އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން، އެނގުނީ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަން! ކަރީމާއަށް އެހީތެރިވެ ދެއްވާ!

ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން، އެނގުނީ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަން! ކަރީމާއަށް އެހީތެރިވެ ދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 57 ސިކުންތު

ބޮލުގައި ރިހުމަކީ އާންމު ބައްޔަކަށް ވެފައިވާތީ، ތިމަންނާގެ ބޮލުގައި ރިއްސަނީއޭ މީހަކު ބުނުމުން ގިނަ މީހުންނަށް އެކަމާއިމެދު އެހާ އަޅާނުލެވެއެވެ. އަނެކާ ތަޙައްމަލު ކުރާ ވޭން ދެން ހުންނަ މީހާއަށް ނޭނގޭހިނދު، އެކަމަކީ ވަރަށް ކުޑަ ނުވަތަ އާދައިގެ ކަމެއް ކަމަށް ހީކޮށް، ވޭނުގައި އުޅޭ މީހާއަށް އެހީތެރިވާން ގިނަ މީހުން މަސައްކަތް ނުކުރުމަކީ ހިތާމަ ކުރި ކަމެކެވެ.

މިފަދަ ވޭނެއް މިވަގުތު ތަޙައްމަލު ކުރަމުންދާ އެއް ފަރާތަކީ ހދ. ކުމުންދޫ ހުދަންބަރުގޭ ކަރީމާ އަބޫބަކުރު (28އ.) އެވެ. 

ކަރީމާއަކީ ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި އަވަދިނެތި މަސައްކަތް ކުރަންދާ ހީވާގި އަންހެނެކެވެ. މުރާލިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އޭނާގެ ފިރިމީހާ މަސައްކަތް ކުރަނީ ތިލަފުށީގައި ހުންނަ އެސްޓީއޯ ގައެވެ. 

ނަމަވެސް އެދެމަފިރިންގެ މުޅި ދިރިއުޅުން ބަދަލުވީ މީގެ ދެ އަހަރު ކުރިން، ކަރީމާގެ ބޯއަނބުރާ ބޮލުގައި ރިއްސަން ފެށުމުންނެވެ. އެކަން މާބޮޑަށް އިތުރުވުމުގެ ސަބަބުން އެކި ފަހަރު މަތިން އެކި ޑޮކްޓަރަށް ދެއްކުމުންއެނގުނީ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާ ކަމެވެ. 

ކަރީމާގެ ހާލަތު "މިއަދުނޫހަށް" ހިއްސާ ކުރަމުން އޭނާގެ ފިރިމީހާ ބުނީ ބޮލުގައި ފުރަތަމަ ރިއްސާ، ބޯއަނބުރަން ފެށީމަ ދެއްކީ އެރަށު ސިއްޙީ މަރުކަޒަށް ކަމަށެވެ. ޚާއްސަ ޑޮކްޓަރަކަށް ދައްކަން އެތަނުގެ ޑޮކްޓަރުން އިރުޝާދު ދީފައިނުވާތީ އެއިރު ޚާއްސަ ޑޮކްޓަރަކަށް ދައްކަން މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް މީގެ ތިން މަސް ކުރިން، މާބޮޑަށް ބޮލުގައި ރިއްސާތީ މާލެ އައިސް އެތެރެހަށީގެ ޑޮކްޓަރަކަށް ދެއްކި ކަމަށް އޭނާގެ ފިރިމީހާ ބުންޏެވެ.

"އައިޖީއެމްއެޗް ގެ އެތެރެހަށީގެ ޑޮކްޓަރަކަށް ފުރަތަމަ ދެއްކީ. ދެއްކީމަ ދެއްވީ ޕެނެޑޯލް. ދެން އޭގެން ލުޔެއް ނުލިބޭތީ އަޅުގަނޑު ދިނިން 'ނިއޮޕްރޮކްސިން' ކިޔާ ތަންކޮޅެއް ބާރުގަދަ ބޭހެއް. އޭގެން ބޮލުގައި ރިހުމަށް ލުޔެއް ލިބުން. އެކަމަކު އެބޭސް ހުސްވުމުންނާއިވެސް އެއްކޮށް އަލުން ޑޮކްޓަރަށް ދައްކާ އެބޭސް ދެއްވަން ބުނުމުން އެޑޮކްޓަރު ވިދާޅުވި އެހާ ބާރުގަދަ ބޭހެއް ދެއްވަން ނުކެރޭނެ ކަމަށް. ދެން ނިއުރޮލޮޖިސްޓަކަށް ދެއްކުމަށް ވެސް ވިދާޅުވި. އެހެންވެ އޭޑީކޭ ގެ ނިއުރޮލޮޖިސްޓަކަށް ދެއްކީ." ކަރީމާގެ ފިރިމީހާ ކިޔައިދިނެވެ. 

ނިއުރޮލޮޖިސްޓަކަށް ދެއްކުމުން، ކަރީމާގެ ސިކުނޑީގެ އެމްއާރްއައި އަކާއި ލޭގެ ޓެސްޓަކާއި ތައިރޮއިޑް ޓެސްޓެއް ހަދަން ދިން ކަމަށް އޭނާގެ ފިރިމީހާ ބުންޏެވެ. ތައިރޮއިޑް ޓެސްޓާއި ލޭގެ ޓެސްޓު ރަނގަޅު ކަމަށާއި ނަމަވެސް އިތުރަށް ޔަގީން ކުރުމަށް ސިކުނޑީގެ ދެވަނަ އެމްއާރްއައި އެއް ހެދުމަށް ބުނިކަމަށް ވެސް އޭނާގެ ފިރިމީހާ ބުންޏެވެ. 

"ދެވަނަ އެމްއާރްއައި ހެދުމުން އެކޮޅުން (އޭޑީކޭ) އިން އިރުޝާދު ދިން ނިއުރޯ ސާރޖަން އަކަށް ދެއްކުމަށް. ނަސީބު ދިމާކުރި ގޮތުން އެޑޮކްޓަރު ރިފާރކުރި ނިއުރޯސާރޖަން އަށް ފަސޭހައިން ނަންބަރުވެސް ލިބުން. ސިކުނޑީގެ މެދުގައި ޓިއުމާއެއް އުފެދިފައިވާ ކަމަށް އެޑޮކްޓަރު ވިދާލުވި. ދެން ރާއްޖެއިން އެކަމަށް ފަރުވާ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި. ތިން އޮޕްޝަނެއް ކިޔައިދިނީ. އޭގެ ތެރެއިން ދެ އޮޕްޝަނެއް އަޅުގަނޑު ހަނދާންވަނީ. އެއީ އޯޕަން ބްރެއިން ސާރޖެރީއެއް ކުރުން ނުވަތަ ރޭޑިއޯތެރަޕީ ދިނުން. އެތަނުން ދޭނީ ކޮން ފަރުވާއެއްކަން ނިންމާނީ އަމްރިތާ ހޮސްޕިތަލުގެ ޑޮކްޓަރުންގެ ޓީމް ކަމަށް ވެސް ވިދާޅުވި" ކަރީމާ ގެ ފިރިމީހާ ކިޔައިދިނެވެ. 

ކަރީމާގެ ސިކުނޑީގައި އުފެދިފައިވާ ޓިއުމަރަށް ބޭސްކުރުމަށް އާސަންދަ ވަނީ ހަމަޖެހިފައެވެ. އަދި އެމީހުން ނިންމާފައިވަނީ އެންމެ ލަސް ވެގެން އަންނަ މަހުގެ 13 ގައި އިންޑިއާއަށް ފުރާށެވެ. ޓިކެޓާއި ބޭސްފަރުވާގެ އެހީ އާސަންދައިން ހަމަޖެހިފައިވީ ނަމަވެސް، އިންޑިއާއަށް ގޮސް ހުރުމާއި ކެއުމުގެ ޚަރަދު ކުރަން ޖެހޭނޭތީ، އެޚަރަދުތަކަށް އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއެއް ދެއްވުމަށް އެއާއިލާއިން އެދެއެވެ. 

ފައިސާގެ އެހީއެއް ފޯރުކޮށްދިނުމަށް ރުފިޔާ ޖަމާކުރާނީ ބީއެމްއެލް އެކައުންޓު ނަންބަރ 101 465494 7715 (ކަރީމާ އަބޫބަކުރު) އަށެވެ. އިތުރު މައުލޫމާތު 7623933 (ކަރީމާގެ ފިރިމީހާ) އާއި ގުޅުއްވައިގެން ހިއްސާ ކުރެއްވުން އެދެމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ