އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިޓް ކްލަބެއް ހިންގި ޒުވާނަކު އިސްލާމްވެ މުވައްޒިފުންނާ އެތައްބައަކު އިސްލާމްކޮށްފި

ނައިޓް ކްލަބެއް ހިންގި ޒުވާނަކު އިސްލާމްވެ މުވައްޒިފުންނާ އެތައްބައަކު އިސްލާމްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 50 ސިކުންތު

އަހަރެން ބައްޕަގެ ރައްޓެހިން އަތުލް ލޯނު ނަގައިގެން ނައިޓްކްލަބެއް ހިންގަން ފެށީ އުމުރުން 21 އަހަރުގައެވެ. ފުރަތަމަ ރަނގަޅު އާމްދަނީއެއްވެސް ލިބުނެވެ. ދެވަނަ އަހަރު ވިޔަފާރި ދަށަށްދާން ފެށިއެވެ.

 

މައިގަނޑު މައްސަލައަކަށްވީ ކަސްޓަމަރުން އައިސް މަސްތުވެ ތަޅާފޮޅަން ފެށުމެވެ. ތަނުގައި މަސައްކަތްކުރާ އަންހެން ކުދިންނަށް ތަފާތު ގޯނާތައް ކުރަން ފެށުމުން މަސައްކަތް ކުރާނެ އަންހެން ކުދިން ލިބުމުގައިވެސް ދަތިތައް ކުރިމަތިވާން ފެށުމެވެ.

 

އަހަރެމެންނަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ހިންދޫ ޢާއިލާއެކެވެ. ބައްޕައަކީ ހިންދޫ ހާމުދުރެކެވެ. އަހަރެންވެސް އޮތީ ހާމުދުރަކަށް ވުމަށް ހަމަޖެހިފައެވެ. ވިޔަފާރީގައި ބޮޑެތި ގެއްލުންތައް ލިބެން ފެށުމުން ބައްޕަގެ ލަފައާއިއެކު ހިންދޫ ޕަންޑިތުން ގާތަށް ގޮސް ފަންޑިތަ ހަދަން ފެށީމެވެ. އެ ދުވަސްވަރު ވިޔަފާރި ކުރިއަރައިގެންވެސް ދިއައެވެ. ކުރިއަށްވުރެ މާގިނައިން ފައިސާވެސް ލިބުނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއް ފަހުން ހަމަ އެ މައްސަލަތައް ކުރިމަތިވާން ފެށިއެވެ. މާބޮޑަށް ގެއްލުންވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން 2 ވަނަ އަހަރު ނިމުނުއިރު ވަނީ 800،000 ޑޮލަރުން ދަރަނިވެރިވެފައެވެ.

 

އެހިސާބުން ވިސްނުނެވެ. މިއީ ކުރަން ރަނގަޅު މަސައްކަތެއް ނޫނެވެ. އަދި ހިންދޫ ދީނަކީވެސް ރަނގަޅު ދީނެއް ނޫނެވެ. ބޮޑު ޚަރަދުކޮށްގެން މި ހެއްދުނު ފަންޑިތަތަކަކީވެސް ކުރެވުނު ހަމަ ބާޠިލު ކަންތައްތަކެކެވެ.

 

އެ ހިސާބުން ރަނގަޅު ދީނެއް ހޯދަން މަސައްކަތް ފެށީމެވެ. ހިންދޫ ދީނާއިމެދު އެންމެ ބޮޑަށް ފޫހިވީ 20،000 އަށްވުރެ ގިނަ ކަލާނގެތައް ތިބޭތީއެވެ. ކްރިސްޓިއަން ދީނަށް ބެލިއިރު އެތައް ސަތޭކަ ތަފާތު ބައިބަލްތައް އެބަހުއްޓެވެ. ކޮންމެ ފޮތެއްގައިވެސް ބުނަނީ އެއީ ޞައްޙަ ފޮތް ކަމަށެވެ. ދެން އެތަނުން ރަނގަޅީ ކޮން ފޮތެއްކަން ބަލަނީ ކިހިނެއް ހެއްޔެވެ؟

 

ކީރިތި ޤްރްއާނުން ފެނުނީ ވަރަށް ކަމުދިއަ ވާހަކަތަކެކެވެ. އީމާންވާން ޖެހެނީ އެންމެ އިލާހަކަށް ކަމަށްވުމެވެ. ކުށް ކުރީމާ އެންމެން ހަމަވާގޮތަށް އަދަބު ލިބޭކަމެވެ. އަދި ކުށެއް ކުރެވިގެން ތައުބާ ވެއްޖެނަމަ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެވެ. މިހެންގޮސް އެ ފޮތުން ފެނުނީ ހައްތާވެސް އަހަރެން ޝައުޤްވެރިކުރުވި ކަންތައްތަކެވެ.

 

އިސްލާމްވުމަށް ނިންމުމުން އެކަން ނުކުރުމަށް އިބިލީސް ވަރަށް ބޮޑަށް ވަސްވާސް ދިނެވެ. ބިރުވެސް ދެއްކިއެވެ. މިވެނި އެވެނި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބުނެއެވެ. ބައްޕަ ވެސް ބުނީ ގުޅުން ކަނޑައިލާނެ ކަމަށެވެ. މިހުރިހާ ސަބަބުތަކާއިހުރެ ކުޑަކޮށް ޖެހިލުންވެސްވިއެވެ. ނަމަވެސް އަހަރެން ނިންމީ އިސްލާމް ވުމަށެވެ. އެގޮތަށް ނިންމައި ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކޮށް އިސްލާމްވީއެވެ.

 

އެވަރަކުން ހުއްޓައެއް ނުލަމެވެ. އަނބިމީހާއަށް ވިސްނައިދީގެން އޭނާވެސް މިހާރު ވަނީ އިސްލާމްވެފައެވެ. ނައިޓް ކްލަބުގައި މަސައްކަތްކުރި ގިނަ އަދަދެއްގެ މުވައްޒިފުންނާއި ބައެއް ރައްޓެހިންވެސް މިހާރު ވަނީ އިސްލާމްވެފައެވެ. އިރާދަކުރެއްވިއްޔާ އަހަރެންގެ މަސައްކަތް އޮތީ ކުރިއަށެވެ.

 

(ހައްޖު ލައިވްގެ ވީޑިއޯއަކުން- ވީޑިއޯގައި ޒުވާނާ އޭނާގެ ނަން ބުނެފައެއް ނުވެއެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް