އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު
ކޮންމެ މީހަކަށްވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށް ވަރަށް ގިނަ ފުރުޞަތުތައް ވަނީ ދެއްވަވައިފައެވެ. ދުނިޔޭގައިވެސް އަދި ޤިޔާމަތް ދުވަހުވެސް ހިތާމަކުރަންޖެހޭނީ އެފުރުޞަތުތަކުގެ ބޭނުން ނުހިފާ މީހުންނަށެވެ. ފުރުޞަތުގެ ބޭނުން ހިފާމީހުންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
އެއްވެސް މީހެއްގެ ފަހަތުން ވަޤުތެއް ނުއަންނާނެއެވެ. ވަޤުތަކީ އެމީހަކު ހޯދުމުން ލިބޭނެ އެއްޗެކެވެ. ކިތަންމެ އަވަސްއަރުވާލައިގެން ތެޅިފޮޅުނަސް ޙާޞިލްކުރެވޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެކެވެ. މިންވަރުކުރެއްވެވި ވަރަކަށެވެ.
ބައެއް މީހުން ނަމާދު ނިމުމާއިއެކު ޛިކުރު ކުރަން މަޑުކޮށްނުލައި މިސްކިތުން ފައިބައެވެ. ފައިބައި މީހުންނާއި ވާހަކަދައްކަން އެތައް އިރަކު އެބަހުރެއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. މީހުންނާއި ވާހަކަ ދައްކަން ހުންނަންވީ ވަޤުތުވާވަރަކުންނެވެ. ނަމަވެސް ކުރަންޖެހޭ ޛިކުރުތައް ކުރުމަކީ ވަޤުތު ހޯދައިގެންވެސް ކުރަންޖެހޭނެ ކަމެކެވެ.
އެހެންކަމުން މިރޭ މިކިޔައިދެނީ ހަމައެކަކުވެސް ލިބިނުގަނެ ދޫކޮށްލައިގެން ވާނެ ފުރުޞަތެއްގެ ވާހަކައެއް ނޫނެވެ. ނަމާދުކޮށް ޛިކުރުކުރާ ކޮންމެ މީހަކުވެސް ލިބިގަންނަންޖެހޭނެ ފުރުޞަތެއްގެ ވާހަކައެވެ. ސަމާލުކަން ދީގެން މިޙަދީޘް ބަސްފުޅަށް ވިސްނައިލާށެވެ!
"ނަމާދުކޮށް ނިމިގެން މުސައްލަމަތީގައި (ނަމާދުކުރި ތަނުގައި) އިނދެ ޛިކްރުކުރާނަމަ، އެތަނުގައި އެމީހަކު އިންހައިއިރަކު، (ވުޟޫމަތީގައި) އެމީހާގެ ފާފަ ފުއްސަވައި ދެއްވެވުމަށާއި އެމީހަކަށް ރަހްމަތް ލެއްވެވުން އެދި މަލާއިކަތުން ﷲ ތަޢާލާއަށް ދުޢާކުރައްވަވާނެތެވެ." ( ޞަޙީޙް ބުޚާރީ)
ތިބާ ޛިކްރްކޮށް ދުޢާކުރަމުން ގެންދާއިރު ތިބާއަށްޓަކައި މަލާއިކަތުންވެސް ގެންދަވާނީ ދުޢާކުރައްވަމުންނެވެ. ކިހައި ބޮޑު ރަޙްމަތެއް ހެއްޔެވެ؟ ނަމަވެސް ހިތާމައަކީ ބައެއް މީސް މީހުން ނަމާދުން އަވަދިވުމާއިއެކު ފުންމައިގެން ތެދުވެ މިސްކިތުން ނުކުންނަކަމެވެ. މިސްކިތުން ނުކުތުމަށްފަހު މީހުންނާއި ވާހަކަދައްކަން އެތައް އިރެއް ހޭދަކުރާކަމެވެ. ވީމާ ލިބެން ހުންނަ މަތިވެރި ނިޢްމަތްތައް ދޫކޮށް ނުލައި ފުރުޞަތުގެ ބޭނުން ހިފުމަށް ވަޞިއްޔަތް ކުރަމެވެ.
މި ޙަދީޘްފުޅުން އެނގެނީ ނަމާދު ނިމުމާއިއެކު ފުންމައިގެން ތެދުވެ އަވަހަށް މިސްކިތުން ނުކުންނަ މީހުންނަށް މަލާއިކަތުންގެ ދުޢާ ގެއްލިގެންދާނެ ކަމެވެ. ވީމާ އެމީހަކަށް އިނދެވެން އޮތްހައި ގިނަ އިރަކު ނަމާދުކުރި ތަނުން ނުތެދުވެ އިންނަންވާނެއެވެ. އެންމެ ކުޑަމިނުން ޛިކްރްތަސްބީޙަ ކިޔައިލެވެންދެން މަޑުކުރަންވާނެއެވެ. ތިބާގެ މައްޗަށް މަލާއިކަތުން ކުރައްވަވާ ދުޢާ ލިބޭނީ އެއިރުންނެވެ.
ހަމައެކަނި މިސްކިތަކު ނޫނެވެ! ގޭގައި ނަމާދުކުރަންޖެހޭ ޙާލަތުގައި ތިބޭ މީހުންނާއި އަންހެނުންނަށް މުސައްލަމަތީގައި މަޑުކޮށްގެން ތިބުމުން ވެސް މިފުރުޞަތު ދެއްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
17 ފެބްރުއަރީ 2025