ކެންސަރު ބަލީގަ ޑޮކްޓަރުން އުންމީދު ކަނޑާލި ދަރިފުޅު، ދެމަފިރިން އެކުގަ ކުރި ދުޢާއިން ރަނގަޅުވި ގޮތުގެ ވާހަކަ

ކެންސަރު ބަލީގަ ޑޮކްޓަރުން އުންމީދު ކަނޑާލި ދަރިފުޅު، ދެމަފިރިން އެކުގަ ކުރި ދުޢާއިން ރަނގަޅުވި ގޮތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 51 ސިކުންތު

ޓަބޯތީ އަކީ ޓެންޒޭނިއާގެ މުސްލިމެކެވެ. އޭނާގެ އުމުރުން 40 އަހަރުވާން ކައިރިވެފައި ހުއްޓާ ފިރިހެން ދަރިފުޅަކު ލިބުނުވެ. އެކަންވީ އޭނާގެ ޙަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމުގައެވެ. 

އެއުފާވެރިކަން ހިތާމައިގެ ބޮޑު ކޯރަކަށް ބަދަލުވެގެން ދިއައީ ދަރިފުޅުގެ އުމުރުން އެންމެ ފަސް އަހަރުވީތަނާ ދަރިފުޅުގެ ލެއަށް ކެންސަރު ޖެހިފައިވާކަން އެނގުމުންނެވެ. އެކަމަށް ފަރުވާ ކުރާނެ ފައިސާ އަތުގައި ނެތުމުން ޓަބޯތީ ނުކުމެ ސަލާންޖަހަން ފެށިއެވެ. ވަޒީފާ އަދާކުރުމަށްލިބޭ ހުސްވަގުތުތަކުގައި މުޅި އަވަށުގައި ސަލާން ޖަހަމުން ހިނގައެވެ. ބައެއް ދުވަސް ދުވަހު ދަރިފުޅު ކޮނޑަށް އަރުވައިގެން ވެސް އެ މަސައްކަތުގައި އުޅެއެވެ. 

ދަރިފުޅުގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަނު ޖެހުނު އިރުވެސް އަތުގައި ހުރީ ވަރަށް މަދު ފައިސާ ކޮޅެކެވެ. އަނެއްކޮޅުން ޑޮކްޓަރުން ބުނަމުން ދިއައީ ދޭންޖެހޭ ފަރުވާ ދިން ނަމަވެސް ރަނގަޅުވާނެ ކަމުގެ އުންމީދުވެސް ވަރަށް ކުޑަ ކަމަށެވެ. 

މިހާލުގައި އުޅެމުން ދަނިކޮށް ހޮސްޕިޓަލުން ބައްދަލުވި އުމުރުން ދުވަސްވީ މީހަކު އޭނާއަށް ބުންޏެވެ. "އަޚާއެވެ. އަހަރެންގެ އަތުގައި ދޭނެ މާގިނަ ފައިސާއެއް ނެތެވެ. ނަމަވެސް ނަޞޭޙަތެއް ދީފާނަމެވެ. ފުރަތަމަ ކަމެއްގެ ގޮތުން ތިބާއަކީ އަދި ތިބާގެ އަނބިމީހާއަކީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރާ ބައަކަށް ވާށެވެ. ރޭގަނޑު ހޮސްޕިޓަލުގައި ދަރިފުޅު ގާތު ތިބި ނަމަވެސް ދަމުނަމާދުވެސް ކުރާށެވެ. ދެމަފިރިން އެކުގައި ﷲ ތަޢާލާއަށް ދުޢާ ކުރުން ގިނަކުރާށެވެ. ﷲ ތަޢަލާއަށް ފުރިހަމައަށް އިތުބާރުކުރާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލެއް ﷲ ތަޢާލާ ދެއްކަވާނެއެވެ."

ޓަބޯތީ އޭނާގެ ނަޞޭޙަތް ޤަބޫލުކުރިއެވެ. އެފަދައިން އަމަލުކުރަން ފެށިއެވެ. ރޭގަނޑުގެ ފަހުބައިގައި ދަމު ނަމާދުކޮށް ދެމަފިރިން އެކުގައި ދުޢާކުރުން އިތުރުކުރިއެވެ. އެއާއިއެކުވެސް ޓަބޯތީ ދިއައީ ދަރިފުޅަށް ފަރުވާ ކުރާނެ ފައިށާ ހޯދޭތޯ މަސައްކަތް ކުރަމުންނެވެ. 

އަމަލުތައް ބަދަލު ކުރިތާ 14 ވަރަކަށް ދުވަސް ފަހެވެ. ޢާންމުކޮށް ކުރާ ޓެސްޓްތައް ކުރުމަށްފަހު ޑޮކްޓަރު ބުނީ ވަރަށް އާދައާ ޚިލާފް ކަންތައްތަކެއް އެދުވަހުގެ ޓެސްޓްތަކުން ފެނިފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރާނީ އިތުރު 10 ދުވަހު ޓެސްޓްތައް ކުރުމަށްފަހުގައި ކަމަށެވެ. 

ޓަބޯތީ އާއި އޭނާގެ އަނބިމީހާ އަށް ޖެހުނީ އިތުރު 10 ދުވަހަށް އިންތިޒާރުކުރާށެވެ. ދަރިފުޅު އަބަދަށް ގެއްލެނީކަން ނުވަތަ ހެޔޮ ބަދަލެއް އަންނަނީކަން އޮޅުންފިލާނީ 10 ދުވަސް ފަހުންކަމަށްވާތީއެވެ. އެމީހާ ބުނި ފަދައިން ﷲ ތަޢާލާއަށް އިތުބާރުކޮށް ދެމަފިރިން ގެންދިއައީ ހެޔޮ އަމަލުތައް ކުރުން އިތުރުކުރަމުންނެވެ. ދެމަފިރިން އެކުގައި ދުޢާކުރުން ދިއައީ ގިނަކުރަމުންނެވެ. 

10 ދުވަސްފަހުން ޑޮކްޓަރުގެ ކޮޓަރިއަށް ދެމަފިރިން ގެންދިއުމަށްފަހު ބުންޏެވެ. "މިބާވަތުގެ ކެންސަރުބަލީގެ ޕޭޝަންޓުންނަށް ބޭސްކުރާތާ 30 އަހަރުވީއިރުވެސް ނުފެންނަ ކަމެއް މިވަނީ ދަރިފުޅުގެ ކިބައިން ފެނިފައެވެ. އެކަމާއިބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް އަދި ނެތީމެވެ. އަދިވެސް އިތުރަށް ޓެސްޓްތައް ހެދުމަށްފަހު ނޫނީ ބުނަން ހަމަ އުނދަގޫވަނީއެވެ. ނަމަވެސް ދަރިފުޅު ދެން ގެއަށް ގެންދާށެވެ. ވީހައި ރަނގަޅަކަށް ދަރިފުޅުގެ ކަންކަން ބަލަހައްޓާށެވެ. އެއްވެސް ކަމެއް ގޯސްވާކަމަށް ލަފާކުރެވޭނަމަ އަވަހަށް އަންނާށެވެ. ހޮސްޕިޓަލުން ދޭ ލިޔުމާއި އެއްގޮތަށް ޓެސްޓްތައް ހަދަން ހޮސްޕިޓަލަށް ގެންނާށެވެ. މީގެފަހުން ދަރިފުލުގެ ހުރިހާ ކަމެއް ކޮށްދޭނީ ހޮސްޕިޓަލުގެ ޚަރަދުގައެވެ. އަދި މިފަހަރުގެ ހޮސްޕިޓަލު ބިލް ވެސް ދައްކާނެ ކަމެއް ނެތެވެ. ބިލުގެ ކަންތައްވެސް ހޮސްޕިޓަލުން ޙަވާލުވީއެވެ." 

ޑޮކޮޓަރުގެ ވާހަކައާއިއެކު ދެމަފިރިން އެކުގައި ޝުކުރުގެ ސަޖިދަ ކުރިއެވެ. ލިބުނު އުފަލާއި އަދި ހައިރާންކަމާއެކު ދަރިފުޅު ގޮވައިގެން ދެމަފިރިން ގެއަށް ދިއައީއެވެ. 

މިވާހަކަ މިކިޔައިދެނީ ޑޮކްޓަރުން އެދުވަހު އުންމީދު ކަނޑައިލި ކުއްޖާއެވެ. އަހަރެންގެ މިހާރުގެ އުމުރަކީ 28 އަހަރެވެ. އަންބަކާއި 3 ދަރިން އެބަ ތިއްބެވެ. ދިރިއުޅެނީ ކުޑަ ވިޔަފާރިއަކުން ލިބޭ އާމްދަނީންނެވެ. އެބުނާ ކެންސަރު ބަލި އަހަރެންގެ ލޭގައި އަދިވެސް އެބަހުރި ކަމަށް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް އެބަލި ހުރިކަމުގެ އެއްވެސް އުނދަގުލެއް އަހަރެންނަކަށް ނުކުރެއެވެ. ދިރިއުޅެނީ ޢާންމު ދިރިއުޅުމެވެ. ކައި ބޮއި މިހަދަނީ ހަމަ އެހެން މީހުންވެސް ކައިބޮއި ހަދާ ތަކެއްޗެވެ. 

މިއުމުރުގެ އެހެން ޒުވާނުންނާއި އަހަރެންނާއި ތަފާތެއް ހުރިނަމަ އެ ތަފާތަކީ އުމުރުން 7 އަހަރުވީންސުރެ އެންމެ ނަމާދެއް ވެސް ނުއަޅަމެވެ. 20 ވަރަކަށް އަހަރުން ފެށިގެން ދަމުނަމާދުވެސް ކުރަމެވެ. ދަމު ނަމާދުކުރަނީ ފަތިސް ނަމާދުގެ ކުރިއަށް ހޭލައިގެން މިސްކިތަށް ގޮހެވެ. އެއީ އަހަރެންނަށް ﷲ މިންވަރު ކުރެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވުމަށެވެ. 

މިޞުރުގެ ނޫހެއްގައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް

އާރޓިކަލް ރޭޓްކުރައްވާ


31%
ވ.ރަނގަޅު
7%
ރަނގަޅު
21%
އޯކޭ
38%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް