އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސްގެ އަރިހަށް ސިންގަޕޫރު ސަފީރު، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ނައިބު ރައީސްގެ އަރިހަށް ސިންގަޕޫރު ސަފީރު، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޗުއާ ތިއަން ޕޮ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ޚާރިޖީ ގުޅުން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުން މިހާތަނަށް ހޯދައިފައިވާ އިޖްތިމާއީ އަދި އިޤްތިޞާދީ ކާމިޔާބީއަށް ތައުރީފުކުރައްވާފައެވެ. އަދި ދިވެހިރާއްޖެވެސް އިޖްތިމާއީ އަދި އިޤްތިޞާދީ ރޮނގުން ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ހާއްޞަ ގޮތެއްގައި ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުން ކުރިއެރުވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރަކީ ދިވެހި ކިޔަވާ ކުދިންނާއި އާންމު ރައްޔިތުން ވަރަށް ގިނައިން ދިރިއުޅުއްވާ ޤައުމަކަށްވާތީ އެބޭފުޅުންނަށް ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދެޤައުމަށް ކޮށްދެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވެވިއެވެ.  

މިއަދުގެ ބައްދަލުކުރެއްވުމުގައި ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރުން ވަރަށްގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގަން ފުރުޞަތު ހުޅުވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ސިންގަޕޫރަކީ ދިވެހިރާއްޖޭގައި އިންވެސްޓްކުރާ އެންމެ ބޮޑު އިންވެސްޓަރުކަންވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު