އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ދަތިޙާލުގަވެސް ތަޤްވާވެރިވެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާނަމަ އެއަންހެނަކަށް ﷲ ތަޢާލާ ރަޙްމަތްލައްވަވާނެކަން ޔަޤީންކުރާށެވެ! އިން ޝާ ﷲ: ވައްހާޖް ޠަރިން

ކިތަންމެ ދަތިޙާލުގަވެސް ތަޤްވާވެރިވެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާނަމަ އެއަންހެނަކަށް ﷲ ތަޢާލާ ރަޙްމަތްލައްވަވާނެކަން ޔަޤީންކުރާށެވެ! އިން ޝާ ﷲ: ވައްހާޖް ޠަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު

އެކަނިވެރިކަން ކުރިމަތިވެ ދަތިޙާލުގައި އުޅެންޖެހުމުން "މިޒަމާނުގައި ތިއަހެން ގޭގައި އިނދެގެން އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވޭނެ" ކަމަށް ބުނާ ބައަކު އުޅެއެވެ. މީގެ އިތުރުން ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވެ އަނބިމީހާ ބޭނުންވާހައި ކަންކަން ކޮށްނުދެވޭނަމަވެސް މިފަދަ ވަސްވާސްތައް ދޭ މީހުން އުޅެއެވެ. ކޮންމެ މީހަކު ނަމަވެސް އެހެން އެބުނަނީ އެމީހުންނަށް އެނގޭ މިންވަރު ކުޑަކަމުންނެވެ. ނުވަތަ ޝައިޠޯނާގެ ފަޅީގައި ތިބެވޭތީއެވެ.  

މިދައްކަނީ މިއަދުގެ އަންހެނުން ވެސް ވިސްނައި ފިކުރުކުރަންވީ ކަންކަމުގެ ވާހަކައެވެ. ބުނަން އޮތީ ފުރަތަމަ ކަމަކަށްވެސް ކިތަންމެ ދަތި ޙާލުގައިވެސް ﷲ ތަޢާލާއަށް އިތުބާރުކޮށް ވަކީލުކުރުމުން އަދި ފިރިމީހާ ޙައްޤު ގޮތުގައި ކުރާ ކަންކަން ބަލައިގަނެ ކެތްތެރިވެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމުން ކުރިމަތިވެފައިވާ ޙާލަތަށް ﷲ ތަޢާލާ ޙައްލު ހޯއްދަވައި ދެއްވަވާނެކަން ޔަޤީންކުރާށެވެ!  

އެއީ އެޒަމާނެވެ! މިއީ މިޒަމާނެވެ! ނަމަވެސް ﷲ ތަޢާލާ ރަޙްމަތް މިންވަރުކުރެއްވެވުމުގައި އެއްވެސް ތަފާތެއް ނުވެއެވެ. ހަމައެކަނި ތަފާތުވެގެން މިއުޅެނީ އަހަރެމެންގެ ތަޤްވާވެރިކަމެވެ. ﷲ ތަޢާލާއަށް އިތުބާރުކުރެވޭ، ވަކީލްކުރެވޭ މިންވަރެވެ!  

މައްކާ، މައްކާއަކަށްވީ އަދި ޒަމްޒަމް ވަޅުކޮޅު ލިބިފައި މިވަނީ ހާޖަރުގެ ތަޤްވާވެރިކަމުން ކަމަށް ބުނެވިދާނެއެވެ. ފިރިކަލުން އިބްރާހީމްގެފާނު އެދެމައިން ގެންދަވައި އެ ބިމަށް ދޫކުރައްވާފައި ވަޑައިގެންނެވުމަށް މެދުވެރިވި އެއް ސަބަބަކީ ވެސް ހާޖަރުގެ ތަޤްވާވެރިކަން ކަމަށް ބުނެވިދާނެއެވެ!  

އެއްވެސް މީހަކު ފެންނަންވެސް ނެތް، އެއްވެސް މީހަކު ދިރި ނުއުޅޭ އަދި އެންމެ ކުޑަމިނުން ބޯނެ ފެންފޮދެއްވެސް ނެތް ބިމަކަށް ދެމައިން ދޫކުރައްވައި އިބްރާހީމްގެފާނު ވަޑައިގަންނަވަން ފެށްޓެވުމުން "ތިއަކަން ތިއަ ގޮތަށް ތިއަ ކުރައްވަވަނީ ﷲ ތަޢާލާގެ އަމުރުރުފުޅަށްތޯ؟" ހާޖަރު ކުރެއްވެވި ސުވާލުގެ ޖަވާބުގައި "އާނއެކެވެ!" އިބްރާހީމްގެފާނު ވިދާޅުވި ވަގުތުން ފެށިގެން ހާޖަރު ދެއްކެވީ ތަޤްވާވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. ހުރިހާ ކަމެއް ﷲ ތަޢާލާ އާއި ވަކީލް ކުރެއްވެވީއެވެ. އިތުރަށް އެންމެ ބަސްފުޅެއްވެސް ވިދާޅެއް ނުވެއެވެ. "އެހެން ކަމަށްވާނަމަ ﷲ ތަޢާލާ އަހަރެމެން ދެމައިން ގެއްލެނި ނުކުރައްވަވާނެ" ކަމަށް ވިދާޅުވުން ފިޔަވައެވެ.  

ޒަމްޒަމް ވަޅަކީ ތުއްޕުޅު އިސްމާޢީލްގެފާނުގެ ފައިންޕުޅުޖެހޭ ހިސާބުން އަރަން ފެށި ފެންއާރެވެ. ކޮންމެ ކަމެއްވެސް ވާނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުންނެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ވިސްނައިލަންވީ ހާޖަރު ކެތެރިވެވަޑައިގެން، ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކުރައްވައި އެތަނުގައި މަޑުކުރެއްވެވިކަމެވެ. އިސްމާޢީލްގެފާނުގެ ފައިންޕުޅު އެތަނުގައި ޖެއްސެވެން މެދުވެރިވީ ހާޖަރުގެ ތަޤްވާވެރިކަމުން ކަމަށް ބަލައިނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟  

މިއަދު މައްކާ ކިތަންމެ ފުރިހަމައަށް އާބާދުވެފައިވީނަމަވެސް އަދި ތަރައްޤީވެފައިވީ ނަމަވެސް ހާޖަރު އެތަނުގައި މަޑުކުރެއްވީ ދަރިކަލުން އިސްމާޢީލްގެފާނާއިއެކު ގިނިކަންޏާއިއެވެ. މިއީ ތަޤްވާވެރިކަމުގެ ކިހައި ފުރިހަމަ ނަމޫނާއެއްތޯއެވެ!  

ނިކަން ވިސްނައިބަލާށެވެ! އެތަނުން ފެން ފެނުމުން އެތަނުގައި ވަޒަންވެރިވާން ބައަކު ބޭނުންވުމުން އެމީހުންނަށް އެކަމުގެ ހުއްދަ ހާޖަރު ދެއްވެވިއެވެ. ނަމަވެސް ފެނުގެ ވެރިއަކީ ތިމަން ކަމަނާ ކަމަށް ވިދާޅުވިއެވެ. މިކަމުން ވެސް އެނގެނީ ދެ މައިންނަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތަށް ރައްކައުތެރިވެވަޑައިގަންނަވަން އެކަމަނާ ބޭނުންފުޅުވެވަޑައިގެންނެވި މިންވަރެވެ.

 

- ވައްހާޖް ޠަރިންގެ ދަރުސަކުން

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް