އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
ތިބާއަށް ދެރަ ދޭނެ ބައަކު އަބަދުވެސް ތިބޭނެއެވެ. އެކުވެރިންގެ ތެރޭގައިވެސް އަދި ޢާއިލާފގައިވެސް ތިބޭނެއެވެ. ދުނިޔޭގައި އުޅެންވާނީ އެކަން ޤަބޫލުކުރުމާއިއެކުގައެވެ.
ކޮންމެ މީހަކު ތިބާއަށް ދެރައެއް ދިނަސް ބުއްދި އަށްވުރެ ރުޅި އިސްނުކުރާށެވެ. އޭނާއަށް ދެރައެއް ދޭން މަސައްކަތް ނުކޮށް އޭނާއަށްޓަކައި ހެޔޮދުޢާކުރާށެވެ! ބަދަލުހިފަން ކަމެއް ކޮށްފިނަމަ ތިބާވެސް ވެއްޓޭނީ ހަމަ އޭނާގެ ދަރަޖައަށެވެ. ލިބެން އޮތް ޘަވާބު ގެއްލި ޢަޛާބު ޙައްޤުވާނެތީއެވެ.
ޖަޒްބާތުގައި ޖެހި ޙަޤީޤަތް އޮޅުވާލައި އަނެކާ އާއިމެދު ދޮގު ވާހަކަ ނުފަތުރާށެވެ! ތިމާ ކުރާކަންތަކާއި ބުނާބަސްތައްވެސް މަލާއިކަތުން ލިޔުއްވަވާނެތެވެ. ތިބާއަށް އެހީތެރިވާނެ އެކަކުވެސް ނުހުންނާނެ ދުވަހު (ޤިޔާމަތް ދުވަހު) އެކަންކަމާ ސުވާލު ކުރައްވަވާނެތެވެ. ޖަވާބުދޭންޖެހޭނެއެވެ.
އެދުވަހުން ދޮގެއް ނުހެދޭނެއެވެ. އަދި އަނެކާ ކުރި ނުބައި ކަންތަކުގެ ވާހަކަ ދެއްކުމަކުން އެމީހަކު ކުރި ފާފަތަކުން ސަލާމަތެއްވެސް ނުވެވޭނެތެވެ. އެދުވަހަކީ ތިމާގެ ގުނަވަންތައް ހެކިބަސްދޭނޭ ދުވަހެވެ. ޢަޛާބު ޙައްޤުވާ މީހުންނަށް ޢަޛާބު ދެއްވެވުންވަނީ ﷲ ތަޢާލާގެ ޢަދުލުވެރިވަންތަކަމުގެ ތެރެއިންނެވެ.
ތިބާއަށް ދެރަދިނީ ޢާއިލާގެ މީހަކު ނަމަވެސް، ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އަދި ކޮންމެ މީހަކު ނަމަވެސް އެމީހަކު ކުރި ކަންތައް ﷲ ތަޢާލާއަށް ވަކީލްކޮށްލާށެވެ! ދިން ގެއްލުމަކީ ބަދަލު ހޯދޭނެ ކަމެއް ނަމަ ބަދަލުހޯދަން މަސައްކަތްކުރާށެވެ! ނަމަވެސް އިންޞާފުވެރި ގޮތުގައެވެ. ގައިބާރު ދައްކައިގެނެއް ނޫނެވެ. ބަދަލު ނުލިބޭނެ ކަމެއް ނަމަ އެހިސާބުން އެކަމަށް ނުވިސްނާށެވެ. ލިބުނު ގެއްލުމަށް ﷲ ތަޢާލާ ހޯއްދަވައި ދެއްވަވާ ބަދަލު މާފުރިހަމަވާނެއެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
23 ޖެނުއަރީ 2025