އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު
ނާޒިމާ އަކީ ތަނަވަސް ބައްޕައެއްގެ ހުރި އެންމެ ދަރިފުޅެވެ. އެފަދަ ގިނަކުދިން ފަދައިން ނާޒިމާއަކީ މަގުގެއްލިފައިވާ ކުއްޖެއް ނޫނެވެ. ހަރުދަނާ ކުއްޖެކެވެ. ކިޔަވައިގެންހުރި ކުއްޖެއެވެ. ނާޒިމާ އަބަދުވެސް ވިސްނަނީ ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ އޭނާކަމަށްވުމުން ކޮންމެވެސް ދުވަހަކުން ބައްޕަގެ ވިޔަފާރި ބެލެހެއްޓުމާއި އޭނާއަށް ޙަވާލުވާންޖެހޭނެ ކަމާއިމެދުގައެވެ. އަންހެނަކަށްވީނަމަވެސް އެދުވަހުން ފިރިއަކަށްވެސް އިތުބާރުނުކޮށް އަމިއްލައަށް މަސައްކަތކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހަކަށްވުމަށެވެ.
ނާޒިމާގެ ބައްޕަ ވެސް އައީ އެކަމަށްވިސްނަމުންނެވެ. ހުރި އެންމެ ދަރިފުޅަކީ ކުޅަދާނަ، ހަރުދަނާ ޝަޚްޞިއްޔަތަކަށް ހެދުމަކީ ބައްޕަގެ އެންމެ ބޮޑު އުންމީދެވެ. އެހެންވެ ބޮޑުވެ ތަޝައްރަފްފެދެމުން އައިވަރަކަށް އައީ ޒިންމާތައްވެސް ޙަވާލުކުރަމުންނެވެ.
މިކަންކަން ކުންފުނީގައި މަސައްކަތްކުރާ ހުރިހާ އިސް މުވައްޒިފުންނަށް އެނގެއެވެ. އެއިގެ އިތުރުންވެސް ގިނަ ބައަކަށް އެނގެއެވެ. އެހެންވެ ތަފާތު ފެންވަރުގެ ގިނަ ބައަކު އައީ ނާޒިމާގެ ކައިވެންޏަށް އެދެމުންނެވެ. ނާޒިމާ އަދާކުރާ މަސްއޫލިއްޔަތުގެ ގޮތުން ގިނަ ޢަދަދެއްގެ ޒުވާން ވިޔަފާރިވެރިންނާއި މުޢާމަލާތުކުރަންޖެހެއެވެ. އެމީހުންގެ ކިބައިން ތަފާތު ހުށަހެޅުންތައް ލިބެއެވެ. ނަމަވެސް ނާޒިމާ ގޮތެއް ނުނިންމައި މަޑުކޮށްލައިގެންހުރީއެވެ.
އެހެން ހުރުމުގެ ތެރޭގައި ކުންފުނީގެ އެންމެ އިސް މުވައްޒިފުންގެ ގޮތުގައި ތިބި ދެޒުވާނަކާއި ކޮންމެވެސް މިންވަރަކަށް ގުޅުން ބަހައްޓަން ފެށިއެވެ. ނަމަވެސް އެކަންކަން ބެހެއްޓީ ވަކި މިންގަނޑެއްގެތެރޭގައެވެ. ދެމީހުންކުރެ އެކަކަށްވެސް އޭނާގެ ގައިގައި އަތްނުލެވޭ ހިސާބު ދުރުގައެވެ.
ދެމީހުންނަކީ ފެންވަރުގެ ގޮތުން ވަރަށް ތަފާތު ދެމީހުންނެވެ. އެކަކީ މާލޭގައި މައިންބަފައިންގެ ގެދޮރުހުރި މަޝްހޫރު ޢާއިލާއެއްގެ ޒުވާނެކެވެ. އަނެކަކީ ވަރަށް ފަޤީރު ޢާއިލާއެއްގެ ޒުވާނެކެވެ. ދިރިއުޅެނީވެސް ކުއްޔަށެވެ. ބޮޑަށް ރީތީވެސް މަޝްހޫރު ޢާއިލާގެ ޒުވާނާއެވެ.
މަޝްހޫރު ޒުވާނާ ގާތު ނާޒިމާ އެއްދުވަހު ސުވާލުކުރިއެވެ. "ހެނދުނު ހޭލަނީ ކޮންވަޤުތަކުހެއއްޔެވެ؟" ޖަވާބުގައި އޭނާ ބުނީ 7.30ގައި ހޭލައިގެން ގަޑިނުޖެހި އޮފީހަށް އައުދެވޭ ކަމަށެވެ. ނިދަނީ ކިހާއިރަކުތޯ އާއި ރޭގަނޑުކުރަނީ ކޮންކަމެއްތޯ ސުވާލުކުރުމުން ބުނީ ނިދަނީ 1 ޖަހާފަހުން ކަމަށާއި ރެސްޓޯރަންޓްތައް ބަންދުކުރަންދެން އިންނަނީ އެކުވެރިންނާއިއެކު ކޮފީގައި ކަމަށެވެ. އެކަމުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބޭކަމަށެވެ. ލިބޭ މުސާރައިން ދެކޮޅު ޖެހޭތޯ ސުވާލުކުރުމުން ބުނީ ކިރިޔަކިރިޔާ ސަލާމަތްވަނީ ކަމަށެވެ. ބައެއް މަސްމަހު ކްރެޑިޓްކާޑުން ބޭނުންކުރަންޖެހި ދަރަނިވެރިވެސްވާކަމަށެވެ.
ދެވަނަ ޒުވާނާ އާއި މިސުވާލުތައް ކުރުމުން ބުނީ ލަސްވެގެން ފަތިހު 4.30ގައި ތެދުވާކަމަށާއި ފަތިސްނަމާދު ނިމިގެން އިރުކޮޅަކު މިސްކިތުގައި އިނދެލާފައި އައިސް ނިދައިލާކަމަށެވެ. 7 ޖެހުމުން ހޭލައި ތައްޔާރުވެގެން އޮފީހަށް އަންނަނީ ކަމަށެވެ. ރޭގަނޑު ލަސްވެގެން 10 ޖަހާއިރު ނިދާކަމަށެވެ. ބޮޑުކަމެއް ޖެހިގެން ، ޢާއިލާގެ މީހަކަށް ބާޒާރުކޮށްދިނުން ފަދަ ކަމެއްޖެހިގެން ނޫނީ ކައިގެން ގެއިން ބޭރަށް ނުދާކަމަށެވެ. ލިބޭ މުސާރައިން ދެކޮޅު ޖެހޭ ކަމަށާއި މަންމައަކީ ބަލިމީހަކަށްވުމުން ބައެއް މަސްމަހު ބޭހުގެ ޚަރަދުތައް ބޮޑުވާތީ ކުޑަކޮށް ދަތިވާ ކަމަށެވެ.
ނާޒިމާ ކުރި އިމްތިޙާނުން ގިނަ މާރކްސް ލިބުނީ ފަޤީރު ސިފަހުތުރު ޒުވާނާއަށެވެ. އަނެއް ޒުވާނާ ފޭލްވީ ރީތިވެފައި މޮޅަށް ކިޔަވައިގެން ހުރިނަމަވެސް ނަމާދުނުކުރާތީ އާއި އުޅުމެއް ނެތުމުންނެވެ. އެހެންވެ ނާޒިމާ ކައިވެނިކުރީ ފަޤީރު ޒުވާނާ އާއިއެވެ.
ކައިވެންޏަށްފަހު ފިރިމީހާ ނާޒިމާ ގާތުގައި ބުންޏެވެ. "މިއީ ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި އަހަރެން ކުރި ދުޢާގެ އިތުރުން މަންމަކޮށްދިން ދުޢާގެ ނަތީޖާއެވެ. އިރާދަކުރެއްވިއްޔާ އަހަރެންނަކީ ތެދުވެރި، ވަފާތެރި، އިޚްލާޞްތެރި ފިރިއަކުކަން ޢުމުރަށް ދައްކައިދޭނަމެވެ."
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަންއޮތީ އެކައިވެންޏަށް މިހާރު 30 އަހަރުފުރިއްޖެއެވެ. ދެމަފިރިންގެ 8 ދަރިން އެބަތިއްބެވެ. ދިރިއުޅެނީ ހާދައުފަލުގައެވެ. ޒުވާން ޢުމުރުން ފެށިގެން ރަނގަޅު ގޮތުގައި ދިރިއުޅޭށެވެ. ނަމާދުތަކަށް ރައްކައުތެރިވާށެވެ. މައިންބަފައިންނަށް، ޚާއްޞަކޮށް މައިމީހާއަށް ހެޔޮކޮށްހިތާށެވެ. އެކަންކަމަށް ދުނިޔޭގައިވެސް ހެޔޮ ބަދަލު ދެއްވަވާނެތެވެ. އިން ޝާ ﷲ
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ އަޅުގަނޑު، ނާޒިމާ އަމިއްލައަށެވެ. ބޭނުމަކީ އަޅުގަނޑުގެ ފިރިމީހާ ފަދައިން ޒުވާން އިރުންސުރެ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މިއަދުގެ ޒުވާނުންނަށް ހިތްވަރުދިނުމެވެ.
- ނާޒިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
11 ޖެނުއަރީ 2025