އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް‍ -2

އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް‍ -2


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 32 މިނެޓް, 26 ސިކުންތު

ސުންނަތަކީ ޙުއްޖަތެއް ކަމަށް ދަލީލު ލިބޭ ކީރިތި ރަސޫލާގެ ޙަދީޘް ތައް:

1. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (عليكم بسنتي وسنة الخلفاء الراشدين) މާނައަކީ: "ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓާށެވެ. އަދި ތިމަންކަލޭގެފާނުގެ ޚަލީފާއިންގެ ސުންނަތުގައި ހިފަހައްޓާށެވެ".

2. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (إني تركت فيكم ما إن تمسكتم به فلن تضلوا بعدي، كتاب الله وسنتي) މާނައަކީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ދެކަމެއް ދޫކުރެއްވީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެއެވެ. ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ".

3. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (صلوا كما رأيتموني أصلي) މާނައަކީ: "ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ފެނުނު ގޮތަށް ނަމާދު ކުރާހުށިކަމެވެ".

4. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (خذوا عني مناسككم) މާނައަކީ: "ތިޔަބައިމީހުން ޙައްޖުގެ ކަންތައްތައް ތިމަންކަލޭގެފާނުގެ ގާތުން ދަސްކުރާށެވެ".

5. މުޢާޛް ބިން ޖަބަލް-ރަޟިޔަﷲ ޢަންހު- ޙާކިމެއްގެ ގޮތުގައި ޔަމަނަށް ފޮނުއްވަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ ކުރިމައްޗަށް މައްސަލައެއް އަތުވެއްޖެނަމަ ޙުކުމް ކުރައްވާނީ ކިހިނަކުންތޯއެވެ؟"، ވިދާޅުވިއެވެ. "ﷲ ގެ ފޮތުންނެވެ"، ޙަދީޘް ކުރެއްވިއެވެ. "ގުރްއާނުން ނުފެނިއްޖެނަމަ ދެން ހަދާނީ ކިހިނަކުންހެއްޔެވެ؟"، ވިދާޅުވިއެވެ. "ﷲ ގެ ރަސޫލަގެ ސުންނަތުންނެވެ"، ޙަދީޘް ކުރެއްވިއެވެ. "އެއިންވެސް ނުފެނިއްޖެނަމަ ދެންހަދާނީ ކިހިނަކުން ހެއްޔެވެ؟"، ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އިޖްތިހާދު ކުރައްވާނީއެވެ، އަދި އެކަމުގައި ފަރުވާކުޑަ ނުކުރާނަމެވެ"، އެހިނދު މުޢާޛްގެ މޭފުޅޫގައި ޖައްސަވާފައި ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ ރަސޫލާގެ ރަސޫލަ އަށް، ﷲއާއި އެކަލާނގެ ރަސޫލާ ރުހިވޮޑިގަންނަވާ ގޮތުގައި ހިފުމުގެ ތައުފީގް ދެއްވި ﷲ އަށް ޙަމްދުކުރަމެވެ".

6. ގުރައިޝްވަންހާގެ މީހުން ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް އަށް ކީރިތި ރަސޫލާގެ ފަރާތްޕުޅުން އިވިވަޑައިގަންނަވާ ތަކެތި ލިޔުން މަނާކުރުމުން ޙަދީޘް ކުރެއްވިއެވެ. (اكتب, فو الذي نفسي بيده ما خرج مني إلا الحق) މާނައަކީ: "ލިޔާށެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ޙައްގުނޫން އެއްޗެއް ނުނިކުންނާނެއެވެ".

7. އިމާމް ޛަހަބީ އެކަލޭގެފާނުގެ ފޮތް ތަޛްކިރަތުލް ޙުއްފާޡް ގައި ލިޔުއްވާފައިވެއެވެ. "އަބޫބަކުރު- ރަޟިޔަﷲ ޢަންހު- ގެ ޒަމާނުގައި މާމަ އަކު އޭނާގެ ވާރުތަ މުދާ ހޯދުމަށް އައެވެ. އެހިނދު އަބޫބަކްރު-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ﷲ ގެ ފޮތުގައި ކަމަނާއަށް އެއްޗެއް އޮތް ކަމަކަށް ނުފެނެއެވެ، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ފަރާތްޕުޅުންވެސް ތިކަމުގައި އެއްޗެއް އައިސްފައިވާ ކަމެއް ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންފައެއް ނުވެއެވެ. ދެން އެކަލޭގެފާނު އެކަމާއި ގުޅޭގޮތުން ޞަޙާބީންނާ ސުވާލުކުރެއްވުމުން މުޣީރާ ރަޟިޔަﷲ ޢަންހު- ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަމަނާއަށް(މާމައަށް) ހަބައިކުޅައެއްބައި ދެއްވި ކަމަށް ތިމަންކަލޭގެފާނު އަޑުއެހީމެވެ"، އަބޫބަކުރު-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ކަލޭގެފާނާއި އެކު އެހެންމީހަކު އެބަހުރިހެއްޔެވެ؟"، އެހިނދު މުޙައްމަދު ބިން މަސްލަމަތު -ރަޟިޔަﷲ ޢަންހު- އެކަމަށް ހެކިވެވަޑައިގެންނެވިއެވެ. ދެން އަބޫބަކުރު- ރަޟިޔަﷲ ޢަންހު- ވެސް އެގޮތަށް ޙުކުމްކުރައްވާ އެކަން ތަންފީޛު ކުރެއްވިއެވެ. 

ސުންނަތުގެ މައިގަނޑު ބޭނުން:

ނަބަވީ ސުންނަތުގެ ދެބޭނުމެއްވެއެވެ. އެއީ:

1. ގުރްއާނުގައިވާ އެއްޗެއް ބަޔާންކޮށްދިނުން،

2. ގުރްއާނުގައި ނައްޞު އައިސްފައިނުވާ އެއްޗެއްގެ ޙުކުމް ބަޔާންކޮށްދިނުން.

ގުރްއާނުގައިވާ އެއްޗެއް ބަޔާންކޮށްދިނުމުގައި ބައިވަރު ގޮތްތަކެއްވެއެވެ. އެގޮތުން:

ގުރްއާނުގައި މުޖްމަލްކޮށް އައިސްފައިވާ ޙުކުމެއް އިތުރަށް ތަފްޞީލުކޮށް ދިނުން، ނުވަތަ މުޝްކިލްކޮށް އޮތް ތަނެއް ތައުޟީޙުކޮށް ދިނުން، މުޠްލަގްކޮށް އޮތްތަނެއް މުގައްޔަދުކޮށްދިނުން، ޢާއްމުކޮށް އޮތްތަނެއް ތަޚްޞީޞްކޮށްދިނުން ހިމެނެއެވެ. މިކަމުގެ މިޘާލުތައް ބައިވަރެވެ. ރެއަކާއި ދުވާލު ފަރްޟު ވެގެންވަނީ ފަސްނަމާދުކަން ބަޔާންކޮށްދިނީވެސް ސުންނަތުންނެވެ. ކޮންމެ ނަމާދެއްގެ ރަކްޢަތްތަކުގެ ޢަދަދު ބަޔާންކޮށްދިނީވެސް ސުންނަތުންނެވެ. އަލްއަންޢާމް ސޫރަތުގެ 82 ވަނަ އާޔަތް(الذين ءامنوا ولم يلبسوا إيمانهم بظلم) މިއާޔަތުގައި އެވާ (ظلم) ގެ މުރާދަކީ (ޝިރްކު) ކަން ބަޔާންކޮށްދިނީވެސް ސުންނަތުންނެވެ. 

ޒިނޭކުރާ އަންހެނުންގެ ޙުކުމް އިސްލާމް ދީން ފެށިގެން އައިތާ ކައިރީގައި އޮންނަ ގޮތަކީ ހަތަރު ހެކިން އެކަމަށް ހެކިދީފިނަމަ، އެކަނބަލުން މަރުވެއްޖައުމަށް ދާންދެން، ނުވަތަ އެކަނބަލުންނަށް މާތް ﷲ މަގެއް ދައްކަވައިފުމަށް ދާންދެން ގޭގައި އެކަނބަލުން ބަންދުކުރާށެވެ. އައްނިސާ ސޫރަތުގެ 15 ވަނަ އާޔަތުގައި އެވަނީ އެވާހަކައެވެ. މިއާޔަތުގައި މިވާ (އެކަނބަލުންނަށް މާތް ﷲ މަގެއް ދައްކަވައިފުމަށް ދާންދެން) މިބައިގެ ތަފްސީރު ލިބެނީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުންނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (خذوا عني خذوا عني خذوا عني، قد جعل الله لهن سبيلا: البكر بالبكر جلد مأة وتغريب عام، والثيب بالثيب جلد مأة والرجم) މާނައަކީ: "ތިމަންކަލޭގެފާނު ފަރާތްޕުޅުން ނަގާށެވެ. ތިމަންކަލޭގެފާނު ފަރާތްޕުޅުން ނަގާށެވެ. ތިމަންކަލޭގެފާނު ފަރާތްޕުޅުން ނަގާށެވެ. ﷲ އެކަނބަލުންނަށް މަގެއް ދައްކަވައިފިއެވެ. ބިކުރުވެރި ކުއްޖެއްނަމަ ސަތޭކަ އެތިފަހަރުން ޖަހައި އެއްއަހަރަށް އަރުވާލުމެވެ. ޘައްޔިބެއްނަމަ ސަތޭކައެތިފަހަރުން ޖެހުމާއެކު ރަޖަމް ކުރުމެވެ".

ތިންވަނަ މަޞްދަރު: އަލްއިޖްމާޢު

ޢަރަބި ބަހުގައި "އިޖްމާޢު" މި ލަފްޡު ދެގޮތަކަށް ބޭނުންކުރެއެވެ. 

އެއްގޮތަކީ ކަމެއްކުރުމަށް ގަދަޔަށް ޢަޒުމްކޮށް ނިޔަތްގަތުމެވެ. ރަސޫލާގެ ޙަދީޘްގައި އައިސްފައިވެއެވެ. (لا صيام لمن لا يجمع الصيام من الليل) މިޙަދީޘްގައި (يَجْمَعُ) ގެ މާނައަކީ ޢަޒުމްކޮށް ނިޔަތްގަތުމެވެ. 

ދެވަނަ ގޮތަކީ: އިއްތިފާގްވުން. ފިގްހުވެރިން "އިޖްމާޢު" ގެ މާނާގައި "އިއްތިފާގް" ވެސް ބޭނުންކުރެއެވެ. "މުޙައްމަދުގެ ފާނުގެ އުއްމަތުގެ ހުރިހާ ޢިލްމުވެރިން އިއްތިފާގްވެޔޭ" ބުނެވޭ ބަހުގެ މާނައަކީ "އިޖްމާޢު" ވުމެވެ.

ޟަރޫރީ ގޮތުން ދީނުގައި އެނގެން ހުރި ކަންތައް ފިޔަވާ އެހެނިހެން ކަންތައްތަކުގައި ޢިލްމުވެރިންނަށް އިޖްމާޢު ވެވިދާނެކަމާއި މެދުގައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. މިޘާލަކަށް ފަރުޟު ފަސްނަމާދުވާކަން، ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއްކަން، ނުވަތަ މިނޫންވެސް ޟަރޫރީ ގޮތުން ދީނުގައި އެނގެން ހުރި ކަންތައްތަކުގައި އިޖްމާޢުވުމެއް ނެތެވެ. މިނޫންކަންތައްތަކުގައި އިޖްމާޢު ވެވިދާނެކަމަށް ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ޞަޙާބީންގެ ޒަމާނުގައި ބައެއް ކަހަލަ ކަންތައްތަކުގައި އެބޭކަލުން އިޖްމާޢުވެލައްވާފައި އެބަހުއްޓެވެ. މިޘާލަކަށް ގުރްއާން ޖަމަޢަ ކުރެއްވުމުގެ ކަންތަކުގައި ޞަޙާބީންވަނީ އިޖްމާޢުވެލައްވާފައެވެ. ނަމަވެސް ޞަޙާބީންގެ ޒަމާނަށްފަހުގައި މުސްލިމް ޢިލްމުވެރިން ކަމަކާއި މެދުގައި އިޖްމާޢުވެދާނެކަމާއި މެދުގައި ބައެއް ޢިލްމުވެރިން އިޚްތިލާފްވެލައްވައެވެ. ސަބަބަކީ ޢިލްމުވެރިން އެކި ތަންތަނަށް ބެހިގެންގޮސް އެކަކު އަނެކަކާއި ބައްދަލުނުވުމުގެ ސަބަބުންނެވެ. އެހެންކަމުން، އަނެއް މީހާގެ ރައުޔު ނުވަތަ ޚިޔާލު ހުރީ ކިހިނަކުންކަން ދެނެގަތުން އުނދަގޫވާނެތީވެއެވެ. އަދި ބައެއް ޢިލްމުވެރިން ކުރީގެ ރައުޔު ދޫކުރެއްވުމުގެ އިޙްތިމާލުވެސް އޮތުމާއެކުގައެވެ. އެހެންކަމުން އިމާމް އަޙްމަދު-ރަޙިމަހުﷲ- ވިދާޅުވާކަމަށްވެއެވެ. "އިޖްމާޢުވެއްޖެ ކަމަށް ދަޢްވާކުރާމީހާ އެހަދަނީ ދޮގެކެވެ، ފަހަރުގައި ބައެއް ޢިލްމުވެރިން އެކަމާ އެއްބަސްވެވަޑައި ނުގެންނެވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަން އެންމެންނަށް ނޭގި ހިނގައިދާނެއެވެ. އެހެންކަމުން ބުނާށެވެ. ތިމަންނާއަށް އެނގިފައިވާ ގޮތުން އެއްވެސް ޢިލްމުވެރިޔަކު މިމައްސަލާގައި އިޚްތިލާފު ވެވަޑައިގެންފައިނުވެއެވެ". 

އިޖްމާޢުގެ ޙުއްޖިއްޔަތު:

އިޖްމާޢަކީ ޙުއްޖަތެއްކަމުގައްޔާއި އެއީ އިސްލާމީ ޝަރީޢަތުގެ ތިންވަނަ މަޞްދަރުކަމުގައި ޢިލްމުވެރިން އިއްތިފާގްވެލައްވައެވެ.މިކަމާއި އިންކާރުކުރަނީ ހަމައެކަނި ޚަވާރިޖުންނާއި މުޢްތަޒިލާއިންގެ ތެރެއިން އައްނިޡާމް އާއި ޝީޢީންނެވެ.

އިޖްމާޢަކީ ޙުއްޖަތެއްކަމުގެ ދަލީލުތައް:

1. ކީރިތި ގުރްއާނުން ލިބެން ހުރި ދަލީލުތައް:

1. އައްނިސާ ސޫރަތުގެ 115 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا) މާނައަކީ: "އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާޔާއި ދެކޮޅުވެރިވެ، މުއިމިނުންގެ މަގު ނޫން މަގަކަށް ތަބަޢަ ވާމީހާ ދަންނާށެވެ. އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަން ﷲ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަން ﷲ އެމީހާ ނަރަކައަށް ވައްދަވައިހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ". 

މިއާޔަތުން ދޭހަވާ ގޮތުގައި އިޖްމާޢާއި ޚިލާފްވާ މީހަކީ މުއިމިނުންގެ މަގަށް ތަބަޢަވާ މީހެއް ނޫނެވެ.

2. އަލްބަގަރާ ސޫރަތުގެ 143 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وكذلك جعلناكم أمة وسطا لتكونوا شهداء على الناس ويكون الرسول عليكم شهيدا) މާނައަކީ: "އަދި ހަމައެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަން ﷲ ތިޔަބައިމީހުން ލެއްވީމެވެ.  އެއީ ގިޔާމަތް ދުވަހުން މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިއެއް ކަމުގައި ރަސޫލާ ވެވަޑައިގަތުމަށްޓަކައެވެ".

މުހައްމަދުގެފާނުގެ އުއްމަތުގެ މީހުންނަކީ އެންމެ ޢަދްލުވެރި މީހުންނެވެ. އަދި އެއީ މެދުމިނުގެ އުއްމަތުގެ އަހްލުވެރިންނެވެ. އެހެންކަމުން މުހައްމަދުގެފާނުގެ އުއްމަތުގެ މީހުންގެ އިޖްމާޢުވާނީ ޙުއްޖަތަކަށެވެ.

މިނޫންވެސް އެތައް އާޔަތްތަކަކުން އިޖްމާޢަކީ ޙުއްޖަތެއްކަން ދޭހަވެއެވެ.

2. ކީރިތި ރަސޫލާގެ ސުންނަތުން ލިބެން ހުރި ދަލީލުތައް:

1. މިއުއްމަތުގެ މީހުން ނުބައިކަމެއްގެ މައްޗަށް އިޖްމާޢުނުވާނެކަމަށް ދޭހަވާ އެތަށް ޙަދީޘެއްވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ أُمَّتِي لا تَجْتَمِعُ عَلَى ضَلالَةٍ) މާނައަކީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ނުބައިކަމެއްގެ މައްޗަށް އިޖްމާޢެއް ނުވާނެއެވެ". 

2. އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (ما رآه المسلمون حسنا فهو عند الله حسن) މާނައަކީ: "މުސްލިމުންނަށް ރަގަޅުކަމަށް ފެނުނު ކޮންމެ ކަމަކީ ﷲ ގެ ޙަޟްރަތުގައި ރަގަޅު ކަމެކެވެ". 

3. އަދިވެސް ޙަދީޘް ކުރެއްވިއެވެ. (فإن يد الله على الجماعة) މާނައަކީ: "ހަމަކަށަވަރުން މާތްﷲ ގެ އަތްވަނީ ޖަމާޢަތާ އެކުގައެވެ"،

4. އަދިވެސް ޙަދީޘް ކުރައްވައެވެ. (من خالف الجماعة قدر شبر فقد مات ميتة جاهلية) މާނައަކީ: "ކައިވަތެއްގެ މިންވަރަށް ނަމަވެސް ޖަމާޢަތާއި ޚިލާފުވެ ހުއްޓާ މަރުވެއްޖެނަމަ އެމީހާ އެމަރުވީ ޖާހިލިއްޔަ މަރަކުންނެވެ".

މިނޫންވެސް އެތައް ޙަދީޘްފުޅުތަކެއް މިކަމާއި ބެހޭގޮތުން އައިސްފައިވެއެވެ. 

ހަތަރުވަނަ މަޞްދަރު: އަލްގިޔާސް

ބަހުގެ ގޮތުން ގިޔާސްގެ މާނައަކީ މިންވަރުކުރުން ނުވަތަ އެއްވަރު ކުރުމެވެ.

އުޞޫލުފިގްހުގައި ގިޔާސްގެ މާނައަކީ: މައްސަލައެއްގެ ޙުކުމެއް އެހެން މައްސަލައެއްގެ ޙުކުމާއި ޢިއްލަތުގެ ގޮތުން އެއްގޮތްވާތީވެ ގުޅުވާލުމެވެ. ނުވަތަ ކުރީމައްސަލަ އަށް ދިން ޙުކުމް ފަހު މައްސަލައަށްވެސް ދިނުމެވެ. އެއީ ދެމައްސަލައިގެވެސް ޢިއްލަތަކީ އެކައްޗަކަށްވީތީވެއެވެ.

ޢިއްލަތުގެ މާނައަކީ: އެކަމަކާއިހުރެ މައްސަލައިގެ ޙުކުމް އަންނަން ޖެހުނު ކަމެވެ. މިޘާލަކަށް ރާ ޙަރާމްކުރެއްވީ މަސްތުވާތީވެއެވެ. އެހެންކަމުން ކޮންމެ މަސްތުވާ އެއްޗެއް ރަލަށް ގިޔާސް ކުރުމަށްފަހު ބުނެވޭނީ އެއީ  ޙަރާމް އެއްޗެއް ކަމަށެވެ. ޢިއްލަތަކީ މަސްތުވުމެވެ. 

ގިޔާސް އަކީ އިސްލާމީ ޝަރީޢަތުގެ ހަތަރުވަނަ މަޞްދަރެވެ. އެއިން އިސްލާމްދީނުގެ ޙުކުމްތައް ނެގޭނެ އެއްޗެކެވެ. އެކަމުގެ ދަލީލުތަކަކީ:

ކީރިތި ގުރްއާނުގެ ދަލީލުތައް:

1. ޝޫރާ ސޫރަތުގެ 17 ވަނަ އާޔަތް، މާތް ﷲ ވަޙީ ކުރައްވައެވެ. (اللَّهُ الَّذِي أَنْزَلَ الْكِتَابَ بِالْحَقِّ وَالْمِيزَان) މާނައަކީ: "ޙައްގު ގޮތުގައި ފޮތާއި ޢަދުލު އިންޞާފު ބާވާލެއްވީ ﷲ އެވެ. ގިޔާމަތްވުމުގެ ވަގުތު ގާތްވެގެންވާކަން، ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟". މިއާޔަތުގައި މިވާ (الْمِيزَان) އަކީ ކަންކަން މިންވަރު ކުރަން ގެންގުޅޭ ތިލަފަތެވެ. 

2. އަލްއަންބިޔާ ސޫރަތުގެ 104 ވަނަ އާޔަތް، މާތް ﷲ ވަޙީ ކުރައްވައެވެ. (كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُه) މާނައަކީ "އެންމެ ފުރަތަމަ އުފެއްދެވި ފަދައިން، އެތަކެތި އަލުން އިޢާދަ ކުރައްވާ ހުށީމެވެ"،

3. ފާޠިރު ސޫރަތުގެ 9 ވަނަ އާޔަތް، ވަޙީ ކުރައްވައެވެ. (وَاللَّهُ الَّذِي أَرْسَلَ الرِّيَاحَ فَتُثِيرُ سَحَاباً فَسُقْنَاهُ إِلَى بَلَدٍ مَيِّتٍ فَأَحْيَيْنَا بِهِ الْأَرْضَ بَعْدَ مَوْتِهَا كَذَلِكَ النُّشُورُ) މާނައަކީ: "އަދި ﷲ އީ، ވައިރޯޅި ފޮނުއްވި އިލާހެވެ. ފަހެ، އެ ވައިރޯޅި ވިލާތައް އުފުލައެވެ. އަދި މަރުވެފައިވާ ރަށަކަށް، ތިމަން ﷲ އެވިލާތައް ގެންދެވީމެވެ. ފަހެ، ބިންގަނޑު މަރުވެފައި އޮތުމަށްފަހު، އެ ވިލާތަކުގެ ފެނުން ތިމަން ﷲ އެ ބިން ދިރުއްވީމެވެ. ގިޔާމަތް ދުވަހުން އަލުން ދިރުއްވައި ފޮނުއްވުންވަނީވެސް އެފަދައިންނެވެ"

އިސްވެދިޔާ ދެއާޔަތަށް ބަލައިލައިފިނަމަ ފުރަތަމަ އާޔަތުގައި ޚަލްގުތަކުން އިޢާދަ ކުރެއްވުން ވައްތަރު ކުރައްވާފައިވަނީ އެތަކެތި އުފެއްދެވުމާއެވެ. އަދި މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވުން ވައްތަރު ކުރައްވާފައިވަނީ ބިންގަނޑު ދިރުއްވުމާއެވެ. މިގޮތަށް ވައްތަރު ކުރެއްވުމަކީ ގިޔާސް އެވެ. 

ސުންނަތުގެ ދަލީލުތައް:

1. މަރުވެފައިވާ މަންމަ އަށް ނުހިފި ދޫކޮށްލެވިފައިވާ ރޯދަތަކާއި ބެހޭ ގޮތުން ކީރިތި ރަސުލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލުވެވުމުން ޙަދީޘް ކުރެއްވިއެވެ. (أرأيتِ لو كان على أمك دين فقضيته؛ أكان يؤدي ذلك عنها"؟ قالت: نعم. قال: "فصومي عن أمك) މާނައަކީ: "ކަމަނާގެ މަންމަގެ މައްޗަށް ދަރަންޏެއްވާކަމަށް ވަނީނަމަ އެދަރަނި އަދާކުރާނަން ހެއްޔެވެ. އެކަމަނާ ދެންނެވިއެވެ. އާދޭހެވެ. ޙަދީޘް ކުރެއްވިއެވެ. އެހެންވީމާ މަންމަގެ މަތިން ރޯދަ ހިފާށެވެ". 

2. މީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާއަށް ކަޅުކުއްޖަކު ލިބިއެއްޖެއެވެ. ޙަދީޘް ކުރެއްވިއެވެ. ކަލޭގެ ޖަމަލެއްވޭ ހެއްޔެވެ؟ ޙަދީޘް ކުރެއްވިއެވެ. އެޖަމަލުގެ ކުލަތަކަކީ ކޮބައިތޯއެވެ. އެމީހާ ޖަވާބުގައި ދެންނެވިއެވެ. ރަތްކުލައެވެ. ޙަދީޘް ކުރެއްވިއެވެ. އޭގައި ލައްގަނޑުތަކެއް ހުރޭހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. އާއެކެވެ. ޙަދީޘް ކުރެއްވިއެވެ. އެއީ ކިހިނެއްވީ ކަމެއްހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. ކައިރީގައި ހުރި އެހެން ޖަމަލުތަކުގެ އަޘަރު ކުރީ ކަމަށް ވެދާނެއެވެ. ޙަދީޘް ކުރެއްވިއެވެ. ކަލޭގެ ދަރިފުޅު ކަޅުވެފައި ހުރީވެސް އެކުއްޖާ މަންމަ ބަލިވެއިން ދުވަސްވަރު ކައިރީގައި އުޅުނު އެހެން މީހުންގެ އަޘަރުކޮށްގެން ކަމަށް ވެދާނެއެވެ".

މިފަދައިން ކަންކަމުގައި މިޘާލު ޖައްސަވާ ގުރްއާނާއި ޙަދީޘްގައި އައިސްފައިވާ ހުރިހާ ތަންތަނަކީ ގިޔާސްގެ މިޘާލުތަކެވެ. އެހެންކަމުން ގިޔާސަކީ ޙުއްޖަތެއް ކަމަށް ދަލީލު ލިބެއެވެ. 

ދަންނަބޭކަލުންގެ އިޖްމާޢު:

ޞަޙާބީންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް މިއުއްމަތުގެ އިތުބާރު ހިފޭހުރިހާ ދަންނަ ބޭކަލުން ގިޔާސަކީ ޙުއްޖަތެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވައެވެ. 

ގިޔާސް ގެ ޝަރްޠުތައް:

1. އެޔަށްވުރެ ވަރުގަދަ ދަލީލަކާ ތަޢާރުޟު ނުވުން. ނައްޞަކާ ނުވަތަ ދަންނަބޭކަލުންގެ އިޖްމާޢާއި ނުވަތަ ޞަޙާބީ އެއްގެ ބަހަކާ ތަޢާރުޟުވާ ކަމަށް ވަނީ ނަމަ ގިޔާސަކީ މުޢްތަބަރު އެއްޗަކަށް ނުވާނެއެވެ. މިޘާލަކަށް: ބުއްދި ފުރިހަމަވެފައިވާ އަންހެނާ ވަލީއަކާއި ނުލައި އޭނާގެ މުދާވިއްކުން ހުއްދަވީތީ އެކަމަށް ގިޔާސްކޮށް އޭނާ ވަލީއާއި ނުލައި ކައިވެނި ކުރުމަކީ ހުއްދަކަމެކޭ ބުނާ ބުނުން. މި ގިޔާސަކީ ފާސިދު ގިޔާސެކެވެ. ސަބަބަކީ ޞައްޙަ ނައްޞަކާ ތަޢާރުޟުވާތީވެއެވެ. ޙަދީޘް ގައި އައިސްފައިވެއެވެ. (لا نكاح إلا بولي) މާނައަކީ: "ވަލީ އާއި ނުލައި ކައިވެންޔެއް ނުވެއެވެ".

2. ގިޔާސް ކުރެވޭ އަޞްލު ޙުކުމަކީ ޞައްޙަ ނައްޞަކުން ނުވަތަ ދަންނަބޭކަލުންގެ އިޖްމާޢިން ޘާބިތު މައްސަލައަކަށް ވާންޖެހޭނެއެވެ. އަޞްލު ޙުކުމަކީ ގިޔާސަކުން ޘާބިތުކޮށްފައިވާ ޙުކުމެއްނަމަ އޭގެ މައްޗަށް ގިޔާސްކޮށް އިތުރު ޙުކުމެއް ޘާބިތެއް ނުކުރެވޭނެއެވެ. މިޘާލަކަށް: ހަނޑުލަކީ ރިބާގެ ބާވަތެއް ކަމަށްވާތީވެ އެޔަށް ގިޔާސްކޮށް ޒުވާރި އަކީވެސް ރިބާގެ ބާވަތެއްކަމުގައި ބުނުން، އަދި ހަނޑުލުގައި ރިބާހިމެނެނީ ގޮދަނުގައި ހިމެނޭތީކަމަށްބުނުން. މި ގިޔާސަކީ ރަގަޅު ގިޔާސެއް ނޫނެވެ. އެހެންނަމަވެސް މިތަނުގައި ބުނަން ޖެހޭނީ ޒުވާރީގައި ރިބާހިމެނިގެންވަނީ ގޮދަނަށް ގިޔާސްކޮށެވެ.

3. ގިޔާސްކުރެވޭ އަޞްލު ޙުކުމް ގައި އެނގެން އޮތް ޢިއްލަތެއް އޮންނަންވާނެއެވެ. ޢިއްލަތް އެގެން ނެތްނަމަ ގިޔާސެއް ނުކުރެވޭނެއެވެ. ނުވަތަ އަޞްލު ޙުކުމަކީ ނައްޞަކުން ވަކިގޮތަކަށް ކަނޑައެޅިފައިވާ ޙުކުމެއްނަމަ އޭގެ މައްޗަށް ގިޔާސް ކުރުމެއް ނެތެވެ. މިޘާލަކަށް: ޖަމަލުމަސް ކެއުމުން ވުޟޫކުރަން ޖެހޭތީ އެކަމަށް ގިޔާސްކޮށް ޖަމަލާއި ވައްތަރުކަމަށްޓަކައި ނަޢާމާ ގެ މަސްކެއުމުންވެސް ވުޟޫކުރަން ޖެހޭނެކަމަށް ބުނުން. މި ގިޔާސަކީ ޞައްޙަ ގިޔާސެއް ނޫނެވެ. ސަބަބަކީ ގިޔާސްކުރެވުނު އަޞްލު މައްސަލާގައި ޢިއްލަތެއް ނެތުމެވެ. ޖަމަލުމަސް ކެއުމުން ވުޟޫކުރަން ޖެހެނީ ޙަދީޘްގައި އެގޮތަށް އަމުރުކުރައްވާފައިވުމުންނެވެ. އެހެން އެއްވެސް ސަބަބެއް އޮވެގެންނެއް ނޫނެވެ. 

4. ޝަރީޢަތުގެ ގަވާޢިދުތަކަށްފެތޭފަދަ ޙުކުމާއި މުނާސިބު ޢިއްލަތެއް އޮތުން. މިޘާލަކަށް ބަނގުރާ ހަރާމްވުމުގެ ޢިއްލަތަކީ މަސްތުވުން ކަމަށްވުން. 

5. އަޞްލު މައްސަލާގައިވެސްވީ ފަދައިން ފަރްޢީ މައްސަލާގައިވެސް ޢިއްލަތެއްވުން. މިޘާލަކަށް މައިންބަފައިން ގައިގައި ޖެހުމުން އެމީހުންނަށް ގޯނާވާފަދައިން އުއްފު ބުނުމުންވެސް ގޯނާވުން. ފަރްޢީ މައްސަލާގައި ޢިއްލަތެއް ނުވާނަމަ ގިޔާސެއް ނުކުރެވޭނެއެވެ. މިޘާލަކަށް: ގޮދަނަކީ ރިބާގެ ބާވަތެއް ކަމުގައިވީ އެޔަކީ މިނެކިރާ  އެއްޗެއް ކަމުގައިވުމުން، އެޔަށް ގިޔާސްކޮށް އާފަލަކީވެސް ރިބާގެ ބާވަތެއް ކަމުގައި ކަނޑައެޅުން. މިގިޔާސަކީ ރަގަޅު ގިޔާސެއް ނޫނެވެ. ސަބަބަކީ ފަރްޢީ މައްސަލަ(އާފަލު) ގައި ޢިއްލަތް ނެތުމެވެ. އެހެނީ އަފަލަކީ މިނެކިރާ ވައްތަރުގެ ބާވަތެއް ނޫނެވެ. 

ގިޔާސްގެ ވައްތަރުތައް:

ގިޔާސްގެވަނީ ދެވައްތަރެކެވެ. އެއީ:

1. ގިޔާސް ޖަލީ:ގިޔާސް ޖަލީ އަކީ ނައްޞަކުން ނުވަތަ އިޖްމާޢިން ނުވަތަ އަޞްލާއި ފަރްޢުގައި ތަފާތެއް ނެތުމުން  ޢިއްލަތު އެނގެން އޮތް ކަންތަކެވެ. މިޘާލަކަށް: ރުޅިއައިސްގެން ހުރެ ޙުކުމް ކުރުން ވަނީ ގާޟީ އަށް މަނާ ކުރައްވާފައެވެ. އެޔަށް ގިޔާސްކޮށް ބަނޑުހައިވެފައިހުންނަ ގާޟީވެސް ޙުކުމް ކުރުން މަނާކުރެވެއެވެ. ސަބަބަކީ އެގަޑީގައި އޭނާގެ ސިކުނޑި ރަގަޅަށް މަސައްކަތް ނުކުރާނެތީވެއެވެ. މި ޢިއްލަތަކީ ދަންނަބޭކަލުންގެ އިޖްމާޢިން ޘާބިތު ޢިއްލަތެކެވެ.

2. ގިޔާސް ޚަފީ: ގިޔާސް ޚަފީ އަކީ އެކަމެއްގެ ޢިއްލަތު އިސްތިންބާޠަކުން ނެގޭ ކަންތަކެވެ. އަދި އަޞްލާއި ފަރްޢުގެ ތަފާތެއް ނެތްކަން ޔަގީން ނުވާ ކަންތަކެވެ. މިޘާލަކަށް: އަޝްނާނު ގޮދަނުގެ މައްޗަށް ގިޔާސްކޮށް ރިބާގެ ބާވަތެއް ކަމުގައި ބުނުން، ޢިއްލަތަކީ ދެއެއްޗަކީވެސް މިނެކިރައިގެން ވިއްކާ ދޭއްޗަށް ވުން. އެހެންނަމަވެސް މި ޢިއްލަތަކީ އެއްވެސް ނައްޞަކުން ނުވަތަ އިޖްމާޢަކުން ނުވަތަ އަޞްލާއި ފަރްޢުގެ ތަފާތެއް ނެތުމަކުން ޘާބިތުވާ ކަންތަކެއް ނޫނެވެ. މީގެ އިތުރުން އަޝްނާނާއި ތަފާތުކޮށް ގޮދަނަކީ ބަނޑުކެއުމަށް ބޭނުންކުރެވޭ އެއްޗެކެވެ. 

އިޖްތިހާދު ކުރުމާއި ތަގްލީދު ކުރުން

އިޖްތިހާދުކުރުމަކީ: އިސްތިންބާޠު ކޮށްގެން މައްސަލައެއްގެ ޝަރްޢީ ޙުކުމް ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ. މިއީ އުއްމަތުގެ ޢިލްމުވެރިންގެ މައްޗަށް ކިފާޔަތުގެ ފަރްޟެކެވެ. ނަމަވެސް އެކަންކުރާނެ އިތުރުބަޔަކު ނެތިއްޖެނަމަ ތިބިބައެއްގެ މައްޗަށް ޢައިނިއްޔަ ފަރްޟެކެވެ. އިޖްތިހާދު ކުރެވޭނީ އެމައްސަލައެއްގެ ޙުކުމް ދެނެގަންނާނެ ދަލީލެއް ގުރްއާނާއި ސުންނަތުން އަދި އެނޫންވެސް އިސްލާމީ ޝަރީޢަތުގެ މަޞްދަރަކުން ލިބެން ނެތިއްޖެ ޙާލަތެއްގައެވެ. ދަލީލެއް ލިބެން އޮވެއްޖެނަމަ އިޖްތިހާދުކޮށްގެން އިތުރު ޙުކުމެއް ހޯދަން އުޅުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. 

ޒަމާން ބަދަލުވަމުން ދިޔަވަރަކަށް ދުނިޔޭގައި އިތުރުކަންތައްތައް އުފެދި، ކުރިން ނެތް މައްސަލަތައް އުފެދިގެންދާނެއެވެ. މިފަދަ މައްސަލަތަކާއި ގުޅޭ ނައްޞެއް ލިބެން ނެތިއްޖެ ޙާލަތެއްގައި އެކަމުގެ ޙުކުމް ކަނޑައެޅުމުގައި އިސްލާމްދީނުގެ ޢިލްމުވެރިން އިޖްތިހާދު ކުރައްވާނީއެވެ. 

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައިވެސް ކުރިން ވަޙީ އައިސްފައިނުވާ ކިތަންމެ ކަންތަކަކާއި އެކަލޭގެފާނަށް ކުރިމަތިލައްވަން ޖެހުނެވެ. އެފަދަ ޙާލަތްތަކުގައި ބައެއް ފަހަރަށް ވަޙީ އަށް އިންތިޡާރު ކުރައްވައެވެ. އަނެއްބައިފަހަރު، އަރިހުގައި ތިއްބެވި ޞަޙާބީންނާއި މަޝްވަރާ ކުރެއްވުމަށްފަހުގައި ގޮތެއް ނިންމަވައެވެ. މިޘާލަކަށް: ބަދުރު ހަނގުރާމާގައި ހައްޔަރު ކުރެވުނު އަސީރުންނާއި މެދުގައި ކަންތައް ކުރައްވާނެ ގޮތެއް ކަނޑައެޅުއްވުމށްޓަކައި އަބޫބަކުރ އަދި ޢުމަރު-ރަޟިޔަﷲ ޢަންހުމާ- އާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހުގައި ނިންމެވީ އެމީހުން އަތުން ފިދްޔަ ގަބޫލު ކުރެއްވުމަށެވެ. މިއީ އެކަލޭގެފާނުގެ އިޖްތިހާދުން ނިންމެވި ކަމެކެވެ. 

ކީރިތި ގުރްއާނުންނާއި ލޮބުވެރި ނަބިއްޔާގެ ޙަދީޘްފުޅުތަކުގައި އިޖްތިހާދު ކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އަލްހަޝްރު ސޫރަތުގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فاعتبروا يا أولي الأبصار)މާނައަކީ: "އޭ ބުއްދީގެ އަހްލުވެރިންނޭވެ. ފަހެ ތިޔަބައިމީހުން ޢިބްރަތް ލިބިގަންނާށެވެ"، އައްނިސާ ސޫރަތުގެ 83 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ.(ولو ردوه إلى الرسول وإلى أولي الأمر منهم لعلمه الذين يستنبطونه منهم)މާނައަކީ: "އަދި ރަސޫލާގެ ގާތަށާއި އެއުރެންގެ ތެރެއިން އަމުރުވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން އެފަދަ ކަނތަކުގެ ޙަގީގަތްތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ". 

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބައެއް މައްސަލަތަކުގައި އިޖްތިހާދު ކުރެއްވިއެވެ. އަދި ޞަޙާބީން ބައެއް މައްސަލަތަކުގައި އިޖްތިހާދު ކުރެއްވުމުން އެކަމާ އުފާކުރައްވާ ހިތްވަރު ދެއްވާފައިވެއެވެ. 

މުޢާޛް ބިން ޖަބަލް-ރަޟިޔަﷲ ޢަންހު- ޙާކިމެއްގެ ގޮތުގައި ޔަމަނަށް ފޮނުއްވަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ ކުރިމައްޗަށް މައްސަލައެއް އަތުވެއްޖެނަމަ ޙުކުމް ކުރައްވާނީ ކިހިނަކުންތޯއެވެ؟"، ވިދާޅުވިއެވެ. "ﷲ ގެ ފޮތުންނެވެ"، ޙަދީޘް ކުރެއްވިއެވެ. "ގުރްއާނުން ނުފެނިއްޖެނަމަ ދެން ހަދާނީ ކިހިނަކުންހެއްޔެވެ؟"، ވިދާޅުވިއެވެ. "ﷲ ގެ ރަސޫލަގެ ސުންނަތުންނެވެ"، ޙަދީޘް ކުރެއްވިއެވެ. "އެއިންވެސް ނުފެނިއްޖެނަމަ ދެންހަދާނީ ކިހިނަކުން ހެއްޔެވެ؟"، ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އިޖްތިހާދު ކުރައްވާނީއެވެ، އަދި އެކަމުގައި ފަރުވާކުޑަ ނުކުރާނަމެވެ"، އެހިނދު މުޢާޛްގެ މޭފުޅޫގައި ޖައްސަވާފައި ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ ރަސޫލާގެ ރަސޫލަ އަށް، ﷲއާއި އެކަލާނގެ ރަސޫލާ ރުހިވޮޑިގަންނަވާ ގޮތުގައި ހިފުމުގެ ތައުފީގް ދެއްވި ﷲ އަށް ޙަމްދުކުރަމެވެ".

ފިނިގަދަކަމުން ހަލާކު ވެދާނެކަމަށް ބިރަ ހިނައިގަތުމުގެ ބަދަލުގައި ތަޔައްމުމު ކުރައްވައިގެން ޢަމްރު ބިން އަލްޢާޞް އެކަލޭގެފާނުގެ ޖަމާޢަތުގެ މީހުންނާއި އެކު އިމާމްވެ ފަތިސްނަމާދު ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. މާތް ﷲ އަންގަވާފައިވަނީ "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ގަތުލް ނުކުރާށޭއެވެ"  މިހެންނެވެ. އެހެންކަމުން ތިމަންކަލޭގެފާނު ހިނައިނުބަނެ ވުޟޫކުރީއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އެކަމަށް އިގްރާރު ކުރައްވާ އިންކާރެއް ނުކުރައްވައެވެ. 

ބަނޫ ގުރައިޡާ އަށް ފޮނުއްވި އަޞްޙާބް ބޭކަލުންނަށް ދެންނެވިއެވެ. (لا يصلين أحدكم العصر إلا في بني قريظة) މާނައަކީ: "ތިޔަބައިމީހުންކުރެ އެކަކުވެސް ބަނޫ ގުރައިޡާގައި ނޫނީ ޢަޞްރުނަމާދު ނުކުރާ ހުށިކަމެވެ"، ބައެއް ޞަޙާބީން ވަގުތު ފާއިތުވެދާނެ ކަމަށް ބިރަށް ބަނޫ ގުރައިޡާ އަށް ނުދެވެނީސް ޢަޞްރު ކުރެއްވިއެވެ. އެބޭކަލުންނަށް ފެނުނީ ކީރިތި ރަސޫލާ އެގޮތަށް އަމުރު ކުރެއްވީ ބަނޫ ގުރައިޡާ އަށް އަވަހަށް ދިޔުމަށް ބާރުއެޅުއްވުމުގެ ގޮތުން ކަމަށެވެ. އަނެއްބައި ބޭކަލުން ކީރިތި ރަސޫލާގެ އަމުރުފުޅަށް އިޙްތިރާމް ކުރުމުގެ ގޮތުން ބަނޫ ގުރައިޡާ އަށް ދެވުމުން ނޫނީ ޢަޞްރު ނަމާދު ނުކުރައްވާ މަޑު ކުރެއްވިއެވެ. މިވާހަކަ ރަސޫލާ އަށް ދެންނެވުމުން އެއްވެސް ބަޔަކަށް އިންކާރެއް ނުކުރައްވައެވެ. 

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إذا حكم الحاكم فاجتهد فأصاب فله أجران، وإذا حكم فاجتهد فأخطأ فله أجر واحد)މާނައަކީ: "ޙާކިމަކު އިޖްތިހާދުކޮށް އޭނާގެ އިޖްތިހާދު ރަގަޅުވެއްޖެނަމަ ދެއަޖްރުލިބޭނެއެވެ. އިޖްތިހާދުކޮށް އޭނަގެ އިޖްތިހާދު ނުބައިވެއްޖެނަމަ އެއް އަޖްރު ލިބޭނެއެވެ".

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެ ވަޑައިގެންނެވުމަށްފަހުގައި ޞަޙާބީންވެސް މައްސަލަތަކުގައި އިޖްތިހާދު ކުރެއްވިއެވެ. އެބޭކަލެއްގެ އަތުގައި މައްސަލަ އާއި ގުޅޭގޮތުން ދަލީލެއް ނެތް ނަމަ، އެހެން ޞަޙާބީ އަކާއި ސުވާލުކޮށް އޮޅުންފިލުއްވާ އުޅުއްވިއެވެ. ގުރްއާނާއި ސުންނަތުން ދަލީލެއް ލިބެން ނެތްނަމަ އެބޭކަލަކަށްވުރެ މައްސަލަތަކުގެ ޙުކުމް އިސްތިންބާޠު ކުރުމަށް މޮޅު އެހެން ޞަޙާބީ އަކާއި ސުވާލުކުރައްވާ ހައްދަވައެވެ. އަލަށް އިސްލާމްވާ މީހުންނަށް ޒަކާތުން ލިބޭބައި އުނިކުރުމަށް ޢުމަރު-ރަޟިޔަﷲ ޢަންހު- އިޖްތިހާދު ކުރެއްވުމަށް ފަހުގައި ނިންމެވިއެވެ. އަދި އެއްފަހަރާ ތިންފަށް ވަރިއަކުން ވަރިކޮށްފިނަމަ ތިންފަށް ވަރިއަކުން ވަރިވާނެ ކަމަށްވެސް ނިންމެވިއެވެ. 

ޞަޙާބީންގެ ޒަމާން ނިމި ތަބިޢީންގެ ޒަމާނުގައިވެސް އިޖްތިހާދު ކުރުން އޮތެވެ. ދުނިޔެ ގިޔާމަތްވުމާއި ހަމައަށްވެސް މުސްލިމުންގެ ތެރޭގައި އުފެދޭ އާމައްސަލަތަކުގައި ދީނީ ޢިލްމުވެރިން އިޖްތިހާދުކޮށް އެކަމުގެ ޙުކުމް ކަނޑަ އެޅުމުގެ ދޮރުވަނީ ހުޅުވިގެންނެވެ. 

މުޖްތަހިދެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރްޠުތައް:

1. އިޖްތިހާދު ކުރާ މައްސަލަ އަކާއި ގުޅުންހުރި ހުރިހާ އަޙްކާމީ އާޔަތްތައް އެނގުން، މީގެ އިތުރުން ގުރްއާން ހިތުދަސް މީހަކަށްވުން ބޮޑަށް އެދެވިގެންވޭ.

2. އިޖްތިހާދު ކުރާ މައްސަލަ އަކާއި ގުޅުންހުރި ހުރިހާ ޙަދީޘްތަކެއް އެނގުން.

3. ޢިލްމުވެރިން އިޖްމާޢު ވެލައްވާފައިވާ މައްސަލަތައް އެނގުން.

4. ގިޔާސް ގެ ޝަރްޠުތައް، ބައިތައް، ރުކުންތައް، ޢިއްލަތްތައް އަދި މިނޫންވެސް ގިޔާސް ކުރުމަށް ބޭނުންވާ އިތުރު މަޢްލޫމާތުތައް އެނގުން.

5. ޢަރަބި ބަސް ރަގަޅަށް ދަންނަ މީހަކު ކަމުގައިވުން.

6. ގުރްއާނާއި ސުންނަތުގައިވާ ނާސިޚު އާއި މަންސޫޚު އެނގުން.

7. ޙަދީޘްގެ ދަރަޖަތައް ދަންނަ މީހަކު ކަމުގައިވުން.

8. ވިސްނުންތޫނު ޢަދްލުވެރި ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކުރާ މީހަކުކަމުގައިވުން.

ތަގްލީދު ކުރުން:

އިޖްތިހާދު ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާއަށް އިތުބާރު ކުރެވޭ ކޮންމެވެސް ޢިލްމުވެރި އަކު ތަގްލީދު ކުރުމެވެ. މާނައަކީ އެޢިލްމުވެރިޔަކު ދެއްވާ ފަތްވާ އާއި އެއްގޮތަށް ކަންތައް ކުރުމެވެ.

ބިދުޢައިގެ މަފްހޫމު

ޢަރަބި ބަހުގައި "ބިދްޢަ" އޭ ބުނުމުން އޭގެ މާނައަކީ: ކުރިން ނެތް ކަމެއް ފެށުން ނުވަތަ އުފެދުމެވެ. ސޫރަތުލް ބަގަރާގެ 117 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (بديع السماوات والأرض) މާނައަކީ: "އެކަލާނގެއީ އިސްވެދިޔަ މިޘާލަކާއިނުލައި އުޑުތަކާއި ބިން ހެއްދެވި އިލާހެވެ". 

ޝަރްޢީ އިޞްޠިލާޙުގައި ބިދްޢައިގެ މާނައަކީ: ދީނުގައި އަޞްލެއް ނެތް ކަމެއް، އޭގެތެރެއަށް ވެއްދުމެވެ. މިޘާލަކަށް ﷲ ޛިކްރުކުރުމުގެ ގޮތުންނޭ ބުނެ (ﷲ ﷲ ﷲ) މިހެން ކިޔާ ޅެންބައިތެއްހެން ޛިކުރުކުރުން. މިއީ ޝަރީޢަތުގައި އަޞްލެއް ނުވަތަ ނައްޞެއް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. ޛިކްރު ކުރުމުގެ ގޮތުން ކުރަންވާނީ އެޛިކްރަކާއި ބެހޭގޮތުން ނައްޞެއް އައިސްފައިވާ ޛިކްރުތަކެވެ. 

ބިދްޢައިގެ ޙުކުމް:

ދީނުގެ ތެރެއަށް އަލަށް ކަމެއް ވެއްދުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (إياكم ومحدثات الأمور، فإن كل محدثة بدعة، وكل بدعة ضلالة، وكل ضلالة في النار) މާނައަކީ: "ދީނުގެ ތެރެއަށް އަލަށް ކަމެއް ވެއްދުމުން ތިޔަބައިމީހުން ރައްކާތެރިވެ ސަލާމަތްވާށެވެ. ހަމަކަށަވަރުން އަލަށް އުފައްދާ ކޮންމެ ކަމަކީ ބިދްޢަ އެކެވެ. ކޮންމެ ބިދްޢަ އަކީ ގެއްލުންތެރި ކަމެކެވެ. ކޮންމެ ގެއްލުންތެރި ކަމަކީ ނަރަކާގައިވާ ކަމެކެވެ". 

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (من أحدث في أمرنا هذا ما ليس منه فهو رد) މާނައަކީ: "މި ދީނުގެ ތެރެއަށް އަލަށް ކަމެއްވައްދައިފިމީހާ ދަންނާށެވެ. އެކަމެއް ވަނީ އެމީހަކަށް ރައްދު ކުރެވިގެންނެވެ".

އިސްވެދިޔަ ދަލީލުތަކުން ދޭހަވަނީ އަޅުކަމާއި ޢަގީދާގެ ތެރެއަށް ބިދްޢަ ވެއްދުމަކީ ޙަރާމްވެގެންވާ ކަމެއް ކަމެވެ. އެހެންނަމަވެސް ބިދްޢައިގެ ވައްތަރުން އޭގެ ޙަރާމްކަމުގެ ބޮޑު ކުޑަމިން ކަނޑައަޅއެވެ. 

ބިދްޢައިގެ ތެރޭގައި ކުފުރުވާ ފަދަ ބިދްޢަވެސް ހިމެނެއެވެ. މިޘާލަކަށް ގަބުރުތައްވަށާ ޠަވާފުކުރުން، ޒިޔާރަތަށް ނަދުރުބުނެ ގުރްބާންކުރުން، މަރުވެފައިވާ މީހުންގެ ފަރާތުން އެހީ އަށް އެދުން ފަދަ ކަންތައް ހިމެނެއެވެ.

ބިދްޢައިގެ ތެރޭގައި ފާފައަކަށްވެދާ ފަދަ ކަންތައްވެސް ހިމެނިފައިވެއެވެ. މިޘާލަކަށް: ޝަހްވާނީ އެދުންވެރިކަން ދަށްކުރުމުގެ ގޮތުން ހޯޖާ ކުރުން، އިރުމެދުގައި ކޮޅަށް ހުރެ ރޯދަ ހިފުން ފަދަ ކަންތައް ހިމެނިގެންވެއެވެ. 

ބައެއް ޢިލްމުވެރިން ބިދްޢައިގެ ވައްތަރުތަކުގެ ތެރޭގައި މަކްރޫހަ ބިދްޢަ، މިޘަލަކަށް މިސްކިތްތައް ޒީނަތްތެރިކުރުން، އެކި ޑިޒައިންތަކަށް މުޞްޙަފް ތައްޔާރުކުރުން ފަދަ ކަންތައް ހިމަނުއްވައެވެ. އަދި ބިދްޢަ މުބާޙް، މިޘާލަކަށް ކާބޯތަކެތީގެ ބާވަތްތަކާއި ލައިއުޅޭ އަންނައުނު އިތުރުކުރުން ހިމަނުއްވައެވެ. 

އިމާމް ޝާޠިބީ- ރަޙިމަހުﷲ- އެކަލޭގެފާނުގެ "އަލްއިޢްތިޞާމް" އޭ ކިޔުނު ފޮތުގައި ބިދްޢަވެރިންގެ ދަރަޖަތައް ބަޔާން ކުރައްވަމުން ލިޔުއްވާފައިވެއެވެ. 

1. އެމީހެއްގެ ބިދްޢަވެރިކަން ސިއްރުކުރުމާއި އިޢުލާންކުރުމުގެ ގޮތުން ތަފާތުވެދެއެވެ. މިގޮތުން ސިއްރުކުރާ މީހާ، އޭނާގެ ނުބައިކަން އޮންނާނީ ހަމައެކަނި އޭނާގެ މައްޗަށެވެ. އެހެންމީހަކަށް އޭގެ އަޘަރެއް ނުކުރާނެއެވެ. ނަމަވެސް އޭނާގެ ބިދްޢަވެރިކަން އިޢްލާންކޮށް، އެކަމަށް މީސްތަކުންނަށް ގޮވާނުލި ކަމުގައިވީނަމަވެސް އޭނާ އެހެންމީހުންނަށް އެގޮތުގައި ހިފުމަށް ދަޢްވަތު ދިނުން ފަދައެވެ.

2. އެމީހެއްގެ ބިދްޢަ އަށް އެހެން މީހުންނަށް ދަޢްވަތުދޭމީހާ އާއި ދަޢްވަތު ނުދޭމީހާވެސް ތަފާތުވެއެވެ. ސަބަބަކީ ދަޢްވަތު ނުދޭމީހާގެ ބިދްޢަވެރިކަން ކޮޕީކުރާނެ މީހުން މަދުވާނެއެވެ. ނަމަވެސް އެކަމަށް މީސްތަކުންނަށް ދަޢުވަތުދީ ގޮވާލާ ކަމަށްވެއްޖެނަމަ، އޭނާ ކޮޕީ ކުރާނެ މީހުންގިނަވެ، އެކަމުގެ ނުރައްކާތެރިކަން މުޖްތަމަޢުގައި ބޮޑުވެގެންދާނެއެވެ. 

3. އެމީހެއްގެ ބިދްޢަ އަކީ ކުފްރެއްކަމަށް ވުމާއި ނުވުމުގެ ތަފާތަކީ، ކުފްރުވެރި ބިދްޢަ އެއްނަމަ ﷲ ގެ ޢަޛާބުގައި އެމީހަކު ދެމިހުންނާނެއެވެ. އަދި އޭނާ އިސްލާމްދީނުން ބޭރުވެގެންދާނެއެވެ. ނަމަވެސް ކުފްރުވެރި ބިދްޢަ އަކަށް ނުވެއްޖެނަމަ އެމީހަކު ދީނުން ބޭރުވެގެންނެއް ނުދާނެއެވެ.

ދީނުގެ މަފްހޫމު

ޢަރަބި ބަހުގައި ދީން: މިލަފްޡު ތަފާތު ގޮތްތަކަކަށް ބޭނުންކުރެވެއެވެ. އެގޮތުން: ކިޔަމަންތެރިވުން، ނުކިޔަމަންތެރިވުން، މަތިވެރިވުން، ނިކަމެތިވުން، ޢާދަކާދަތައް، ހިމެނިގެންވެއެވެ.

އިޞްޠިލާޙީ މާނައަކީ: މީސްތަކުންގެ ދުނިޔެއާއި އާޚިރަތް ބާއްޖެވެރި ކުރުވުމަށްޓަކައި މާތް ﷲ ކަނޑައަޅުއްވާފައިވާ ގޮތެވެ. ސައްޔިދުނާ އާދަމް ޢަލައިހިއްސަލާމް ބިމަށް ތިރިކުރެވުނު ހިނދުގައި އެކަލޭގެފާނަށް އެންގެވުނު "ހުދާ" ގެ މާނައަކީ ދީނެވެ. މާތް ﷲ މިކަމުގެ ވާހަކަ ބަޔާންކުރައްވަމުން ޠާހާ ސޫރަތުގެ 123 އަދި 124 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (اهبطا منها جميعا بعضكم لبعض عدو فإما يأتينكم مني هدى فمن تبع هداي فلا يضل ولا يشقى ومن أعرض عن ذكري فإن له معيشة ضنكا ونحشره يوم القيامة أعمى) މާނައަކީ"ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން ނިކުމެވަޑައިގެން ބިމަށް ފައިބައިވަޑައިގަންނަވާށެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތް ތެރިން ކަމުގައިވާ ޙާލުގައެވެ. ފަހެ، ތިމަން ﷲ ގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަން ﷲގެ ތެދުމަގަށް ތަބަޢަވެއްޖެމީހާ ދަންނާށެވެ. ފަހު އެމީހަކު މަގުފުރެދިގެންނެއް ނުދާނެއެވެ. އަދި އަބާއްޖެވެރިއެއްވެސް ނުމެވާނެއެވެ. އަދި ތިމަން ﷲ ޛިކްރުކުރުމުން އެއްކިބާވެ ފުރަގަސްދިންމީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ގިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރު އަށް ފޮނުއްވާހުށީމެވެ".

އާޚިރަތްދުވަހުގެ ބާއްޖެވެރިކަން ލިބުމަކީ ސުވަރުގޭގެ މަތިވެރި ނިޢުމަތް އެމީހަކަށް ޙާޞިލްވުމެވެ. ސޫރަތު އާލުޢިމްރާންގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كل نفس ذائقة الموت وإنما توفون أجوركم يوم القيامة فمن زحزح عن النار وأدخل الجنة فقد فاز) މާނައަކީ: "ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ މީހެކެވެ. އަދި ތިޔަބައިމީހުންކުޅަ ޢަމަލުތަކަށް ތިޔަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވާނެކަން ކަށަވަރީ ގިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ ދަންނާށެވެ. ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ".

ސޫރަތުއްނަޙްލުގެ 97 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (من عمل صالحا من ذكر أو أنثى وهو مؤمن فلنحيينه حياة طيبة ولنجزينهم أجرهم بأحسن ما كانوا يعملون) މާނައަކީ: "މުއިމިން ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙް ޢަމަލެއް ކޮށްފިމީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަގަޅު ބާއްޖެވެރި ދިރިއުޅުމެއް ތިމަން ﷲ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް ތިމަން ﷲ ޖަޒާ ދެއްވާހުށީމެވެ".

އިންސާނުން އުޅުމަށްޓަކައި މާތްﷲ ވަނީ "އިސްލާމްދީން" ޚިޔާރުކުރައްވާ އެކަލާނގެ އަޅުތަކުންނަށް އެދީން ފުރިހަމަ ކޮށްދެއްވާފައެވެ. މާތްﷲ ކީރިތިޤްރުއާނުގައި އަންގަވަނީ: (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا )المائدة 3. މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް ތިޔަބައިމީންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."  

ތަފާތު ރަސޫލު ބޭކަލުންނަށް ތަފާތު ފޮތްތަކާއެކު ތަފާތު ޝަރީޢަތްތައް ބާވާލެއްވުނު ކަމުގައިވިޔަސް ހުރިހާ ޒަމާނެއްގައިވެސް ރަސޫލު ބޭކަލުންގެ މައިގަނޑު ގޮވާލެއްވުމަކީ އެއް ގޮވާލެއްވުމެކެވެ. މިގޮތުން ﷲ ގެ އެއްކައުވަންތަކަމާއި އާޚިރަތް ދުވަހަށް އީމާން ވުމަށް ވަނީ ގޮވާލައްވާފައެވެ. 

ކޮންމެޔަކަސް މާތް ﷲ ގެ ޙަޟުރަތުގައި ދީނަކީ "އިސްލާމްދީނެވެ" އެކަލާނގެ ކީރިތ ޤްރުއާނުގައި ވަޙީ ކުރައްވަނީ: (إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ)آلعمران 19. މާނައީ: "ހަމަކަށަވަރުން ﷲ ގެ ހަޟުރަތުގައި ދީނަކީ އިސްލާމް ދީނެވެ." އަދި އިސްލާމް ދީން ނޫން އެހެން ދީނެއް ޤަބޫލު ކޮށްފިމީހެއްގެ ކިބައިން އެކަން ޤަބޫލުނުވެގެންވާކަށް އަންގަވާ ވަޙީކުރައްވަނީ: (وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ) آلعمران 85. މާނައީ: "ދީނެއްގެ ގޮތުން އިސްލާމްދީން ނޫން އެހެން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލުނުކުރައްވާ ހުއްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު