އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުހިނގިގެން އަޅުގަނޑު ދެރައެއް ނުވޭ، ދެރަވަނީ އެހެން ކަމަކާއިމެދު- މިރުޒާ

ނުހިނގިގެން އަޅުގަނޑު ދެރައެއް ނުވޭ، ދެރަވަނީ އެހެން ކަމަކާއިމެދު- މިރުޒާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 21 ސިކުންތު

ނުކުޅެދުންތެރިކަމަކީ ކޮބާ ހެއްޔެވެ؟ ގިނަ މީހުން މާނަ ކުރާ ގޮތުގައި އެއީ ނުހިނގި، ފުރޮޅުލީ ގޮނޑިއެއްގައި ނުވަތަ ދަނޑިގަނޑެއް ހިފައިގެން އޭގެ އެހީގައި ހިނގާ މީހުންނެވެ. ގިނަ މީހުން ދެކޭ ގޮތުގައި، އެފަދަ މީހުންނަކީ އެކަހެރި ކޮށްފައި، ނުވަތަ އެހެން ބައެއްގެ އެހީތެރިކަމުގައި އަބަދުވެސް ދިރިއުޅެން ޖެހޭނެ އަދި ދިރިއުޅުމުގައި ވެސް އެއްވެސް ކަމެއް ކުރެވޭނެ ބައެއް ނޫނެވެ.

ތެދެކެވެ. އެފަދަ ތަފާތު މީހުންނަށް އެހެން މީހުންގެ ޚާއްސަ އެކީ ވަކި ކަންކަމުގައި ބޭނުން ވެދާނެއެވެ. ނަމަވެސް އެމީހުންނަކީ މުޖުތަމައު އިން އެކަހެރިކޮށް ބާކީ ކުރަންޖެހޭ ބައެއް ނޫނެވެ. އަދި އެފަދަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އެއްވެސް ކަމެއް ނުކުރެވޭނެ ބައެއް ވެސް ނޫނެވެ.

އެފަދަ މީހުންގެ ތެރެއިން އެކަކީ ގދ. ގައްދޫ/ނިރޮޅުގެ މިރުޒާ މުނީރު (25 އ.) އެވެ. އެމްޓީސީސީގައި މިހާރު ކަސްޓަމަރ ސާވިސް އެސިސްޓެންޓް އެއްގެ ވަޒީފާ އަދާ ކުރާ މިރުޒާ އަކީ، އޭނާގެ މުޅި ހަޔާތް ފުރޮޅުލީ ގޮނޑީގައި ހޭދަ ކުރަން ޖެހުން ނަމަވެސް، ވަރަށް ވެސް ހިތްވަރުގަދަ އަދި އެހާމެ ކެރޭ، ލާމަސީލު މިސާލެކެވެ.

އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން "މިއަދު ނޫހަށް" ދިން ޚާއްސަ އިންޓަވިއު އެއްގައި މިރުޒާ ބުނީ، އޭނާއަށް ތައުލީމު ހާސިލު ކުރެވުނީ ގްރޭޑް 6 އާއި ހަމައަށް ކަމަށެވެ.

"އަޅުގަނޑުގެ ސްކޫލް ދައުރު ވޭތުވެގެން ދިޔައީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން. އެއީ ބަލި ހާލަތު ވެސް ހުރި ގޮތުންނާއެކު، ގްރޭޑް 6 އާއި ހަމައަށް ކިޔެވުނީ. އޭގެ ފަހުން ބަދަލުވީ މާލެ، ސިއްޙީ ހާލަތު ހުރި ގޮތުން އިތުރަށް ފަރުވާ ހޯދުމަށާއިއެކު މާލެ ބަދަލުވީ. މާލެ ބަދަލުވުމަށްފަހު ސްކޫލަކަށް ވަދެވޭތޯ ބެލިން. ފުރަތަމަ ދިރިއުޅުނީ ވިލިމާލެގައި. ވިލިމާލޭގައި މުހްޔިއްދީން ސްކޫލުން ޖާގައެއް ލިބޭތޯ އަޅުގަނޑުގެ ބައްޕަ ބެލި. ނަމަވެސް އެކަން ފުރިހަމަ ނުވީ. އެހެންވެ ދެން އެހިސާބުން ކިޔެވުން އެއްކޮށް ހުއްޓާލަން ޖެހުނީ" މިރުޒާގެ ތައުލީމީ ޙަޔާތް ނިމުނު ގޮތް އޭނާ ހިއްސާ ކުރިއެވެ.

މިރުޒާ ބުނިގޮތުގައި ސްކޫލްގައި އުޅުނުއިރު އޭނާއަށް ތައުލީމު އުނގަންނައިދިން ޓީޗަރުން އޭނާއާއި އެހެން ކުދިންނާއިމެދު އެއްވެސް ތަފާތެއް ނުކުރެއެވެ. ހުރިހާ ޓީޗަރުންގެ ފަރާތުންވެސް އޯގާތެރިކަމާއި އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބުންކަން މިރުޒާ އުފަލާއެކު ފާހަގަ ކުރިއެވެ. ނަމަވެސް އެދުވަސްކޮޅު އެކުގައި ކިޔަވަން އުޅުނު ބައެއް ކުދިން "ތިއީ ނުކުޅެދޭ ކުއްޖެއް ދޯ އޭ" ބުނި ކަމަށާއި ކްލާސް ކުދިންނާއިއެކު ބައިވެރިވެ އުޅުމުގައި ދަތިތަކެއް ދިމާވި ކަމަށް އޭނާ ބުންޏެވެ.

ގިނަ މީހުންނަށް މިހާރު މިރުޒާ އެންމެ ބޮޑަށް ފާހަގަވަނީ މާލެ-ވިލިމާލެ ފެރީ ޓަރމިނަލްގައި ޓިކެޓާއި ހަވާލުވާން އިންނަ މީހެއްގެ ގޮތުގައެވެ. އެހެންކަމުން އެމްޓީސީސީއިން އެވަޒީފާ ލިބުނު ގޮތާއިމެދު ވެސް ސުވާލު ކޮށްލީމެވެ.

"2016 ވަނަ އަހަރު އަޅުގަނޑަށް ފުރުސަތު ލިބުން މޯލްޑިވްސް ރެޑް ކްރެސެންޓްގެ 'ވިލިޖޯލި' ގައި ބައިވެރިވާން. އެއީ އަޅުގަނޑުގެ ރަށްޓެއްސަކު (އަޅުގަނޑު ފަދަ ތަފާތު މީހެއް) ހޯދައިދިން ފުރުސަތެއް. ދެން އަޅުގަނޑުމެންގެ ޗީފް ވޮލަންޓިއާރ އަކަށް (ޗީފް ޑިރެކްޓާރ އޮފް ވިލިޖޯލި) އުޅުއްވާ މުޙައްމަދު ޝިހާބް، އެއްދުވަހު އަޅުގަނޑާއި ވަރަށް ވާހަކަ ދައްކަވާފަ، އެބޭފުޅާ އަޅުގަނޑު ކައިރީ ވިދާޅުވީ ތިމަންނަ މިހާރު ގަބޫލެއް ނުކުރަމޭ މިރުޒާއަކީ ނުކުޅެދޭ ނޫނީ އެއްވެސް ކަމެއް ނުކުރެވޭ މީހެއް ކަމަކަށް. އެހެންވީމަ ބުނެބަލާށޭ މިހާރު މިރުޒާ އެންމެ ބޭނުންވަނީ ކޮންކަމެއްހޭ؟ އަޅުގަނޑު ދެންނެވިން އަޅުގަނޑު ހަމަ ވަރަށް ކުޑައިރުން ފެށިގެން ވެސް ގަބޫލުކުރަމުން އައި ކަމެކޭ އެހެން މީހުން ފަދައިން ވަޒީފާއަކަށް ގޮސް އަމިއްލައަށް އާމްދަނީއެއް ހޯދައިގެން ބޭނުންވާ ކަންކަން އަމިއްލައަށް ކުރެވޭވަރު މީހަކަށްވުން. ދެން އެއްސެވި ކޮން ކަމެއްތޯ ކުރެވޭނީ، އަޅުގަނޑު ދެންނެވިން އަޅުގަނޑު ވަރަށް ޝައުގުވެރިކަން ހުންނަ މަސައްކަތެކޭ އެމްޓީސީސީ ގަ ފެރީ ޓާރމިނަލްގަ ޓިކެޓް ކަނޑަން ހުރުމަކީ. ޚާއްސަކޮށް އެމްޓީސީސީ އަކީ އަޅުގަނޑަށް ވަރަށް ކަމުދާ ތަނެކޭ. އެހެން ދެންނެވީމަ އެބޭފުޅާ މަސައްކަތް ކޮށްދެއްވައިގެން އަޅުގަނޑަށް ވަޒީފާ ލިބުނީ. އެޕްލައި ކޮށްދެއްވީ އެބޭފުޅާ" މިރުޒާ ކިޔާދިނެވެ.

މިރުޒާ ފެންނަ ފެނުމުން، އޭނާގެ ހަމައެކަނި ހުރީ ދެ ފައިގެ މައްސަލަ އެކަންޏޭ ގިނަ މީހުންނަށް ހީވެދާނެއެވެ. ނަމަވެސް އޭނާއަކީ އެނޫންވެސް އެތަކެއް ސިއްޙީ މައްސަލަތަކެއް ތަޙައްމަލު ކުރަމުންދާ ހިތްވަރުގަދަ ޒުވާނެކެވެ.

އޭނާގެ ސިކުނޑީގައި ހުރީ ފެން އުފެދިފައެވެ. އޭގެ އިތުރުން ބަނޑުން ފެށިގެން ބޮލަށް ދެ ހޮޅި ލައްވާފަ އިންނަ ކަމަށާއި އުނަގަނޑުން ތިރީގައި އެއްވެސް ގޮތަކަށް ބާރު ނުހުންނަ ކަމަށް މިރުޒާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އުމުރުން 12 އަހަރުވީއިރު 17 އޮޕަރޭޝަން ކުރެވިފައިވެއެވެ. ހަމަ އެއް އޮޕަރޭޝަނެއް ތަކުރާރުކޮށް ކުރަން ޖެހުނީ ކަމަށާއި އެއީ ހޮޅި ބަދަލު ކުރުމުގެ އޮޕަރޭޝަން ކަމަށް ވެސް މިރުޒާ ބުންޏެވެ.

މީގެއިތުރުން އުނަގަނޑުން ތިރީގައި އެއްވެސް ބާރެއް ނެތުމުގެ ސަބަބުން (ވާގި ނެތުމުގެ ސަބަބުން) މިރުޒާއަށް ކުޑަކަމުދެވުނަސް އަދި ބޮޑުކަމުދެވުނަސް އޭނާއަށް އެކަމެއް ނޭނގެއެވެ.

"ކުރިން ހަމަ އެއްގޮތަކަށް ވެސް ނޭނގޭ ކުޑަކަމު ދެވުނަސް އަދި ބޮޑުކަމު ދެވުނަސް. އެކަމަކު އުނގަނޑާއި ދިމާލުން ބުރަކަށީގައި އިންނާނެ ބޭރަށް ނިކުމެފަ އިން މަސްކޮޅެއް. އެމަސްކޮޅު އޮޕަރޭޝަން ކުރީމަ ދެފަޔަށް ބާރު ލިބޭނެ ކަމަށް ޑޮކްޓަރުން ބުނެ، ކުޑަކަމު ދިޔުމާއި ބޮޑުކަމު ދެވޭއިރުވެސް އިނގޭނެ ކަމަށް ބުނި. އޮޕަރޭޝަނަށްފަހު ޑޮކްޓަރުން ބުނީ އުންމީދެއް ނެތޭ. އެކަމަކު އޭގެ ފަހުން ދެން އެކަންތައް ކޮންމެވެސް ވަރަކަށް ރަނގަޅު. މިހާރު އިނގޭ ކުޑަކަމު ނުވަތަ ބޮޑުކަމު ދެވެން ފެށީމަ...

ހަގީގަތުގައި އަޅުގަނޑު އެންމެ ދެރަވަނީ ކޮންމެހެން ނުހިނގިގެނެއް ނޫން. އަޅުގަނޑު އެންމެ ދެރަވާ ސަބަބަކީ އަޅުގަނޑުގެ ސިކުނޑީގައި ފެން އުފެދުމުގެ މައްސަލައާއި ކުޑަކަމުދިޔުމާއި ބޮޑުކަމު ދިޔުމުގެ ބައި.. އެބައި ރަނގަޅު ނުވާ މައްސަލަ އެއީ އަޅުގަނޑު އެންމެ ހިތާމަ ކުރާ ކަމަކީ. އަޅުގަނޑު އެހާ ދެރަވާ ކަމެއް ނޫން އަޅުގަނޑަށް ނުހިނގުމަކީ!"

(މިއީ މިރުޒާގެ ޚާއްސަ ރިޕޯޓުގެ ފުރަތަމަ ބައި)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ