އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު
ހުޅުމާލޭ ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އެ ސެންޓަރަށް 30 އެނދު އިތުރުކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ މެޑްޓެކް އަދި މެޑިކޮމްއާއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 3 މަސް ދުވަހުގެ ތެރޭގައެވެ. އަދި މި އެނދުތައް ޤާއިމްކުރެވޭނީ ހުޅުމާލޭ ހޮސްޕިޓަލުގެ އޮރެންޖް ހިޔާގައެވެ.
ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ، ހޮސްޕިޓަލުގެ ޚިދުމަތްތައް މިހާރުވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން މީގެކުރިން ވަކި ގަޑިތަކެއްގައި ދެމުން އައި މި ޚިދުމަތް މިހާރު ވަނީ 24 ގަޑިއިރަށް ލިބޭގޮތަށް ބަދަލުކޮށްފައެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ހުޅުމާލޭގެ ރައްޔިތުންނަށް ޑައިލިސިސްގެ ޚިދުމަތް މިހާރަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި ޑައިލިސިސްގެ ޚިދުމަތް ހޯދުމަށްޓަކައި ގިނަ ބަޔަކު ވެއިޓްލިސްޓްކޮށް ކިއުގައި ޖެހޭ މައްސަލައަށް ހައްލެއް އަންނާނެއެވެ.
Advertisement
19 ފެބްރުއަރީ 2025