އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ އަލާމާތްތައް!

މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ އަލާމާތްތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު 

މަސްތުވާތެކެތީގެ ވަބާއަކީ މިހާރު މި ކުޑަކުޑަ މުޖުތަމަޢުގައި އާއްމު ވަބާއެކެވެ. މަސްތުވާތަކެއްޗަށް ޝިކާރައަކަށް ވެފައިވާ  މީހުންގެ ސަބަބުން ގެއްލުން ލިބެމުންދަނީކީ ހަމައެކަނި އެމީހުންނަކަށް ނޫނެވެ. މިކަމުގެ ގެއްލުންތައް، މުޅި މުޖުތަމައުއަށް ދަނީ ކުރަމުންނެވެ. މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާނީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއްގެ ފަރާތުން ފެންނާނެ ކަންކަމަށެވެ. ނުވަތަ އެފަދަ އެއްޗެއް ބޭނުންކުރާކަމުގެ އަލާމާތްތަކަށެވެ. 

އާއްމުކޮށް، މަސްއތުވާތަކެތި ބޭނުންކުރާ މީހުން، ހާސްވެ ކަންބޮޑުވެފައި އިންނަވަގުތު ގިނަވާނެއެވެ. އެމީހުންގެ ދިރިއުޅުމަށް އެތަކެއް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން، ނިދުމާއި ކެއުންފަދަ ކަންކަމަށް ބަދަލު އައުމާއި، ފައިސާއަށް ބޭނުންވާ މިންވަރު އިތުރު ވުމާއި، އާދަޔާޚިލާފަށް ރުޅިގަދަވެ، ތަކެއްޗަށް ގެއްލުންދީ ހެދުމާއި، ސިއްރުކަންތައް ކުރުން ފަދަ ނޭދެވޭ އެތައް ކަމެއް އެމީހުންގެ ދިރިއުޅުމުން ފެންނާނެއެވެ. މީގެ އިތުރުން، ސިއްރު ފޯނުކޯލުތައް އައުން ގިނަވުމާއި، ގެންގުޅޭ ރައްޓެހިން، އާއިލާއަށް ސިއްރުކުރުމާއި، ސާފުތާހިރުކަމަށް ހުންނަ ޝައުގުވެރިކަން ކުޑަވުމާއި، ބޭރުގައި ހޭދަކުރާ ވަގުތުތައް އިތުރުވުން ފަދަ ކަންކަން މިއީ މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ މީހެއްކަން ބުނެދޭ ބައެއް ކަންކަމެވެ. 

ހަމައެހެއްމެ، މަސްތުވާތަކެތި ބޭނުންކުރާކަން މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ޖިސްމާނީ ގޮތުން މީހާއަށް އަންނަ ބަދަލުތަކުން ވެސް އެނގޭނެއެވެ. އެގޮތުން، އާދަޔާޚިލާފަށް ލޯ ރަތް ވުމާއި، ލޮލުގެ ކޮއި ބޮޑުވެ، ލޯކައިރި ކަޅުވުމާއި، ނޭފަތް ބެދުން ނުވަތަ ނޭފަތުން ފެން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުމާއި، އަވަސް އަވަހަށް ރޯގާޖެހުމާއި، އަތްފައިގައި ނޫކުލަ ނުވަތަ ކަޅުކުލައިގެ ލަކުނު ލާފައި ހުރުމާއި، ވާހަކަ ދެއްކުމުގައި އުނދަގޫ ނުވަތަ ލަސްކަމެއް ހުރުމާއި، މޭނުބައިކުރުމާއި، ހޮޑުލެވުން ގިނަވުމާއި، ހިނގާ ބިނގާވެ އުޅުމުގައި ވެއްޓެން އުޅޭކަހަލަ ގޮތެއް ހުރުން މިއީ އެފަދަ ކަމަކަށް ޝައްކުކުރެވިދާނެ ކަންކަމެވެ.

ނަމަވެސް، ފޮތުގެ ބަނޑޭރިގަނޑަށް ބަލައިގެން ގޮތް ނުނިންމާށޭ ބުނާ ބީދާއިން، މިފަދަ ކަންކަން ފެންނަ ކޮންމެ މީހަކީ މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ މީހެއް ކަމަށް ނިންމައިގެން ނުވާނެއެވެ. ސަބަބަކީ ބަޔާންކުރެވުނު ކަންކަމަކީ ބައްޔެއްގެ ސަބަބުން ވެސް މީހާއަށް ކުރިމަތިވެދާނެ ކަންކަމެވެ. ނުވަތަ އައިސްދާނެ ބަދަލުތަކެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް