އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސުލްޖުމްހޫރިއްޔާއަށް 2 ކޮމިޝަން އުފައްދަވަން ޖެހިވަޑައިގަތީ މައްސަލަތައް ބެލުމުގަ މުއައްސަސާތައް ފޭލްވެފައިވާތީ!

ރައީސުލްޖުމްހޫރިއްޔާއަށް 2 ކޮމިޝަން އުފައްދަވަން ޖެހިވަޑައިގަތީ މައްސަލަތައް ބެލުމުގަ މުއައްސަސާތައް ފޭލްވެފައިވާތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 55 ސިކުންތު

ރައީސުލްޖުމްހޫރިއްޔާއަށް 2 ކޮމިޝަން އުފައްދަވަން ޖެހިވަޑައިގަތީ މައްސަލަތައް ބެލުމުގަ މުއައްސަސާތައް ފޭލްވެފައިވާތީއެވެ. ފައުޅުކަން ބޮޑު ގޮތެއްގައި ކުރެވުނު ބޮޑެތި ތުހުމަތުތަކުގެ މައްސަލަތައް ނުބެލި ފޭލްވެފައިވާތީއެވެ. އެމްއެމްޕީއާރުސީގެ މައްސަލަ އަދީބާއި ހަމައިން ހުއްޓުނީ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ތަޙްޤީޤް ތަކުގައި ތަޅުލެވުނީތީއެވެ. ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަން ސާބިތުވި 1 މިލިއަން ޑޮލަރުގެ މައްސަލަ ނުނިންމައި ފައިލްކުރީތީއެވެ. 

2 ކޮމިޝަން އުފައްދަވަން ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައިގެންނެވި ސަބަބު އިއްޔެވެސް ވަރަށް ރީތިކޮށް ހާމަވިއެވެ. ވަޒީރުންނަށް ރުހުން ދޭން ބެލުމުން އޭސީސީ އިން ބުނަނީ 2 މިނިސްޓަރެއްގެ މައްސަލަ އެތަނުގައި އެބަ އޮތް ކަމަށެވެ. އެ މައްސަލަތައް އެތަނުގައި އޮންނަތާ ވީ ކިތައް އަހަރުކަމެއް ނުބުނެއެވެ. ނުބެލި އޮތީ ކީއްވެގެން ކަމެއް ނުބުނެއެވެ. 

ޢަލީ ވަޙިދުގެ މައްސަލައަށް ބަލާއިރު އެއީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރުގެ ތުހުމަތެވެ. ޢަލީ ވަޙީދު ރާއްޖެއިން ފުރާވަޑައިގަތީ އެމްޑީޕީގެ ވެރިކަން ނިމި ރައީސް ޑރ. ވަޙިދުގެ ވެރިކަން ވެސް ނިމި އަދި ރައީސް ޔާމީނުގެ ވެރިކަމުގެ 2 ވަނަ އަހަރުއެވެ. ތުހުމަތުތަކަށް 7 އަހަރުފަހުންނެވެ. މިހާރު މިވަނީ 10 އަހަރު ފުރިފައެވެ. 10 އަހަރު ފަހުން މައްސަލައެއް އެބަ އޮތް ކަމަށް ބުނުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ބާވައެވެ! އަދި އެއީ މީހުން ފަޟީޙަތްކުރުން ނޫން ބާވައެވެ!

ޢާޠިފާ ހުންނެވީ ރާއްޖޭގައެވެ. މައްސަލަ ބަލައި ގޮތެއް ނިންމާފައެއް ނުވެއެވެ. އެހެންކަމަށްވާއިރު ރައީސް ޔާމީނުގެ ވެރިކަމުގެ މައްސަލަތައް ބަލަން އެފަދަ ކޮމިޝަންތަކާއި ހަވާލުކޮށްފިނަމަ 2030 ގެ ކުރިން މައްސަލަ ބަލައި ނިމޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި އެއް މަސައްކަތަކަށް 2 ބިލް ހުށަހަޅައިގެން ދައުލަތުގެ މުއައްސަސާއަކުން ފައިސާ ނެގި މައްސަލައެއް ފެންމަތިވިއެވެ. އެކަމަށް ވީގޮތެއް އެނގޭ މީހަކު މިހާރު ހުރިކަމެއް ނުއެނގެއެވެ. ޕީޖީއަށް ދައުވާ ކުރަން ފޮނުވި ވާހަކައެއް އަޑުއިވުނެވެ. ނަމަވެސް އެކަމުގައި ބައިވެރިވިކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާ މުވައްޒިފުން އެއިރުން ފެށިގެން އަދިވެސް ތިބީ ސަރުކާރުގެ އިސް ވަޒީފާތަކުގައެވެ. އެކަން ކުރި ކުންފުނީގެ އިސްވެރިއަކު މިހާރު ގެންދަނީ އަންނަ މަޖިލީހުގެ އިންތީޚާބަށް ކުރިމަތިލައި ކެންޕޭނު ކުރަމުންނެވެ. 

ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތް ނުއެނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި 2 ކޮމިޝަނުގެ މަސައްކަތްތައް ވީހައި އަވަހަކަށް ފުރިހަމަކުރުމަށް ފުރުޞަތު ދޭން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އަދި އެކޮމިޝަނުގެ މަސައްކަތްތަކަށް އެއްބާރުލުން ދޭން ޖެހެނީ ވެސް މިފަދަ ސަބަބުތަކަށްޓަކައެވެ. 

2 ކޮމިޝަނަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދުމަށް ސަރުކާރުގެ ފަރާތުން އެދެ ބިލު މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން އެވެ. ހުށަހެޅުމާއިއެކު ބައެއް މެންބަރުން ވަނީ ބިރުން ތެޅިފޮޅެން ފަށައިފައެވެ. ބިލުގެ ބޭނުމަކީ ތިމަންނަ އާއި މިވެނި އެވެނި ބައަކު ހައްޔަރުކުރުން ކަމަށްވެސް ބައެއް މެންބަރުން ބުނެފައިވެއެވެ. އަދި ބިލާއި ގުޅިގެން ޕީޕީއަމަށް ނިޞްބަތްވާ ބައެއް މެންބަރުން އިއްޔެ ވަނީ މަޖިލީހުގައި އިހުތިޖާޖުކޮށް މުޒާހަރާ ވެސް ކޮށްފައެވެ.

ރައީސް ޔާމީނު ރޭ ވަނީ 2 ކޮމިޝަނު އުފެއްދުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފައެވެ. އެ މަސައްކަތްތައް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުން ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އެއީ ރަނގަޅު ވާހަކަފުޅެކެވެ މަސައްކަތް ކުރެވޭނެއެވެ. ކުރަން ފެށޭނެއެވެ. ނުއެނގެނީ ނިމޭނީ ކޮން އަހަރަކު ކަމެވެ.

2 ކޮމިޝަނުގެ ބިލާއިބެހޭ އިތުރު ބައެއް ތަފްޞީލް: (ބިލް ހުށަހެޅުއްވި މެންބަރުގެ ވާހަކަފުޅުން)

މި ބިލަކީ، ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ، ގޮތްނޭނގެ މަރުތަކުގެ މައްސަލަތައް ބެލުމުގެ ބިލު. މި ބިލު ހުށަހަޅަންޖެހުނު މައިގަނޑު އެއް ސަބަބަކީ، މި ބިލުގައި އަޅުގަނޑުމެން ވާނެ ހިމަނާފައި، ފުރަތަމަ ވަޢުދެއްގެ ގޮތުގައި ކުރަން ބުނުއްވި ކަންތައް؛ އި އްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ދުވަހު ވަނީ ދެ ކޮމިޝަނެއް އުފައްދަވާފަ. އެ ދެ ކޮމިޝަނަށް ބާރުދިނުމުގެ އިތުރުން މުޅި ޖުމުލަކޮށް ގާނޫނީ އިމުގެ ތެރެއިން މި ކަންތައް ތަޙުޤީޤުކޮށް ކުރިއަށް ގެންދެވޭނެ އޮނިގަނޑެއް ގާނޫނީ ހަމަތަކުން ހޯދުމަށް ހުށަހެޅޭ ބިލެއް މި ބިލަކީ. އެގޮތުން ، މިހާރު އުފައްދަވަ އިފައި ވާ، މަރާލެވިފައިވާ މީހުންނާއި، ގެއްލުވަ އިލެވިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ ކޮމިޝަނެއް ވެއްޖެ. އަދި ހަމަ އެގޮތަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓު ރިކަވަރީގެ ނަމުގައި ކޮމިޝަނެއް އުފައްދަވާފައި ވެއްޖެ. މި ދެ ކޮމިޝަނަށް ބާރު ދިނުމަށްޓަކައި، ގާނޫނީ ގޮތުން އެކަން ކުރެވޭނެ ހަމައެއް މި ގާނޫނުގެ ދަށުން ލިބިގެންދާނެ. މި ގާނޫނަކީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ދައުލަތުގެ ފައިސާއަށް ވެފައިވާ ޚިޔާނާތްތަކުގެ މައްސަލަތަކާއި، ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށާއި އެކި އެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާ މިންވަރަށް ތަޙުޤީޤުނުކުރެވި ހުރި މައްސަލަތައް ތަޙުޤީޤުކޮށް، އޭގެ ޙަޤީޤަތް ހޯދައި، މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ޚާއްޞަ އިޖްރާއަތެއް އެކަށައެޅުމުގެ ގާނޫނެއް.

މި ގާނޫނު ހުށަހެޅުމުގެ މަޤްޞަދުގެ ތެރޭގައި ތަޙުޤީޤުނުކޮށް ދޫކޮށްލާފައި ހުރި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤުނުކުރެވި ހުރި ގެއްލިފައިވާ މީހުންގެ މައްސަލަ ދެނެގަނެ، އަލުން ތަޙުޤީޤުކޮށް ޙަޤީޤަތް ހޯދުން މި ގާނޫނުގެ ދަށުން ލިބިގެންދާނެ ކޮމިޝަންތަކަށް. ޒިންމާދާރުވާންޖެހޭ ފަރާތްތައް ގާނޫނުގެ ތެރެއިން ޖަވާބުދާރީކުރުވުން. މީގެއިތުރުން، ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. މި ގާނޫނުގެ ދަށުން އެކަން ވެސް ފަހިވެގެންދާނެ. މަޤްޞަދު ހާސިލުކުރުމަށްޓަކައި ކޮމިޝަނެއް ނުވަތަ ކޮމިޝަންތަކެއް އުފެއްދުމުގެ ބާރު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް މި ބިލުގެ ދަށުން ލިބިގެންދާނެ. މި ގާނޫނު ފާސްވުމުން، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކުރިން އަޅު ގަނޑު ދެންނެވި ދެ ކޮމިޝަން ގާނޫނީ ގޮތުން ވުޖޫދަށް އައިސް، އެކަން ކުރެވޭނެ މަގު ފަހިވެގެންދާނެ. މި ދެ ކޮމިޝަނަކީ ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު، އަދި ޖިނާޢީ ކުށްތައް ތަޙުޤީޤު ބާރު ލިބިފައިވާ ތަޙުޤީޤީ އިދާރާތަކެއްގެ ގޮތުގައި ހަމަޖެހިގެންދާނެ.

ރައީސުލްޖުމްހޫރިއްޔާއަށް މި ކޮމިޝަންތަކަށް 5 މެންބަރުން ޢައްޔަންކުރުމުގެ އިޚުތިޔާރާއި ބާރު މި ގާނޫނުގެ ދަށުން ލިބިގެންދާނެ. އަދި މީގެއިތުރުން، ރާއްޖެއިން ބޭރުގެ 7 އިންވެސްޓިގޭޓަރުންގެ އެހީތެރުކަން ހޯދޭނެ މަގު މި ގާނޫނުގެ ދަށުން ފަހިވެގެންދާނެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި ތަޙުޤީޤުތަކަށް ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށް އެދުމުގެ ބާރު މިކޮޝަންތަކަށް ލިބިގެންވޭ. ހަމައެއާއެކު ކޯޓުތަކުން، ކޯޓުގެ އަމުރު ހޯދަންޖެހޭ ފަރާތްތަކަށް އަމުރަށް އެދި ހުށަހެޅުމުގެ ބާރު ވެސް މި ކޮމިޝަންތަކަށް ލިބިގެންދާނެ. ތުހުމަތުކުރެވޭ ފަރާތްތަކުގެ ބޭންކު އެކަ އުންޓުތައް ހިފެހެއްޓުމަށް ބޭންކުތަކަށް އެދުމުގެ އިޚްތިޔާރީ ބާރު ވެސް މި ކޮމިޝަނަށް ލިބިގެންދާނެ. ޝަރީޢަތްކުރުމާއި ދަޢުވާ ހިންގުމަށް، މިކަން ކުރުމަށް ޚާއްޞަ އޮފީހެއް ޕީ.ޖީ އޮފީހާ ވަކިން ޤާއިމުކުރަން ގާނޫނުގެ ދަށުން އެބަޖެހޭ. މިކަން ކު ރުމަށްޓަކައި އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ ދަށުން ހިންގާ ޚާއްޞަ ޑިޕާޓްމަންޓެއް ޕީ.ޖީ އެކުލަވައިލަންޖެހޭ. ތަޙުޤީޤަށްފަހު ޕީ.ޖީއަށް މައްސަލަ ފޮނުވުމުން، 15 ދުވަހުގެ ތެރޭގައި ދަޢުވާ އުފުލުމާ މެދު ގޮތެއް ނިންމަން ޕީ.ޖީ އޮފީހުން ނިންމަވައި، ޝަރީޢަތަށް ފޮނުވަންޖެހޭނެ. ޝަރީޢަތަށް ފޮނުވުމާއެކު 60 ދުވަހުގެ ތެރޭގައި މި މައްސަލައިގެ ފުރަތަމަ މަރުޙަލާ ކޯޓުން ނިންމަންޖެހޭ. ހަމައެއާއެކު 30 ދުވަސް ތެރޭގައި ހައިކޯޓުގެ އިސްތިޢުނާފަށް ހުށަހަޅުއްވައިފި ނަމަ، ހައިކޯޓުން މި މައްސަލަ ބަލައި ނިންމަންޖެހޭ. ސުޕްރީމް ކޯޓަށް މި މައްސަލަ އިސްތިޢުނާފަށް ހުށަހަޅުއްވައިފި ނަމަ، ހަމަ އަނެއް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމަންޖެހޭ. އެހެންވީމާ، މި ކަމަކީ މިހާރުން މިހާރަށް އަޅުގަނޑުމެންނަށް ކުރަންޖެހިފައި އޮތް ކަމެއް. އަޅުގަނޑުމެންނަށް މާޒީވެދިޔަ، ޚާއްޞަކޮށް 5 އަހަރުގެ ތެރެއިން ފެނިގެން، އެނގިގެންގޮއްސަ އޮތީ ރައް ޔިތުންގެ ފައިސާއަށް ބޮޑެތި ހިޔާނާތްވެފައިވާކަން. އަމިއްލަ އިޢުތިރާފުންނާއި ތަފާތު އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ހާމަވެގެންދޭ ރައްޔިތުންގެ ފައިސާއިން ބޮޑު އަދަދެއް ވަނީ ގެއްލިފައިކަން. ހަމައެއާއެކު ގޮތް ނޭނގި މަރުވެފައި އަދި ގެއްލިފައި ތިބި ތަފާތު އެތައް ފަރުދުންނެއް ވަނީ މި ރާއްޖޭގައި ޙަޤީޤަތް ނުހޯދި. މި ސަބަބުތަކަށްޓަކައި އަޅުގަނޑުމެން ސަރުކާރު އައުމުގެ ކުރިން ވީ ވަޢުދެއް ، ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ފަށައިގަނެ މިކަމަށް ޙައްލެއް ހޯދަން. މިގޮތުން އަޅުގަނޑުމެން މި ފަށާ މަސައްކަތުން އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް ޙައްޤުތައް ހިމާޔަތްކުރެވި ، ގެއްލިފައި ހުރި ބޮޑެތި އަދަދުގެ ފައިސާތައް އަލުން އަޅުގަނޑުމެންގެ ސަރުކާރަށް ހޯދޭނެ މަގުފަހިވެގެންދާނެ ކަމެއް. ހަމައެއާއެކު މިހާތަނަށް ރާއްޖޭގެ ގޮތް ނޭނގި ގެއްލިފައި ނުވަތަ މަރުވެފައި ތިބި މީސްމީހުންގެ ތަޙުޤީޤުތައް ހުއްޓިފައި އޮތް އޮތުން އަލުން ބެލޭނެ ގޮތް ފަހިވެ، އޭގެ ޙައްޤު އަދަބު ދޭންޖެހޭ ފަރާތްތަތަކީ ކޮބައިކަން އަޅުގަނޑުމެންނަށް ދެނެގަނެވި، އެ ޢާއިލާތަކަށް ލިބެންޖެހޭ ހިތްހަމަޖެހުމާއި އުފާ މި ބިލުގެ ދަށުން އަޅުނޑުމެންނަށް ލިބިގެންދާނެ. އަޅުގަނޑު އުއްމީދުކުރަނީ، މި ބިލަށް އިއްޒަތްތެރި ހުރިހާ މެންބަރުން ތާއީދުކުރައްވައި، ވޯޓުދެއްވައި، މިކަން ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވަން ވަރަށް ބޮޑަށް އާދޭހާއި އިޙްތިރާމާއެކު އެދެން:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް