އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމްރާންގެ ވަދާޢީ މެޗު ބަލަން ވަން މީހުންގެ ޢަދަދުންވެސް ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި އޮތް ޙާލަތު އެނގިއްޖެ!

އިމްރާންގެ ވަދާޢީ މެޗު ބަލަން ވަން މީހުންގެ ޢަދަދުންވެސް ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި އޮތް ޙާލަތު އެނގިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ދިވެހިންނަކީ ފުޓްބޯޅައަށް (މަރުދިން) ބައެކެވެ. ސަޕޯޓުކުރި ޓީމު ބަލިވުމުން ނުވަތަ މުބާރާތެއްގެ ތަށި ނުލިބުމުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ބައެއް މީހުންނަށް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ދާންޖެހިފައި ހުރި ވާހަކައަކީވެސް ކުރިން އިވިފައިވާ އަޑެކެވެ.

1980 އިން ފެށިގެން 1990 ގެ އަހަރުތަކާއިހަމައަށް އައި އިރުވެސް އެކަން އޮތީ އެގޮތަށް ކަމަށް ބުނެއެވެ. އެއީ، އަވަށު ފޯރީގައި ކުލަބުތައް ކުޅުނު ދުވަސްވަރެވެ. މާލޭގެ އަވައްތަކަށް ނިސްބަތްވާގޮތަށް ނުވަތަ އަވަށުގެ ނަގާކިޔާ މީހުން ޓީމުތައް އުފައްދައިގެން ހިންގި ދުވަސްވަރެވެ. 

އެދުވަސްވަރު ޓީމުތަކަށް ކުޅުނީ ފައިސާއަކަށް ނޫނެވެ. އަވަށަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. ނޫނީ އަވަށު ވާދައިގައެވެ. ޓީމުތައް ނިސްބަތްވާ އަވަށުގެ އެކި ގޭގޭގައި ކުލަބުތަކުގެ (ބޮޑުދިދަ) ނަގައެވެ. އެއްގެއަށްވުރެ ގިނަ ގޭގައިވެސް އެކި ކުލަބުތަކުގެ ދިދަ ނަގައެވެ. ޢާއިލާގެ ތެރޭގައިވެސް ކުލަބު ވާދަވެރިކަން އޮވެއެވެ. ނަމަވެސް ކުޅިވަރުގެ ރޫޙާއި އެއްގޮތަށެވެ. ޓީމު ކުޅޭ ދުވަހު ދަނޑަށް ވަދެ، ފުރާލައެވެ. ސަޕޯޓަރުންގެ އަޑުން ގުގުމާލައެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ ގޭގާގައި (ބޮޑުދިދަ) ނަގާ ވާހަކައެއް ނޫނެވެ. ދަނޑަށް ސަޕޯޓަރުން ނުވަންނަ ނުވަތަ ރާއްޖޭގެ ބޮޑެތި ޓީމުތައް ކުޅޭ އިރުވެސް ދަނޑަށް އެންމެ 100 މީހުންވެސް ނުވަންނަ ވާހަކައެވެ. ފުޓްބޯޅައަށް މަރުދިން ދިވެހިން މިހާރު ކޮބައިހެއްޔެވެ؟ 

ފުޓްބޯޅައިގެ ތަޖުރިބާކާރު ގިނަ މީހުން އިއްތިފާޤުވާ ގޮތުގައި ދަނޑަށް ސަޕޯޓަރުން ވަނުން މަދުވީ، ކުޅުންތެރިން ގަނެ، ވިއްކަން ފެށި ހިސާބުންނެވެ. 

އެއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އޮންނަ އުސޫލެވެ. އަދި ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އުޖޫރައެއްވެސް ލިބެންޖެހޭނެ ކަމަށް ހަމަގައިމު އަޅުގަނޑުވެސް ޤަބޫލު ކުރަމެވެ. 

އެހެނަސް މިހާރު އެއީ މާޒީގައި ލިޔެވިފައިވާ ވާހަކަތަކަކަށްވާތީ، ދުނިޔޭގެ އެހެން ޤައުމުތަކާއި ރާއްޖެއާ ތަފާތެވެ. އެ ތަފާތު ވަޒަން ކުރުމަށް ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުޙައްމަދު (އިންމަ) ދިވެހި ޤައުމީ ޓީމުގެ ކީޕަރު އަންގި ބޭލުމަށް ނިންމުމުން އެކަމުގެ އަގު ވަޒަން ކުރުމަށް ރޭ ވަނީ ފުޓްބޯޅަ މެޗެއް ކުޅެފައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑުންނާއި ރާއްޖޭގެ އެހާރާއި މިހާރުގެ މޮޅު ކުޅުންތެރިން ވަނީ މި މެޗުގައި ކުޅެފައެވެ.

އެކަމަކު ހިތާމައަކީ މި މެޗު ބެލުމަށްވެސް ނުވަތަ އިއްމަ ދިވެހި ޤައުމީ ޓީމަށް ކޮށްދިން ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށްލަން ދަނޑަށް ވަން މީހުންގެ ޢަދަދު އިނގިލިތަކުން ގުނާލެވޭހާވެސް މަދުކަމެވެ. މިކަން މިހެން ދިމާވާންވީ ސަބަބު އަޅުގަނޑުގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ފަހަރުގައި ޓިކެޓް ގަނެގެން ވަންނަން ޖެހުމުން ވީގޮތެއްކަމަށްވެސް ވެދާނެއެވެ. ނޫންނަމަ، މެޗު ޓީވީ އިން ވަގުތުން ދައްކާތީ، ގޭގެ ސިޓިންގ ރޫމުގައި އިނދެގެން ބަލާލުމަށް ބޭނުންވާތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ ދިވެހި ފުޓްބޯޅައަށް ސިޔާސީ ކުލަ ޖެހިފައިވާކަމަށް ޤަބޫލުކުރާތީ ވީގޮތެއްބާއެވެ!؟

އަޅުގަނޑު ދަންނަވާނީ އިއްމަ ދިވެހި ޤައުމީ ޓީމަށް ކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ދަނޑަށް ދިއުމަކީ ހަމަ ރަނގަޅު ކަމެއް ކަމަށެވެ. އަޅުގަނޑާއި ޢާއިލާ ދިޔައީ އިއްމަގެ ޚިދުމަތް ބަލައިގަންނާތީއެވެ. 

އެމީހަކު ނުދިޔަ ސަބަބު އިނގޭނީ އެމީހަކަށެވެ. އެކަމަކު ހިތާމައިގެ ކޮޅެއް ނެތެވެ. މިވަރުން ދަންޏާ، ހަމައެކަނި ކުޅޭ ދެޓީމާއި ރެފްރީން އެކަނި ދަނޑުގައި ތިބޭ ދުވަސް ފެނުމަކީ ގާތްކަމެކެވެ. 

ދަނޑުތަކުގައި ސަޕޯޓަރުން ފުރާލުމަކީ އަދުގެ ސަރުކާރުގެ ވަޢުދަކަށްވާ އިރު، މިއީ ބޮޑު ގޮންޖެހުމަކަށްވާނެއެވެ. ނުވާނެ ކަމެކޭ އަޅުގަނޑު ނުބުނާނަމެވެ. ކޮންމެކަމަކީވެސް ހޮތްވަރަކާއި ޢަޒުމަކާއެކު ކޮށްފިނަމަ ކުރެވޭނެ ކަންކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް