އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިސްކިތް ހުންނަކަން ނުދަނެ ދިރިއުޅުނު މިލިއަނަރަކަށް ކޯމާގަ ފެނުނު ބިރުވެރިކަމުން ހުރިހާ މުދަލެއް ވިއްކާލައި ޞަދަޤާތްކޮށްފި

މިސްކިތް ހުންނަކަން ނުދަނެ ދިރިއުޅުނު މިލިއަނަރަކަށް ކޯމާގަ ފެނުނު ބިރުވެރިކަމުން ހުރިހާ މުދަލެއް ވިއްކާލައި ޞަދަޤާތްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

މިސްކިތް ހުންނަކަން ނުދަނެ ދުނިޔޭގައި އުޅުނު މިލިއަނަރަކު ކޯމާއަކުން ސަލާމަތްވުމުން ހުރިހާ މުދަލެއް ވިއްކާލައި ޞަދަޤާތްކޮށްފިއެވެ. އޭނާގެ މުއްސަނދިކަމުގެ ތެރެއިން ނުވިއްކައި ބެހެއްޓީ އޭނާއަށް އެންމެ އާދައިގެ މިންވަރަށް ދިރިއުޅެލެވޭނެ އާމްދަނީ އެއް ލިބޭނެ މިންވަރެވެ.

މިޞުރުގެ ވެރިރަށް ޤާހިރާގައި ތެލުގެ ވިޔަފާރިކުރަމުން އައި އުމުރުން 62 އަހަރުގެ ޖަމާލް މުޙައްމަދު ނަޞްރް ބުނާ ގޮތުން ކޯމާގައި އޮތް ދުވަސްތަކުގައި ހިނގަމުން ދިއަ ކަންކަން އޭނާއަށް އެނގުނެވެ. ކަންފަތަށް އަޑުވެސް އިވުނެވެ. ލޮލަށްވެސް ފެނުނެވެ. ހަމައެކަނި ނުކުރެވުނު ކަމަކީ ވާހަކަ ދެއްކުމާއި ޙަރަކާތް ކުރުމެވެ.

ޑޮކްޓަރުން އޭނާ އާއިމެދު އުންމީދު ކަނޑާލައި ދެއްކި ވާހަކަތަކުގެ އަޑުވެސް ވަނީ އިވިފައެވެ. އޭނާ އޮތީ އަޑުވެސް ނުއިވޭނެ ހާލަތުގައި ކަމަށް ބަލައި ޑޮކްޓަރުން އޭނާގެ ޙާލަތާއިމެދު މަޝްވަރާކުރަމުން ދިއައީ އޭނާގެ ކައިރީގައި ތިބެގެން ކަމުން ޑޮކްޓަރުން ދެއްކި ވާހަކަތައް އޭނާއަށް ވަނީ ރަނގަޅަށް އަޑު އިވިފައެވެ.

27 ދުވަހު ކޯމާގައި އޮންނަން ޖެހުނު ޖަމާލް ބުނީ އަބަދުވެސް އޭނާއަށް އޮވެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ހީވަނީ އޭނާއަށް އޮވެވެނީ ކައްވަޅުގައި ކަމަށެވެ. އަދި މަރުވެ ވަޅުލެވުމުން ކައްވަޅުގައި ކުރިމަތިލާންޖެހޭ ކަންތައްތައް އޭނާއަށް ފެނުނު ފަދަ ކަމަށެވެ. 

"އަހަރެން ބުނާނީ އަހަރެންނަށް އިޙްޞާޞް ކުރެވުނު ކަންކަމަކީ ހަމަ ތަޖުރިބާ ކުރެވުނު ކަންތައްތަކެއް ކަމަށް. ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަކުން ނޫނީ ކައްވަޅުގައި މީހަކު ކުރަންޖެހޭނެ ތަޖުރިބާތައް އެނގޭނެ އެއްވެސް ގޮތެއް ނެތް. އެ ތަޖުރިބާތައް ކުރަން ޖެހުނު އެއްވެސް މީހަކަށް އަލުން ދިރި އެވާހަކަތައް ކިޔައި ދެވިފައެއް ނެތް. ވީމާ އަހަރެންނަށް އެފެނުނު ކަންކަމަކީ ސީދާ އެފަދަ ކަންކަން ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ނަމަވެސް ޢިލްމްވެރިން އެ ކިޔައި ދެއްވާ ކަންކަން އަހަރެންނަށް ލޮލަލަށް ފެނި ހަމަ ތަޖުރިބާ ކުރެވުނު ފަދަ." 

އަހަރެންގެ ހަށިގަނޑު ފިތިގެން ގޮސް ޗިސްޗިސްވާހެންވެސް ހީވޭ. ސުވާލުކުރެވޭހެންވެސް ހީވޭ. ޖަވާބު ނުދެވިގެން އުޅެވޭހެންވެސް ހީވޭ. ނަރަކައިގެ އަލިފާން ފެނުނުހެންވެސް ހަމަ ހީވޭ. ސުބްޙާނަﷲ! އެކަންކަން ސިފަކުރުމަކީ ކުރެވޭނެ ކަމެއް ނޫން." 

ޖަމާލް ބުނެފައިވަނީ އޭނާ ކުރިން ރަން ދުނިޔޭގައި އުޅުނުއިރު ބަންގީގެ އަޑު އިވުނުކަމަށްވެސް ބުނެވެން ނެތް ކަމަށެވެ. ހުކުރަށްވެސް ނުދާ ކަމަށެވެ. ނަމަވެސް އޭނާގެ ހަޔާތުގައި ދެން ކުރިއަށް އޮތް މަދު ދުވަސްކޮޅު މިސްކިތުން ނުކުންނަންވެސް ބޭނުން ނޫން ކަމަށެވެ. "އަހަރެން ޤަބޫލުކުރަނީ މިއީ  އަހަރެންނަށް ﷲ ތަޢާލާ މިންވަރު ކުރެއްވެވި ރަނުގެ ފުރުޞަތެއް ކަމަށް. އަދި އެކަމުގެ ސަބަބެއް ކަމަށް އަހަރެން ޤަބޫލުކުރަނީ އަހަރެންގެ މައިން ބަފައިންނަށާއި ޢާއިލާގެ މީހުންނާއިމެދު ކަންތައް ކުރި ގޮތް ކަމަށް. އަހަރެންގެ މަންމަ ޢާއި ބައްޕަވެސް އަހަރެން ގެންގުޅުނީ އުރައިގެން. ނޯކަރުން ތިބި ނަމަވެސް ހުރިހާ ޚިދުމަތެއްވެސް ކުރީ ހަމަ އަހަރެންގެ ދެއަތުން. ގޭގައި ހުރެވޭ ވަގުތަކު ހުރިހާ ކަމެއްވެސް ކުރީ އަހަރެން. ދުވަހަކުވެސް މަންމައަށްވެސް ބައްޕައަށްވެސް "އުފް" ވެސް ބުނެފައެއް ނުއޮންނާނެ. ހިނިތުންވެ ހުރެ ނޫނީ އަނގައިންވެސް ބުނެފައެއް ނުއޮންނާނެ. ޢާއިލާގެ މީހަކު އެދުނު އެއްވެސް ކަމެއް ކޮށްނުދީ ދޫކޮށްލާފައެއް ނުއޮންނާނެ. ނުބުނަނީސްވެސް އެހީތެރިވަމުން އައީ." ޖަމާލް ބުނެފައިވެއެވެ. 

ޖަމާލް ބުނީ އޭނާގެ މުއްސަނދިކަން ވިއްކާލައި ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކޮށްފައިވާނީ ވެސް މަންމަ އާއި ބައްޕައަށްވެސް އެކަމުން ފައިދާކުރާނެ ގޮތަށް ކަމަށެވެ. "އަހަރެން ބަދަލުވެގެން މިދިއައީ ހަމަ މަންމަ އާއި ބައްޕަގެ ހެޔޮ ދުޢާއިން ކަމަށް އަހަރެން ޤަބޫލުކުރަނީ. މިއީ ލިބުނު ވަރަށް ބޮޑު ޢިބްރަތެއް! ﷲ އިރާދަކުރެއްވިއްޔާ މިފިލާވަޅުގެ ބޭނުން މުޅި އުމުރުގައިވެސް ކުރާނަން." ކަމަށްވެސް ޖަމާލް ބުނެފައިވެއެވެ. 

މިޞުރުގެ ނޫހެއްގައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް.

އާރޓިކަލް ރޭޓްކުރައްވާ


28%
ވ.ރަނގަޅު
12%
ރަނގަޅު
25%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް