އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދަރިއެއް ފަދައިން ގޭގައި ގެންގުޅުނު ޒުވާނަކަށް ބިރުދައްކައިގެން އުފާ ހޯދަން އުޅުނު އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދަރިއެއް ފަދައިން ގޭގައި ގެންގުޅުނު ޒުވާނަކަށް ބިރުދައްކައިގެން އުފާ ހޯދަން އުޅުނު އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު

އަޅުގަނޑަކީ ރަށުން ކިޔަވައި ނިމުމުން ކޯހެއް ހެދުމަށް މާލެ އައިސް ބައްޕަގެ ރަޙްމަތްތެރިއެއްގެ ގޭގައި ހުރެ ކިޔަވަމުންދިއަ ޒުވާނަކީމެވެ. ކިޔަވަންހުރިއިރުވެސް އެގޭ ދައްތަ ވަރަށް އުނދަގޫތައް ކުރިއެވެ. ނަމަވެސް ބޭބެގެ ރަނގަޅުކަމާއި އަޅުގަނޑަށް ކޮށްދިން ބޮޑު ހެޔޮކަމަށް ޝުކުރުވެރިވާތީ ކެތްތެރިވީއެވެ. ބޭބެ ގާތުގައިވެސް އެއްވެސް ވާހަކައެއް ނުދައްކަމެވެ. 

ކިޔަވައި ނިމުނުތަނާ ދައްތަގެ އުނދަގޫތައް އިތުރުވުމުން ވަރަށް އާދޭހާއިއެކު އަޅުގަނޑާއިމެދު ނުބައި ގޮތްގޮތަށް ނުވިސްނަން އެދުނީމެވެ. ދީނީ ގޮތުން ބޮޑު ފާފައެއް ކުރެވުމުގެ އިތުރުން ކިޔަވައިދޭން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ބޭބެއަށް ޙަރާންކޯރުވުމަކީ ނުކުރާނެ ކަމެއް ބުނީމެވެ. 

އެކަމުގެ ނަތީޖާއަކަށްވީ ގޭގެ ތިޖޫރީން ގިނަ ޢަދަދެއްގެ ފައިސާތަކެއް ވަގަށް ނެގިކަމުގެ ތުހުމަތު އަޅުވާފައި ބޭބެ ރަށުގައިވެސް ނެތިސް އަޅުގަނޑު ގެއިން ބޭރުކޮށްލުމެވެ. ވައްކަންކުރީ އަޅުގަނޑު ކަމަށާއި އެކަމުން ސަލާމަތްވެވޭނީ ދައްތަ ބުނާ ކަންތައް ކޮށްދީގެން ކަމަށް ބުންޏެވެ. ނަމަވެސް އަޅުގަނޑު އެފަދަ ކަމެއް ނުކުރާތީ ބިރެއް ނުގަންނަމެވެ. އެކަމަށްވެސް ކެތްތެރިވީމެވެ. ހިތްވަރު ލިބިގަތީ ޔޫސުފްގެފާނުގެ ސިޔަރަތުންނެވެ. 

ކޮންމެއަކަސް އެކުވެރިއެއްގެ ގޭގައި އުޅެންފެށިތާ ހަފްތާއެއްހައި ދުވަސްވެސް ދުވަނީސް އެއްދުވަހަކު ބޭބެ އެގެއަށް އައިސް އަޅުގަނޑާއި ބައްދަލުކޮށްފައި ބޭބެއާއިއެކު ގެއަށްދާން ބުނެފިއެވެ. އެއްޗެތިވެސް ހިފައިގެން ދާން ބުނުމުން ޙައިރާންވިއެވެ. އަޅުގަނޑަކީ އެއްވެސް އިރަކު ބޭބެގެ ކުރިމަތީގައި މާގިނަ ވާހަކަދައްކާ މީހެއް ނޫންކަމުން އިތުރަށް ބަހެއް ނުބުނެ ބޭބެ ބުނިބުނުމަށް ޢަމަލުކުރީމެވެ. 

ކާރުން ބާލައިގެން ގެއަށް އަޅުގަނޑުގެ ފޮށި ވެއްދީވެސް ބޭބެއެވެ. އެތަންފެނިފައި ދައްތަ ރުޅި އައިސް ރަތްވެގެންހުރެ އަޑުގަދަކުރަންފެށިއެވެ. "ނުލަފާ ވަގުކަލޭގެ މިގެއަށް ގެނައީ ކީއްކުރަންހޭ؟" ކިޔައި އަޑުގަދަކުރަން ފެށިއެވެ. 

ބޭބެ ބުންޏެވެ. "ފުލުހުން އެބަ އާދެއެވެ. އައިމަ ވަގުކަލޭގެ ފޮނުވައިލާނީއެވެ." 

ބިރެއް ނުގަނެއެވެ. އަޅުގަނޑު ވައްކަމެއް ނުކުރަމެވެ. އެހެންވެ އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ. އަނގައިންވެސް ނުބުނެ ގޮނޑީގައި އިނީމެވެ. އިރުކޮޅަކުން ފުލުހުން އައުމުން ބޭބެ ބުންޏެވެ. "އަހަރެން ރަށުގައި ނެތިސް ތިޖޫރީ ހުޅުވައިގެން ވަރަށް ގިނަ ފައިސާ ވަގަށް ނަގައިފިއެވެ. ގެވެށި އަނިޔާގެ ބޮޑު ޖަރީމާއެއް ހިންގައިފިއެވެ. ހެކި ކެމެރާ ފުޓޭޖުން ނަގާށެވެ." 

ފުލުހުންގެ ޓީމުން ސީސީޓީވީ ކެމެރާގެ ފުޓޭޖް ބެލުމަށްފަހު ދިއައީ ދައްތަ ގޮވައިގެންނެވެ. އަޅުގަނޑުގެ ބަޔާނެއް ބޭނުންވާ ކަމަށާއި ބަޔާން ތައްޔާރުކޮށްފައި ސޮއިކުރަން ގުޅާނެ ކަމަށް ބުންޏެވެ. 

ދައްތައަށް އެނގެނީ ގޭގެ ބޭރު ފެންނަ ކެމެރާއެއް އިންނަކަމެވެ. ގޭތެރޭގެ ކަންކަން ބެލުމަށާއި ތިޖޫރީއަށް ޚާއްޞަކޮށްގެން ކެމެރާ ހަރުކުރިކަން ދައްތައަކަށް ނުއެނގުނެވެ. ދައްތަ ކުރި ހުރިހާ ކަންކަން ހުރީ ރެކޯޑްކުރެވިފައިކަމުން ދެއްކޭނެ އިތުރު ވާހަކައެއް ނެތިގެން ރޮއިރޮއި ހުރީއެވެ. ފިރިމީހާގެ ކިބައިން މާފަށް އެދި އާދޭސްކުރިއެވެ. ނަމަވެސް އެއަޑެއް ބޭބެ ނުއެހިއެވެ. 

އެއީ ދަރިން ލިބުނު ދެމަފިރިންނެއް ނޫނެވެ. ބޭބެ މިހާރު ވަނީ އަޅުގަނޑަކީ ބޭބެގެ ދަރިއަކަށް ހަދައިފައެވެ. ދެވަނަ ކައިވެނިވެސްކޮށްފިއެވެ. އަޅުގަނޑަށްވެސް ކައިވެނިކޮށްދީފިއެވެ. ދިރިއުޅެމުން މިދަނީ ބޭބެމެންނާއި އެކުގައެވެ. ބޭބެ ހިންގާ ވިޔަފާރި ހިންގުމުގައިވެސް އަޅުގަނޑު ވަނީ ބައިވެރިކޮށްފައެވެ. ބޭބެ ކުރާ ހަމައެކަނި ކަމަކީ ލަފާދިނުމާއި ސޮއިކުރުމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. ޢިބްރަތަކަސްވާނެކަމަށް ހީކުރަމެވެ. 

- ނަފީސް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް