އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދުގެ ޒުވާނުން ދިވެހިބަހަށް ކޮށިވެފައިވަނީ މަދަރުސީ ހަޔާތުގައި، ދިވެހިބަހަށް އިސްކަންދެވިފައި ނެތީމަ!

އަދުގެ ޒުވާނުން ދިވެހިބަހަށް ކޮށިވެފައިވަނީ މަދަރުސީ ހަޔާތުގައި، ދިވެހިބަހަށް އިސްކަންދެވިފައި ނެތީމަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 4 ސިކުންތު

 

ލިޔުނީ: ޒިދާން މުޙައްމަދު

 

އަދުގެ ދިވެހި ޒުވާނުން ދިވެހިބަހަށް ކޮށިވެފައިވަނީ މަދަރުސީ ހަޔާތުގައި ދިވެހިބަހަށް އިސްކަންދެވިފައިވާ މިންވަރު ކުޑަކަމުންނެވެ.

ނަމަވެސް، މިކަން ޤަބޫލު ކުރާން ތިބީ މަދުބައެކެވެ. އަމިއްލަ މާދަރީ ބަހެއް މި ކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިފައި ވުމަކީވެސް ހަގީގަތުގައި އަހަރެމެން އުފާކޮށް ފަހުރުވެރިވާން ވީކަމެކެވެ. ދުނިޔޭގެ ގިނަ ގައުމު ތަކަކަށް ލިބިފައިނުވާ ފަދަ ނަސީބެއް އަހަރެމެންގެ މި ކުޑަކުޑަ ގައުމަށް ލިބިފައި ވުމަކީ ދިވެހި ކޮންމެ ދަރިއަކުވެސް ޝުކުރު ކުރުން ހައްގު ކަމެކެވެ. 100 އިންސައްތަ ދިވެހިން އެއްބަހަކުން ވާހަކަ ދެއްކުމީ ލިބިފައިވާ އަގުނުކުރެވޭ ނިޢުމަތެކެވެ.

އަޅުގަނޑު މި ނަންގަތް ސަބަބުތަކަށްޓަކައި މަދަރުސާތަކުގައި ދިވެހިބަހަށް އިސްކަން ދޭންޖެހޭ މިންވަރު އިންތިހާއަށް ބޮޑެވެ.

ދެން މަދަރުސާތަކުގައި ދިވެހިބަހަށް އިސްކަން ދިނުމަށް ކުރެވިދާނެ ދެތިން ކަމަކަށް އަލިއަޅުވާލާނަމެވެ. އެގޮތުން ފުރަތަމަ ކަމަކަށް އިނގިރޭސި މީޑިއަމްއަށް ކިޔަވައިދިނުމުގެ ބަދަލުގައި، ދިވެހި މީޑިއަމްއަށް މަދަރުސާތައް ބަދަލުކުރަން ޖެހެއެވެ.

އަހަރެމެންގެ މާދަރީ ބަހަކީ ދިވެހިބަސް ކަމަށް ވީނަމަވެސް މިހާރު ސްކޫލް ތަކުގައި ކިޔަވައިދެމުން ގެންދަނީ އިނގިރޭސި މީޑިއަމް އަށެވެ. ނަމަވެސް ދިވެހި މީޑިއަމްއަށް ކިޔަވައި ދެމުން ވެސް ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ކިޔަވައި ދެވިދާނެއެވެ. އޭރުން ދިވެހިބަހަކީ ޒުވާނުންނާ އެހާ ބީރައްޓެހި އެއްޗަކަށް ނުވާނެއެވެ. ދިވެހިބަހަށް ފަރިތަ އަދި ހޭލުންތެރި މުޖުތަމަޢުއަކަށް އަޅުގަނޑުމެންގެ ޒުވާން މުޖުތަމަޢު ހެދިދާނެއެވެ.

މީގެ އިތުރުން ދިވެހިބަހަކީ ކޮބައިކަން ޅަޒުވާނުންނަށް އުނގަންނައި ދޭން އެބަޖެހެއެވެ. މިހާރުގެ ޅަޒުވާނުންނަށް ދިވެހިބަހަކީ ކޮބައިކަން ރަނގަޅަށް ބުނެދޭން ޖެހެއެވެ. ދިވެހިބަހުގެ މުހިއްމު ކަމާއި އަދި އެބަހުގެ މުއްސަނދިކަންވެސް އެކުދިންނަށް ވިސްނައިދޭން މިވަނީ މަޖުބޫރުވެފައި އެވެ.

ފަށާތަޢުލީމުން ފެށިގެންވެސް ވަކި ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ދިވެހިބަސް ކިޔަވައި ދެވިފައި ވާނަމަ މިއަދުގެ ޒުވާނުންނަށް މާދަރީ ބަސް ބޭނުން ކުރާކަށް އުނދަގުލެއް ނުވީސް ކަން ގައިމެވެ.

ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ވެސް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ދިވެހިބަސް ކިޔަވައިދޭން ޖެހޭ ކަމަށް އަޅުގަނޑަށް ފެނެއެވެ. ހަމައެކަނި އިމްތިހާނަކަށް ތައްޔާރުވުމަށް ކިޔަވާ އެއްޗެއް ނޫންކަން އެކުދިންނަށް ވިސްނައިދިނުން މުހިއްމު ކަމެއް ކަމުގައި ދެކެވެ.

ނިންމާލަމުން ވެސް ބުނަމެވެ. ދިވެހިބަހަށް އިސްކަންދޭ ތަނަކަށް މަދުރާސާތައް ހަދާށެވެ. އޭރުން އޭގެ މޭވާ ފޮނިވާނެއެވެ. ދިވެހިބަހަށް އާރޯކަން ލިބިގެންދާނެއެވެ. މި ބަހަށްޓަކައި ފަހުރުވެރިވާ ޖީލެއް އުފެދިގެން ދާނެއެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު