އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަސަދަ ފިލުވުން ވަނީ ނަހީ ކުރައްވަވާފަ- ކުށަށް އަދަބު ދިނުމަށް ވަނީ އަމުރުފުޅު ކުރައްވާފަ! ކުށަށް އަދަބު ދިނުމަކީ ހަސަދަ ފިލުވުމެއް ނޫން!

ހަސަދަ ފިލުވުން ވަނީ ނަހީ ކުރައްވަވާފަ- ކުށަށް އަދަބު ދިނުމަށް ވަނީ އަމުރުފުޅު ކުރައްވާފަ! ކުށަށް އަދަބު ދިނުމަކީ ހަސަދަ ފިލުވުމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

ހަސަދަ ފިލުވުމާއި އެމީހަކު ކުރި ކުށަކަށް އަދަބު ދިނުމަކީ އުޑާއި ބިމާހައި ތަފާތު ދެކަމެކެވެ. އެހެނީ ހަސަދަ ފިލުވުން ﷲ ތަޢަލާ ވަނީ ނަހީ ކުރައްވަވައިފައެވެ. މީހަކު ކުށެއް ކޮށްފިނަމަ އެކުށަކަށް އަދަބު ދިނުމަށް ﷲ ތަޢަލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެހެންކަމަށްވާއިރު މީހަކު ކުށެއް ކޮށފައިވާކަމަށް ތުހުމަތު ކުރެވޭނަމަ އެ މައްސަލައެއް ބަލައި އެމީހަކު ކުށްވެރިވާނަމަ އަދަބު ދިނުމަކީ ހަސަދަ ފިލުވުމެއް ނޫނެވެ. އެކަން ވާނީ ﷲ ތަޢާލާގެ އަމުރުފުޅުތައް ތަންފީޒުކުރުން ކަމަށެވެ.

ރާއްޖޭގައި މިހައިތަނަށް ވެރިކަން ކުރި ސަރުކާރުތަކުގެ ވެރިކަމަށް ބަލައިފިނަމަ ކުށްކުރާ މީހުންނަށް އަދަބު ދިނުމުގައި ސަރުކާރުތައް ވަނީ ފޭލްވެފައެވެ. ނަތީޖާއެއްގެ ގޮތުން އެތައް ހާސް ރައްޔިތުންގެ ފަރުދީ ޙައްޤުތައް ވަނީ ގެއްލިފައެވެ. ދައުލަތުގެ މާލިއްޔަތުން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލުންވެފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިންމު އެއް ވައުދަކީ ރައީސް ޔާމީނުގެ ސަރުކާރުން ކުރި ވައްކަމުގެ މައްސަލަތައް ބައްލަވައި ރައްޔިތުންނަށް އިންޞާފު ހޯއްދަވައި ދެއްވާނެ ކަމުގެ ވައުދެވެ.

އެ ވައުދު ފުއްދެވުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަވަމުންނެވެ. މެލޭސިޔާއަށް ބައްލަވާށެވެ. ނަޖީބުގެ ވެރިކަން ނިމުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނަޖީބުގެ މައްސަލަތައް ބަލަން ފިޔަވަޅު އަޅަން ފަށައިފައެވެ.

އޭނާ ޤައުމުން ބޭރުވުން ހުއްޓުވައި ބަލައި ފާސްކުރުމުން ވަނީ ހިފައިގެން ފިލަން އުޅުނު އެތައް ބައިވަރު ފައިސާ އާއި ރަނާއި ޖަވާހިރި ފެނިފައެވެ. ނަޖީބުގެ ދެމަފިރިން ހައްޔަރުކޮށް މިއަދު އެހެންދަނީ މައްސަލަތައް ބަލަމުން ނެވެ. ރާއްޖޭގެ ޙާލަތަށް ބަލައިފިނަމަ ކިވަގުތު އެބަލަނީ މަނީ ލޯންޑްރިންގެ މައްސަލަތަކެވެ. އެހެންކަމުން އެމައްސަލައިގެ ތެރެއިން ފައިސާތަކެއް ރާއްޖޭގައި ރައްކާކޮށްފައި ނެތްކަމަށްވެސް ވެދާނެއެވެ.

ހުރިހާ ފައިސާތަކެއް ވަނީ ބޭރުގެ އެކައުންޓުތަކަށް ޖަމާކޮށްފައި ކަމަށްވެސް ވެދާނެއެވެ. ހަޤީޤަތް އެނގޭނީ ބަލައި ތަޙްޤީޤް ކުރުމުންނެވެ. މަނީ ލޯޏްޑްރިންގގެ މައްސަލަތަކަށް ތުހުމަތު ކުރީވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކުން ނޫނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްއޭ އިންނެވެ. ތުހުމަތު ކުރައްވައި މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ މިއަދު އެ މައްސަލަތައް ދިފާޢުކުރައްވައި ވާހަކަފުޅު ދައްކަވާ ޢާއިޝަތު ޢާޒިމާ ޝުކޫރުގެ އެއްބަނޑު އެއްބަފާ އަޙްމަދު ޢާތިފް ޝުކޫރުއެވެ. އެ މައްސަލަ ފުލުސް އޮފީހުގައި "ޕާކުކޮށްފައި" ހުއްޓައި މިއަދު އެ މައްސަލަތައް ބަލަން ފެށުމަކީ ޒާތީ ހަސަދައެއް ކަމަށް ބުނުމުގެ އޮތީ ކޮން ހައްޤެއް ބާވައެވެ!

ނަމަވެސް އެ މައްސަލަތައް ބެލުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވުމުން ޕީޕީއެމުން ގެންދަނީ އެކަން ކުށްވެރިކުރަމުންނެވެ. ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުގެ މައިގަނޑު މަގުސަދަކީ ރައީސް ޔާމީންނާއި، ކުރީގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ހައްޔަރު ކުރުން ކަމަށެވެ. މިސަރުކާރު އައީ ޒާތީ ހަސަދަ ފިލުވުމަށާއި ބަދަލު ހިފަން އެ ރޫހުގައި ކަމަށެވެ.

އަދި ސަރުކާރަށް މާ ބޮޑެތި ކަންތައްތަކެއް ކުރެވިދާނެ ކަމަށް ރައްޔިތުން އުންމީދު ކުރާނެ ކަމެއް ވެސް ނެތް ކަމަށެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ ވެރިން ކުރި ވައްކަންތަކުގެ މައްސަލަތައް ބަލައި ހޯދެން އޮތް ލޯލާރިއެއް ނަމަވެސް ދައުލަތަށް އަނބުރާ ހޯދިއްޖެ ނަމަ އެކޮށްދެވުނީވެސް ހަމަ ވަރަށް ބޮޑު ކަމެކެވެ. އެކަން ވާނީ ކުޑަ ކަމަކަށް ނޫނެވެ.

ވަރަށް ބޮޑު ކަމަކަށެވެ. އަމާނާތްތެރިކަމާއިއެކު ވެރިކަން ކުރަން ޙަވާލުކުރުމުން ޚިޔާނާތްތެރިވެ އަމިއްލަ ޖީބުތައް ފުރައިގެން އުފަލުގައި ނުތިބެވޭނެކަން ރައްޔިތުންނަށް ދައްކައި ދިނުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެ ޘަޤާފަތް ނިމުމަކަށް ގެނެވިއްޖެނަމަ މިސަރުކާރަށް ވެސް ރަނގަޅު ފިލާވަޅަކަށް ވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް