އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު
ދަރިފުޅު ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި މެންދުރު ގެއަށްގޮސް ދޮރުހުޅުވާލަން އުޅެނިކޮށް ގޭތެރެއިން ދެމީހަކު ވާހަކަދައްކާ އަޑުއިވުމުން ކަންބޮޑުވެ އަޑުއަހައިލަން މަޑުކޮށްލިއެވެ.
އަނބިމީހާ ފިރިމީހާގެ މަންމައަށް ބުނަމުންދިއައެވެ. "މިދިއަ މަހުވެސް 3000 ރުފިޔާ ދިނީމެވެ. އަނެއްކާވެސް ތިއައައީ ފައިށާ ހޯދާށެވެ. އަހަރެންގެ ފިރިމީހާ ނޫނަސް 4 ދަރިން އެބަތިއްބެވެ. އެކުދިންގެ ގާތަށް ނުގޮސް ކޮންމެ މަހަކު ފައިސާ ހޯދަން މިގެއަށް ތިއަ އަންނަނީ ކީއްވެގެންހެއްޔެވެ؟"
މަންމަ ރޮމުން ބުންޏެވެ. "ދެން ތިބި ދަރިން އެއުޅެނީ ވަރަށް ދަތިޙާލުގައެވެ. ސަލާންޖަހަން މިގެއަށް އަންނަން މިޖެހެނީ ދަރިންގެ ބައްޕަގެ ބަލިޙާލަށްޓަކައެވެ. ކުރަންޖެހޭ ޚަރަދުތައް ބޮޑުވެ ދެކޮޅު ނުޖެހޭތީއެވެ. އަހަރެމެންނަށް ދަރިފުޅު ފައިސާދެނީ ދޭހިތުންނެވެ. އެކަމުން ތިއަ ދަރިފުޅަށް އުނިވަނީ ކޮންކަމެއް ހެއްޔެވެ؟ މިދަރިފުޅުވެސް ނާންނަން ބުނެފިނަމަ ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް މިގެއަކަށްވެސް ނުއަންނާނަމެވެ."
ދަރިފުޅަކަށް ކެތެއް ނުކުރެވުނެވެ. ދޮރުހުޅުވައިލާފައި ވަންއިރަށް އަނބިމީހާގެ ވާހަކައާއި ރާގު ބަދަލުކޮށްލައި މަންމަދެކެ ލޯބިވާކަން ދައްކަން މަސައްކަތްފެށުމުން ފިރިމީހާ ބުންޏެވެ. "ކޑްރާމާ ޖެއްސުމުގެ ބޭނުމެއް ނެތެވެ. ދެކެވުނު ވާހަކަތައް އަޑުއަހައިފީމެވެ. ވީމާ ގެންދަން ބޭނުންހައި އެއްޗެއް ހިފައިގެން އަވަހަށް އެނބުރި ގެއަށްދާށެވެ. މަންމަ ޢާއި ބައްޕަ މިއަދު މިގެއަށް ބަދަލުކުރާނަމެވެ. ލޯބިން މަންމައާއި ބައްޕަ ބަލައިޑޭނެ އަންހެނަކުވެސް މިގެއަށް ގެންނާނަމެވެ."
އަނބިމީހާއަށް އޭނާއަށް ކުރެވުނު ކުށް ޤަބޫލުކުރެވި މާފަށް އެދުނެވެ. ވަރިކޮށްނުލުން އެދި އާދޭސްކުރިއެވެ. ދެން އެފަދަ ކަމެއް ތަކުރާރުނުކޮށް މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތައިގެން ބަލައިދޭނެ ކަމަށްވެސް ބުންޏެވެ.
އެހިސާބުން ދަރިފުޅުގެ ކިބައިން މަންމަ އެދުނީ އަނބިމީހާއަށް އިތުރު ފުރުޞަތެއް ދިނުމަށެވެ. ކުށަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ އެއްޗެއް ކަމަށާއި އެކަން އިޞްލާޙްކުރަން ފުރުޞަތުދިނީމާ ހެޔޮ ވިސްނޭ މީހުން އިޞްލާޙްވެ ރަނގަޅަށް ކަންކަން ކުރާނެ ކަމަށްވެސް ބުންޏެވެ.
ފިރިމީހާ ބުނި ގޮތަށް ކަންކަން ކުރިއެވެ. މަންމަ އާއި ބައްޕަ ހަމައެދުވަހު އެގެއަށް ބަދަލުކޮށް ބެލެހެއްޓުމުގެ ޒިންމާ އަނބިމިހާއާއި ޙަވާލުކުރިއެވެ. މަސައްކަތްބުރަވާނަމަ ނޯކަރަކު ހޯދައިދޭނެކަމަށްވެސް ބުންޏެވެ.
ދެން މިބުނަނީ ނަތީޖާ ފެނުނު ގޮތެވެ. އަނބިމީހާ އެދެމީހުންގެ ކަންކަން ބެލެހެއްޓީ އަމިއްލަ މައިންބަފައިންގެ ކަންކަންވެސް ބަލަހައްޓާނެ ގޮތަށެވެ. އެދެމީހުންގެ ހިތުގައި ޖެހިދާނެ އެއްވެސް ކަމެއް ނުކުރެއެވެ. ބަހެއްވެސް ނުބުނެއެވެ. މަސައްކަތް ބުރަވެ ނޯކަރަކަށްވެސް ނުއެދެއެވެ.
މިއީ އަޅުގަނޑުގެ ވަރަށް ގާތް ޢާއިލާއެއްގައި ކަންކަން ހިނގައިދިއަގޮތެވެ. ބުނެލަން ބޭނުންވަނީ ކުށް ޤަބޫލުކުރެވި ދެވަނަ ފުރުޞަތަކަށް އެދިއްޖެނަމަ އެފުރުޞަތުދޭށެވެ. ފުރުޞަތުދީފައި އެހިސާބުން ނިންމާ ނުލައި ކަންކަން ކުރިއަށްދާ ގޮތްވެސް ބަލާށެވެ.
ދެން ބުނެލަން ބޭނުންވަނީ ލިބޭ ހަނިފުރުޞަތުގެ ބޭނުން ހިފައި ދެމަފިރިން ދުރުކުރުވަން ބާރު ނުއަޅާށެވެ! އެއީ ދެން އެހެން ގޮތެއް ނެތުމުން ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމައެއާއިއެކު އަނބިންނަށް އަދި ފިރިންނަށްވެސް ބުނެލަން ބޭނުންވަނީ ބައިވެރިޔާގެ މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. އެއީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ ދިރިއުޅުމުގައި ކުރިއެރުންވެސް ލިބޭނެ ކަމެކެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ
Advertisement
13 ޖޫން 2025