އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެރި ފޯރުންތެރިކަމާއެކު ސުވާލު ކުރެވޭނަމަ ކޮރަޕްޓް އެކަކަށްވެސް ވަޒީރު ކަމަކު ނުހުރެވޭނެ: ޤާސިމް އިބްރާހީމް

ކެރި ފޯރުންތެރިކަމާއެކު ސުވާލު ކުރެވޭނަމަ ކޮރަޕްޓް އެކަކަށްވެސް ވަޒީރު ކަމަކު ނުހުރެވޭނެ: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

ކެރި ފޯރުންތެރިކަމާއިއެކު ސުވާލު ކުރެވޭނަމަ ކޮރަޕްޓް އެކަކަށްވެސް ވަޒީރު ކަމުގައި ނުހުރެވޭނެ ކަމަށާއި އެގޮތަށް ސާބިތުކަމާއިއެކު ކަންކަން ކުރަން މެންބަރުންނަށް މިހާރު އަންނަނީ ދަސްވަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީ އާއި އިތުރު ބައަކު ގުޅުމަށް މިރޭ އެޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ވަރަށް ސާބިތު ކަމާއިއެކު މަސައްކަތް ކުރެއްވި މަޖިލިސް މެންބަރުންތަކެއް މަޖިލީހުގެ ފާރުމަތިން ނަގައި އުކައިލެވުނު ތަން މިދިއަ އަހަރު ފެނުނު ކަމަށެވެ. އަދި އެއީ މެންބަރުންގެ ހޭލުންތެރިކަމާއި ސާބިތުކަން އިތުރުވަމުން އަންނަން ފެށުން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ މަރުހަލާތައް ކަޑައްތު ކުރަމުންދާއިރު ބަހުގެ ޙަމަލާތައް ބަދަލުކުރެވޭނެ ކަމަށާއި އެހެންކަމާއިއެކުވެސް ޤައުމީ މަޞްލަހަތު ކުރިއަށް ނެރެވިގެން މަސައްކަތްތައް ކުރިއަށްދާތަން ފެނިވަޑައިގަންނަވާތީ އުފާފުޅު ކުރައްވާ ކަމަށެވެ. އަދި ފެނަމުން މިދަނީ ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމުގެ ހެކިތައް ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ވެރިކަމަކުން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރާ ވާހަކަތައް ދައްކަމުން ގެންދާއިރު އެއީ ވިސްނައިލަން ޖެހޭނެ ވާހަކަތަކެއް ކަމަށެވެ. "ބަރުލަމާނީ ނިޒާމުގައި ވަޒީރުންނަށްވެސް ތިބޭނީ މަޖިލިސް މެންބަރުން. ދެން އެ މެނަބަރުން ކަމެއް ކޮށްގެން ސުވާލުކުރަން މަޖިލީހަށް ގެންދެވޭއިރު ސުވާލުކުރަން ތިބޭނީ ކޮން ބައެއްތޯ؟ އަނެއްކާވެސް ތިބޭނީ މެންބަރުން ނޫންތޯ؟ އަދި ސްޓޭޓް މިނިސްޓަރުންނާ ޑިޕިޔުޓީ މިނިސްޓަރުންނަށް ހަމަ މެންބަރުން ތިބޭތަން މިފެންނަނީ. އަދި ޕްރައިމް މިނިސްޓަރު މި ހޮވަނީ މެންބަރުންގެ ތެރެއިން. ރައްޔިތުންނަކަށް ނުލިބޭ އެމީހުންގެ ވެރިމީހާ ހޮވާނެ ފުރުޞަތުވެސް. އެހެންވީމާ ރައްޔިތުންނަށް ކިހައި ހެޔޮ އެދިގެންތޯ މިވާހަކަ މިދައްކަނީ؟"

ޤާސިމް އިބްރާހީމް ވިދާޅުވީ ހުރިހާ ގޮތަކުން ބެލިނަމަވެސް ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނީ ވެރިކަމުގައި ހުންނަ މީހާއަކީ ރައްޔިތުން ވޯޓުލައިގެން ރައްޔިތުން ހޮވާ މީހަކަށް ވުމުން ކަމަށެވެ. "ކުޑަކުދިން ގާތު ދައްކާ ފަދަ ވާހަކަތައް މިއަދުގެ ތައުލީމީ މީހުން ގާތު ދެއްކީމާ ބަލައި ނުގަންނާނެކަން މިއަދު ފެންނަމުން މިދަނީ."    

ޤާސިމް އިބްރާހީމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ ގާތަށް ދާނެޖެހެނީ އެންމެ ފަހަރަކު ކަމަށާއި އެ ފަހަރު ވޯޓުލުމުން ހުރިހައިކަމެއް ނިމި ރައްޔިތުންގެ ހުރިހާ ބާރުތަކެއް ރައްޔިތުންގެ އަތުން ގެއްލިގެން ދިއައީ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގައި އަބަދުވެސް އޮންނާނީ ސަރުކާރު ވެއްޓުން ކަމަށާއި އެކަމުގެ ތެރޭގައި ކަޅު ފައިސާތައް ދާނީ ދައުރުވަމުން ކަމަށެވެ. "ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނާނީ އެއްވެސް ބާރެއް ނެތް މީހެއް. ދަތް އުފުލާފައި އޮންނަ މިނިކާވަގަކަށް ވާހެން ވާނީ. ދެން ކީއްކުރާ ރައީސެއްތޯ؟" 

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އުޞޫލު ބަދަލުކޮށް ބޮޑުވަޒީރަކު ހަމަޖެއްސި ކަމަށާއި ނަމަވެސް ދައުރު ހަމަވެސް ނުވަނީސް ތަޅައި ފޮޅައިގަނެ ކަންކަން ވެގެންދިއަގޮތް އަލުން ތަޖުރިބާކުރަން ދިވެހިން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެ ފިކުރުގެ ބައަކަށް ދިނުމަށް ރައްޔިތުން މިއަދު ބޭނުން ނުވާ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ 23 ސެޕްޓެމްބަރުގައި ރައްޔިތުން ބޭނުންވީ ވަކި ޕާޓީއަކަށް ހުރިހާ ބާރެއް ނުދެން ކަމަށާއި ޤައުމުގެ ކަންކަން ރަނގަޅު ގޮތުގައި ކުރެވޭނީ ވީހައި ބޮޑަށް މަޝްވަރާކޮށްގެން ކަމަށެވެ. މީހެއްގެ ހުރި ޤާބިލުކަމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ އެދުންތައް ފުއްދުމަށްފަހު ބާކީކޮށްލާ އުޞޫލުން ކަންކަން ކުރާނަމަ ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް