އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރީގެ ސަރުކާރުތަކުގެ ކަންކަން ނޫސްވެރިން ހާމަނުކުރިނަމަ މިއަދުވެސް ރާއްޖޭގައި އޮތީހީ ގޮށްމުށުގެ ބާރާއި އަނިޔާވެރިކަން: ރައީސް ޞާލިޙް

ކުރީގެ ސަރުކާރުތަކުގެ ކަންކަން ނޫސްވެރިން ހާމަނުކުރިނަމަ މިއަދުވެސް ރާއްޖޭގައި އޮތީހީ ގޮށްމުށުގެ ބާރާއި އަނިޔާވެރިކަން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 41 ސިކުންތު

ކުރީގެ ސަރުކާރުތަކުގެ ކަންކަން ނޫސްވެރިން ހާމަނުކުރިނަމަ މިއަދުވެސް ރާއްޖޭގައި އޮތީހީ ގޮށްމުށުގެ ބާރާއި އަނިޔާވެރިކަމާއި ް. ކޮރަޕްޝަނާއި ފަސާދަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި ނޫސްވެރިންގެ އެންމެ އިސް މަޞްލަޙަތަކީ ޤައުމުގެ މަޞްލަޙަތެވެ. "މިދިއަ އަހަރުތަކުގައި ދައުލަތުގެ ކަންކަން ގަޑުބަޑުވެގެން ދިއައިރު، އެކަމުގެ ޙަޤީޤަތްތައް ހާމަކުރުމުގެ ޒިންމާ، ނޫސްވެރިން ނުނެންގެވިނަމަ، މިއަދުވެސް މި ރާއްޖެ އޮތީހީ އެ ޙާލަތުގައި. މިރާއްޖޭގައި އޮތީހީ ގޮށްމުށުގެ ބާރާއި އަނިޔާވެރިކަން.

ކޮރަޕްޝަނާއި ފަސާދަ." ނޫސްވެރިން ކުރި މަސައްކަތްތަކަށް ތަޢްރީފް ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޤާނޫނުތަކާއި ޤަވާޢިދުތައް ހަދައިގެން ނޫސްވެރިންނަށް ބިރުދައްކަމުން ދިއައިރުވެސް، ޤައުމުގެ ޙައްޤުގައި ނޫސްވެރިން އެދުވަހު އެ މަސްއޫލިއްޔަތު އުފުލީ، ޤާނޫނަކުން އެމީހުންނާ އެ ޒިންމާތައް ހަވާލުކޮށްގެން ނޫން ކަމަށެވެ.

"ޤާނޫނީ އެއްވެސް ޙިމާޔަތެއް ލިބިގެންނެއްވެސް ނޫން. ނޫސްވެރިން އެ ދުވަހު ބިރުފަހަނަޅައި ނުކުމެ، ސަރުކާރުގެ ނުރަނގަޅު ޢަމަލުތައް ހާމަކުރީ މި ޤައުމަށް ހެޔޮއެދޭތީ." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ބޭއިންޞާފާއި އަނިޔާވެރިކަމާ ދެކޮޅަށް، ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް، "އަޅުގަނޑު މިއަދު ސެލިއުޓް ކުރަން" ކަމަށެވެ. "ސަރުކާރުގެ ފަސާދައާއި ކޮރަޕްޝަންތަކާމެދު، ރައްޔިތުން ހޭލުންތެރިކުރުވުމަށް، ކުރި މިންނެތް މަސައްކަތަށް ސާބަސް ރައްދުކުރަން. ހެޔޮ ވެރިކަމަކަށް ޤައުމުގެ މިސްރާބު ބަދަލުވެއްޖެކަން، ރައްޔިތުންނަށް ޤަބޫލުކުރެވުނީ، ނޫސްވެރިން އޭރު ކުރި މަސައްކަތުން.

" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޤާނޫނަކުން ބާރު ނުދިން ނަމަވެސް ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށާއި އަދި އެންމެ ނުފޫޒުގަދަ ބާރުވެސް ކަމަށެވެ. "ވީއިރު، ނޫސްވެރިކަން ހިފެހެއްޓުމަށްޓަކައި ޤާނޫނީ ބަނދެވުންތަކެއް އޮންނަންޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. ނޫސްވެރިކަމުގެ މިނިވަންކަން ދީގެން، މި ސަރުކާރަށް ގެއްލޭނެ އެއްވެސް އެއްޗެއް، އަދި ލިބޭނެ ގެއްލުމެއްވެސް ނޯންނާނެ." "ޒަމާނީ ޑިމޮކްރަސީތަކުގައި ނޫސްވެރިކަން އޮންނަނީ، ސެލްފް ރެގިއުލޭޓް ނިޒާމެއްގެ ގޮތުގައި.

ދިވެހި ނޫސްވެރިކަމަށްވެސް އެންމެ މަޞްލަޙަތު ހުރި ގޮތަކީ، ނޫސްވެރިން އަމިއްލައަށް އެމީހުންގެ އިންތަކާއި މިންތައް ކަނޑައަޅައިގެން ކުރިއަށް ދިޔުން. އަޚްލާޤީ މިންގަނޑުތަކާއި، ނޫސްވެރިކަމުގެ އުސޫލީ ހަމަތައް އެކަށައެޅުމަކީ ނޫސްވެރިންގެ އަމިއްލަ ޒިންމާއެއް." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ނޫސްވެރިކަން ކުރިއަރުވައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް، ދެ ޤާނޫނަކުން ދެ މުއައްސަސާއެއް މިހާރުވެސް އުފައްދާފައި އެބަހުރި ކަމަށެވެ.

ނަމަވެސް، އެ ދެ މުއައްސަސާ މެދުވެރިކޮށް ސަރުކާރުން، މިހާތަނަށް ކުރި ކަމަކީ، ތަފާތު ކަންކަމުގައި ނޫސްވެރިން ކުށްވެރިކޮށް، ނޫސްވެރިކަމުގައި އަނދަގޮނޑި ޖެހުމާއި ނާޖާއިޒުގޮތުގައި ޤާނޫނުތައް ބޭނުންކޮށް، ނޫސްވެރިކަން ޤަޢިދުކޮށް ހިފެހެއްޓުން ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ސަރުކާރަކީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނޫސްވެރިން ފަހައި ދުވެ، ޤާނޫނުތަކުގެ މަޅީގައި ނޫސްވެރިން ޖައްސާނެ ސަރުކާރެއް ނޫން ކަމަށެވެ. ނޫސްވެރިންނަކީ މި ސަރުކާރަށް ހުރި ބިރެއް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަން ނޫސްވެރިކަމަކީ، މި ސަރުކާރު ދެމިއޮތުމުގެ މައިބަދަ ކަމަށެވެ. "އަޅުގަނޑުމެން ވެރިކަމަށް އައީވެސް، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގެ ވަޢުދާއެކު. އައު ވެރިކަމެއް އިންތިޚާބު ކުރުމުގެ މަރުޙަލާއަށް ދިޔައިރު، ދިވެހި ނޫސްވެރިކަން އޮތީ، އަބުރުގެ ޤާނޫނުން އަނދަގޮނޑި ޖަހާފައި.

ސަރުކާރުން ދިޔައީ ނޫސްވެރިންނާއި ނޫސް އިދާރާތައް، މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަމުން. އަޅުގަނޑު ވެރިކަމާ ހަވާލުވުމަށްފަހު، އެ ބިރުވެރިކަމުން ނޫސްވެރިން ސަލާމަތް ކުރުމުގެ މަސައްކަތް ވާނީ ފަށާފައި. އަޅުގަނޑު އެންމެ ފުރަތަމަ ތަޞްދީޤު ކުރި ބިލަކީ، އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލް. އެކަން އެގޮތަށް މެދުވެރިވުމަކީ، މިނިވަން ދިވެހި ނޫސްވެރިކަމަށް،މާތް ﷲ މިންވަރު ކުރެއްވި ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން." ރައީސް ގެ ވާހަކަފުޅުން

: "ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރާއިރު، އަޅުގަނޑުމެންނާ އަލްވަދާއު ކިޔާފައިވާ ދެ ނޫސްވެރިއެއްގެ ހަނދާން އައުކުރަން މިއަދު އެބަޖެހޭ. އެއީ ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން. އަދި ވަރަށް އިހާނެތިގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރ ޔާމީން ރަޝީދު. އެ ދެ ނޫސްވެރިން އަޅުގަނޑުމެންނާ ވަކިވުމަކީ، ދިވެހި ނޫސްވެރިންގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް، ހިތްދަތިކަމެއް. އެއީ މި ސަރުކާރުން އަޅާނުލައި ދޫކޮށްލާނޭ ދެ މައްސަލައެއް ނޫން. އެކަންކަމުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި، މި ވެރިކަމުގެ ފުރަތަމަ ދުވަހު އަޅުގަނޑު ވާނީ،

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފައްދާފައި. އިރާދަކުރެއްވިއްޔާ، އެ ކޮމިޝަންގެ އެހީތެރިކަމާއެކު، އެ ދެ މައްސަލައިގެ ޙަޤީޤަތާ ހަމައަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ. އަޅުގަނޑު އުންމީދު ކުރަނީ، އިންސާނިއްޔަތުކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ޙަޤީޤީ ކުށްވެރިން ހޯދައި، އެކަމުގެ ޙަޤީޤަތް ހާމަކުރެވޭނެ ކަމަށް. އެ ކޮމިޝަނުން އެ މަސައްކަތް އަވަސްކޮށްދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މި ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާ އެކުގައި.

އަޅުގަނޑުމެން ކުރިއަށްދާނީ، ބިނާކުރަނިވި ފާޑުކިޔުންތަކާ އެކުގައި. ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށްވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުންވެސް، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި އަޅުގަނޑަށް މުހިންމު. އަޅުގަނޑުގެ ދުޢާއަކީ، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ނޫސްވެރިން ތިޔަ ކުރައްވާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލެއްވުން. ޙައްޤުތައް ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ހެޔޮ ތައުފީޤު، މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި!

އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް