އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބްތިހާލްގެ މަރަށް ހަތަރު އަހަރު ފުރުނުއިރު، އިންސާފު ހޯދައި ދެވިއްޖެބާ؟

އިބްތިހާލްގެ މަރަށް ހަތަރު އަހަރު ފުރުނުއިރު، އިންސާފު ހޯދައި ދެވިއްޖެބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 13 ސިކުންތު

ކުޑަ ކުއްޖެއް ދެކެ ލޯބި ނުވާނީ ކާކު ހެއްޔެވެ؟ ކުޑަ ކުއްޖަކަށް އަނިޔާކޮށް، އެކުއްޖާފުޅަށް ކެތްވެސް ނުވާފަދަ ބޮޑު ވޭނެއް ޖައްސަން ހިތެއް އޮތް މީހަކަށް ކެރޭނެ ހެއްޔެވެ؟ އެކުދިންނާއިމެދު އަނިޔާވެރިވާ މީހުންނަށް މިސުވާލުތަކަށް ތެދުވެރިކަމާއެކު ޖަވާބު ދޭން ކެރޭނެ ހެއްޔެވެ؟ ނުކެރޭނެކަން ޔަގީނެވެ! 

މީގެ ހަތަރު އަހަރު ކުރިން، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މުޅި ރާއްޖެ ސިއްސުވާލީ ވ. ރަކީދޫ އަށް އުފަން، އުމުރުން އެންމެ ތިން އަހަރުގެ މުޙައްމަދު އިބްތިހާލް ގެ މަރުގެ ޚަބަރުންނެވެ.

ބޮޑެތި ޒަޚަމްތަކަކާއިއެކު އިބްތިޙާލް މިދުނިޔެއަށް އަލްވަދާއުކީ، ކުށެއް ނެތް އެމައުސޫމް ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. ހިތައް އެންމެ ފުން އަސަރެއް ކުރީ، އިބްތިޙާލް އަށް އެއަނިޔާތައް ދިނީ އޭނާ މިދުނިޔެއަށް ބަނޑުއަޅައި ވިހެއި މައިމީހާކަން އެނގުމުންނެވެ. ދަރިއަކަށް ކުޑަކޮށް ވެސް އަނިޔާއެއް ލިބުމަކީ މައި ލަނގޮޑިއަށް ކެތް ނުކުރެވޭވަރު ކަމެކޭ މީހުން ބުނާތީ އަޑުއަހަމެވެ. ނަމަވެސް އިބްތިހާލްގެ މަންމަ އާފިޔާ މުޙައްމަދު، ޚުދު އޭނާގެ ދެއަތުން އަމިއްލަ ދަރިފުޅަށް (އެތައް ދުވަހެއް މަތިން ވެސް) އަނިޔާ ކުރަމުން ދިޔައީ ހިތެއްގެ ބަދަލުގައި ކޮންއެއްޗެއް އިނދެގެން ބާއޭ އަދިވެސް ހިތައް އަރައެވެ.  

އެހިތާމަވެރި ހާދިސާއާއި ގުޅޭގޮތުން އެއިރު އެނގިފައިވާ ބައެއް ވާހަކަތައް ޙިއްސާ ކޮށްލާނަމެވެ. އެދުވަހު އިބްތިހާލް ނޭވާލުން ހުއްޓިފައިވާ ކަމަށް ބުނެ އޭނާގެ މަންމަ އާފިޔާ ހާސްވެގެން ގޮސް ވަނީ އަވަށްޓެރިއެއްގެ ގެއަށެވެ. އެގެއިން އަންހެނަކު ގޮވައިގެން އިބްތިހާލް ކައިރިއަށް ވެސް އާފިޔާ ދިޔައެވެ. އެއަވަށްޓެރިޔާއަކީ އިބްތިހާލް މަރުވެފައި އޮއްވާ ފެނުނު ފުރަތަމަ މީހާއެވެ.

އެމީހާ ބުނިގޮތުގައި، އިބްތިހާލްގެ އެއްވެސް ހަރަކާތެއް އެއިރަކު ނެތެވެ. އަނގައިންނާއި ނޭފަތުން ލޭ އައިސްފައި ހުރިއިރު، އެކުއްޖާފުޅަށް އަނިޔާ ކޮށްފައި ހުރިކަން ހަށިގަނޑުގެ ބޭރު ފުށުން ވެސް ހާމަވާން ހުއްޓެވެ.  

އެމީހާ ބުނިގޮތުގައި، އޭނާއަށް އިބްތިހާލް ފެނުނުއިރު އެކުއްޖާ އޮތީ ބަރަހަނާ ހާލުގައެވެ. އޭނާގެ އުރަވަޅިވެސް ހުރީ ދުޅަވެފައި ކަމަށް އެއަންހެން މީހާ ބުނެފައިވެއެވެ. އަދި އެއިރުވެސް އިބްތިހާލްގެ ފުރާނައެއް ނެތް ކަަމަށް އެއަންހެން މީހާ ބުންޏެވެ. 

"އަހަރެންގެ ދަރިފުޅު މަރުވެއްޖޭ" ބުނެ އެއިރު އާފިޔާ ރޮމުން ގެންދިޔައެވެ. އަދި އިރުކޮޅެއް ނުވެ ޚަބަރު ހުސްވެގެން އާފިޔާ ވެއްޓުމުން، އޭނާއަށް ފަރުވާ ދިނުމަށް ސިއްޙީ މަރުކަޒަށް ގެންދެވުނެވެ. 

ރަކީދޫގެ ގިނަ މީހުން ބުނެފައިވާ ގޮތުގައި، އިބްތިހާލަކީ އޭނާގެ މަންމަގެ ފަރާތުން އެތައް އަނިޔާއެއް ކުރިން ވެސް ލިބެމުން ދިޔަ ކުއްޖެކެވެ. އޭނާގެ އެއަނިޔާވެރިކަމުގެ ސަބަބުން ކުރިން އިބްތިހާލް އޭނާގެ މާމަ ގާތު ބެހެއްޓިކަމަށާއި ނަަމަވެސް ޖެންޑާ އިން ފަހުން އެކުއްޖާ އޭނާގެ މަންމަ އާއި ހަވާލު ކުރީ ކަމަށް ވެސް މައުލުމާތު ދިން މީހުން ބުނެފައިވެއެވެ. 

އިބްތިހާލް ގެ މަރާއި ގުޅިގެން އޭނާގެ މަންމަ އާފިޔާ ހައްޔަރު ކުރެވުނެވެ. ތަހުގީގުން އެނގުން ގޮތުގައި އިބްތިހާލް އަކީ އާފިޔާއަށް ކައިވެނިން ބޭރުން ލިބިފައިވާ ކުއްޖެކެވެ. އެއިރު އިވެމުންދިޔަ އަނެއް ވާހަކައަކީ އިބްތިހާލް އަށް އާފިޔާ ބަލިވެ އިނީ މީހަކު އޭނާ ރޭޕް ކޮށްގެން ކަމަށާއި އިބްތިހާލް ދެކެ އާފިޔާ ރުޅިއަންނަން ފެށީ، ކައިވެންޏެއް ކުރުމަށްފަހު އެކައިވެނިން އާފިޔާއަށް ދަރިން ލިބުނު ފަހުން ކަމަށެވެ.

އާފިޔާގެ ފިރިމީހާ ޝަފީގު ބުނިގޮތުައގި، އިބްތިހާލް އަށް އާފިޔާ އަނިޔާ ކުރާތަން އޭނާއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް އިބްތިހާލް އަށް އަޅާނުލާ ކަމަށާއި ފެންވެސް ނުވަރުވާ ހުންނަ ކަމަށް ޝަފީގު ވެސް ބުނެފައިވެއެވެ. 

ރަކީދޫ މީހުން ބުނިގޮތުގައި އިބްތިހާލް އަށް އާފިޔާ އަނިޔާ ކުރާތަން ފެނުމުން، އެކަން ހުއްޓާލުމަށް ރަށު ރައްޔިތުން އެތައް ފަހަރަކު އާފިޔާގާތު ބުނެފައިވެއެވެ. އދި ރަށު ކައުންސިލުން ވެސް އެމައްސަލަ ފުލުހުންނަށާއި ޖެންޑާ އަށް ހުށަހެޅި ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ލިބުނު ކުރިއެރުމެއް ނެތެވެ. ނަތީޖާއަކަށްވީ، އާފިޔާގެ ނުބައި ވަކިތަކުގެ ދަށުން ސަލާމަތް ނުވެ، އިބްތިހާލް މިދުނިޔެއިން ވެކިވެ ދިޔުމެެވެ. 

އިބްތިހާލް މަރުވި ދުވަސްކޮޅު އާފިޔާވަނީ އެކަން ކުރި ގޮތް ކަމާއިބެހޭ ފަރާތްތަކަށް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އޭނާ އިބްތިހާލް އަށް އަނިޔާ ކުރިކަމަށާއި އަނިޔާ ކުރުމުގެ ސަބަބުން މަރުވި ކަމަށް ވެސް އެއްބަސްވިއެވެ. މިމައްސަލަ އަދިވެސް ޝަރީޢަތުގައި ހިނގަމުން ދާިރު، ދާދި ފަހުން ބޭއްވުނު މިމައްސަލައިގެ އަޑުއެހުމުގައި އާފިޔާވަނީ އޭނާގެ ބަޔާން ބަދަލު ކޮށްފައެވެ. އޭނާ ބުނެފައިވަނީ އިބްތިހާލް އަށް އަނިޔާ ނުކުރާ ކަމަށާއި މަރާލީވެސް އޭނާ ނޫން ކަމަށެވެ. 

ހަތަރު އަހަރު ފާއިތު ވެއްޖެއެވެ. ކޮންމެހެނަކަސް އިބްތިހާލް އަކީ އޭނާގެ މަންމަގެ ފަރާތުން ލޯތްބާއި އަޅާލުން ނުލިބުނު ކަމުގައިވިޔަސް، އެތައް ބައެއްގެ ލޯބި ލިބިފައިވި ކުއްޖެކެވެ. އެކުއްޖާއަށް ދިމާވި ކަންތައްތަކާއިމެދު މިއަދުވެސް ކަރުނައަޅާ ރޯ މީހުން މަދެއް ނޫނެވެ. އަދި އެއެންމެން ވެސ އެދެނީ އިބްތިހާލް އަށް އިންސާފު ލިބުމަށެވެ. އެކުއްޖާއާއިމެދު އިޙުމާލުވީ ހުރިހާ ފަރާތްތަކާއިމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށެވެ.

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ