މަރުގެ ވާހަކަތައް އަސްލާ އެއްގޮތަށް ދައްކަން ޖެހިލުންވަނީ ހަޤީޤަތް ހާމަކުރަން ބޭނުން ނުވާތީ!: ވައްހާޖް ތަރިން

މަރުގެ ވާހަކަތައް އަސްލާ އެއްގޮތަށް ދައްކަން ޖެހިލުންވަނީ ހަޤީޤަތް ހާމަކުރަން ބޭނުން ނުވާތީ!: ވައްހާޖް ތަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

މަރުގެ ވާހަކަތައް މީހުންނަށް މިހާރު ކިޔައިދެވެނީ އެންމެ ރަނގަޅަށް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މަރުވުމަކީ ކޮންމެ މީހަކު ވެސް ކުރިމަތިލާން ޖެހޭ އިލާހީ ސުންނަތެކެވެ. މަރާއި ކުރިމަތި ނުލައި ހަމަ އެކަކަށްވެސް ނުހުރެވޭނެއެވެ.

އެންމެންވެސް މިކަން ޤަބޫލުކުރެއެވެ. މަރުވާނެ ވަގުތު ނުއެނގޭނެކަންވެސް ޤަބޫލުކުރެއެވެ. މަރުވާނެ ތަނަކާއި މަރުވާނެ ގޮތަކާއި އުމުރު އެއީ އެއްވެސް މީހަކަށް އެނގޭނެ ކަންކަން ނޫން ކަމަށްވެސް ޤަބޫލުކުރެއެވެ. ހަމަ އެކަނި ޤަބޫލު ނުކުރެވިގެން މިއުޅެނީ މަރަށް ތައްޔާރުވާން ޖެހޭ ކަމެވެ. ކޮންމެ ވަގުތަކުވެސް ﷲ ތަޢާލާ ތިމާގެ ފުރާނަ ގެންދަވައިފާނެ ކަމެވެ. އަމަލު ނުކުރެވިގެން މިއުޅެނީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައެވެ. 

މިކަން މިހެންވުމަށް މެދުވެރިވާ އެއް ސަބަބަކީ މަރުވުމުން މިދެކެވޭ ވާހަތަކެވެ. މިސާލަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޑޮކްޓަރުން ފަރުވާ ދެމުން ގެންދަނިކޮށް މަރުވެދާނެއެވެ. މަރު ފޯމުގައި ކޮންމެވެސް ސަބަބެއް ލިޔާނެއެވެ. ހިތް ހުއްޓުނީ ކަމަށްވެސް ބުނެފާނެއެވެ.

ހިތް ހުއްޓުނީ ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ އެހެން ސަބަބެއްވެސް މެދުވެރިވެދާނެއެވެ. ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ކޮންމެ ކަމެއް މެދުވެރިވެގެން ނަމަވެސް މަރުވާނީ އުމުރު ހަމަވުމުންކަމެވެ. ދުނިޔެއަށް އެމީހަކު ލުމަށް ﷲ ތަޢާލާ މިންވަރު ކުރައްވަވާފައިވާ ނޭވާގެ އަދަދު ހަމަވުމުން ކަމެވެ.  

މިވާހަކަތައް މިގޮތަށް ކިޔައިދޭން މިޖެހެނީ ސަބަބެއް އޮވެގެންނެވެ. މިސާލަކަށް ޑޮކްޓަރަކު ތިބާގެ ހިތުގެ ލޭ ހިނގުމުގައި މައްސަލައެއް އެބަ އުޅޭ ކަމަށާއި ކަސްރަތު ކުރަން ޖެހޭނެ ކަމަށް ބުނެފިނަމަ އެކަން އެބަ ކުރަމުއެވެ. ކިޑްނީގައި މައްސަލައެއް އެބަ އުޅޭ ކަމަށް ބުނެ މިވެނި އެވެނި ތަކެތި ނުކެއުމަށް ބުނެފިނަމަ އެތަކެތި ކެއުން އެބަ ހުއްޓާލަމުއެވެ. މިހުރިހާ ކަމެއްވެސް މިކުރަނީ ހަމަ މަރު ނުވަން ވެގެންނެވެ. މަރަށް ބިރުންނެވެ.  

ޑޮކްޓަރު ބުނާ ބުނުމަށް މިހުރިހާ ކަމެއް ކުރާއިރު ދުނިޔޭގައިވާ ހުރިހާ ޑޮކްޓަރުންނަށްވުރެ މާމަތިން ﷲ ތަޢާލާ އެންގެވި އެންގެވުން ހަނދާނެއް ނުހުރެއެވެ. ﷲ ތަޢަލާގެ އެންގެވުންތަކަށް އަމަލެއް ނުކުރެއެވެ. މިބުނަނީ އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނަން ﷲ ތާޢާލާ އަންގަވާފައިވާ އެންގެވުންތަކަށް އަމަލު ނުކުރާ ވާހަކައެވެ. އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރާ ވާހަކައެވެ. ނަހީކުރެއްވެވި ކަންކަމުން ދުރުހެލި ނުވާ ވާހަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަން މިގޮތަށް މެދުވެރިމިވަނީ މަރުގެ ވާހަކަތައް ދެކެވޭ ގޮތުންނެވެ. މަރުވުމަށް ދުނިޔަވީ ސަބަބުތައް ދެއްކޭތީއެވެ. އެކަން އަހަރެމެންނަށް ބަލައިގަނެވޭ މިންވަރު ބޮޑުވުމުންނެވެ. މަރުވާ ޙަޤީޤީ ސަބަބުގެ ވާހަކަތައް ދެކެވޭ މިންވަރު މަދުވުމުންނެވެ. 

ރަނގަޅަށް ވިސްނާށެވެ! އެންމެ ބޮޑު ބުއްދިވެރިއަކީ އަދި އެންމެ ވިސްނުންތެރިކަމާއިއެކު ކަންކަން ކުރާމީހަކީ އެންމެ ގިނައިން މަރު ހަނދާންކުރާ މީހާކަން ޙަދީޘުން ސާބިތުވާން އެބައޮތެވެ. ނަމަވެސް މި ފަދަ ކަންކަމަށް އެބަ ވިސްނައިލެވޭ ހެއްޔެވެ؟

އާޚިރަތް ލިބިގަތުމަށްޓަކައި އަހަރެމެން ކޮންމެ މީހަކީވެސް ގިނަގިނައިން މަރު ހަނދާންކުރާ މީހަކަށް ވާން އެބަޖެހެއެވެ. މަރު ހަނދާން ކުރުމަށްޓައި މަރުގެ ވާހަކަތައް އެއިގެ އަޞްލާއި އެއްގޮތަށް ދައްކާ ބައަކަށްވާން އެބަޖެހެއެވެ.

މަރުގެ ވާހަކަތައް އަސްލާ އެއްގޮތަށް ދައްކަން ޖެހިލުންވަނީ ހަޤީޤަތް ހާމަކުރަން ބޭނުން ނުވާތީއެވެ. އެއީ އިސްލާމް ދީނާއި ދެކޮޅު ސިޔާސަތެކެވެ. ވީމާ މިފަދަ ސިޔާސަތުތަކާއި މުޅިން ދުރަށް ދާން އެބަޖެހެއެވެ.

--ވައްހާޖް ތަރިންގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް