އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހީ ރިޕޯޓް: އާމިރުއަށް ފައިސާގެ އެހީތެރިކަމަށް ވުރެ ބޮޑަށް ބޭނުންވަނީ ހެޔޮ ދުޢާއާއި ކިޑްނީއެއް!

އެހީ ރިޕޯޓް: އާމިރުއަށް ފައިސާގެ އެހީތެރިކަމަށް ވުރެ ބޮޑަށް ބޭނުންވަނީ ހެޔޮ ދުޢާއާއި ކިޑްނީއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 57 ސިކުންތު

މާތް ﷲ ކޮންމެ އިންސާނެއްގެ ހަށިގަނޑުގައި ވެސް ދެ ކިޑްނީ ލައްވަވާފައިވެއެވެ. އެއީ އެއް ކިޑްނީ ހަލާކުވެ ނުވަތަ ފެއިލްވި ނަމަވެސް އަނެއް ކިޑްނީ "ރިސާރވް" ކިޑްނީ އެއްގެ ގޮތުގައެވެ.

ނަމަވެސް ދެ ކިޑްނީވެސް ފެއިލް ވެއްޖެނަމަ ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެފަދަ ވަގުތެއްގައި ތިމާއަށް އެހެން މީހުންގެ އެހީތެރިކަން ބޭނުން ނުވާނެ ހެއްޔެވެ؟ ދިރިއުޅުމުގެ ޙައްޤަކީ ހަމަ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ޙައްޤެއް ނޫން ހެއްޔެވެ؟ 

މިފަދަ ހިތްދަތި ދުވަސްތަކެއް މިވަގުތު ތަޙައްމަލު ކުރަމުންދާ އެއް ފަރާތަކީ ނ. ވެލިދޫ ތަރިވިދާގޭ އަބްދުﷲ އާމިރު (33އ.) އެވެ. ދެ ކިޑްނީ ފެއިލްވެފައިވުމުގެ ހިތްދަތިކަމާއި އޭނާ ކުރިމަތިލާ އެކަމާއި ހަނގުރާމަ ކުރަމުންދަނީ ވަރަށް ވެސް ހިތްވަރާއި އެކުގައެވެ. އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި އާމިރުގެ މުޅި ޙަޔާތް ބަދަލު ކުރުވި އެޚަބަރާއިއެކު ވެސް ދިރިއުޅުމަށް އޭނާ ކުރާ ފޮނި އުންމީދާއި އަމިއްލަ ޒިންމާތައް އަދާކުރުމަށް ކުރާ ބުރަ މަސައްކަތަކަށް ބަދަލެއް ނާދެއެވެ. 

އާމިރުގެ ޙާލަތާއިމެދު "މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި އޭނާގެ މަންމަ ޝަމްސުއްނިސާ ޔޫސުފް ބުނީ، މީގެ ތިން އަހަރު ކުރިން އާމިރު އައިޖީއެމްއެޗް އަށް ދިޔައީ ދެ ދުވަސް ވަންދެން އޮފީހަށް ނުދެވި ހުރުމުން، ސަލާމުގެ ސެޓްފިކެޓެއް ހޯދަން ކަމުގައެވެ.  

"ދެ ދުވަސް ވަންދެން އޮފީހަށް ނުނިކުމެވި ހުރީމަ ސެޓްފިކެޓެއް ހޯދަން ދިޔައީ. ދިޔައިރު އުޅުނީ ވަރުދެރަވެ ނުވަތަ އެހެންވެސް ބައްޔެއެް ވެގެނެެއް ނޫން. އެކަމަކު އެދުވަހު ޑޮކްޓަރަށް ދައްކަން ދިޔުމުން އެމީހުން ވިދާޅުވި ބާއްވަންށޭ ޖެހެނީ، ޓެސްޓުތަކެއް ހަދާލަން އެބަ ޖެހެއޭ. ދެން ޓެސްޓުތަކެއް ހަދާފައި ބުނީ ދެ ކިޑްނީ ފެއިލްވެފަ ހުރިކަމަށް. ޑޮކްޓަރުން ބުނި ލޭ ފުރާނަންށޭ ޖެހޭނީ. އަޅުގަނޑުމެން އެންމެންނަށް ވެސް ލިބުނީ ކުއްލި ސިހުމެއް" ކުއްލިއަކަށް ލިބުނު އެޚަބަރާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން އާމިރުގެ މަންމަ ކިޔައިދިނެވެ. އެދުވަހަށްފަހު އާމިރަށް ބޭސްކުރުމަށްޓަކައި ތިން ވަރަކަށް ފަހަރު އިންޑިއާ އަށް ވެސް ދެވުން ކަމަށް އޭނާގެ މަންމަ ބުންޏެވެ. 

ހަތަރު ބެއިންގެ އާއިލާއެއްގައި އާމިރަކީ ހުރި އެންމެ ދޮށީ ފިރިހެން ދަރިއެވެ. އެހެންކަމުން އާއިލީ ޒިންމާތައް ވެސް އާމިރުގެ ބޮލުގައި އެޅިފައިވުމުން، ބަލިޙާލަތުގައި ވެސް އާމްދަނީ ހޯދުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އެއްވެސް މީހެއް ކައިރީ އެހީއަށް ނުއެދި، އާމިރުއާއި އޭނާގެ އާއިލާއިން މިއަދާއި ޖެހެން ދެން ވެސް ބެލީ އަމިއްލަ ބުރަ މަސައްކަތުން ހޯދާ ފައިސާއިން އުޅެވޭތޯއެވެ. 

"އެއާޕޯޓުގައި އޭނާ (އާމިރު) މަސައްކަތް ކުރަނީ. އެބޭފުޅުން ވެސް ވަރަށް ރަނގަޅު އޭނާ ވަޒީފާއިން ކަނޑާނުލާ ބެހެއްޓިކަން. އަޅުގަނޑުމެން މާލޭގައި މިއުޅެނީ ބޮޑު އަގުގައި ކުއްޔަށް. އެހެންކަމުން އާމިރު ވެސް ބުނި ކިހިނެއްހޭ ތިމަންނާ މަސައްކަތް ނުކޮށް ހުންނާނީ. ދަތި ވާނެ ނޫންހޭ. އޭނާއަކީ އެންމެ ބޮޑަށް ހުންނަ ފިރިހެން ދަރި. އެހެންވެ އޭނާ އެހުރިހާކަމަކާއި ވެސް ވިސްނާ ހުރިހާ ކަމެއް ވެސް ކުރެވޭތޯ އުޅޭ. ވަރަށް ފަހަކާއި ޖެހެންދެން ވެސް ޑިއުޓީއަށް ދިޔަ. މިފަހަކަށް އައިސް މާބޮޑަށް ބަލިވާން ފެށުމުން އޭނާއަށް ނުދެވެން ފެށީ. އެހެންވެ މުސާރަވެސް ރަނގަޅަށް ނުލިބޭ" ނުހަނު އަސަރާއިއެކު ޝަމްސުއްނިސާ ކިޔައިދިނެވެ.  

އެމަޖެންސީ ޑައިލިސިސް އެއް ހެދުމަށްފަހު، މިހާރުވެސް އައިޖީއެމްއެޗް ގައި ފަރުވާ ހޯދަމުންދާ އާމިރު ގެ ދެ ކިޑްނީ ވެސް ފެއިލް ވެފައިވުމުން، އާއިލާއިން ބުނިގޮތުގައި ފައިސާއަށް ވުރެ ބޮޑަށް އެމީހުން ބޭނުންވަނީ އާމިރަށް ބީ ޕޮޒިޓިވް ކިޑްނީ އެކެވެ. އާއިލާގެ އެހެން އެއްވެސް ކުއްޖެއްގެ ކިޑްނީ ނުގުޅޭތީ، އެއާއިލާއިން ވަނީ އެންމެންގެ ދުޢާއާއި ދީލަތި އެހީއަށް އިންތިހާއަށް ބޭނުން ޖެހިފައެވެ.  

"ވަރަށް މަޑުމައިތިރި، ބަސް އަހާ ކުއްޖެއް އާމިރަކީ. މަންމައަށް އަބަދުވެސް އަޅާލާ ދަރިއެއް އެއީ" ފުން އަސަރާއެކު ރޮވިފައި އާމިރުގެ މަންމަ އަށް ބުނެވުނެވެ.

އާމިރަށް ބީ ޕޮޒިޓިވް ކިޑްނީއެއް ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 9889997 (މުރުސީދު- އާމިރުގެ ކޮއްކޮ) އަށް ގުޅުއްވާ މައުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ.

 

ފައިސާގެ އެހީއެއް ކުރައްވަން ބޭނުންފުޅުވާނަމަ، އަބްދުﷲ އާމިރުގެ

· - ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރ 102 149560 7701 ނުވަތަ ޑޮލަރ އެކައުންޓު ނަންބަރ 101149560 7713

- އިސްލާމިކް ބޭންކު އެކައުންޓު ނަންބަރ 99010310006110200، އަށް ފައިސާ ޖަމާ ކޮށްދެއްވުމަކީ އާއިލާގެ އެެދުމެކެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ