އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަޙްމަތް އިތުރުވުމަށް އެދޭނަމަ ޝުކުރުގެ ސަޖިދަކުރުން ގިނަކުރާށެވެ!

ރަޙްމަތް އިތުރުވުމަށް އެދޭނަމަ ޝުކުރުގެ ސަޖިދަކުރުން ގިނަކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ޝުކުރުގެ ސަޖިދައިގެ ވާހަކަ ދައްކާއިރު ފުރަތަމަވެސް ބުނަންޖެހެނީ ގިނަ ބައަކު މިހާރުވަނީ ﷲ ތަޢާލާ ރަޙްމަތް ލައްވަވައި ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމުން ޝުކުރުގެ ސަޖިދަކުރަންޖެހޭކަން ހަނދާންވެސް ނެތިފައި ކަމަށެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.

ބައެއް ޢިލްމްވެރިންބަޔާންކުރައްވާ ގޮތުގައި ކުރިމަތިވެފައިވާ މުޞީބާތެއް ފިއްލެވުމުން ނުވަތަ ހެޔޮ ގޮތެއް މިންވަރުކުރެއްވެވުމުން ޝުކުރުގެ ސަޖިދަ ކުރުމަކީ ﷲ ތަޢާލާއަށް ޝުކުރުއަދާކުރުމުގެ ގޮތުން ކުރަން އޮތް އެންމެމަތިވެރި ޢަމަލެވެ. އެހެންކަމުން އެއީ ކުރުން މުސްތަޙައްބު ކަމެކެވެ.

އެހެންކަމާއިއެކުވެސް ޝުކުރުގެ ސަޖިދަ މަތިން ގިނަބައަކު ހަނދާންނެތިއްޖެއެވެ. ޝުކުރުގެ ސަޖިދަކުރެވޭތަން ކިރިޔާވެސް ފެންނަނީ ފުޓްބޯޅަމެޗެއްގައި ގޯލެއް ކާމިޔާބުކުރެވުން ފަދަ ކަމަކާއި ގުޅިގެން ދަނޑުމަތިންނެވެ. ދިރިއުޅުމުގައި ކިތަންމެ ބޮޑު އުފާވެރިކަމެއް ލިބުނަސް ޝުކުރުގެ ސަޖިދަކުރާތަނެއް ނުފެނެއެވެ.

އުފާވެރި ޚަބަރެއް ލިބިވަޑައިގެންފިނަމަ ރަސޫލް (ﷺ) އަވަސްވެވަޑައިގަންނަވަނީ ޝުކުރުގެ ސަޖިދަ ކުރެއްވުމަށެވެ. ނަމަވެސް މިއަދު އެ މަތިވެރި ސުންނަތް އަދާކުރެވެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟

ޝުކުރުގެ ސަޖިދަ ކުރުމަށް ވުޟޫ ކުރާކަށްވެސް ނުޖެހެއެވެ. ވަކިތަނަކަށް ދާކަށްވެސް ނުޖެހެއެވެ. ކޮންމެ ތަނެއްގައި ހުރިނަމަވެސް ހުރިތަނުގައި ހުރެގެން ކުރަންވީއެވެ. ޝުކުރުގެ ސަޖިދައިގައި ކިޔާނެ ޚާއްޞަ ދުޢާއެއްވެސް ނެތެވެ. ހަމައެކަނި ބޭނުމަކީ ނިޢްމަތެއް ލިބުމުން، އެ ނިޢްމަތް ދެއްވެވީ ﷲ ތަޢާލާކަން ހިތަށް ގެނެސް ޝުކުރުވެރިވާކަން ހާމަކުރުމެވެ.

ތިބާއަށް ލިބޭ ކޮންމެ އުފާވެރި ކަމަކާއި ގުޅިގެން ޝުކުރުގެ ސަޖިދަކުރަން ނިކަން ފަށައިބަލާށެވެ! ތިބާއަށް ނިޢްމަތްތައް އިތުރުވުމަކީ ނުވެ ނުދާނެ ކަމެކެވެ. އެކަން އެނގެނީ ތިމަން ﷲގެ ނިޢްމަތްތަކަށް ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމަށް ﷲ ތަޢާލާ ވަހީކުރައްވަވާފައި އޮތުމުންނެވެ.

ނިޢްމަތަކީ ކޮބައިތޯ ވެސް ބައެއް މީހުން ސުވާލުކުރެއެވެ. އަހަރެންގެ ޖަވާބަކީ އެއީ އެމީހަކަށް ފައިދާހުރި، އެކަމަކުން ތިމާއަށް އުފާ ލިބޭ ކޮންމެ ކަމެއް ކަމަށެވެ. ތިމާގެ ދަރިފުޅަށް ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވުމަކީ ވެސް ކިހައި ބޮޑު އުފަލެއް ހެއްޔެވެ؟ އެހާލަތުގައިވެސް ފުރަތަމަ ކަމެއްގެ ގޮތުން އަވަހަށް ޝުކުރުގެ ސަޖިދަކުޜާށެވެ!

މިއީ މިހާރުވެސް ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާ އެހައިމެ މަތިވެރި ސުންނަތެކެވެ. އެހެންކަމުން މި ސުނަން ދިރުވައި އާލާކުރަން ވަރަށް ބޮޑަށް ޖެހިފައިވާކަން ފާހަގަކުރަމެވެ. އަދި އެކަމަށް އިލްތިމާސްވެސް ކުރަމެވެ.

ޝުކުރުގެ ސަޖިދައިގައިވެސް އޮތީ ނަމާދުގެ ސަޖިދައިގައިވެސް ކިޔާ ތަސްބީޙް އެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް