އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިރުޒާގެ ހުނަރު- ކުޅަދާނަ ޅެންވެރިއެއް!

މިރުޒާގެ ހުނަރު- ކުޅަދާނަ ޅެންވެރިއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 39 ސިކުންތު

(މިރުޒާގެ ރިޕޯޓްގެ ދެވަނަ ބައި)

އެމްޓީސީސީ ގައި ކަސްޓަމަރ ސާރވިސް އެސިސްޓެންޓް އެއްގެ ވަޒީފާ އަދާކުރާ ގދ. ގައްދޫ/ ނިރޮޅުގެ މިރުޒާ މުނީރު (25އ.) އަކީ މިހާރު ގިނަ ބަޔަކަށް ބީރަށްޓެހި މޫނަކަށް ނުވާނެއެވެ.

އެމްޓީސީސީ ގައި ވަޒީފާ އަދާ ކުރަމުން، އޭނާއަކީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) ގެ "ވިލިޖޯލި" ގެ ވެސް ހީވާގި މެމްބަރެކެވެ. އެންމެންގެ ވެސް އެކުވެރިއެކެވެ.

މިރުޒާއަކީ ޚާއްސަ އެހީއަށް ބެނުންވާ މީހެއް ނަމަވެސް ހަގީގަތުގައި އޭނާއަކީ ވަރަށް ވެސް ކެތްތެރި އަދި އެހާމެ ހިތްވަރުގަދަ ޒުވާނެކެވެ. ވަޒީފާ އަދާ ކުރަމުން، ވިލިޖޯލިގެ ހަރަކާތްތަކުގައި ވެސް ބައިވެރިވުމުގެ އިތުރުން، ލިބޭ ހުސް ވަގުތުތަކުގައި އޭނާ ކުރާ ކަމަކީ ޅެން ހެދުމެވެ.

"މިއަދު ނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި މިރުޒާ ބުނީ ޅެން ހެދުމަކީ އޭނާއަށް އުނދަގޫ ކަމެއް ނޫން ކަމަށާއި ހިތް އެދޭ ކަހަލަ މަންޒަރެއް ފެނުމުން ވެސް، އެމަންޒަރު ސިފަކޮށް ވަރަށް ފަސޭހައިން އޭނާއަށް ޅެމެއް ހަދާލެވޭ ކަމަށެވެ.

"ހުރިހާ ވައްތެރެއްގެ ޅެން ވެސް ހަދަން. މިސާލަކަށް އަމިއްލަ ދިރިއުޅުމާއި ނުވަތަ އަމިއްލަ ހަޔާތާއި ގުޅުވައިގެން ވެސް ހުންނާނެ ޅެންތައް ހެދިފަ. ބައެއް ޤައުމީ ޅެންތައް ވެސް ހުންނާނެ ހަދާފަ. ލޯބީގެ ޅެންތައް ވެސް ހުންނާނެ." މިރުޒާގެ ތަފާތު ހުނަރު އޭނާ ކިޔައިދިނެވެ.

މިރުޒާ ބުނިގޮތުގައި ބައެއް ރަށްޓެހިންނަށް ވެސް އޭނާ ޅެން ހަދައިދެއެވެ. ޅެން ހެދުމުގެ ދާއިރާގައި ދެވެން އޮތް އެންމެ ކުރިއަކަށް ދާން ބޭނުން ކަމަށާއި މުސްތަގްބަލުގައި އެދާއިރާ އިތުރަށް ފުޅާ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަން ވިސްނާފައިވާ ކަމަށް އޭނާ ބުންޏެވެ.

 

(މިރުޒާ ލިޔުނު ޅެމެއްގެ ތަންކޮޅެއް)

"ބަނަވީ މަގޭ ޙަޔާތަށް، އަލިކަން މިއަދު ލިބިއްޖޭ

މާޔޫސް ކަމާއި މޮޅިކަން، ނެތިގެން މުޅިން ހިނގައްޖޭ.

ގަދަ ހިތްވަރާއި އަޒްމުން، އުންމީދު އާވެވިއްޖޭ

ގަދަރާއި ލޯބި ލިބުމުން، އުފަލުން މިހިތް ފޮޅިއްޖޭ!"

 

މިރުޒާގެ ހިތްވަރުގަދަކަމާއި ކެތްތެރިކަމުގެ ފަހަތުގައި، އެކަމުގެ ޝުކުރު ޙައްގުވާ އެތައް ބަޔަކު ވެސް އެބަ ތިއްބެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަވެސް، ދެއްވެވި ހުރިހާ ނިއުމަތަކަށް ވެސް ޝުކުރު އަދާ ކޮށްފައިވަނީ ހެއްދެވި ފަރާތަށެވެ. އެއަށްފަހު ވަރަށް ޚާއްސަ ޝުކުރެއް އޭނާގެ މައިންބަފައިންނަށް ވެސް އަދާ ކޮށްފައިވެއެވެ.

"ހަގީގަތުގައި މިހިސާބަށް އާދެވެފި މިހުރީ އަޅުގަނޑުގެ މައިންބަފައިންގެ ހިތްވަރާއި ބުރަ މަސައްކަތުން. އެފަދަ މައިންބަފައިން ދެއްވީތީ ނިޙާޔަތަށް ޝުކުރުވެރިވަން. އަޅުގަނޑުގެ ހުރިހާ ކަމެއްގައި ވެސް ފެށުނީއްސުރެ މިއަދާއި ހަމައަށް ވެސް އުޅެނީ އަޅުގަނޑުގެ މައިންބަފައިނާއި އާއިލާ. ދެން އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ބޭނުން އެމްއާރްސީ ވިލިޖޯލިގެ ޗީފް ވޮލިންޓިއާ މުޙައްމަދު ޝިހާބް އަށް. އެއީ އެބޭފުޅާ އަޅުގަނޑަށް މިފުރުސަތުގެ ދޮރު ހުޅުވައި ނުދެއްވިނަމަ މިއަދުވެސް އަޅުގަނޑު ހަމަ އިންނާނީ ގޭ ތެރޭގައޭ ބުނެވިދާނެ. އެހެންވެ އެބޭފުޅާ އަޅުގަނޑަށް ކޮށްދެއްވާ ކަންތައްތަކާއި ބަލައިގަންނަ ބަލައިގަތުން އަޅުގަނޑު އަބަދުވެސް ފާހަގަ ކުރަން. މިހާރުވެސް ހަމަ ވަރަށް ހިތްވަރުދޭ. ދެން އަޅުގަނޑު މިހާރު މަސައްކަތް ކުރަމުން މިދާ އެމްޓީސީސީ ގެ މެނޭޖްމަންޓަށް ވެސް އަޅުގަނޑު ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރަން. ޚާއްސަކޮށް އަޅުގަނޑުގެ މެނޭޖަރ މުޖާޒް މުޙައްމަދު އަޅުގަނޑަށް ވަރަށް އެއްބާރުލުން ދެއްވާ، ވަރަށް އެހީތެރިވެދޭ މެނޭޖަރެއް އެއީ" ޝުކުރު އަދާ ކުރަމުން މިރުޒާ ބުންޏެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ ބައެއް ފަހަރު ނަފްސާނީ އެތަކެއް މައްސަލަތަކަކާއި ވެސް ކުރިމަތިލަމުން ގެންދާ ބައެކެވެ. ކަންކަމާއި ކުރިމަތިލާން ބައެއް ފަހަރު ޖެހިލުންވުމުގެ އިތުރުން އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައިވަނީ، ދިރިއުޅުމުގައި އެކުދިންނަށް ވެސް ކުރެވޭވަރުގެ ކަމެއް ކުރަން މުޖުތަމައު އިން ވެސް ބައެއް ފަހަރު ފުރުސަތު ނުދިނުމެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް ނަސޭޙަތްތެރިވަމުން މިރުޒާ އެކުދިންނަށް ދީފައިވާ ނަސޭހަތަކީ ނުވަތަ މެސެޖަކީ، ތިމާއަކީ ނުކުޅެދޭ މީހެއް ކަމަށް އަމިއްލައަށް ނުވިސްނުމަށެވެ.

"އަޅުގަނޑުފަދަ (ތަފާތު) ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ތިމާގެ ނުކުޅެދުންތެރިކަން ނޫނީ ތިމާގެ އުނި ކަމަކީ ތިމާ އަމިއްލައަށް ކުރިކަމެއް ނޫނޭ. އެހެންވީމަ އުނި ސިފައެއް ނޫނީ ނުކުޅެދުންތެރިކަމެއް ހުރުމަކީ ތިމާގެ އުފަލަށް، ތިމާގެ މުސްތަގްބަލަށް އެޅޭ ހުރަހެއް ކަމަށް ނުހަދާށޭ. ފުރުސަތުތައް ލިބޭ ވަރަކުން އެކަމާއި ކުރިމަތިލާށޭ، ކުރިމަތިލީމައޭ އެކަންތައްތައް ކުރެވޭނީ. ތިމާއަކީ ނުކުޅެދޭ މީހެކޭ ނޫނީ މީހުން ބަލައި ނުގަންނާނޭ އެހެން ހިތައް އެރުވުމަކީ ތިމާގެ އުފާތަކަށް އެޅޭ ހުރަހެއް. އަމިއްލައަކަށް އެބަޖެހޭ އެކަހަަލަ ވިސްނުންތައް ބަދަލު ކުރަން މަސައްކަތް ކުރަން. އެގޮތަށް މަސައްކަތް ކުރީމަ ހަމަ ކޮންމެ ކުއްޖަކަށް ވެސް ކާމިޔާބު ލިބޭނެ.

ވަކި މީހަކު ވަކި ގޮތަކަށް ހުރެގެނެއް ނޫން ކާމިޔާބާއި ހަމައަށް ދެވޭނީ. ކާމިޔާބީ ހާސިލް ކުރުމަކީ މަސައްކަތް ކުރާ އަޅުންނަށް އޮންނަ ކަމެއް. ވަކި ގޮތަކަށް މީހާ ހުރުމުން، ވަކި ކަމެއް ނުކުރެވުން އެއީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. ދެން ހަމަ މުޖުތަމައު އިން ވެސް އެބަޖެހޭ އަޅުގަނޑުމެންފަދަ ކުދިންނަށް އެފުރުސަތުތަށް އިތުރަށް ފަހިކޮށްދޭން. ކުރިއަށްވުރެ މިހާރު ވަރަށް ބޮޑަށް އެފުރުސަތުތައް ފަހި ކޮށްދެމުންދަނީ، އެކަން ވެސް ފާހަގަ ކުރަން" އޭނާފަދަ ތަފާތު ކުދިންނަށް ނުހަނު އިބްރަތްތެރި މެސެޖެއް މިރުޒާ ދިނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ