އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 32 ސިކުންތު
އަޅުގަނޑަކީވެސް ހަމަ ވަރަށް ޒުވާން ޢުމުރުގައި ކައިވެނިކުރި އަންހެނަކީމެވެ. ކައިވެނިކުރިއިރު އަޅުގަނޑުގެ ޢުމަރަކީ 22 އަހަރެވެ.
ދިހަ އަހަރު ފާއިތުވެގެން ދިއައީ މައްސަލައަކަށްވާ ޒާތުގެ އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އުފަލުގައެވެ. ޚިޔާލު ތަފާތުވިނަމަވެސް ދެބަސްވި ދުވަހެއް ހަނދާނެއް ނެތެވެ. އެއީ ދެބަސްނުވާތީއެވެ.
ކައިވެންޏަށް 7 އަހަރުވީއިރު 4 ދަރިން ވަނީ ލިބިފައެވެ. ކުދިންގެ ކަންކަންވެސް ބަލަހައްޓަމުން އައީ ދެމަފިރިން ވެގެން ވަރަށް ގުޅިގެންނެވެ. ވަރަށް އެކުވެރިކަމާއިއެކުގައެވެ. ގާތްގާތުގައި 4 ކުދިން ހޯދުނީވެސް މިފަދަ ބަދަހި ގުޅުމެއް އޮތުމުންނެވެ.
އެންމެ ހަގު ދަރިފުޅަށް 3 އަހަރުފުރި ފަސްވަނަ އަހަރަށް ފެށުނުތަނާ ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. މަޑުމަޑޫން ބަދަލުވަމުން ގޮސް އަޅުގަނޑަށް ހަމައެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ޙާލަތަށް ދިއައެވެ. އެއްވެސް ކަމަކަށް ނުވާ ޒާތުގެ ކަންކަމުގައިވެސް ބޮޑެތި މައްސަލަތައް އުފެދެން ފެށިއެވެ. ޝަކުވާތައް އިންތިހާއަށް ގިނަވިއެވެ.
އެހިސާބުން އަޅުގަނޑު ބުނީމެވެ. "ހީވަނީ ދެން އަހަރެންނަށް ރަނގަޅަށް ހަމަ އެއްވެސް ކަމެއް ނުކުރެވޭނެހެންނެވެ. ވީމާ ޒުވާބުކޮށް ދެމީހުންނަކީ ދުޝްމިނުންނަށް ބަދަލުވުމުގެ ކުރިން އަހަރެން ދޫކޮށްލާށެވެ! އަހަރެން މާލެ ގެނައީ ރަށުގައި އިންދައެވެ. އަހަރެން އަނބުރައި ރަށަށް ފޮނުވައިދޭށެވެ! މައިންބަފައިންނާއި ޙަވާލުކޮށްލައިދޭށެވެ! ދަރިންގެ ޚަރަދު ހޯދަންވެސް ޝަކުވާއެއް ނުކުރާނަމެވެ."
އެއިގެ 2 މަހެއްހައި ދުވަސްފަހުން ސްކޫލް ބޮޑު ބަންދެއްގައި އަހަރެމެން ފަސްމައިން ރަށަށް ފޮނުވިއެވެ. ރަށަށް ދިއަތަނާ ވަރިވެސްކުރިއެވެ. އެކަމަކާ ކަންބޮޑެއް ނުވަމެވެ. އަހަރެންނަށް ކުރެވޭ ކޮންމެ ކަމަކީ ކުށަކަށްވެ ރަނގަޅަށް އެއްވެސް ކަމެއް ނުކުރެވޭ ޙާލަތަށް ދިއުމުން މިދުވަސް އަންނާނެކަން އެނގުނެވެ. އެހެންވެ އެވަގުތަށް އަޅުގަނޑު ހުރީ ނަފްސް ތައްޔާރުކޮށްގެންނެވެ.
ފިރިމީހާއަށް ހެޔޮ ވިސްނުން ލިބުން އެދި އަހަރެއްހައި ދުވަހު އިންތިޒާރުކުރުމަށްފަހު ރަށުގެ މަސްވެރިއަކާއި ކައިވެނިކުރީމެވެ. އޭނާގެ 2 ދަރިންނާއިއެކު 6 ދަރން ބަލަންފެށީމެވެ. އޭނާގެ ދަރިންނަށްވެސް މައަކަށް އަހަރެންވުމުން، މައެއްގެ ވާޖިބު އަދާކުރަންފެށުމުން އޭނާވެސްވީ އަހަރެންގެ ދަރިންނަށް ދޮންބައްޕައަކަށް ނޫނެވެ. ހަމަ ބައްޕައަކަށެވެ.
ދެވަނަ ކައިވެންޏަށް 12 އަހަރުގައި ފުރަތަމަ ފިރިމީހާ ފުރަތަމަ ފަހަރަށް އަހަރެންނަށް ފޯނުކުރިއެވެ. އަދި އޭނާއަށް ކަންތައްތައް ކުރެވުނު ގޮތާއިމެދު ވަރަށް ހިތާމަކުރާމަކުރާކަމަށްބުނެ އަލުން ދެމީހުން ގުޅުމަށް އެދުނެވެ. އަހަރެންނާއިމެދު އެގޮތަށް ކަންތައް ކުރެވުނީ ކޮންމެގޮތަކުންނަމަވެސް އަހަރެންގެ ކުށް ދައްކައި ދޫކޮށްލަން ބޭނުންވުމުން ކަމަށްވެސް ބުންޏެވެ. އެކުގައި މަސައްކަތްކުރާ އެހެން އަންހެނަކު ދެކެ މާބޮޑަށް ލޯބިވެވުނީކަމަށްވެސް ބުންޏެވެ. އަދި ޢޭނާގެ ކިބައިން ލިބުނު އަނިޔާތަކާއި ހިތްދަތިކަމާއި ހުރެ އޭނާދޫކޮށްލައި ދެންކުރި ކައިވެނީގައިވެސް އަދި ދެން ކުރި ކައިވެނީގައިވެސް ތަޖުރިބާކުރަން ޖެހުނު ހިތްދަތިކަން ކިޔައިދިނެވެ.
އަހަރެން ބުނީމެވެ. އަހަރެންގެ ހިތަކު އެއްވެސް ބުރަކަމެއް ނެތެވެ. އަހަރެންނަށް ކުރި ހުރިހާ ކަމަކަށް މާފުކޮށްފީމެވެ. ހިތްހެޔޮކޮށްފީމެވެ. ނަމަވެސް އަހަރެންގެ 4 ދަރިންގެ ބުރަ އުފުލައި އެކުދިން ތަރުބިއްޔަތުކުރި މީހާގެ މޫނުގައި ކޮޅުފައިންޖެހުމަކީ ކުރާނެ ކަމެއް ނޫނެވެ! އެއްވެސް މީހެއްގެ ހިތުގައި ޖައްސާފައި އަނެކާއަށް އުފާވެރިކަމެއް ނުލިބޭނެއެވެ! އަދިވެސް އަހަރެން އެންމެ ލޯބިވަނީ ތިބާދެކެއެވެ. ނަމަވެސް މިހާރު އެއީ މާޒީއެވެ. މުސްތަޤްބަލު އޮތީ ފިރިމީހާ އާއިއެކުގައެވެ. އިން ޝާ ﷲ
ކިޔުންތެރިންނޭވެ! ފިރިމީހާ ނަމަވެސް އަނބިމީހާ ނަމަވެސް އެގޮތަށް ކުށްދައްކަން ފަށައިފިނަމަ އަބަދު ކުށްވެރިވެގެން ހުންނަން އެކުގައި އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ! ތިމާހުރީ ތެދުވެރި ގޮތުގައި ނަމަ މާތް ﷲ އަށް ވަކީލްކޮށްފައި ދެވަނަ މަގެއް އިޚްތިޔާރުކުރާށެވެ! މާބޮޑު ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ
އަނބިމީހާގެ އެއްވެސް ކުށެއްނެތި ކުށްވެރިކޮށް އެއްލައިލާ ފިރިންނަށް ބުނެލަން އޮތީ އަހަރެންގެ ފިރިމީހާގެ ޙަޔާތުން ޢިބްރަތް ޙާޞިލުކުރުމަށެވެ! ލޯބިވާ އަނބިމީހާ ބާކީކޮށްލުމަށްފަހު ކުރާ ކައިވެނި ވާނީ ހަމަ ވިހަގަދަ ހަރުފައަކަށެވެ! ވިހަލާނެއެވެ! އަޅާވޭން ހަމަ ވަރަށް ގަދަވާނެއެވެ!
އަހަރެންގެ މިވާހަކަކޮޅަކީ މިފަދަ ޙާލުގައި ޖެހޭ އަންހެނުންނަށް ހިތްވެރެކެވެ! މިގޮތަށް އަމަލުކުރާ ފިރިންނަށް އިންޒާރެކެވެ!
- ސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
15 އޭޕްރީލް 2025