އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމްދީނުގައި "ސުންނާ"ގެ މަގާމު އަދި ސަލަފުން އެއަށް ދެއްވާފައިވާ ޢިނާޔަތް!‍- 1

އިސްލާމްދީނުގައި "ސުންނާ"ގެ މަގާމު އަދި ސަލަފުން އެއަށް ދެއްވާފައިވާ ޢިނާޔަތް!‍- 1


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 40 މިނެޓް, 58 ސިކުންތު

"ސުންނާ" ގެ މާނާގައި (ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއް ނުވަތަ ޢަމަލެއް ނުވަތަ އިގްރާރެއް (އެއްބަސްވެ ވަޑައިގަތުން)، މިއީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވުނު ވަޙީގެ އެއްވައްތަރެވެ. ދެވަނަ ވައްތަރަކީ ކީރިތި ގުރްއާނެވެ. އެއީ އެކަލާންގެ ޙަޟްރަތުން ބާވާލެއްވިފައިވާ ފޮތެކެވެ.

ގުރްއާނާއި ސުންނަތުގައި އަދި ސަލަފުންގެ އިޖްމާޢުގައި އެކަން ވަރަށް ޞަރީހަކޮށް އައިސްފައިވެއެވެ.

 

ކީރިތި ގުރްއާނުގެ ދަލީލުތައް:

1.     ސޫރަތުއް ނަޖްމުގެ 3 އަދި 4 ވަނަ އާޔަތުގައި މާތް ﷲ ވަޙި ކުރައްވާފައިވެއެވެ. (وَمَا يَنطِقُ عَنِ الْهَوَىٰ﴿٣إِنْ هُوَ إِلَّا وَحْيٌ يُوحَىٰ﴿٤) މާނައަކީ: " އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ.

2.     ސޫރަތުއް ނަޙްލުގެ 44 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ﴿٤٤) މާނައަކީ: "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآنބާވައިލެއްވީ، އެއުރެންނަށްބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ."

3.     ސޫރަތުލް ޙަޝްރުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚوَاتَّقُوا اللَّـهَ ۖإِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿٧ ) މާނައަކީ: " އަދި رسولއާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ،ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށްނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! ހަމަކަށަވަރުން، اللَّهއީ، عقوباتގަދަފަދަވެގެންވާ ރަސްކަލާނގެއެވެ."

4.     ސޫރަތު އާލުޢިމްރާންގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗوَاللَّـهُ غَفُورٌ رَّحِيمٌ ﴿٣١) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّهއަށް ލޯބިވާކަމުގައިވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبعވާށެވެ! އޭރުން،اللَّه،ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި،ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައްފުއްސަވައިދެއްވާނެތެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ."

5.     ސޫރަތުއް ނިސާގެ 65 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا ﴿٦٥) މާނައަކީ: " އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحىކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި،ކަލޭގެފާނު حكمވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمانއެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި،ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް)ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

6.     ސޫރަތުއް ނޫރުގެ 63 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴿٦٣ ) މާނައަކީ: " ފަހެ، އެކަލާނގެ أمرފުޅާ خلافވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި عذابއެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!"

 

މިނޫންވެސް ވަރަށް ގިނަ އާޔަތްތަކުގައި ސުންނަތަށް ތަބަޢަވުމަށް އަމުރު ކުރައްވާފައިވެއެވެ.

 

ސުންނަތުގެ ދަލީލުތައް:

 

1.    عَنْ أَبِي رَافِعٍ قال قال رسول الله صلى الله عليه وسلم: ( لَا أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ أَمْرٌ مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ فَيَقُولُ : لَا أَدْرِي مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَاهُ) މާނައަކީ: އަބޫރާފިޢު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކު އެމީހެއްގެ އެނދުމަތީގައި އޮށޯވެލައިގެން އޮންނަނިކޮށް ތިމަންކަލޭގެފާނު އަމުރު ކުރައްވާފައިވާ ކަމެއް ނުވަތަ ނަހީ ކުރައްވާފައިވާ ކަމެއް އަތުވެއްޖެނަމަ، ތިޔަކަމެއް ތިމަންނާމެންނަކަށް ނޭނގެޔޭ، ﷲގެ ފޮތުގައިވާ އެއްޗަކަށް ތަބަޢަވާނަމޭ ނުބުނާހުށިކަމެވެ." މި ޙަދީޘްގައި މިވަނީ ސުންނަތް އިންކާރު ކުރާ މީހުންނަށް އިންޛާރުގެ ބަސް ރައްދު ކުރައްވާފައެވެ.

 

2.    عَنِ الْمِقْدَامِ بْنِ مَعْدَ يكَرِبَ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَلَا وَإِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ ، أَلَا وَإِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ ، أَلَا وَإِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ ثَلَاثًا ، أَلَا يُوشِكُ رَجُلٌ شَبْعَانٌ عَلَى أَرِيكَتِهِ ، يَقُولُ : عَلَيْكُمْ بِهَذَا الْقُرْآنِ فَمَا وَجَدْتُمْ فِيهِ مِنْ حَلَالٍ فَأَحِلُّوهُ ، وَمَا وَجَدْتُمْ فِيهِ مِنْ حَرَامٍ فَحَرِّمُوهُ، أَلا وَإِنَّ مَا حَرَّمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِثْلُ مَا حَرَّمَ اللَّهُ)މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަލްމިގްދާމް ބިން މަޢްދީކަރްބިގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ދަންނައެވެ. ތިމަންކަލޭގެފާނަށް ގުރްއާނާއި އެޔާއި އެއްފަދަ އެއްޗެއް ދެއްވިއެވެ. ދަންނައެވެ. ތިމަންކަލޭގެފާނަށް ގުރްއާނާއި އެޔާއި އެއްފަދަ އެއްޗެއް ދެއްވިއެވެ. ދަންނައެވެ. ތިމަންކަލޭގެފާނަށް ގުރްއާނާއި އެޔާއި އެއްފަދަ އެއްޗެއް ދެއްވިއެވެ. ދަންނައެވެ. ބަނޑުފުރައިގެން ހުރި މީހަކު އޭނާގެ އެނދުމަތީގައި އޮވެބުނެއެވެ. "ތިޔަބައިމީހުން މިގުރްއާނުގައި ހިފަހައްޓާށެވެ. މީގައި ޙަލާލު ކުރައްވާފައިވާ ކަމެއް ޙަލާލު ކަމުގައި ބަލާށެވެ. މީގައި ޙަރާމް ކުރައްވާފައިވާ ކަމެއް ޙަރާމް ކަމުގައި ބަލާށެވެ.ދަންނައެވެ. ހަމަކަށަވަރުން، ﷲގެ ރަސޫލާ ޙަރާމް ކުރެއްވި ކޮންމެ ކަމަކީ ﷲ ޙަރާމް ކުރެއްވި ކަމެއް ފަދައެވެ."  މި ޙަދީޘްގައި މިވަނީ ޙަދީޘް ދޫކޮށް ހަމައެކަނި ގުރްއާނުގައި ހިފާ މީހުންނަށް ރައްދު ދެއްވާފައެވެ. ގުރްއާނާއި ޙަދީޘަށް އީމާންވާން ޖެހޭކަން އަންގަވާފައެވެ.

 

3.     عَنْ جَابِرِ بْنِ عَبْدِ اللَّهِ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَّ : " لَعَلَّ أَحَدَكُمْ أَنْ يَأْتِيَهُ حَدِيثٌ مِنْ حَدِيثِي وَهُوَ مُتَّكِئٌ عَلَى أَرِيكَتِهِ فَيَقُولُ : دَعُونَا مِنْ هَذَا ، مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَا)މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދިﷲގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ފަހަރުގައި ތިޔަބައިމީހުން ކުރެ މީހެއްގެ ގާތަށް ތިމަންކަލޭގެފާނުގެ ޙަދީޘެއް އަންނަ ހިނދު އެނދުގައި އޮށޯވެ އޮވެ ބުނެއެވެ. "މިތަކެތި ދޫކޮށްލާށެވެ. ﷲގެ ފޮތުގައިވާ ކަމެއްނަމަ، އެކަމަކަށް ތިމަންމެން ތަބާވާނަމެވެ." މި ޙަދީޘް އިންވެސް ދޭހަވަނީ ހަމައެކަނި ގުރްއާނަށް ތަބަޢަވެގެން ނުފުދޭ ކަމެވެ. ގުރްއާނާއި އެކު ސުންނަތަށްވެސް ތަބާވާން ޖެހެއެވެ.

 

4.     عَنِ الْعِرْبَاضِ بْنِ سَارِيَةَ ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَّ: (أُوصِيكُمْ بِتَقْوَى اللَّهِ ، وَالسَّمْعِ ، وَالطَّاعَةِ ، وَإِنْ عَبْدٌ حَبَشِيٌّ فَإِنَّهُ مَنْ يَعِشْ مِنْكُمْ يَرَى اخْتِلَافًا كَثِيرًا ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّهَا ضَلَالَةٌ ، فَمَنْ أَدْرَكَ ذَلِكَ مِنْكُمْ فَعَلَيْهِ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ ، عَضُّوا عَلَيْهَا بِالنَّوَاجِذِ  )މާނައަކީ: "އަލްޢިރްބާޟް ބިން ސާރިޔާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ﷲ އަށް ތަގްވާވެރިވުމަށާއި، ޙަބްޝީ އަޅަކު ވެރިޔަކަށް އިސްވިނަމަވެސް، އަޑުއަހާ ކިޔަމަންތެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ދިރިތިބި ބަޔަކަށް ބޮޑުވެގެންވާ އިޚްތިލާފުތައް ފެނިގެންދާނެއެވެ. ނަމަނަމަ އަލަށް ކަންތައްތަކެއް އުފައްދާ ނުހަދާށެވެ. ހަމަކަށަވަރުން އެއީ ގެއްލެނިވުމެކެވެ. ތިޔަބައިމީހުން ކުރެ މީހަކަށް އެދުވަހާއި ބައްދަލުވެއްޖެނަމަ، ތިމަންކަލޭގެފާނުގެ ސުންނަތާއި ތިމަންކަލޭގެފާނުގެ ހިދާޔަތް ލިބިވަޑައިގެން ތިއްބެވި މާތް ޚަލީފާއިންގެ ސުންނަތުގައި ހިފަހައްޓާށެވެ. ކޮލުދަތްތަކުން ދަތްއަޅައި ހިފަހައްޓައިގެން ތިބޭށެވެ."

 

ސުންނަތުގައި ހިފެހެއްޓުމަށް ބާރުއަޅުއްވާ، އެހެން މީސްތަކުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ބާރުއަޅުއްވާފައިވާ ޙަދީޘްތައް މިނޫނަސްވެސް ވަރަށް ގިނައެވެ. ނަމަވެސް މިވަގުތަށް މިވަރުން ފުއްދާލާނީއެވެ.

 

ސަލަފުންގެ ބަސްފުޅުތައް:

 

1.     ޙަސަނުން ބަޞަރީ ރަޙިމަހުﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެއްދުވަހަކު ޢިމްރާން ބިން އަލްޙުޞައިން އޭނާގެ އަޞްޙާބުންނާއި އެކު މަޖްލިހެއްގައި ވިއެވެ. އެހިނދު މީހަކު ބުންޏެވެ. "ގުރްއާނުން ނޫނީ އަހަރުމެންނާއި ވާހަކަ ނުދައްކާށެވެ." އެހިނދު ޢިމްރާން ބިން އަލްޙުޞައިން އެމީހާގެ ގާތުގައި ވިދާޅުވިއެވެ. "ކައިރި އަށް ޖެހިލަ ބަލާށެވެ". ދެން އެމީހާ ކައިރި އަށް ޖެހުމުން ވިދާޅުވިއެވެ. "ތިބާ އާއި ތިބާގެ ބަސްގަބޫލު ކުރާ މީހުން ހަމައެކަނި ގުރްއާނަށް ތަބަޢަވާނަމަ، މެންދުރު ނަމާދުގައި ހަތަރު ރަކްޢަތް، ޢަޞްރު ނަމާދުގައި ހަތަރު ރަކްޢަތް، މަޣްރިބް ނަމާދުގައި ތިން ރަކްޢަތް، ޢިޝާ ނަމާދުގައި ހަތަރު ރަކްޢަތް އަދި ފަތިސް ނަމާދުގައި ދެރަކްޢަތް ކުރަން އޮތްތަން ފެންނާނެ ހެއްޔެވެ؟ އަދި ޠަވާފު ކުރުމުގައްޔާއި ޞަފާ މަރްވާގައި ހިނގުމުގައި ހަތްބުރު ޖަހަން އޮތްތަން ފެންނާނެ ހެއްޔެވެ؟" އެއަށްފަހު ވިދާޅުވިއެވެ. "އަހަރެންގެ ގައުމުގެ މީހުންނޭވެ. މާތް ﷲ ގަންދީ ބުނަމެވެ. ސުންނަތް ދޫކޮށް ހަމައެކަނި ގުރްއާނަށް ތަބާވެއްޖެނަމަ އެބަޔަކު މަގުފުރެދި ހަލާކުވެއްޖެކަން ކަށަވަރެވެ."

 

2.     ޙައްސާން ބިން ޢަޠިއްޔާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ކީރިތި ގުރްއާނައިގެން ޖިބްރީލް ޢަލައިހިއްސަލާމް ފައިބާވަޑައިގަންނަވާ ފަދައިން، ސުންނަތާއިގެންވެސް ފައިބާވަޑައިގަންނަވައެވެ."

 

3.     އައްޔޫބް އައްސިޚްތިޔާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މީހެއްގެ ގާތުގައި ސުންނަތުގެ ވާހަކަ ދެއްކުމުން، އެމީހަކު ތިމަންމެންނާއި ހަމައެކަނި ގުރްއާނުން ވާހަކަ ދައްކާށޭ ބުނެފިނަމަ، އެމީހަކު އެވަނީ މަގުފުރެދި އަދި އެހެން މީހުންވެސް މަގު ފުރައްދާ މީހަކަށްވެފައިކަން ދަންނާށެވެ."

 

ސަލަފުއްޞާލިޙުން ސުންނަތައް ބެހެއްޓެވި ޢިނާޔަތްތެރިކަން:

 

ސަލަފުއްޞާލިޙުންގެ ބޭފުޅުން އެކި ގޮތްގޮތުން ސުންނަތަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ، އެކަމަށް ވަރަށް ބޮޑު ޢިނާޔަތްތެރިކަމެއް ދެއްވާފައިވެއެވެ. އެކި ބޭކަލުން އެކި ގޮތްގޮތުންނެވެ. އެބޭކަލަކަށް ފުރުޞަތުތައް ލިބިވަޑައިގެންފައިވީ މިންވަރަކުންނެވެ. އެގޮތުން އެސުންނަތް ދަސްކޮށް އެޔާއި އެއްގޮތަށް ޢަމަލު ކުރުމަށް އެބޭކަލުން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ހަމައެއާއި އެކު، އެސުންނަތް ރައްކާތެރި ކުރެއްވުމުގެ ގޮތުން ހިތުދަސްކުރެއްވުމާއި ލިޔުއްވުމަށް، އަދި އެތަކެތި އެހެން މީހުންނާއި ހަމައަށް ފޯރުކޮށްދީ ފެތުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. ތިރީގައި މިވަނީ އެކަންތައްތަކުގެ ބައެއް ނަމޫނާ ތަކެވެ.

 

ފުރަތަމަ: ޞަޙާބީން ސުންނަތަށް ދެއްވި ޢިނާޔަތް:

 

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޒަމާނުގައި އުޅުއްވި ޞަޙާބީން ކީރިތި ގުރްއާނުންނާއި ސުންނަތުން ޝަރްޢީ ޙުކުމްތައް ނެރުއްވާ ދަސްކުރައްވަމުން ގެންދެވިއެވެ. ވަރަށް ގިނައިން ކީރިތި ގުރްއާނުގެ އާޔަތްތައް މުޖްމަލް ކޮށް ބާވާލެއްވެއެވެ. މިޘާލަކަށް ނަމާދު ކުރުމަށް އޮތް އަމުރެވެ. އެއީ ކިތައް ރަކްޢަތް ކަމެއް، ކޮން ވަގުތަކު، ކޮން ގޮތަކަށް ކަމެއް ނެތެވެ. ހަމައެފަދައިން ޒަކާތުގެ ވާހަކައިގާވެސް އޭގެ ތަފްޞީލުތަކެއް ގުރްއާނުގައި ނެތެވެ. މިހުރިހާ ކަމެއް އެބޭކަލުން ދަސްކުރައްވަމުން ގެންދެވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ.

 

1.     ﷲ ގެ ޙަޟްރަތުން މީސްތަކުންނަށް ދީނަށް ގޮވާލެއްވުމަށް ހުންނެވި ބޭކަލަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެހެންކަމުން، ޞަޙާބީންނަށް އޮޅުން އަރާފަދަ ތަންތަން ސާފުކޮށްދީ ބަޔާން ކޮށްދިނުން އެއީ އެކަލޭގެފާނުގެ ވަޒީފާއެކެވެ. ސޫރަތުއް ނަޙްލުގެ 44 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ﴿٤٤) މާނައަކީ: "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآنބާވައިލެއްވީ، އެއުރެންނަށްބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ."

 

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ހުރިހާ އަމުރުފުޅު ތަކަށް ކިޔަމަންގަނެ، ނަހީތަކުން ދުރުހެލިވެ، އެންމެހައި ކަންކަމުގައި އެކަލޭގެފާނު ނަމޫނާ އަކަށް ބެލުމުގައި ޞަޙާބީން ދެމިތިއްބެވިއެވެ. އެކަމަކީ އެކަލޭގެފާނަށް ޚާއްޞަ ކަމަކަށް ނުވާ ކޮންމެ ކަމެއްގައި އެކަލޭގެފާނު ނަމޫނާއަކަށް ބަލަމުން ގެންދެވިއެވެ. ނަމާދުގެ ޙުކުމްތަކާއި، ރުކުންތަކާއި، ހައިއަތުތަކާއި ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލުކޮށް ދަސްކުރައްވަމުން ގެންދެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރްޝާދުގައިވާ ގޮތުގެ މަތިންނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ފެނުނު ގޮތަށްތިޔަބައިމީހުން ނަމާދު ކުރާށެވެ."

 

އަދި ޙައްޖުގެ އަޅުކަންތަކާއިޝިޢާރުތައްވެސް އެކަލޭގެފާނުގެ އަރިހުން އުނގެނިވަޑައިގަތެވެ. އެއީއަންނަނިވި ޙަދީޘްބަސްފުޅުގައިވާ ފަދައިންނެވެ.

 

((خُذُوا عَنِّي مَنَاسِكَكُمْ(( [2]

 

މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން ޙައްޖުގެ އަޅުކަންތައް ދަސްކުރައްވާށެވެ.”

 

އެގޮތުން އެބޭކަލުން އެކަލޭގެފާނާތަބާވެވަޑައިގަތުމުގައި އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމެއް ކުރައްވައެވެ. އަދި ދޫކޮށްލައްވާ ކޮންމެ ކަމެއް ދޫކޮށްލައްވައެވެ. އެއީ އެކަމުގެ ސަބަބުހޯދުމަކާއި ނުލައި އަދި އެކަމުގެ ޙިކުމަތާމެދު ސުވާލުކުރުމެއްވެސްނެތިއެވެ.

 

އެގޮތުން އިބްނު ޢުމަރު رضي الله عنهماގެ އަރިހުން އިމާމު ބުޚާރީ ރިވާކުރެއްވިއެވެ.

 

((اتَّخَذَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ خَاتَمًا مِنْ ذَهَبٍ، فَاتَّخَذَ النَّاسُ خَوَاتِيمَ مِنْ ذَهَبٍ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنِّي اتَّخَذْتُ خَاتَمًا مِنْ ذَهَبٍ» فَنَبَذَهُ، وَقَالَ: «إِنِّي لَنْ أَلْبَسَهُ أَبَدًا»، فَنَبَذَ النَّاسُ خَوَاتِيمَهُمْ(( [3]

 

މާނައި: “ނަބިއްޔާ صلىاللهعليهوسلمރަން އަނގޮޓިއެއް އެޅުއްވިއެވެ. ފަހެ،އެހެންވެ މީސްތަކުންވެސް ރަން އަނގޮޓި އެޅިއެވެ. ފަހެ، صلىاللهعليهوسلمނަބިއްޔާ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަން ކަލޭގެފާނު ރަންއަނގޮޓި އެޅުއްވީމުއެވެ.” ދެން އެއަނގޮޓި އެއްލަވާ ލެއްވިއެވެ. އަދިޙަދީޘްކުރެއްވިއެވެ. “ދުވަހަކުވެސް ދެން ތިމަންކަލޭގެފާނު ރަންއަނގޮޓިނުއަޅުއްވާހުށީމެވެ.” ދެން މީސްތަކުން އެބައިމީހުންގެ އަނގޮޓިތައްއުއްލާލައިފިއެވެ.”

 

އަދި އަބޫ ސަޢީދު އަލްޚުދްރީ رضياللهعنهގެ އަރިހުން އަބޫ ދާވޫދު ރިވާކުރެއްވިއެވެ.

 

((بَيْنَمَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي بِأَصْحَابِهِ إِذْ خَلَعَ نَعْلَيْهِ فَوَضَعَهُمَا عَنْ يَسَارِهِ، فَلَمَّا رَأَى ذَلِكَ الْقَوْمُ أَلْقَوْا نِعَالَهُمْ، فَلَمَّا قَضَى رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَاتَهُ، قَالَ: «مَا حَمَلَكُمْ عَلَى إِلْقَاءِ نِعَالِكُمْ»، قَالُوا: رَأَيْنَاكَ أَلْقَيْتَ نَعْلَيْكَ فَأَلْقَيْنَا نِعَالَنَا، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” إِنَّ جِبْرِيلَ صَلَّى اللهُ عَلَيْهِ وَسَلَّمَ أَتَانِي فَأَخْبَرَنِي أَنَّ فِيهِمَا قَذَرًاأَوْ قَالَ: أَذًى – “(( [4]

 

މާނައީ: “އެއްދުވަހަކު އަޞްޙާބުބޭކަލުންނާއެކު ރަސޫލާ صلىاللهعليهوسلمއިމާމުވެނަމާދުކުރައްވަން ހުންނަވާފައި އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލާފައިވާތްފަރާތުގައި ބެހެއްޓެވިއެވެ. ފަހެ، މީސްތަކުންނަށް އެމަންޒަރު ފެނުމުންއެބޭކަލުންވެސް ފައިވާންތައް އެއްފަރާތްކޮށްފިއެވެ. ދެން ފަހެ ނަމާދުކޮށްއަވަދިވުމުން ﷲ ގެ ރަސޫލާ صلىاللهعليهوسلمޙަދީޘްކުރެއްވިއެވެ. “ތިޔަބޭކަލުން ފައިވާންތައް އެއްފަރާތްކޮށްލެއްވީ ކީއްވެ ހެއްޔެވެ؟އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ފައިވާން ޖޯޑުކޮޅުއެއްފަރާތްކުރައްވާތީ ތިމަން ބޭކަލުންނަށް ފެނިވަޑައިގަތެވެ. ފަހެ އެހެންވެތިމަން ބޭކަލުންވެސް ފައިވާންތައް އެއްފަރާތްކުރީއެވެ. ފަހެ ﷲ ގެ ރަސޫލާصلىاللهعليهوسلمޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ޖިބްރީލު صلىاللهعليهوسلمވަޑައިގެން އޭގައިނަޖިހެއްވާކަމަށް ވިދާޅުވިއެވެ.” ނުވަތަހަޑިއެއްޗެއްވާކަމަށް” (ވިދާޅުވިއެވެ.)

 

އެކަލޭގެފާނުގެ ބަސްފުޅުތަކާއިޢަމަލުފުޅުތަކަށް ބެއްލެވުމުގައި އެބޭކަލުން ޝައުޤުވެރިވެފައިވާ މިންވަރަކީއޭގެ ތެރެއިން ބައެއް ބޭކަލުން ޑިއުޓީ ބައްސަވައިގެން ދެދުވަހުންއެއްދުވަހު އެކަލޭގެފާނުގެ މަޖްލިސްތަކަށް ވަޑައިގަންނަވައެވެ. އެގޮތުންޞަޙީޙުލް ބުޚާރީގައި ޢުމަރު ބުން އަލްޚައްޠާބުގެ އަރިހުންއައިސްފައިވެއެވެ.

 

ގެރަސޫލާ صلىاللهعليهوسلمގެ އަރިހަށް ތިމަންކަލޭގެފާނާއި ބަނޫ އުމައްޔަބިން ޒައިދުގައި އުޅުއްވި ތިމަންކަލޭގެފާނުގެ އަވަށްޓެރިއަކާއި އައިސްއުޅުއްވީ ޑިއުޓީ ބަހައިގެންނެވެ. – އެއީ މަދީނާގެ ޢަވާލީއޭ ކިޔުނުސަރަޙައްދުގައި އުޅުއްވި ބޭކަލެކެވެ. – ކޮންމެ ބޭކަލަކުވެސްވަޑައިގަންނަވަނީ ދެދުވަހުން އެއްދުވަހުއެވެ. ތިމަންކަލޭގެފާނަށް ދެވޭދުވަހު ތިމަންކަލޭގެފާނު އެދުވަހުގެ ޚަބަރުތައް ގެނެސްދެއްވަމެވެ. އަދިއެބޭކަލަކުވެސް އެފަދައިން ޢަމަލުކުރައްވައެވެ.” [1]

 

ހަމައެފަދައިން މަދީނާއާ ދުރުހިސާބުތަކުގައި އުޅުނު ޤަބީލާތަކުގެ މީސްތަކުންވެސް އެކަލޭގެފާނު صلىاللهعليهوسلمގެ އެރިއަހަށް ދީނުގެ ޙުކުމްތައް އުނގެނުމަށް މީސްތަކުންފޮނުއްވައެވެ. އެއަށްފަހު އެދުރުންގެ ގޮތުގައި އެބައިމީހުން އެނބުރިރުޖޫޢަވެއެވެ. އެގޮތުން ޞަޙާބީ ބޭކަލުންވަނީ އެކަލޭގެފާނުގެ އަރިހުގައިސުވާލުދެންނެވުމަށް ދިގު ރާސްތާތައް ދަތުރުކުރައްވާފައެވެ. އެއީ ދިމާވާބޮޑެތި ކަންތައްތަކުގައްޔާ އަދި ޝަރުޢީ ޙުކުމްތަކާ މެދުސުވާލުދެންނެވުމަށެވެ. ދެން އެއަށްފަހު މަޑުކުރެއްވުމެއް ނެތި އެނބުރިރުޖޫޢަވެއެވެ.

 

އިމާމު ބުޚާރީގެ ޞަޙީޙުގައި ޢުޤްބާ ބިން ޢާމިރުގެ އަރިހުން ރިވާވެފައިވެއެވެ.

 

އެކަލޭގެފާނާއިއެކަލޭގެފާނުގެ އަނބިކަނބަލުންނަށް ގާތުން ކިރުދެއްވިކަމަށް އަންހެނަކުބުނުމުން، މައްކާގައި ހުންނަވާފައި މަދީނާއަށް އައުމަށް ވަގުތުންދަތުރުފެއްޓެވިއެވެ. ﷲ ގެ ރަސޫލާ صلىاللهعليهوسلمގެ އަރިހަށްއާދެވުމުން ފަހެ ނޭނގިހުރެ އެއްކިރުގެ ގޮތުން އުޚްތަކާ ކައިވެނިކުރެވުނުމީހެއްގެ ޙުކުމާ ބެހޭގޮތުން ސުވާލު ދެންނެވިއެވެ. އެދެމީހުންކައިވެނިކުރުމަށްފަހު އެދެމީހުންގެ ކިރުމައި އެވާހަކަ ބުނިކަމަށްވެސްވިދާޅުވިއެވެ. ފަހެ ޖަވާބުގައި ނަބިއްޔާ صلىاللهعليهوسلمޙަދީޘްކުރެއްވިއެވެ.

 

((كَيْفَوَقَدْقِيلَ((

 

މާނައީ: “އެފަދައިން ބުނެވުމުން ދެން (އަތްބެއްގެ ގޮތުގައި ބަހައްޓަވާނީ) ކިހިނަކުންތޯއެވެ.” [2]

 

ހަމައެފަދައިން ޞަޙާބީ އަންހެންބޭކަނބަލުންގެ ޢާދައަކަށްވެފައިވަނީ ދެމަފިރިންނާ ގުޅުންހުރި ކަންކަމުގެސުވާލު ނަބިއްޔާ صلىاللهعليهوسلمގެ އަނބިއަނބިކަނބަލުންނާކުރެއްވުމެވެ. އެއީ އެކަނބަލުންނީ އެކަން އެންމެ ރަނގަޅަށް ދަންނަބޭކަނބަލުންނެވެ.

 

ހަމަ އެގޮތަށް ދީނުގެ ކަންކަންއޮޅުންފިލުވުމަށްވެސް އެކަނބަލުންގެ އަރިހަށް އަންހެން ޞަޙާބީ ކަނބަލުންވަޑައިގަންނަވައެވެ. ބައެއް ފަހަރު އެޞަޙާބީ ބޭކަނބަލުން ސީދާ، ﷲގެ ރަސޫލާصلىاللهعليهوسلمގެ އަރިހުގައި އެކަނބަލުންގެ ކަންކަމާ ގުޅޭގޮތުންސުވާލު ދަންނަވައެވެ. ފަހެ، އެކަމުގެ ޝަރުޢީ ޙުކުމް ޞަރީޙަކޮށްބަޔާންކުރެއްވުމުގައި ނަބިއްޔާ صلىاللهعليهوسلمއަށް ހުރަހެއްވާނަމައެކަލޭގެފާނުގެ އަނބިކަނބަލުންކުރެ ބޭކަނބަލެއްގެ އަރިހުގައި އެކަންބަޔާންކޮށްދެއްވުމަށް އަމުރުކުރައްވައެވެ. އެއީ ޙައިޟުން ޠާރިހުވުމާބެހޭގޮތުން ޢާއިޝާ – رضياللهعنها- ގެ އަރިހުން އައިސްފައިވާޙަދީޘްފަދައިންނެވެ. [1]

 

އެންމެ ހެޔޮ ޤަރުނުގައި ނަބިއްޔާ صلىاللهعليهوسلمގެ ދުވަސްވަރުގައި ސުންނަތަށް އަހަންމިއްޔަތު ދެވިފައިވަނީމިފަދައިންނެވެ. އެގޮތުން އެކަލޭގެފާނުގެ ފުށުން ފުރިހަމައަށް ނަމޫނާލިބިގަތުމާއި އަމުރުފުޅުކުރައްވާ ނަހީކުރެވޭ ގޮތަށް ކުރިޔަށްވަޑައިގަތުމާއި އެކަލޭގެފާނު ޙުކުމްފުޅަށް ފުރިހަމައަށް ބޯލެނބުމާއިއެކަލޭގެފާނުގެ ހިދާޔަތުގައި ގަދަޔަށް ހިފެހެއްޓުމާ އަދި އެކަލޭގެފާނުގެސުންނަތް އުނގެނުމުގައި ނުހަނު ޝައުޤުވެރިކަން ފެނިފައިވެއެވެ.

 

ނަބިއްޔާ صلىاللهعليهوسلمއަވަހާރަވުމަށްފަހު ދަންނައެވެ. އިސްވެ ބަޔާންވެ ދިޔަ ކަންތައްތަކުގެއިތުރަށް އެބޭކަލުންވަނީ އެހެންގޮތްތުންވެސް އެކަލޭގެފާނުގެ ސުންނަތަށްއަހަންމިއްޔަތުކަންދެއްވައި، ރައްކާތެރިކުރެއްވުމަށްމަސައްކަތްކުރައްވާފައެވެ. އެގޮތުން އެ ދަސްކުރެއްވުމާއިއެޘާބިތުކުރެއްވުމުގައި ސުވާލުކުރެއްވުން ހިމެނެއެވެ. އެގޮތުންރައްކާކުރެވިފައިވާ އެންމެ ޙަދީޘްއަކީ ޘާބިތުޙަދީޘްއެއްތޯޔަޤީންކުރެއްވުމަށްޓަކާ އެއްމަސްދުވަހުގެ ރާސްތާ އެބޭކަލުންދަތުރުކުރައްވާފައިވެއެވެ. އަދި ފަތްފުށްތަކުގައި ޙަދީޘްތައް ލިޔެއެބޭކަލުންވަނީ މީސްތަކުންގެ މެދުގައި އެ ފަތުރާފައެވެ. އަދި ސުންނަތްރައްކާތެރިކުރެއްވުމަށްޓަކައި މިނޫންކަންކަންވެސް ކުރައްވާފައިވެއެވެ.

 

އެ ހުރިހާކަމެއްވެސް ހިނގާފައިވަނީ ޢިލްމީއަދި ޢަމަލީ މަންހަޖެއްގެ މަތީގައެވެ. އޭގެ އެންމެ މުހިންމު ކަންކަމަށްބަލާލާއިރު އަންނަނިވި ކަންކަން ފާހަގަވެއެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

(ނުނިމޭ)

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު