އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެންޑީއެފުން ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއެންޑީއެފުން ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ރ.އިނގުރައިދޫގައި އެމްއެންޑީއެފުން ހިންގި "މޫދު ކަސްރަތުން އުފާވެރިކަން 15" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

"މޫދު ކަސްރަތުން އުފާވެރިކަން" މި ނަމުގައި 2018 ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން 2019 ޖަނަވަރީ 11 ގެ ނިޔަލަށް ރ. އިނގުރައިދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އޮނަރަބަލް އަޙްމަދު މަހުލޫފެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ވަނީ ވާހަކަފުޅު ދައްކަވާފަވެއެވެ.

އަދި މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލި ބައިވެރިންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

ރ. އިނގުރައިދޫގައި ހިންގި މި ޕްރޮގްރާމުގައި އެ ރަށުގެ 12 އަހަރާއި 80 އަހަރާ ދެމެދުގެ، ދެޖިންސްގެ 282 ބައިވެރިން ބައިވެރިވެފައި ވެއެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އިނގުރައިދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އެއްބާރުލުމާއެކު ރަށު ކައުންސިލް އިދާރާ އާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 1 އިސްމާޢީލް އަޙްމަދާއި އެ ޓީމުގައި ހިމެނޭ އެހެނިހެން ސިފައިންނެވެ. ރ.އިނގުރައިދޫގައި މި ހިންގި "މޫދު ކަސްރަތުން އުފާވެރިކަން"  ޕްރޮގްރާމަކީ މި ސިލްސިލާގެ 15 ވަނަ ޕްރޮގްރާމަށްވާއިރު މި ޕްރޮގްރާމަކީ އެންމެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ސިލްސިލާގެ ޕްރޮގްރާމެވެ.

މީގެ ކުރިން ވެސް ހއ، ހދ ގެ އިތުރުން ކ އަތޮޅާއި މ އަތޮޅާއި ފ. އަތޮޅާއި ދ.އަތޮޅާއި ތ.އަތޮޅުގެ ބައެއް ރަށްތަކުގައި މި ޕްރޮގްރާމް ހިންގާފައިވެއެވެ. އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި މާލޭގެ ބައެއް ކޯޓުތަކުގެ މުވައްޒަފުންނަށް ވެސް މި ޕްރޮގްރާމް ވަނީ ހިންގާފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާގެ އޮފިސަރުންނާއި، ރ.އިނގުރައިދޫގެ ސަރުކާރު އިދާރާތަކުގެ އިސްވެރިންނާއި، ކޯހުގެ ބައިވެރިންނާއި މުދައްރިބުން ވެސް ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ