އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިޔަފާރިވެރިޔާގެ ވާހަކައާ މިވާހަކަ ގުޅުމެއް އެބަހުރި؟- ބޭރު ފައިސާ ރައްކާކުރާނެ ތަނެއް ސިފައިންގޭގަ ރައީސް ޔާމީނު ހެއްދުވި: ކާނަލް ނާޒިމް

ވިޔަފާރިވެރިޔާގެ ވާހަކައާ މިވާހަކަ ގުޅުމެއް އެބަހުރި؟- ބޭރު ފައިސާ ރައްކާކުރާނެ ތަނެއް ސިފައިންގޭގަ ރައީސް ޔާމީނު ހެއްދުވި: ކާނަލް ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 45 ސިކުންތު

ބޭރު ފައިސާ ރައްކާކުރާނެ ތަނެއް ސިފައިންގޭގައި ރައީސް ޔާމީނު ހެއްދުވި ކަމަށާއި އެކަމުގައި ރައީސް ޔާމީނާއި ޚިޔާލު ތަފާތުވުން އެއީ ކާނަލް ނާޒިމް އާއިމެދު ރައީސް ޔާމީނުގެ ހިތްޕުޅުގައި ނުތަނަވަސްކަން އުފެދުނު އެއް ސަބަބުކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

 

ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ކާނަލް ނާޒިމް މިއަދު ވިދާޅުވީ މި މައްސަލައާއި ފުލުހުން ބޭނުންކޮށްގެން މާލޭގެ މަގުތަކުގައި ހުރި ފެންފޯއް ގަސްތައް ކެނޑުވުމަކީ "ސްޓޭޓް ސްޕޮންސަރޑް ޓެރަރިޒަމް" ކަމަށް ރައީސް ޔާމީނަށް ދެންނެވުން ވެގެންދިއައީ ރައީސް ޔާމީނުގެ ހިތްޕުޅު ނުތަނަވަސްވި ދެ ސަބަބަށް ކަމަށެވެ. އަދި އެހިސާބުން ފެށިގެން ހުންނެވީ ކޮންމެ ވަގުތަކުގައިވެސް ވަޒީފާއިން ވަކިކުރައްވައިފާނެ ކަމަށް ބައްލަވައިގެން ކަމަށެވެ. "ނަމަވެސް އަޅުގަނޑު އެއްވެސް ޙާލެއްގައި ހީއެއް ނުކުރަން އަޅުގަނޑުގެ ބޮލުގައި ބޮޑު ކަމެއް އަޅުވައި އަޅުގަނޑަށް އަނިޔާކޮށްފާނެ ކަމަކަށް."

 

ކާނަލް ނާޒިމްގެ ވާހަކަފުޅުން:

 

"ބޭރު ފައިސާ ރައްކާކުރާނެ ތަނެއް ސިފައިންގޭގަ ހެދުމަށް ރައީސް ޔާމީން އަޅުގަނޑު ގާތު ވިދާޅުވި. އަޅުގަނޑު ދެންނެވިން އެކަން ކުރުމަކީ އެހައި ރަނގަޅު ކަމެއް ނޫން ކަމަށް. ދިވެހިޜާއްޖެއަށް ބޭރު ފައިސާ އެގޮތަށް ނުގެނެވޭނެ ކަމަށް. ގެންނަވާނަމަ ގެންނަވަން ޖެހޭނީ އެމްއެމްއޭ މެދުވެރިކޮށް ކަމަށް. އެހެން ނަމަވެސް ރައީސް ވިދާޅުވި ނާޒިމް ތިމަންއަކަށް އެއްބާރުލުމެއް ނުދިނޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑު މިހިރީ އެއްބާރުލުން ދޭށޭ. ނަމަވެސް ޤާނޫނާ ޤަވާއިދުގެ ތެރެއިން ނޫނީ އަޅުގަނޑަކަށް އެއްބާރުލުމެއް ނުދެވޭނޭ. ދެން އެހެން ނަމަވެސް މިކަމަށް ވަރަށް ބޮޑަށް ބާރު އެޅުއްވި.

 

ސިފައިންގެ ތެރޭގަ ހެދިފަ ހުންނަ ކުރީގެ ދައުލަތުގެ ޚަޒާނާގަ އެކަމާ ގުޅިގެން ކުޑަތަންކޮޅެއް އަޅުގަނޑުމެން ހަދާ ދިނިން. އަޅުގަނޑު ދެންނެވިން ރައީސް ޔާމީނަށް މިތަން ހެދިއަސް ތިކަން ކުރުމުގަ އަޅުގަނޑު ބައިވެރިނުވާނެ ކަމަށް. ރައީސް ޔާމީން (ސިފައިންގެ އެންމެ މަތީވެރިޔާ) ކުރައްވާނަމަ އެކަން ކުރެއްވުމުގަ އަޅުގަނޑުގެ މައްސަލައެއް ނެތް ކަމަށް. އެހެންނަމަވެސް އަޅުގަނޑު އެކަން އެމްއެމްއޭގެ ސަމާލުކަމަށްވެސް ގެނައިން. އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާއަށް އަޅުގަނޑު ދެންނެވިން ރައީސް ޔާމީން މިފަދަ ކަމެއް ކުރައްވަން އެބަ މަސައްކަތް ކުރައްވައޭ. މިކަން ކުރެވިގެން ނުވާނެ ކަމަށް. އަޒީމާ އާ ސުވޫލުކުރުމުން ސާފުވާނެ. އަޅުގަނޑު ވަޒީފާއިން ވަކިކުރި އިރު އެކަމެއް އަދި ނުއެއް ކުރެއްވޭ. ޙަޤީޤަތް އެނގޭނީ ފުލުހުން ތަޙްޤީޤް ކުރީމަ."

 

ކާނަލް ނާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު ފައިސާ އެއްތަނުން އަނެއް ތަނަށް އުފުލަން ބޭނުންކުރާ ޒާތުގެ ފޮށިތަކާއިއެކު ރޭގަނޑު ދަންވަރު ސިފައިންގެ ވެހިކަލެއް ރައީސް ޔާމީނު ކުރިން ދިރިއުޅުއްވި ގ. ދޫވެހި ކައިރީގައި ހަތިޔާރުއެޅި ސިފައިންނާއިއެކު ހަރަކާތްތެރިވި މަންޒަރު ބައެއް މީހުންނަށް ވަނީ ފެނިފައެވެ.

 

މިއަދުނޫހަށް މައުލޫމާތު ދިން އެފަދަ މީހަކު ބުނީ ވެހިކަލް ކަރީގައި ހަތިޔާރު އެޅި ސިފައިންގެ އޮފިސަރުންގެ ބައަކު ތިބި ކަމަށާއި ވެހިކަލް ދުއްވާފައި ގޮސް ވަނީ މުލީއާގޭ ފާރު ކަނޑައިގެން ފަހުން ހަދާފައިވާ ދޮރުން ކަމަށެވެ. އަދި އެއީ ފަތިހު 4.00 ހައިއިރުކަމަށްވެސް އޭނާ ބުނެފައިވެއެވެ.

 

އޭނާއަކީ ރާއްޖޭގެ އެންމެ އިސް ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން ފައިސާ އުފުލަން ޚާޞްކޮށްފައި ހުންނަ ފޮށި އޭނާއަށް ވަކިކުރައްވަން އެނގިވަޑައިގަންނަވާނެ ކަމަށް ޤަބޫލުކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް