އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމްރާންގެ ވަދާޢީ މެޗުގައި ކުޅޭ "އިންމަ 11" އިޢުލާންކޮށްފި

އިމްރާންގެ ވަދާޢީ މެޗުގައި ކުޅޭ "އިންމަ 11" އިޢުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުޙާއްމަދު (އިންމަ) ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރުމަށް ކުޅޭ މެޗުގައި ވާދަކުރާ "އިންމަ 11" ޓީމުގެ ކުޅުންތެރިން އިޢުލާންކޮށްފިއެވެ.

 

އެފްއޭއެމް އާއި މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އިން ރާވައިގެން ކުޅޭ މި މެޗުގައި އިމްރާނުގެ ޓީމުގައި ގިނައިން ހިމަނާފައިވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ އައްސަދު ޢަބްދުލްޣަނީ، ޢަލީ އަޝްފާގް (ދަގަނޑޭ)، ޢަލީ ޢުމަރު، އިބްރާހިމް ފަޒީލް (އޮއްޕޮ)، އަހުމަދު ތޯރިގް (ޓޮމް)، ސޮބާހު މުހައްމަދު، މުހައްމަދު ޖަމީލް، މުޚުތާރު ނަސީރު (ޓޫކިލޯ)، އިސްމާއިލް މުހައްމަދު (އިއްސޭ)، އަހުމަދު ސައީދު (އައްމަޓީ)، މުހައްމަދު ސިފާން (ކުޑައްޓޭ)، މުހައްމަދު އުމެއިރު އަދި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

 

މީގެއިތުރުން އިމްރާން، އިމްރާނުގެ ގިތުގައި ވިދާލާ، ޢާންމުންގެ ތެރެއަށް ވިދާލި މުބާރާތް ކަމަށްވާ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބްލީގައި އޭނާއާ އެކު ކުޅުނު ބައެއް ކުޅުންތެރިން ކަމަށްވާ އާދަމް އަބްދުއްލަތީފް (ލައްޗޭ)، ޝާހު އިސްމާއިލް (ސާޔާ)، މުހައްމަދު އިބްރާހިމް (ކައްޕި)، ތޮއްޑޫ މުހައްމަދު ނިޒާމް، އަލީ ޝިހާމް (ހުރާ އައްޔަ)، އަޝްރަފް ލުތުފީ (ސަމްޕަތު)، އާއި އިމްރާނާ އެކު އެކި ދުވަސްވަރު ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ކަމަށްވާ އަސްލަމް ޢަބްދުއްރަހީމާއި ޢަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އާއި ބިންމާ ޢަބްދުﷲ ވަހީދު އާއި އަލީ ޝާހީންވެސް ވަނީ ޓީމުގައި ހިމަނާފައެވެ.

 

'އިންމަ 11' ގެ ކޯޗުގެ މަޤާމަށް ހަމަޖައްސާފައިވަނީ 2000 ވަނަ އަހަރު ޤައުމީ ޓީމުން އިމްރާނަށް ފުރުޞަތު ހޯދައިދިން އޭރުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފްއެވެ. އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައވަނީ އެ މުބާރާތުން ފެށިގެން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ހަމަޔަށް ޤައުމީ ޓީމުގެ އެސިސްޓަންޓުންގެ ގޮތުގައި ތިބި މުހައްމަދު ޝިޔާޒް (މޯހަން) އާއި އިހުސާން އަބްދުލްޣަނީ (ސާންތީ) އެވެ.

 

ގޯލްކީޕަރު ޓްރޭނަރއަކަށް ޤައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެއް އިމްރާނަށް ތަމްރީންދިން މުހައްމަދު އިގްބާލް ހަމަޖައްސާފައިވާ އިރު، މެނޭޖަރަކީ އެފްއޭއެމްގެ ކުރީގެ އިންޓަރިމް ކޮމިޓީގެ ޗެއަރމަން އަދި ޤައުމީ ޓީމުގެ މެނޭޖަރކަންކޮށްފައިވާ އަހުމަދު ޝާހިރެވެ.

 

"އިންމަ 11" ނަމުގައި ނުކުންނަ އިމްރާނުގެ ޓީމާ "އެފްއޭއެމް 11" ގެ ނަމުގައި ނުކުންނަ ޓީމާ ދެމެދު ކުޅޭ މި މެޗު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައެވެ. އަދި މިއީ މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މި އަހަރުގެ ހަފުލާގެ ބަޔެއްގެ ގޮތުގައި ކުޅޭ މެޗެކެވެ.

 

މި މެޗުގައި ވާދަކުރާ އެފްއޭއެމް ޓީމަށް ކުޅެން މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރ ޑެންމާކުގެ ޕީޓަރ ޝުމައިކަލް އަދި ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރ ސްޕެއިނުގެ މިޝޭލް ސަލްގާޑޯ ގެންނަން ނިންމާފައިވާ އިރު، ޤައުމީ ޓީމަށް މިހާރު ކުޅޭ ބައެއް ކުޅުންތެރިންނާއި ކުރީގެ ބައެއް ކުޅުންތެރިންނަށްވެސް އެފްއޭއެމް ޓީމުން ފުރުޞަތު ދޭނެ ކަމަށް ވަނީ ބެލެވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް