އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަޝްފާގެ ކުއްލި މަރު- އިހުމާލުވީ ކޮން ބައެއް؟ ޒިންމާ ނަގާނީ ކޮން ބައެއް؟

ރަޝްފާގެ ކުއްލި މަރު- އިހުމާލުވީ ކޮން ބައެއް؟ ޒިންމާ ނަގާނީ ކޮން ބައެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 42 ސިކުންތު

މިދިޔަ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު، މުޅި ރާއްޖެ ސިއްސުވާލި އެއް ޚަބަރަކީ، އެއް މާބަނޑު ދެ ކުދިންނަށް ބަލިވެއިން ޏ. ފުވައްމުލަކު ހޯދަޑު/ އޯޝަންވިލާ ރަޝްފާ އަޙުމަދު (20އ.) ނިޔާވި ޚަބަރެވެ. ރަޝްފާ އާއި އޭނާގެ ބަނޑުގައި އޮތް ތުއްތު ދެކުދިން ނިޔާވީ އެދުވަހުގެ ފަތިސް ވަގުތު ކ. މާފުށީ ގައެވެ.

 

ރަޝްފާގެ މަރުގެ ޚަބަރު ވެގެން ދިޔައީ މުޅި މުޅި ސޯޝަލް މީޑިއާ އާއި ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކުގައި ވެސް އެންމެ ގަދަޔަށް ދެކެވެމުން ދިޔަ އެއް ވާހަކަ ކަމުގައެވެ. އޭނާގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުމަށް މިއަދާއި ހަމައަށް ވެސް ދުޢާ ކުރަމުން ގެންދާއިރު، ރަޝްފާގެ މަރާއިބެހޭ ގޮތުން އެއިރުވެސް އަދި މިހާރުވެސް ބައެއް ފަރާތްތަކުން ދިޔައީ ސުވާލު އުފައްދަމުންނެވެ. ގިނަ ބަޔަކު ބުނެފައިވަނީ، އެދުވަހު ރަޝްފާގެ ސިއްޙަތާއިމެދު ބަޔަކު އިޙުމާލު ވެފައިވާ ކަމަށެވެ.

 

އެގޮތުން "މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި، (ނަންހާމަ ނުކުރުމަށް އެދި) ރަޝްފާގެ އާއިލާ މީހަކު ބުނެފައިވަނީ، ރަޝްފާ އާއިމެދު މާފުށީ ސިއްޙީ މަރުކަޒުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

 

މައުލޫމާތު ދިން މީހާ ބުނި ގޮތުގައި ރަޝްފާ ނިޔާވިއިރު އޭނާގެ ބަނޑަށް އަށް މަސް ފުރިި، ނުވަ މަހަށްވަނީ އަޅާފައެވެ. އެދުވަސްކޮޅު ކުޑަކޮށް ހުން އައިސްފައި ހުރުމުގެ ސަބަބުންނާއި ކެއްސާތީ، ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ރޭ 20:00 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި ކަމަށާއި އެތަނުގައި އުޅެނީ އާންމުބަލިތަކަށް ބޭސްކުރާ ޑޮކްޓަރުން ކަމަށް ވެސް އާއިލާއިން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

 

"ރަޝްފާއަށް ދީފައިވާ ކާޑުގައި (އޭއެންސީ) ކާޑުގައި އެބައިނދޭ 'ރިސްކް ފެކްޓާ' އެއްގެ ގޮތުގައި ލިޔެފަ 'ޓީނޭޖް ޕްރެގްނެންސީ' އެއް ކަމަށާއި 'ޓްވިންސް ޕްރެގްނެންސީ' އެއް ކަމަށް. އެހެންވެ އޭނާ ހުރީ ރިސްކެއްގައިކަން އެނގެން ހުރީ. މިހެން ބުނެފައި އިން އިރު، ކެއްސާތީ އެމަރުކަޒުން ދީފަ އިން ބޭހުގައި އެބަހުރި ބައެއް ސައިޑް އިފެކްޓްސް ތައް. ކޮންމެހެނަކަސް މާބަނޑު މީހެއް ވިއްޔާ ޑޮކްޓަރަށް ދައްކަން ދާއިރު ދާނީ އެފައިލް ހިފައިގެން ދެއްތޯ؟ އެހެންވީއިރު އޭނަގެ ހިސްޓްރީއަށް ބަލާލާފައި ވެސް އިނގެންވާނެ އެފަދަ ބޭހެއް ދޭކަށް ނުވާނެކަން. ބޭހަކީ ރަނގަޅު ބޭހެއްކަން އަޅުގަނޑުވެސް ޤަބޫލު ކުރަން. ކެއްސާތީ ދޭ ބޭހެއް ދީފަ ހުރީ. އެކަމަކު ބައެއް ބޭސްތައް ހުންނާނެ ދެއްތޯ ބައެއް މީހުންނަށް ނުގުޅޭ ބޭސްތައް؟" މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

                                            

ރަޝްފާގެ ކެއްސުން ރަނގަޅު ކުރުމަށް އޭނާ ބެލި ޑޮކްޓަރު ދީފައިވަނީ "ގްރިލިންކްޓަސް" ސިރަޕެވެ. މިބޭހާއި ބެހޭގޮތުން ކުޑަކޮށް ދިރާސާ ކޮށްލުމުން، މާބަނޑު ދުވަސްވަރު މިބޭސް ބޭނުން ނުކުރުމަށް ސިއްޙަތާއިބެހޭ މާހިރުން އިލްތިމާސް ކޮށްފައިވާކަން ފާހަގަ ކުރެވުނެވެ. އަދި ހަމައެއާއެކު އެބޭހުގައި އެކުލެވޭ އެއްވެސް މާއްދާއަކަށް އެލާޖިކް މީހުންނާއި، ފުރަމޭގެ މައްސަލަތައް ހުންނަ މީހުންނާއި ނެވާލުމުގެ މައްސަލަ ހުންނަ މީހުންނާއި ވަރަށް ބޮޑަށް ކިޑްނީ މައްސަލަތައް ހުންނަ މީހުން ވެސް މިބޭސް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

            

 

މިބޭހުގެ ސައިޑް އިފެކްޓްސް ތަކުގެ ތެރޭގައި ބަނޑު ހަރުވުމާއި. ބޮލަށް އެނބުރުން އެރުން، ހާސްވުމާއި ބޮލުގައި ރިއްސުމުގެ އިތުރުން، ވަރުބަލިވުމާއި ބަނޑުގައި ރިއްސުމާއި ކުޑަކަމުދާން އުނދަގޫވުން ހިމެނެއެވެ. އަދި ގައިގައި ފިއްގަނޑުތަކެއް ނެގުމާއި މޭނުބައިކޮށް ހޮޑުލެވުމުގެ އިތުރުން އަނގަތެރެ ހިކުމާއި ފުސްކޮށް ފެނުމަކީ ވެސް މިބޭހުގެ ސައިޑް އިފެކްޓްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

              

 

ރަޝްފާއަށް މިބޭސް ދޭން ވާނީ އޭނާގެ ހާލަތަށް ބަލާފައި ކަަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

 

"ނިޔާވީއިރު އާއިލާ އޮތީ މިކޮޅުގަ (ފުވައްމުލަކު ގައި). އޭނާ ދިރިއުޅުނީ މާފުށީގައި އޭނާގެ ފިރިމީހާ ގާތު. ފިރިމީހާ ބުނާ އެއްޗެއްތާ އަޅުގަނޑުމެންނަށް އަޑު އިވޭނީ؟ ފިރިމީހާވެސް ފުރަތަމަ ބުނީ ބޭހަކީ ރަނގަޅު ބޭހެކޭ، ޚާއްސަކޮށް މާބަނޑު މީހުންނަށް ދޭން އިންނަ ސިރަޕެކޭ. ދެން ދިނީ ޕެނެޑޯލޭ، ކުޑަކޮށް ހުން ވައްތަރު ވެފަ ހުރީމަ. އެކަމަކު ޑޮކްޓަރަށް ދައްކަން ދިޔައިރު ހުމެއް ނެތޭ ނިޔާވީއިރަކު ވެސް ހުމެއް ނެތޭ. ދެން ވަރަށް ފަހުން ރަޝްފާގެ ފިރިމީހާ ބުނީ ސައިޑް އިފެކްޓްވީ ވާހަކަ. އެބޭސް ބޮއެގެން ވެދާނެ ކަމަށް ހުރި ހުރިހާ ސައިޑް އިފެކްޓެއް ވެސް ރަޝްފާއަށްވެފައި ހުރިކަމަށް އޭނާގެ ފިރިމީހާ ބުނި. އޭގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި އެބަހުރި ނޭވާލާން އުނދަގޫވުމާއި، ކަރުތެރެ ހިކުމާއި ހޮޑު ލެވުމާއި މިކަންކަން. އޭނާގެ ފިރިމީހާ ވަރަށް ފަހުން ބުނި އެބޭސް ބުއިފަހުން ވަރަށް ބޮޑަށް ރަޝްފާ ހޮޑުލި ވާހަކަ. އެރޭ 12 ޖެހި ފަހުން ހަމަ ވަރަށް ގަދަޔަށް ހޮޑުލި ކަމަށް ބުނި. ނުވަ މަހަށްދާ މާބަނޑު އަންހެނަކު ގަދަޔަށް ހޮޑުލިޔޭ ބުނާނީ ދެން ހަމަ އާދަޔާ ޚިލާފަށް ހޮޑުލީމަތާ؟ އެމީހުންގެ ވެސް މައްސަލަ އަސްލު، މާބަނޑު އަންހެނަކު އެހާ ގަދަޔަށް ހޮޑު ލީމަވެސް ސިއްޙީ އެހީތެރިކަން ނުހޯދާ ތިބުމަކީ. " އޭނާ ކިޔައިދިނެވެ.

 

ރަޝްފާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ރަޝްފާގެ ފައިލު އޭނާގެ އާއިލާއަށް ލިބިފައިވަނީ މިމަހުގެ 3 ނުވަތަ 4 ހިސާބުގައެވެ. އެފައިލަށް ބަލާލިއިރު ޑޮކްޓަރަކަށް ދައްކާފައި، ޓެސްޓެއް ހެދުމަށްފަހު ރިޕޯޓު ނުނަގާ ހުރިކަން ހާމަވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

 

"ދައްތަ ބުނީ ކޮންމެވެސް މަހެއްގެ 30 ވަނަ ދުވަހު ހަދާފައިން ޓެސްޓެކޭ އެއީ. އެެހެންވެއްޖެ ކަމަށްވަންޏާ އެންމެ ފަހުން 30 އެއް ރަޝްފާއަށް އައިސްފައި އިންނާނީ ނޮވެމްބަރ 30 ގައި ނޫންތޯ؟ ޑިސެމްބަރ 25 ގައި ރަޝްފާ އެބައިން ޑޮކްޓަރަށް ދައްކާފައި. ޑިސެމްބަރ 25 ގައި ޑޮކްޓަރަށް ދެއްކިއިރު ޖެހޭނެތާ އެރިޕޯޓު ދައްކަން. މާބަނޑު މީހެއް ވީމަ ލޭގެ ޓެސްޓެއް ވިޔަސް އެއީ އާދައިގެ ކަމަކަށް ހަދައިގެން ނުވާނެ. ވިހަންވާއިރަށް ޖެހޭނެ ލެޔާއި ހަކުރާ އެއްޗެހި ވެސް ބަލާ ޓެސްޓު ކުރަން. އެހެންވެ އާއިލާއިން އެބަ ތުހުމަތު ކުރެވޭ އެމީހުންގެ ފަރުވާ ކުޑަވުން އެބައޮތް ކަމަށް ވެސް" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

 

ރަޝްފާ ނިޔާވި ރޭ ވަރަށް ބޮޑަށް ހޮޑުލި ކަމަށާއި ނުނިދިގެން އެރޭ ފަތިހު 5:00 އާއި 5:30 އާއި ދޭތެރޭ ފިރިމީހާއަށް ގޮވާފައި، ބަނޑުހައިވާ ވާހަކަ ބުނެ، ކާންދާން ބޭނުން ކަމަށް ބުނި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

 

"ރަޝްފާގެ ފިރިމީހާ ނާޝިދު ބުނިގޮތުގައި އެމީހުން ކާންދާން ނިންމީ ބޭރުން. މާފުށްޓަކީ ގެސްޓްހައުސް ވިޔަފާރި ވެސް ކުރާ ރަށަކަށްވާތީ އެގަޑީގައި ވެސް ތަންތަން ހުޅުވާފައި ހުންނާނެތީ ބޭރަށް ކާންދާން ނިންމިކަމަށް އެނގިފައި އޮތީ. ފިރިމީހާ ބުނީ ބޭރަށް ކާންދާން ތައްޔާރުވާން ރަޝްފާ އަމިއްލައަށް ކަމަށް އަލަމާރި ކައިރިއަށް ދިޔައީ. ގޮސްފަ ހަރުވާޅެއް ނަގައިގެން ގޮސް އެތަނުގައި އިން ގޮނޑިއެއްގައި އިށީން ކަމަށާއި އިށީންފަހުން ކަރުން އަޑުފައްގަނޑެއް ނެރެފަ، މޫނާ ތަންތަން ނޫފައިގެންފަ ކަރުން ފޮނަ ތަކެއް އަރުވާފަ ހަޅޭކައި އެއްކޮށް ވެއްޓެން އުޅުނީމަ، ތިމަންނަ އޭނަ އަތް މައްޗަށް ނަގަން އުޅުން ކަމަށް ބުނި ފިރިމީހާ. އެކަމަކު ތިމަންނައަށް އޭނަ ބަރުވީމަ ނުނެގުނު ކަމަށާއި އެހެންވެ ތިމަންނަގެ ގައިމައްޗަށް އޭނަ ތިރިކޮށްފަ އޭނަގެ މީހުންނަށް ގޮވި ކަމަށް ބުނި. އެމީހުން އެންމެން ވެގެން ރަޝްފާ އެނދު މައްޗަށްލީ ކަމަށް ވެސް ބުނީ. ދެން މަރުކަޒަށް ގެންދަން ވެގެން އެމްބިއުލޭންސަށް ގުޅިއިރު ޑްރައިވަރެއް ނެތީމަ ޕޮލިހަށޭ ގުޅީ ބުނީ. ޕޮލިހުން އެމްބިއުލޭންސުން އައިސް ރަޝްފާ ގެންދިޔައީ. ގެންދިޔައިރު ދެ ބޭބީ ގެ ވެސް ވިންދު ހުރި ކަމަށް ބުނި އެކަމަކު ރަޝްފާ ވަނީ އެއިރު ނިޔާވެފަ ކަމަށް ވެސް ބުނި." ރަޝްފާގެ އެންމެ ފަހު ވަގުތު އޭނާގެ އާއިލާގެ މެމްބަރު ކިޔައިދިނެވެ.

         

 

މައުލޫމާތު ދިން މީހާ ބުނި ގޮތުގައި، ރަޝްފާ އެވަގުތު ނިޔާވެފައިވީ ނަމަވެސް، އޭނާގެ ބަނޑުގައި އޮތް ތުއްތު ދެ ފުރާނަ ސަލާމަތް ކުރެވުނީހެވެ. މާލެ އާއި އެހާ ކައިރިގައި މާފުށި އޮތް އިރުވެސް، އަވަސް ގޮތަކަށް އެރޭ ރަޝްފާ މާލެ ގެނައިނަމަ އެ ދެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށާއި ނަމަވެސް އެކަމަށް އެރޭ އެއްވެސް ފަރާތަކުން ރަޝްފާ މާލެ ގެންނަން މަސައްކަތް ވެސް ކޮށްފައިނުވާކަން، އާއިލާއިން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

 

ރަޝްފާ އާއި އޭނާގެ ދެ ދަރިންނާއިމެދު އިހުމާލު ވެފައިވާކަމަށް އެއާއިލާއަށް ޤަބޫލު ކުރެވޭތީ، އާއިލާއިން މިހާރު ވަނީ އެމައްސަލަ ފުވައްމުލަކު ގައި ހުންނަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ކަމަށާއި އެޗްއާރްސީއެމް އަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ. އަދި ހެލްތު މިނިސްޓްރީ އަށް ވެސް މައްސަލަ މެއިލް ކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ.

 

މިކަމާއި ގުޅޭ ގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އާއިލާއިން އެމައްސަލަ ހުށަހެޅުމުގެ ކުރިން ވެސް އެމިނިސްޓްރީން އެމައްސަލަ ބަލަން ފަށާފައިވާ ކަމަށާއި މިހާރުވެސް ބަލަމުންދާ ކަމަށެވެ. އަދި އެފަދަ ހާދިސާއެއް ހިނގައިފިނަމަ ހެލްތު މިނިސްޓްރީން އަބަދުވެސް ވަރަށް ރަނގަޅަށް އެކަމެއް ބަލަމުންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ