އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާމިގިލި ކައުންސިލްގެ ވެބްސައިޓް މިރޭ ރަސްމީކޮށް އިފްތިތާޙްކޮށްފި

މާމިގިލި ކައުންސިލްގެ ވެބްސައިޓް މިރޭ ރަސްމީކޮށް އިފްތިތާޙްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 50 ސިކުންތު

މާމިގިލި ކައުންސިލްގެ ވެބްސައިޓް މިރޭ ރަސްމީކޮށް އިފްތިތާޙްކޮށްފި އެވެ. 

 

މާމިގިލި ކައުންސިލުން ބުނެފައިވަނީ މާމިގިލި ކައުންސިލް ޑޮޓް ގަވް ޑޮޓް އެމްވީއަކީ އޭގެ ޒަރިއްޔާއިން މާމިގިއްޔާއި  ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އަދި ބޭރުގައުމުތަކުގަ ތިއްބެވި މާމިގިލި ރައްޔިތުންނައް އެބޭފުޅުން ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު އޮންލައިންގެ ޒަރިއްޔާއިން ފޯރު ކޮށްދިނުމަށް އެޅިގެންދާ އެންމެ މުޙިއްމު އެއް ފާލަން ކަމުގައި ވެގެންދާނެ ކަމަށެވެ.  

 

މާމިގިލި ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކާ، ކުރެވޭ ޢިއުލާންތަކާ ހިނގަމުންދާ މަޝްރޫއުތަކުގެ މައުލޫމާތު ވަގުތުން ލިބިގެން ދިއުމަކީ މާމިގިލި ކައުންސިލްގެ އަމާޒުކަމަށާއި މިބެސައިޓްގައި މާމިގިލި މުއައްސަސާތަކުގެ މައުޟޫމާތާއި، ވިޔަފާރިތަކާ ގެސްޓްހައުސްގެ އިތުރުން ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގެ މައުލޫމާތާއި، އަދި ދަތުރު ފަތުރުގެ އެންމެހާ މައުލޫމާތުތައް ހިމެނިފައިވާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. 

 

ވެބްސައިޓް އިފްތިތާޙްކޮށްދެއްވުމަށްފަހު މިނިސްޓަރ އޮފް ސުޓޭޓް ފޯ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، ޢަލީ ސޯލިޙް ދެއްކެވި ވާހަކަފުޅު: 

 

 

بســم اللّـه الرّحمـن الرّحيــم ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އެކަލޭގެފާނުގެ އާލުންނާއި ޞަޙާބީން ޝާމިލު ކުރަމުން. 

 

މި ހަފްލާގައި ބައިވެރިވެވަޑައިގަންނަވާ އ.އ މާމިގިލީގެ ހުރިހާ ރައްޔިތުން، ކައުންސިލް ގެ މެމްބަރުނާއި މުވައްޒަފުން އަދި މި ޙަފްލާއަށް ވަޑައިގެން ތިބެވި އެންމެހާ ބޭފުޅުން. السّلام عليــكم ورحـمــة اللّـه وبـركاتـه. 

 

ދައުލަތުގެ ކޮންމެ މުވައްސަސާއަކީވެސް ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ވުޖޫދައްގެނެވިފައިވާ ތަންތަން. މި މުވައްސަސާތަކުން ކުރަމުންދާ ކަންކަމުގެ މައުލޫމާތު ހޯދާ ލިބިގަތުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއް. މިފަދަ ތަންތަނުން މައުލޫމާތު ހޯދުމަށް ގާނޫނުގެ އެންމެ އުނދަގޫމަގުން ރައްޔިތުން ހިންގަންޖެހުމަކީ ކަންކަން ވާންޖެހޭ ގޮތެއް ނޫން. 

 

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި، މައުލޫމާތު ފޮރުކޮށްދިނުމަކީ ވަރަށް ފަސޭހަކަމެއް. އިޖްތިމާއީ ގުޅުންތަކާއި، އަޑު އުފުލުމާއި، ހިޔާލު ފާޅުކުރުމުގައި ހުރި ހުރަސްތައްވަނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ނެތިކޮށްލާފަ. މީސް މީޑިއާ ފަދަ ވަސީލަތްތަކުން އެކި ކަންކޮޅުތަކުގެ ހަބަރާއި ވާހަކަތައް މިދަނީ އާންމު ކުރެވެމުން. 

 

މިއީ މިހާ ފަސޭހަކަމަކަށް ވާތީ، މީގެ ނޭދެވޭ ކަންކަންވެސް ހިނގާކަން އެބަ ގަބޫލްކުރަންޖެހޭ. މައުލޫމާތު ހިއްސާކުރަނީ ސައްޚަ ފަރާތަކުންކަންވެސް ޔަގީން ކުރެވެން ޖެހޭ. އޮންލައިންގެ މިޒަމާނުގައި މި ސައްޙަކަން އެންމެ ޔަގީންކުރެވޭނެ މައި އެއް ވަސީލަތަކީ މުވައްސަސާއެއްގެ ވެބްސައިޓް.

 

 މިގޮތުން މާމިގިލީގެ ކައުންސިލުން މިއަދު އިފްތިތާހް ކުރި މިވެބްސައިޓަކީ، މި ރަށުގެ ރައްޔިތުންގެ އަތުގައިވާ ފޯނުތަކުން، އެރައްޔިތުން ހުރި ތަނެއްގައި ހުރެ މައުލޫމާތު ބެލޭގޮތައް ތައްޔާރުކޮށްފައިވާ ޒަމާނީ ވަސީލަތެއް. ދިވެހި ބަހުން މި ވެބްސައިޓް ތައްޔާރުކުރެވިފައިވާލެއް ވަރަށް ފުރިހަމަ. ބޭރުބަހެއްގެ ބަދަލުގައި ދިވެހި ބަހަށް އިސްކަން ދީފައިވުމަކީ އަޅުގަނޑުމެންގެ ދިވެހި ބަސް ރައްކާތެރި ކުރުމުގެ އިތުރުރުން ކޮންމެ ރައްޔިތަކަށްވެސް ރަށުގެ މައުލޫމާތު ފުރިހަމައަށް ލިބުމުގައި "ބަސް" ހުރަހަކަށް ނުހެދުންކަން އަޅުގަނޑަށް ޤަބޫލު ކުރެވޭ

 

. ވެބްސައިޓްގައި ވާ މައުލޫމާތު ހުށަހަޅާދީފައި ވަނީ ބޭނުން މައުލޫމާތެއް ހޯދުމަށް ވަރަށް ފަސޭހަކޮށް ބައިބަޔަށް ބަހާލައިގެން. ރަށުގެ ހަބަރުތަކާއި، ކައުންސިލްގެ މައުލޫމާތު ތަކާއި، އިއުލާންތަކުގެ އިތުރުން ރަށުގެ އުމްރާނީ ވަސީލަތްތަކާއި ވިޔަފާރިތަކާއި ބެހޭމައުލޫމާތު ފޯރުކޮށްދީފައިވޭ. މިކަންކަން އިތުރަށް ފުރިހަމަ ވެގެންދަނީ ރަށުގެ ހިއްގައިމު މަންޒަރުތައް ހިމެނޭ ތަސްވީރުތަކާއި، ރަށުގެ މާހައުލާއި ދިރިއުޅުން ދައްކުވައިދޭ ވީޑިއޯތަކުން. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކޮންމެ ކައުންސިލަކުންވެސް ރަށު ފެންވަރުގެ ވެބްސައިޓެއް ޤާއިމްކޮށް ހިންގުމުގެ ބާރުވެރިކަން ދިނުން ވަނީ ހިމަނާފަ. 

 

ނަތީޖާއަކަށްވާނީ މިފަދަ ވެބްސައިޓްތައް ބޭނުން ފެންވަރެއްގައި ހިންގުމުގެ މިނިވަންކަން އެރަކަށް ލިބި، އެރަށެއްގެ އިޤްތިޞާދު އިތުރަށް ފުޅާކުރެވޭނެ މަގު ތަނަވަސްވުން. މިފަދަ ވެބްސައިތަކީ ރަށުގެ ތަރައްޤީއަށްވެސް އިތުރު ފުރުޞަތުތަކަކަށް ވެގެންދާނެ. މިސާލަކަށް އެ ރަށެއްގެ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރި، ދަނޑުވެރިކަމުން ފޯރުކޮށްދެވޭނެ ތަކެތި ފަދަ އިޤްތިސާދީ މަސައްކަތްތައް ހިމެނޭގޮތަށް މިފަދަ ވެބްސައިޓަކުން ރަށް އިސްތިހާރުވެސް ކުރެވިދާނެ. އެގޮތުން މިއަދު ލޯންޗް ކުރެވިގެން މިދާ ވެބްސައިޓް މާމިގިލިކައުންސިލް ޑޮޓް ގަވް ޑޮޓް އެމްވީއަކީ އަކީ އޭގެ ޒަރިއްޔާއިން މި ރަށާއި،ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އަދި ބޭރުގައުމުތަކުގެ މީހުންވެސް އެބޭފުޅުން ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު އޮންލައިންގެ ޒަރިއްޔާއިން ފޯރު ކޮއްދެވިގެން ދިއުމަށް އެޅިގެންދާ އެންމެ މުޙިއްމު އެއް ފާލަން ކަމާމެދު އަޅުގަނޑަކަށް ޝައްކެއް ނެތް.

 

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ އަމާޒަކީ ދައުލަތުގެ އެހެން މިނިސްޓްރީ ތަކާއި ގުޅިގެން، ސަރުކާރުގެ އޮފީސްތަކުން ދޭ އެންމެހައި ހިދުމަތައް، ޒަމާނާއި އެއްގޮތައް ބަދަލުކުރެވި، ޚިދުމަތްތައް އޮންލައި ކުރެވި އެޚިދުމަތަކުގެ މި ޚިދުމަތަށް ކައުންސިލްތަކުގެ މެދުވެރިކޮށް ދިނުން. އަދި ސަރުކާރުގެ އެކިއެކި އިންފޮމޭޝަން ސިސްޓަމްތަކުގައި ހުރި މައުލޫމާތު ރަށުފެންވަރުގައި ކޮންމެ ކައުންސިލެއްގެ ކުރިމަގުގެ މައި ދޮރޯށި ކަމުގައިވާ ރަށު ވެބްސައިޓުން ފެންނާނެ ގޮތް ކުރިއަށް އޮތް 5 އަހަރުތެރޭގައި ހެދައި މި ވެބްސައިތްތައް އިތުރަށް މުއްސަނދިކުރުން. 

 

ރަށުވެބްސައިތްތައް ރައްކާތެރިކަމާއި، ހޯސްޓްކުރުމާއި، އިންޓަނެޓަށް ޕަބްލިޝްކުރުމަށް ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޤައުމީ ޑޭޓާ ސެންޓަރގެ ދޮރުތަށް ކައުންސިލްތަކަށް ހުޅުވާލެވޭނެ ވާހަކަވެސް މިފުރުޞަތުގައި އުފަލާއެކު ފާހަގަކުރަން. ބައެއްފަހަރު ވެބްސައިޓްތަށް ވަރަށް ކުލަގަދަ ހަފްލާތަކެއްގައި އިފްތިތާހުކޮށް، ނަމަވެސް ފަހުން އެ ވެބްސައިޓަކަށް އަޅާނުލެވި ބޭނުން ކެނޑޭ. އަޅުގަނޑުގެ އިލްތިމާސަކީ މާމިގީލީގެ މިވެބްސައިޓައް ތާޒާ ޚަބަރުތަކުން އަބަދުހެންމެ އަދާހަމަކޮށް މިރަށުގެ މައުލޫމާތު އެތަށް ޖީލަކަށް ދެމިގެންދާނެ ގޮތަށް އަރުޝީފުކުރެވިގެންދާ ވަސީލަތެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތަކަށް މިވެބްސައިޓް ބޭއްވުމަށް ރަށުގެ ހުރިހާފަރާތެއްވެސް އެކުގައި މަސައްކަތް ކުރުން.

 

އަޅުގަނޑު ވާހަކަ ނިންމާލުމެގެ ކުރިން، މިފަދަ ޓެކްނޮލޮޖީއާއި ގުޅުންހުރި މަސައްކަތެއް ކާމިޔާބު ކަމާއެކު ފުރިހަމަ ކޮށް އޭގެ ނަފާ ވެރިންނަށް އެކަމުގެ ފުރިހަމަ ނަފާ ލިބިދޭތީ މާމިގިލީ ކައުންސިލްގެ ވެރިންނާއި މުވައްޒަފުން އަދި ވެބްސައިޓްގެ ޑިވެލޮޕަރުންނަށް ޝުކުރު ދަންނަވަން. އަދި ދިވެހި ސަރުކާރުން ދިވެހި ރައްޔިތުން ނަށް ލާބަޔާ މަންފާ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހޯދައިދިނުމަށް ކުރަމުން ގެންދާ މަސްއްކަތްތައް ފާހަގަކޮށް އަދުގެ ރައީސް އަލްފާޟިލް އިބްރާހިމް މުހައްމަދު ސާލިހަށް އަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ والسّلام عليــكم ورحـمــة اللّـه وبـركاتـه

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް