އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބިލީސް އަމިއްލައަށް އޭނާގެ ނުބައިކަން ބުނެދީގެން ނަމާދު ހަލާކުކުރާކަން ވިސްނޭތަ؟

އިބިލީސް އަމިއްލައަށް އޭނާގެ ނުބައިކަން ބުނެދީގެން ނަމާދު ހަލާކުކުރާކަން ވިސްނޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 31 ސިކުންތު

ނަމާދުކުރަން ހަމަ ފެށުމާއިއެކު އިބިލީސް އައިސް ވަސްވާސް ދޭން ފަށާ ވާހަކަ އަބަދުވެސް ދައްކަމުއެވެ. މިގޮތުން ނަމާދު ހަލާކުކޮށްލަން ކުރާ މަސައްކަތްތަކުގެ ތެރެއިން އިބިލީސް ކުރާ އެއްކަމަކީ އޭނާގެ ނުބައިކަން ބުނެދިނުމެވެ. އިބިލީހަކީ ނުބައި ނުލަފާ ޝައިޠާނެއް ކަމާއި އިބިލީސް ދައްކާ ވާހަކަ ޤަބޫލުކުރަން ނުވާނެކަން ބުނެދިނުމެވެ.

 

މީސްތަކުންނޭވެ! މިއީ އިބިލީސް ޖަހާ ވަރަށް ވަރުގަދަ މަޅިއެކެވެ. އެހެނީ ނަމާދަށް ހުންނައިރު ވިސްނަން ޖެހޭނީ އިބިލީހާއި މެދަކު ނޫނެވެ. ނަމާދާއި މެދުގައެވެ. ނަމާދުގައި ކިޔާ ތަކެއްޗާއިމެދުގައެވެ. މިހުރެވެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ކަމާއިމެދުގައެވެ. ބިރުވެތިވެ ޚުޝޫޢަތްތެރިވާންވީ ﷲ ތަޢާލާ އަށެވެ.

 

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އިބިލީހުގެ ނުބައިކަން ފަދަ ކަންކަމާއިމެދު ވިސްނުމުން އެކުރެވެނީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ރަނގަޅެވެ. އިބިލީހުގެ ނުބައި ނުލަފާ ކަމާއި މަކަރުވެރިކަމާއި އަދި އިބިލީހަކީ އަހަރެމެންގެ އެންމެ ބޮޑު ދުޝްމިނު ކަމާއިމެދު ވިސްނުން އެއީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ނަމާދުގައި ހުންނަ ވަގުތަކު ނޫނެވެ. އެކަން ކުރަންވީ ނަމާދުން ބޭރުގައެވެ. ނަމާދަށް ހުރެ ވިސްނަން ޖެހޭނީ ނަމާދާއިމެދުގައެވެ.

 

އިބިލީހުގެ ނުބައިކަމާއިމެދު ވިސްނަން ފަށައިފިނަމަ ވިސްނުން ނަމާދުން ބޭރުކޮށްލާނެއެވެ. އިބިލީހުގެ ނުބައިކަމުން ތިމާއަށް ކުރެވިފައި ހުންނަ ފާފަތަކާއި ދިމާއަށްވެސް ވިސްނުން ގެންދުވާނެއެވެ. އެހިސާބަށް ކަންކަންދާއިރު ނަމާދުގައި ކިޔޭ ތަކެއްޗާއިމެދު ހުންނަނީ މުޅިންހެން ދުރުވެވިފައެވެ. ވާނުވާ ވެސް ނުއެނގޭ ހިސާބަށް ކަންކަން ގޮސްފައެވެ.

 

ނަމާދަށް ފެށުމުގެ ކުރިން އިބިލީހުގެ ވަސްވާސްތަކުން ދުރުހެލިކޮށް ދެއްވަވާތޯ ދުޢާކުރާށެވެ! އަޢޫޛް ކިޔާށެވެ! ނަމާދަށް ހަރަމް ބަނުމާއިއެކު ނަމާދަށް ނޫނީ ނުވިސްނާށެވެ! ނަމާދު ނަމާދަކަށް ވާނީ ފުރިހަމައަށް ނަމާދުކުރެވިގެންނެވެ. ނަމާދުގައި ޣާފިލުވާ މީހުންނަށް ﷲ ތަޢަލާ ލައްނަތް ލައްވަވާނެތެވެ. ވީމާ ނަމާދުގައި ޣާފިލު ނުވުމަށް، އެހެން ކަންކަމާއިމެދު ނުވިސްނުމަށް ގަދަ އަޅައި މަސައްކަތް ކުރާށެވެ.

 

ނަމާދުގެ 4 ރަކްޢަތް ކުރާއިރު ކޮންމެ ރަކްޢަތެއްގައި ހުރެގެން އޭނާގެ 4 ފިހާރައިން ކުރެ އެއް ފިހާރައިގެ ހިސާބުތައް ހަދާ މީހާގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭނާއަށް 4 ރަކްޢަތް ކުރެވުނުކަން ޔަޤީންވަނީ ނަމާދުގައި 4 ފިހާރައިގެ ހިސާބުތައް ހެދިއްޖެނަމައެވެ. މަސައްކަތް ކުރަންވީ އެފަދަ މީހަކު ކަމުގައި ނުވުމަށެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް