އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު
ބައެއް މީހުން ހިކެން ބޭނުންވެގެން ކަސްރަތުކުރެއެވެ. ކެއުން މަދުކުރެއެވެ. ހަށިގަނޑަށް ފައިދާކުރާނެ ބާވަތްތައް ކައިބޮއިހަދައެވެ. އެކަމަކު ރޭގަނޑުގެ ނިދުމަކަށް ސަމާލުކަމެއް ނުދެއެވެ. ގިނަ ވަޤުތުތަކަކު ހޭލައި އުޅެއެވެ. ނިދަން އޮށޯވެފައިވެސް ފޯނާކުޅުން ފަދަ ކަންކަން ކުރަން އެތައް ގަޑިއިރެއް ނަގާލައެވެ.
މިއީ ވަރަށް ދެރަކަމެކެވެ. ހަށިގަނޑު ހިއްކަން ބޭނުންނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަމަކީ ނިދި ހަމަކުރުމެވެ. ހަމައެކަނި ހިކުމަކަށްވެސް ނޫނެވެ. ހަށިގަނޑު ފަލަވިޔަނުދިނުމަށްޓަކައިވެސްމެއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ނުނިދައި ގިނަ ވަޤުތު ހޭދަކުރާނަމަ ބަނޑުހައިވާނެއެވެ. ބަނޑުހައިކަން ފިލުވަން ކާނަމަ އެކެވެނީ އިތުރަށެވެ. ބަނޑުހައިކަން ނުފިލުވައި ނިދާނަމަ އެކަމުގެ ސަބަބުން ވައިގެ އުނދަގުލާއި އެހެން އުނދަގޫތައްވެސް ކުރިމަތިވެއެވެ.
މިއީ ޑޮކްޓަރުންނާއި ސައިންސްވެރިން ބުނާ ބައެއް ވާހަކަތަކެވެ. އެމީހުންނަށް ކަންކަން އެނގެމުން އަންނަވަރުގެ މައްޗަށް ބުރަވެ ބުނާ ވާހަކަތަކެވެ. އެދައްކަނީވެސް ބުއްދިއަށް ޤަބޫލުކުރެވޭ ވާހަކަތަކެވެ.
ދެން ނިކަން ބުނެބަލާށެވެ! ނިދިހަމަނުކޮށް ކުރެވޭނެ ހަށިގަނޑަށް ފައިދާހުރި އެއްވެސް ކަމެއް ނެތެއް ނޫންހެއްޔެވެ؟ ކިރިޔާވެސް ބަރުނަމަ ލުއިވާން ބޭނުންނުވާ މީހަކު ނެތެވެ. ލޫޅާފަތިނުވާން ބޭނުންވާނީ ކާކުހެއްޔެވެ؟ ފރުހަމަ ޞިއްހަތެއް ބޭނުންނުވާނީ ކާކުހެއްޔެވެ؟
ނިދިހަމަނުކުރެވޭނަމަ ލޭގެ ޕްރެޝަރަށް ބަދަލުތައް އާދެއެވެ. ލޭމައްޗަށް ދިއުމުގެ ބަލިޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. އެކަމުގެ ސަބަބުން ސްޓްރޯކްޖެހުމުގެ ފުރުޞަތުވެސް ބޮޑުވެގެންދެއެވެ.
މިހުރިހާ ކަމަކުންވެސް އެނގިގެން މިދަނީ އަވަހަށް ނިދައި ނިދިހަމަކުރަންޖެހޭ ކަމެވެ. ވީމާ އެކަމަށް ދޭސަމާލުކަން އިތުރުކުރަމާހިނގާށެވެ! ހިކެން، ލޫޅާފަތިވާން ތިއަކުރާ މަސައްކަތަށްވެސް ބޮޑަށް ފައިދާކުރާނީ އެއިރުންކަން ވިސްނަމާ ހިނގާށެވެ!
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
މިއީ ޞިއްޙީ ޚަބަރަކަށްވެފައި ސުންނަތާއި އެއްގޮތަށް އަވަހަށް ނިދައި އަވަހަށް ހޭލުމުގެ ފައިދާތަކުގެ ވާހަކަ ވަރަށް ގިނައިން މިއަދުނޫހުގައި ގެނެސްދެވޭތީ އެބައި މިލިޔުމުގައި ނުހިމެނީއެވެ. އެނގި އިތުރު ހެކި ލިބެމުން މިދަނީ ސުންނަތާއި އެއްގޮތަށް އަވަހަށް ނިދުމުން ކުރާނެ ފައިދާއާއި ޢަމަލުނުކުރާނަމަ ލިބޭނެ ގެއްލުންތަކެވެ.
- މިއަދުނޫސް
Advertisement
16 އޭޕްރީލް 2025