އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ކޮމިޝަނަށް ދިން ބާރުތަކެއް ބިލުން ނަގައިފި

ދެ ކޮމިޝަނަށް ދިން ބާރުތަކެއް ބިލުން ނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 15 ސިކުންތު

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭންގޭ މަރުތަކުގެ ހަޤީޤަތް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އުފައްދާފައިވާ ދެ ކޮމިޝަނަށް ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދޭގޮތަށް ރައްޔިތުންގެ  މަޖިލީހަށް ހުށަހެޅި ބިލުން ބައެއް ބާރުތައް އުނިކުރުމަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެބިލް ފާސްކޮށްފިއެވެ.

 

ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތަޅުމަށް މިބިލް ހުށަހަޅުއްވާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ. މިބިލް މަޖިލީހަށް ހުށަހެޅިއިރު ދެ ކޮމިޝަނަށް ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދިނުމަށް ހުށަހަޅާފައިވާތީ އެކަމާއިމެދު ޕީޕީއެމް އަދި ސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުންނާއި ބައެއް ޤާނޫނީ ވަކީލުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

 

ބިލްގެ ނަން މިހާރު ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނަށް ބަދަލުކޮށްފައިވާއިރު، މި ބިލް މިހާރު އޮތްގޮތުން ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރެވޭނެއެވެ. ބިލް މަޖިލީހަށް ހުށަހެޅިއިރު ރިޔާސީ ކޮމިޝަނަށް ވަނީ ކޮމިޝަންތަކުން ކުރާ ތަހުގީގުތަކާއި ގުޅިގެން ފުލުހުން މެދުވެރިކޮށް، ތަންތަން ބަލައި ފާސް ކުރުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ފުރުސަތު ލިބިދީފައެވެ.

 

ބިލްގައި ދެ ކޮމިޝަނަށް ދިން ބޮޑެތި ބާރުތަކެއް އުނިކޮށްފައި މިވަނީ ދެ ކޮމިޝަނަށް ގާނޫނަކުން ބޮޑެތި ބާރުތަކެއް ދިނުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެފަދަ ބާރުތަކެއް އެ ދެ ކޮމިޝަނަށް ދީފި ނަމަ، ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށެވެ. މިބިލަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާގައި  ފާސްކުރުމަށް ވޯޓަށް އަހާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ