައްޤުތަކަށް އަރައިގަތުން ކަމަށެވެ.
އިސްލާމް ދީނުގައި ދެ ޖިންސުގެ މީހުން ބައްދަލުކުރުން މަނާކޮށްފައެއް ނުވެއެވެ. އޮތީ އެފަދަ ކަންކަން ކުރާނެ ކަމުގެ ގައިޑްލައިނެކެވެ. ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރުމެއް ނެތެވެ! އެއީ ހަމަ އެކަނބަލުންގެ ސަލާމަތަށެވެ. ވީމާ އެ ގައިޑް ލައިން ދޫކޮށްލައިގެން ނުވާނެއެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް އެ ގައިޑް ލައިން ހިފަހައްޓަންވާނެއެވެ.
ރަނގަޅަށް ވިސްނާށެވެ. އަހަރެމެންގެ ފައިދާއަށްޓަކައި މެނުވީ ﷲ ތަޢާލާ އެއްވެސް ކަމެއް ކުރުމަށް ވެސް އަދި ނުކުރުމަށްވެސް ބަޔާން ކުރައްވަވައިފައެއް ނުވެއެވެ. އެހެންކަމަށްވާއިރު ﷲ ތައާލާގެ އެންގެވުންތައް މުގުރާލައި ތިމާއަށް ފެންނަ ގޮތަށް އުޅެނިކޮށް އަނިޔާއެއް ލިބުމުން އެކަމުގެ ޝަކުވާ ކުރަންވީ އަމިއްލަ ނަފުސަށް ނޫން ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
8 ޑިސެމްބަރ 2024