އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިލެންޑް އޭވިއޭޝަން 2 އަހަރުގެ ތެރޭގައި އަމިއްލަ ކެޕޭސިޓީއާއެކު ބާރަށް ކުރިއަށްދިއުމުގެ އުންމީދު ބޮޑު: ޓްރާންސްޕޯޓް މިނިސްޓަރ

އައިލެންޑް އޭވިއޭޝަން 2 އަހަރުގެ ތެރޭގައި އަމިއްލަ ކެޕޭސިޓީއާއެކު ބާރަށް ކުރިއަށްދިއުމުގެ އުންމީދު ބޮޑު: ޓްރާންސްޕޯޓް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަކީ ކުރިއަށްއޮތް އެއް ނުވަތަ ދެ އަހަރުގެ ތެރޭގައި ވަރަށް ބާރަށް ކުރިއަށްގެންގޮސް، އަމިއްލަ ކެޕޭސިޓީއާއެކީގައި ކުރިއަށްދެވޭނެ ކުންފުންޏަކަށް ބަދަލުވެގެންދާނެ ކަމުގެ އުންމީދު ބޮޑުކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިކަން ވަޒީރު ހާމަކުރެއްވީ މޯލްޑިވިއަންގެ އައު އިންޖިނިއަރިން ސަރވިސް ބިލްޑިންގ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ކުންފުނި މިގޮތަށް ކުރިއަށް ގޮސްފިނަމަ، މޯލްޑިވިއަންގެ ސްޓާފުންނަށް ވެސް ރަނގަޅުވެގެންދާނެ ކަމަށެވެ.

"އުންމީދަކީ ކުރިއަށްއޮތް 1 އަހަރު ނުވަތަ 2 އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ވަރަށް ބާރަށް ކުރިއަށްގެންގޮސް އަމިއްލަ ކެޕޭސިޓީއާއެކީގައި ކުރިއަށްދެވޭނެ ކުންފުންޏަކަށް ބަދަލުވެގެންދިއުން. މިގޮތައް ބަދަލުވެގެން ދިޔައީމަ ސްޓާފުންނަށްވެސް ރަނގަޅު ވެގެންދާނެ." ވަޒީރު އަމީން ވިދާޅުވިއެވެ.

މޯލްޑިވިއަންއަކީ ޤައުމީ އެއަރލައިނަށް ވުމާއިއެކު ޤައުމީ އެއަރލައިންގެ މަގާމަށް އެއަރލައިން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މި ސަރުކާރުން މިހާރު ކުރަމުންދާކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ މޯލްޑިވިއަންއަކީ ދިވެހިންގެ އެއަރލައިން ކަމަށް ހަދައި، އެއަށްވުރެ ބޮޑު ދަރަޖައަކަށް އެ ކުންފުނި ކުރިއެރުވުމެވެ.

މޯލްޑިވިއަންގެ ހަޔާތުގައި މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށް ސިފަކުރައްވަމުން، މިފަދަ މެއިންޓަނަންސް ފެސިލިޓީއެއް ހުޅުވިގެން ދިއުމަކީ މޯލްޑިވިއަންގެ މެއިންޓަނަންސާއި އަދި ކުރަމުންދާ ޚަރަދުތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އައު އިންޖިނިއަރިން ސަރވިސް ބިލްޑިންގގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަންވެސް އިތުރުވެގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުވާފައިވަނީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާޤްގެ ނަމާއި ގުޅުވައިގެން "އަލީ ފިރާޤް އިންޖިނިއަރިން ސަރވިސް ބިލްޑިން"ގެ ނަމުގައެވެ.

އިންޖިނިއަރިން ސަރވިސް ބިލްޑިން ހުޅުއްވައިދެއްވީ އެކަމަށްޓަކައި ވީއައިއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.

މި އިމާރާތް ހުޅުވިގެން ދިއުމަކީ ކުންފުނީގެ ތާރީޚުގައި ވަރަށް ޚާއްސަ ދުވަހެއްގެ ގޮތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ގިނަ ބައެއްގެ ހިތްވަރާއި ބުރަ މަސައްކަތުން ހަޤީގަތަކަށްވި ހުވަފެނެއްކަމަށް ވިދާޅުވިއެވެ.

"މިއިމާރާތުން އަޅުގަނޑުމެންގެ މުވައްޒަފުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ. އަދި މަސައްކަތް ކުރުމުގެ މާހައުލު ރަނގަޅުކުރެވި މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ. މިއިމާރާތަކީ ކުންފުނީގެ މަތިންދާ ބޯޓުގެ ސްޕެއަރތައް ބެލެހެއްޓުމަށް ޚާއްސަކުރެވިގެން މިހާތަނަށް އަޅުގަނޑުމެން ބިނާކުރި ފުރަތަމަ އިމާރާތް. މިއީ އަދި މުސްތަޤްބަލަށްޓަކައި މި ކުންފުނިން ކުރި ވަރަށް ބޮޑު އިންވެސްޓްމަންޓެއް." އެމްޑީ އިޔާސް ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަ ގިނަ އެއަރލައިންތަކެއްގެ މެއިންޓަނަންސްގެ ޚިދުމަތް މިހާރުވެސް މޯލްޑިވިއަނުން ދެމުންދާއިރު، މި އައު ސަރވިސް ފެސިލިޓީއާއެކު މިކަމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ މޯލްޑިވިއަންގެ ޚިދުމަތްތަކުގެ ފެންވަރު އިތުރުވެ، ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު