އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެފްބީ އެކުވެރިންގެ އަގުވަޒަން ކުރުމަށް ތަފާތު އުކުޅެއް!

އެފްބީ އެކުވެރިންގެ އަގުވަޒަން ކުރުމަށް ތަފާތު އުކުޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 19 ސިކުންތު

މީސް މީޑިއާއިން ދިމާވާ ގިނަ ރައްޓެހިންނަކީ ޙަޔާތުގައި ވަރަށް މުޙިއްމު ރޯލެއް އަދާކުރާ ބައެއްކަން އަދުގެ ޒަމާނަށް ބަލާލުމުން ޔަޤީންވެގެން ދެއެވެ. ދުވާލުދާ ހަތަރުދަމު މީސްމީޑިއާއިން ބައްދަލުވާ ތަފާތު އެކިއެކި މީހުންނާ އަޅުގަނޑުމެން ގުޅުންބަދަހިކޮށް އެކުވެރިކަން އާލާކުރަމެވެ. އެހެންކަމުން މީސްމީޑިއާގެ ތެރޭގައި ރަނގަޅު އޯޑިއެންސްއެއް ބިނާކުރުމުގައި މިދަންނަވާ އެކުވެރިންގެ އެހީތެރިކަމަކީ އޭގެ ވާހަކަ ނުދައްކާ ދޫކޮށްނުލެވޭވަރުގެ އެހީތެރިކަމެކެވެ. ވުމާއެކު އެފަދަ އެކުވެރިންގެ އަގުވަޒަން ކުރަނީ އަޅުގަނޑުމެންގެ ތެރޭގައި ކިތައްކިތައް މީހުން ބާއެވެ؟

މިފަހަރުގެ މިއަދުނޫހުގެ ޓީމުން މި ޙާއްސަކޮށްލަނީ މިދެންނެވި އެކުވެރިންގެ އަގުވަޒަންކުރަމުން އަންނަ ކުޅަދާނަ މީސްމީޑިއާގެ އެކްޓިވިސްޓް "ޝަޔާން ޔޫސުފް" ގެ ތަފާތުކަމަކަށެވެ. ޝައްކެއްވެސް ނެތް އެފްބީ ފްރެންޑް ލިސްޓުގައި ތިބޭ ތިންހާސް ނުވަތަ ފަސްހާސް އެކުވެރިންނަކީ ދަންނަ ބަޔަކަށް ނުވާނެއެވެ. ނުވަތަ އެމީހުންނާ ކޮންމެ ދުވަހަކު ވާހަކަ ދެއްކުމަކީ ފަސޭހަކަމަކަށް ވެސް ނުވާނެއެވެ. ނަމަވެސް ޝަޔާން ދެކޭގޮތުގައި އެއެންމެނަކީވެސް އޭނާއަށް މުޙިއްމު ބައެކެވެ. ޝަޔާންގެ އޯޑިއެންސް ވަރުގަދަ ކުރުމަށް އެމީހުންގެ ސަޕޯރޓަކީ ބޭނުންތެރި އެއްޗެއްކަމުގައި އޭނާ ޤަބޫލުކުރެއެވެ.ގިނަ ފަހަރަށް އަޅުގަނޑުމެން އެފްބީ ނިއުސްފީޑުން ފެންނަ ފޮޓޯއަކަށް ނުވަތަ ޕޯސްޓަކަށް ރިއެކްޓް ކުރެވެނީ އެއީ ކާކު، ކޮންތާކު މީހެއްކަން އެނގިގެންނެއް ނޫނެވެ. އެހެންނަމަވެސް އެފަދަ ފޮޓޯއެއް ނުވަތަ ޕޯސްޓެއްގެ ތަފާތު ސަޅިކަމެއް އަޅުގަނޑުމެންނަން ފާހަގަވާނީ ގިނަބަޔަކުގެ އޭގެ ވާހަކަތަށް ދައްކަންފެށުމުންނެވެ.

އެފްބީ ތެރޭގައި އަބަދުވެސް މޮޅުކޮއްލެވޭނީ ތިމާގެ އެންމެ އަރިސްމީހުންނެވެ. އެމީހުންނަށް ތަޢުރީފްކޮށްކޮށް ތިއްބާ އަހަރުވެސް ހުސްވެގެން ހިނގައިދާނެއެވެ. އައު އެކުވެރިން ހޯދުމަށް މަދުންނޫނީ ބަޔަކު ނޫޅޭނެއެވެ. ގިނަފަހަރަށް އައު އެކުވެރިން ލިބުމާއެކު ކުރީގެ އެކުވެރިންގެ މަތިން ހަނދާންނެތޭ ފަހަރުވެސް އާދެއެވެ. ނަމަވެސް ޝަޔާން މިއާ ޙިލާފެވެ. އޭނާގެ ފްރެންޑް ލިސްޓްގައި ތިބޭ ހުރިހާ އެކުވެރިންވެސް އޭނާ ދެކެނީ އެއް ހަމަޔަކުންނެވެ. މިކަން އޭނާގެ އެންމެ ގާތް ރައްޓެހިންވެސް ޤަބޫލުކުރެއެވެ. ގާތް ރައްޓެއްސެއްގެ މޮޅު ވާހަކަ އަބަދު ދެއްކުމުގެ ބަދަލުގައި ދުރުމީހެއްގެ ކޮންމެވެސް މޮޅުވާހަކައެއް ދެއްކުމަކީ ޝަޔާންގެ އާދައެކެވެ. އެއާއެކު މިކަން އުފަލާއެކު ބަލައިގަނެ އެއްކަލަ ދުރުމީހާ ޝަޔާންގެ ހިތްހެޔޮކަމަށް ތަޢުރީފުކޮށް އެކުވެރިކަމަށް މަރުޙަބާ ކިޔަން ފަށައެވެ. އުފެދޭ ސުވާލަކީ މިކަން ޝަޔާން ކުރަމުން މިއަންނަނީ ކޮންގޮތަކަށް ބާއެވެ؟

"ފޭސްބުކް އެވޯރޑް" އޭބުނުމުން އެއީ އެފްބީގެ ކޮންމެވެސް އެކްޓިވިޓީއެއް ނުވަތަ ކޮންމެވެސް ޓްރެންޑެއްކަން ގިނަބަޔަކަށް ހީވެދާނެއެވެ. ނަމަވެސް މިއީ އަސްލު އަޅުގަނޑުމެން އުފެއްދި ސުވާލުގެ ހަޤީޤީ ޖަވާބެވެ. ފޭސްބުކް އެވޯރޑަކީ މިދެންނެވި ޝަޔާންގެ އެކުވެރިންނަށް އޭނާ އަރުވާ ޙާއްސަ ޝަރަފެކެވެ. މިޝަރަފު އޭނާގެ އެފްބީގައި ބަދަލުވަމުން އަންނަ އެކުވެރިންނަށް އަރުވާތާ މިއަހަރަށް ފަސްއަހަރު ވެގެންދާނެއެވެ. ހަމަގައިމުވެސް މިއީ ތަފާތުކަމަކަށް ނޫނީ ނުވާނެތާއެވެ. މިއަދުނޫހަށް ވާހަކަދައްކަމުން ޝަޔާން ބުނީ ފެސްބުކް އެވޯރޑަކީ އޭނާގެ އެފްބީ ފްރެންޑް ލިސްޓްގައި ތިބޭ އެކުވެރިންނަށް ދޫކޮށްލާ ޙާއްސަ އެވޯރޑެއް ކަމަށެވެ. އަދި މިއެވޯރޑަކީ ފާއިތުވެގެންދާ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ވަކިވަކި ކެޓަގަރީތަކުން އޭނާގެ އެންމެ ބެސްޓް ޗޮއިސްއަށް ދެވޭ އެވޯރޑެއްކަމަށް ޝަޔާން ބުނެއެވެ. "އަސްލު އެންމެ ފުރަތަމަ މިކަން ކުރަންފެށި އިރު ނޭނގޭ މީ ސަޅިކަމެއް ކަން... މީހުންގެ ކޮންޕްލިމެންޓްސް ލިބެންފެށީމަ އެނގުނީ މީހަމަ ފްރެންޑްސްގެ ތެރޭގައި އޮންނަ ކަނެކްޝަން ސްޓްރޯންގް ކުރަން ކުރެވިދާނެ ސަޅިކަމެއް ކަން" ތަފާތުއެކި ދާއިރާތަކުން ވާހަކަ ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިޔާ ޝަޔާން ބުންޏެވެ. އޭނާ އިތުރަށް ކިޔައިދިން ގޮތުގައި މިއެވޯރޑް ދެނީ ކޮންމެ އައު އަހަރެއް ފެށުމާ ގުޅުވައިގެންކަމަށާއި މިއެވޯރޑް ދިނުމުގެ މައިގަނޑު ބޭނުމަކީ އެފްބީތެރޭގައި އެކުވެރިންގެ މެދުގައި ގުޅުންބަދަހިކޮށް އެކުވެރިކަމުގެ ވާދައިގެ ރޫހުގައި ތަފާތު ސަޅިކަމެއް ކޮށްލުމަށެވެ. ފޭސްބުކް އެވޯރޑް ކެޓެގަރީގެ ގޮތުގައި ހިމެނޭ އެވޯރޑްތަކަކީ ބެސްޓް ސްޓެޓަސް އަޕްލޯޑަރ، ބެސްޓް ޝެއަރޑް ޕޯސްޓަރ، ބެސްޓް މީމްސް ޕޯސްޓަރ، ބެސްޓް ކޮމެންޓަރ، ބެސްޓް ރިއެކްޓަރ، ބެސްޓް ސްޓޯރީ ވިއުއަރ، ބެސްޓް ޕަރސަނަލިޓީ، ބެސްޓް ޕްރޮފައިލް އެންގޭޖްމެންޓް، ބެސްޓް އާރޓިސްޓް، ބެސްޓް ރައިޓަރ، ބެސްޓް ޓްރެވަލަރ، ބެސްޓް އިންސްޓަރގްރާމް ފީޑަރ، ބެސްޓް މެސެންޖަރ ގުރޫޕް، ބެސްޓް ޗެޓްލޮގް، ބެސްޓް ފޮޓޯގްރަފަރ، ބެސްޓް ފޭސްބުކް ޕޭޖް، ބެސްޓް ވިޝަރ، ސެލްފީ ކިންގ، ސެލްފީ ކުއީން، ބެސްޓް ޓީބީއެޗް، ބެސްޓް ފްރެންޑްޝިޕް، ބެސްޓް ޕީޕީ އަޕްލޯޑަރ، ބެސްޓް ކަވަރ އަޕްލޯޑަރ، ބެސްޓް ކަޕްލް ގޯލްސް، މޯސްޓް ހޭންޑްސަމް އަދި މޯސްޓް ގޯރޖަސް އެވެ. ފޭސްބުކް އެވޯރޑްގެ އެންމެ ޙާއްސަ ކަމަކީ މުޅި އެވޯރޑް ސީޒަން ކާމިޔާބުކުރާ "އެފްބީ ލައިފްޓައިމް އެޗީވްމެންޓް" އެވޯރޑެވެ. މިއެވޯރޑް ޙާސިލް ކުރާނީ މުޅި އެފްބީގެ ތެރެއިން ޝަޔާންއަށް އެންމެ ހިތްހެޔޮ އެންމެ ސަޕޯރޓިވް ފަރާތްކަމަށް ޝަޔާން ބުނެއެވެ.

ފާހަގަކޮށްލެވުނު މިކެޓެގަރީތަކުން އެވޯރޑް ލިބެނީ އެކެޓެގަރީއިން އެވޯރޑް ހައްޤުވާ މީހަކަށެވެ. މިއެވޯރޑް އެންމެ ފުރަތަމަ ޝަޔާން ދޭންފެށީ 2014ވަނަ އަހަރުގައެވެ. އޭރު މިއެވޯރޑްދެނީ ފާހަގަ ކޮއްލެވޭ ކެޓެގަރީތަކަށް ކުރިމަތިލައިގެންކަމަށް އޭނާ ބުނެއެވެ. ނަމަވެސް އަހަރަކަށްފަހު އަހަރެއް ތަފާތުކުރުމަށްޓަކައި މިއެވޯރޑް ވަނީ 2015ވަނަ އަހަރުން ފެށިގެން ކެޓެގަރީތަކަށް ކުރިމަތިލާގޮތަށް އޮންނަ ޤަވާއިދު ބަދަލުކޮށް ފްރެންޑް ލިސްޓްގައި ތިބި އެންމެންގެ މެދުގައި މިއެވޯރޑް ދީފައެވެ. އެއަހަރު ވަނީ 10ކެޓެގަރީއަކުން 22 އެވޯރޑެއް ދީފައެވެ. "މިކަން ކުރަން ފެށިއިރު އެހާ ބައިވަރު ކެޓެގަރީތަކެއް ނުހިމަނަން... އޭރު ދެން އެހާ އެކްސައިޓްވާ ކަހަލަ ކަންތައްތަކެއްވެސް ނޯވޭ... އަބަދުވެސް ބަލަނީ ކޮންމެ އަހަރެއްވެސް ތަފާތުކޮށް ގިނަ ފްރެންޑުންއަށް ޗާންސް ދޭން" ގިނަ މަޢުލޫޢުތަކަށް ބަހުސްކުރަމުން އަންނަ ޝަޔާން ފާނޫޒަށް ވާހަކަދައްކަމުން ބުންޏެވެ. އޭރު މިއެވޯރޑް ލިބުނު ފަރާތެއް މިއަދުނޫހަށް ވާހަކަދައްކަމުން ބުނީ މިކަން އެންމެފުރަތަމަ ޝަޔާން ކުރަންފެށި ހިސާބުން މީހުންނަންވީ މަޖާކަމެއްކަމަށާ އެހެންނަމަވެސް މިކަން ޝަޔާން ކޮންމެ އަހަރެއްގައިވެސް ކުރަމުން އަންނާތީ މިއީ ސަޅިކަމެއްކަން މިހާރު މީހުންއަށް އެނގޭކަމަށެވެ. އަދި މިއީ ޝަޔާން އެކުވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ގެންގުޅޭ ތަފާތު ވިސްނުމެއްކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އެންމެ ފުރަތަމަ މިއެވޯރޑްގައި ބައިވެރިވެވޭ ހިސާބަކީ އެވޯރޑަށް ނޮމިނޭޓްވާ ހިސާބެވެ. އެއާއެކު އެކުވެރިންގެ މެދުގައި އެވޯރޑަށް އޮންނަ ފޯރިގަދަވާ ކަމަށް ޝަޔާން ބުނެއެވެ. މިއެވޯރޑް ދިނިމުގައި ޝަޔާން އެންމެ ބޮޑަށް ބަލަނީ އެވޯރޑްގައި ގިނަ އެކުވެރިން ނޮމިނޭޓް ކުރުމަށްކަމަށް އޭނާ ބުނެއެވެ. "ކެޓެގަރީން އެވޯރޑް މިވިން ކުރަނީ އެކަކު ނޫނީ ދެމީހަކު އެހެންވީމަ ބޮޑަށް ބޭނުންވަނީ ގިނަ ފްރެންޑްސް މީގަ ބައިވެރިކޮށް އެމީހުންނަށްވެސް މީތި ޑިޒަރވް ވާނެކަން ޔަޤީންކޮށްދޭން" ކޮންމެ ހުކުރުދުވަހެއްގައި ރައްޓެހިންނަށް ޕްރޮފައިލް ޕިކްޗަރ ޙާއްސަކުރަމުން އަންނަ ޝަޔާން އިތުރަށް ކިޔައިދެމުން ބުންޏެވެ. ފޭސްބުކް އެވޯރޑްގައި މިހިމެނޭ ކެޓަގަރީތަކަށް ނޮމިނޭޓްވާނީ އެކެޓަގަރީން ޝަޔާންއަށް ފާހަގަކޮށްލެވޭ އެންމެ ޙައްޤުވެރި އެކުވެރިންނެވެ. މީގެ ތެރޭގައި އޭނާގެ ގާތް ރައްޓެހިންނާއި އެފްބީގައި އޭނާ ނުދަންނަ އެކުވެރިންވެސް ހިމެނެއެވެ. ފާއިތުވެގެންދިޔަ އަހަރުތަކުގެ ފޭސްބުކް އެވޯރޑްގައި ގެންގުޅޭ ޤަވާއިދަށްވުރެން މިފަހަރުގެ ފޭސްބުކް އެވޯރޑްގެ ޤަވާއިދު ތަފާތުވާނެކަމަށް އޭނާ ބުނެއެވެ. އެގޮތުން އެންމެ ބޮޑުތަފާތެއްގެ ގޮތުގައި ޝަޔާން ފާހަގަކުރަނީ މިފަހަރުގެ އެވޯރޑްތަށް ކާމިޔާބު ކުރާނީ ކެޓެގަރީތަކުން ނޮމިނޭޓްވެފައިވާ އެކުވެރިންގެ މެދުގައި ޕޮއިންޓް ދީގެންނެވެ. މިގޮތަށް މިފަހަރުގެ އެވޯރޑް ޙައްގުވާ ފަރާތްތަށް ކަނޑައެޅުމުގައި ޕޮއިންޓް ދޭން ނިންމި ސަބަބު ފާނޫޒާ ޙިއްސާ ކުރަމުން ޝަޔާން ބުނެފައިވަނީ "މިހާރު ވަކިމީހެއް ދޫކުރާ ވަރެއްނޫން... ކެޓެގަރީތަކުން ނޮމިނޭޓްވާ އެކުވެރިންނަށް އެވޯރޑް އަސްލު ޑިޒަރވްވޭ...އެކަމް ރޫލްސް އޮންނަގޮތުން އެވޯރޑް ވިންކުރާނީ ކެޓެގަރީތަކުން އެއެވޯރޑެއް ލިބެންޖެހޭ އެކަކު ނޫނީ ދެމީހަކަށް ކަމަށްވާތީ ޕޮއިންޓްސް ދޭން ނިންމީ... ޕޮއިންޓްސް މިދެނީ ކެޓެގަރީ ވައިސްކޮށް ނޮމިނޭޓްވެފަ ތިބި ފްރެންޑްސްގެ ފަރާތުން އެމީހުންގެ ފީޑްތަކަށް ބަލާ ޕޮއިންޓްސްލިބޭ ވަކި އުސޫލަކުން. ދެން އެވޯރޑް މިވިންވަނީ ޕޮއިންޓްސް ލިބިފަ ހުރި ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބޭ ފްރެންޑްސް" މިއާއެކު ޝަޔާން އިތުރަށް ބުނީ އަބަދުވެސް ބަލަނީ އެންމެ އިންސާފުން މިކަން ކުރެވޭތޯއެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު އަންނަ 2019ވަނަ އަހަރުއެވޯރޑްދިނުމުގައި ވެސް ގެންގުޅޭނެކަމަށް ޝަޔާން ބުނެއެވެ. ހުސްވި2017ވަނަ އަހަރު 22ކެޓެގަރީއަކުން 30އެވޯރޑެއް ދީފާވާއިރު 90 އެކުވެރިން އެފަހަރު ފޭސްބުކް އެވޯރޑަށް ނޮމިނޭޓް ވެފައިވާކަމަށް އޭނާ ބުންޏެވެ. އެގޮތުން މިދިޔަ އަހަރު މިއެވޯރޑް ލިބުނު ފަރާތެއް މިއަދުނޫހަށް ވާހަކަދައްކަމުން ބުނީ އެވޯރޑަށް ނޮމިނޭޓްވި ކަން އިނގުމުން އުފާވިކަމަށާއި އެހެންނަމަވެސް އެހާބޮޑު އުއްމީދެއް ނުކުރާމަށެވެ. ސަބަބު ކިޔައިދެމުން އޭނާބުނީ ޝަޔާން އަކީ ކާކުކަން ނޭނގޭތީ އެހާވަރަކަށް އެކަމާވެގެން ނޫޅޭކަމަށެވެ. ނަމަވެސް އެވޯރޑް ލިބުމުން ސަޕްރައިޒްވެގެން ދިޔަކަމަށާއީ ޝަޔާންއަކީ އަސްލު ކާކުކަން އެނގެންފެށިކަމަށް އޭނާ ބުންޏެވެ. "ޝަޔާއަކީ ނައިސް މީހެއް. އެވޯރޑް ލިބުމުގެ ކުރިން ނޭނގޭ ކާކުކަންވެސް.. ހިތަށްއެރި ނުދަންނަމީހަކަށް ހިޔެއްނުވެޔޭ އެވޯރޑް ދީފާނެހެންނެއް.. އެހެންހުއްޓާ ޓައިމްލައިނުން ފެނުނީ އަޅުގަނޑަށް އެވޯރޑް ލިބިއްޖެކަންވެސް.. ވަރަށް ހެޕީވި އަސްލު.. މީހުން އެޕްރިޝިއޭޓް ކުރާކަން އެނގުނީމަ ވަރަށް ހެޕީދެން... ޝަޔާންގެ ކައިންޑްނެސްކަން މީގެން ވަރަށް ފެނޭ" މިދިޔަ އަހަރު ފެސްބްކް އެވޯރޑްއިން ބެސްޓް ޕީޕީ އަޕްލޯރޑަރ އެވޯރޑް ލިބުނު ޝަބާ ބުންޏެވެ.

އެހެން އަހަރުތަކާ ޙިލާފަށް މިހިނގާ 2018ވަނަ އަހަރުގެ ފޭސްބުކް އެވޯރޑްގައި 26 ކެޓެގަރީއަކުން 44އެވޯރޑެއް ހިމަނާފައިވާއިރު ޖުމްލަ 141 އެކުވެރިން މިފަހަރުގެ އެވޯރޑަށް ނޮމިނޭޓްވާނޭކަމަށް ޝަޔާން ބުނެއެވެ.މިއަހަރު ފަސް އެވޯރޑެއް އަލަށް ތަޢާރަފް ކޮށްފައިވެއެވެ. އެއީ ބެސްޓް މީމްސް ޕޯސްޓަރ، ބެސްޓް ޕަރސަނަލިޓީ، ބެސްޓް ޕްރޮފައިލް އެންގޭޖްމެންޓް، ބެސްޓް އިންސްޓަރގްރާމް ފީޑަރގެ އިތުރުން ބެސްޓް ޗެޓްލޮގް އެވޯރޑެވެ. މިކެޓެގަރީތަކުގައި އެކަނިވެސް 30އެކުވެރިންނޮމިނޭޓްވެ، 10ފަރާތަކަށް އެވޯރޑް ލިބެނެކަމަށް ޝަޔާން ބުނެއެވެ. މިއަހަރުގެ އެވޯރޑް ކެޓެގަރީތަކާއި ނޮމިނޭޓަރުން ޢިއުލާން ކުރާނީ މި މަހު 25، 26އަދި 27ގައި ކަމަށް ޝަޔާން ބުނެއެވެ. އަދި އެވޯރޑްލިބޭ ފަރާތްތަށް ޢިއުލާން ކުރުން އޮންނާނި އަންނަ އަހަރު ޖަނަވަރީ މަހުގެ 01، 02އަދި 03ގައި ކަމަށް އޭނާ ބުނެއެވެ. ޝަޔާން ފޭސްބްކް އެވޯރޑްދެނީ އޭނާގެ އެފްބީ އެކައުންޓް ސްޓޯރީގެ އިތުރުން އެވޯރޑް ކާމިޔާބުކުރާ އެކުވެރިންގެ ޓައިމްލައިންގައެވެ. ޝަޔާންގެ ގާތް ރައްޓެހިން މިކަމަށް ހިތްވަރުދީ ވާހަކަދައްކާކަމަށް އޭނާ ބުނެއެވެ. އެގޮތުން މިއަދުނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން ޝަޔާންގެ ގާތް ރައްޓެއްސެއް ބުނީ މިކަހަލަ ސަޅިކަމެއް ޝަޔާން ކުރަމުން އަންނާތީ އުވާކުރަކަމަށާއި ޝަޔާންއަކީ ތަފާތު ރައްޓެއްސެއްކަމަށެވެ. މީގެއިތުރަށް އޭނާ ބުނީ ޝަޔާންއަކީ އޭނާގެ އަމިއްލަ ލައިފަށް ވުރެން އެހެންމީހުންގެ ލައިފަށް އިސްކަންދޭ ރައްޓެއްސެއްކަމަށާއި ޝަޔާން ކުރާ ކޮންމެކަމެއްގައި އޭނާގެ ރައްޓެހިން އަބަދުވެސް ސަޕޯރޓް ދޭނޭކަމަށެވެ. މީގެއިތުރުން ޝަޔާން ފްރެންޑް ލިސްޓްގައި ހިމެނޭ އޭނާ ނުދަންނަ މީހަކާ މިއަދުނޫހުން ސުވާލުކުރުމުން ބުނީ ޝަޔާން އެފްބީ ހިންގުމުގައި ގެންގުޅޭ އުސޫލުތަށް ކަމުދާކަމަށާއި ޝަޔާންއަކީ ލޯބިން އެހެންމީހުންގެ ލޯބި ހޯދަން އުޅޭ މީހެއްކަމަށެވެ. ފޭސްބުކް އެވޯރޑް ދިނުމަށް ޝަޔާން ތައްޔާރުވަނީ ކޮންމެ އަހަރެއްގެވެސް އެއަހަރެއްގެ ބޮޑު ޗުއްޓީގައެވެ.

ކޮންމެއަކަސް ޝަޔާންގެ "ފޭސްބުކް އެވޯރޑް" އަޅުގަނޑުމެން މުޅިން ހައިރާން ކޮއްލުވައިފިއެވެ. މިކަހަލަ ތަފާތު ޓްރެންޑްތަށް ނުވަތަ ވައިބްތަށް މީސްމީޑިއާގައި މަދުން ނޫނީ ވަރަށް ނުފެންނާނެއެވެ. އެކުވެރިކަން އާލާކޮށް، އެމީހުންގެ އަގުވަޒަން ކުރުމަށް އެވޯރޑާއެކު ފައިސާގެ އިނާމެއް ހުށައެޅުމުގެ ޙިޔާލެއް ޝަޔާންއަށް އަޅުގަނޑުމެން ދިނުމުން އޭނާބުނީ އެކުވެރިކަމަކީ ފައިސާއިން އަގުނުކުރެވޭނެވަރުގެ އެއްޗެއްކަމަށާއި ފައިސާއިން އެކުވެރިކަމުގެ ގުޅުން ބަދަހި ކުރެވޭނެކަމަށް ޤަބޫލުކުރެވޭވަރުގެ ވިސްނުމެއް އަދި އޭނާގެ ސިކުނޑިއަށް ލިބިފައިނުވާކަމަށެވެ. " މިގޮތަށް އެފްބީ ފްރެންޑްސްގެ ސަޅިކަންތައްތަށް އެޕްރިޝިއޭޓްކޮށް އެމީހުންގެ މޫނުން ހިނިތުންވުން ގެނެސްދެވޭވަރު ކުރުން އެއީ އަސްލު މީއެވޯރޑްގެ ބޭނުމަކީ...ފައިސާގެ އިނާމެއް ނުނީ އެހެންއެއްޗެއް ދީގެން މިކަންކުރަންޏާ އެކުވެރިކަމުގެ ވާދައިގެ ރޫހުގެއްލި މައްސަލަތަށް ދިމާވާން ފަށާނެ... މިގޮތަށް އެވޯރޑް ދޭއިރު އެވޯރޑް ވިން ނުކުރެވޭ ފްރެންޑްސް ވެސް ވަރަށް އަންޑަސްޓޭންޑް ވޭ... އެމީހުންނަށްވެސް އެނގޭ މި އެވޯރޑް މިދެނީ ޝަޔާންގެ އެންމެ ބެސްޓް ޗޮއިސްއަށްކަން... އެހެން ނޫނަސް އެފްބީ ތެރޭގައި މިކަހަލަ ކަމެއް ކޮއްލެވޭނީ މިކަހަލަ ތަފާތު ގޮތަކަށްތާދޯ..." އައު ރައްޓެހިން ހޯދުމަށް ކޮންމެ އަހަރަކުވެސް އެފްބީ ފްރެންޑް ލިސްޓުން ދެހާސް މީހުން ކްލިއަރ ކުރަމުން އަންނަ ޝަޔާން ބުންޏެވެ. އެހެންކަމުން މިއީ ހަމަގައިމުވެސް ޝަޔާން އެފްބީ އެކުވެރިންގެ އަގުވަޒަން ކުރުމަށް އެނާ ގެންގުޅޭ ތަފާތު އެކުޅެއްކަމުގައި ނޫނީ ނުވާނެއެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ