އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ހާލަތު ހާދަ ބިރުވެރިއޭ! - މެންބަރުންނަކީ ރާއްޖޭގެ 100% މުސްލިމްވަންތަކަން ހިމާޔަތްކޮށްދޭނެ ބައަކަށް ނުވެއްޖެ ނަމަ ވާނެ ގޮތް މިއޮތީ!

ރާއްޖޭގެ ހާލަތު ހާދަ ބިރުވެރިއޭ! - މެންބަރުންނަކީ ރާއްޖޭގެ 100% މުސްލިމްވަންތަކަން ހިމާޔަތްކޮށްދޭނެ ބައަކަށް ނުވެއްޖެ ނަމަ ވާނެ ގޮތް މިއޮތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު

ރައްޔިތުންގެ މަޖިލީހަށް މިފަހަރު އިންތިޚާބުކުރާ މެންބަރުންނަކީ ރާއްޖޭގެ 100% މުސްލިމްވަންތަކަން ހިމާޔަތްކޮށްދޭނެ ބައަކަށް ވާންޖެހޭނެ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. ވަރަށް މުހިންމު ސަބަބުތަކެއް ހުރުމުންނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޢާއިލާތަކަކުން އެމީހުންގެ ދަރިން އިސްލާމް ދީން ޤަބޫލު ނުކުރާތީ އެކަމުގައި ނަޞޭޙަތްތެރިވެ ދިނުމަށް އިސްލާމިކް މިނިސްޓްރީގައި އެދުނެވެ. ނަމަވެސް އެ މިނިސްޓްރީއަށް އެކަން ކުރެވޭނެ ގޮތް ވީކަން އެނގިފައެއް ނެތެވެ. މިއަދުނޫހަށް އެނގިފައިވާ ގޮތުގައި މިދިއަ އަހަރު 3 ޢާއިލާއަކުން އެކަމަށް އެދުނެވެ. މިސަރުކާރުގައިވެސް ޢާއިލާއަކުން ވަނީ ހަމަ އެކަމަށް އެދިފައެވެ. ނަމަވެސް އަދިވެސް އެކަން ކުރެވޭނެ ގޮތް ވީކަން އެނގިފައެއް ނުވެއެވެ. 

މައްސަލައިގެ ސަބަބަކަށްވަނީ އިސްލާމިކް މިނިސްޓްރީއަކީ އެއްވެސް މީހަކު ހާޒިރު ކުރުމުގެ ބާރު ޤާނޫނީ ގޮތުން ލިބިގެންވާ މުއައްސަސާއަކަށް ނުވުމެވެ. އަދި އެކަމުގައި ފުލުހުންގެ އެހީތެރިކަން ލިބުމަށް ހުރަސްތަކެއް ހުރުމެވެ. އެ ހުރަސްތައް ނައްތައިލުމަށް މިދިއަ އަހަރުން ފެށިގެން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން އަންނަނީ މަޝްވަރާ ކުރަމުންކަން މިއަދުނޫހަށް ވަނީ ޔަޤީން ކުރެވިފައެވެ. 

މިފަދަ މައްސަލައެއްގައި އިސްލާމިކް މިނިސްޓްރީން ފުލުހުންނާއި މަޝްވަރާކުރިތޯ ޕޮލިސް މީޑިއާގައި މިދިއަ އޮކްޓޯބަރު މަހު މިއަދުނޫހުން ކުރި ސުވާލަށް އަދި މިއަދާއި ހަމައަށް ވެސް އޮތީ ޖަވާބު ނުލިބިއެވެ. މިއަދުނޫހުން އެސުވާލުކުރީ މަޝްވަރާކުރިކަން އިތުބާރު ހުރި ގޮތަކަށް ޔަޤީން ކުރެވިގެންނެވެ.  

މުރުތައްދު ވުމުގެ ޙާލަތު މިގޮތަށް ހުރިއިރު އިސްލާމް ދީނަށް ފުރައްސާރަކުރުން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި މިހާރުވެސް ދަނީ އިތުރުވަމުންނެވެ. މުސްލިމުން އިން ޝާ ﷲ ކިޔާތީ "އިންޝާ ޝައިޠާން"  ލިޔެ ޢާންމުކުރަމުން ގެންދަނީ އެއްވެސް ބިރެއް ޖެހިލުމެއް ނެތިއެވެ. ކުފުރަށް ހުށަހޮޅިދާނެ ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވާ މިފަދަ އަމަލުތައް ކުރާއިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން އެނގޭ ކަމާއިމެދުވެސް މިވަނީ ސުވާލު އުފެދިފައެވެ.  

މިފަދަ ކަންކަން މިހައި ދެރަވަރު ގޮތަކަށް ހުރިއިރު މިކަންކަން ހަމަޖެއްސޭނެ ގޮތަކީ ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. މިފަދަ މައްސަލަތައް ބެލުމާއި ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ދީގެންނެވެ. އެކަންކަން ކުރެވެން އޮތީ ހަމަ މަޖިލިސް ތެރެއިންނެވެ. 

އިސްލާމް ދީން ހިމާޔަތްކުރުމުގެ ޤާނޫނެއް އޮންނަ ވާހަކަ ދެކެވެއެވެ. ހަމަ ޤައިމުވެސް އެފަދަ ޤާނޫނެއް ފާސްކުރިއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އިސްލާމް ދީން ދޫކުރާ މީހުންނަށް އެ ޤާނޫނުގެ ދަށުން ފިޔަވަޅެއް އެޅުނުކަން އެނގިފައެއް ނެތެވެ. ސަބަބަކީ ހަމަ އެއްވެސް ބާރެއް އިސްލާމިކް މިނިސްޓްރީއަށް ނެތުން ކަމުގައި ފާހަގަ ކުރެވެއެވެ.   

ކަންކަން މިފަދައިން ހުރިއިރު އިސްލާމް ދީނާއި ދެކޮޅަށް ފައުޅުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނަމުން އެގެންދަނީ އެމީހުން ބޭނުންވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ދީނުން ބޭރުވުމުގެ ވާހަކަ ނުވެސް ދެއްކޭނެ، ލާދީނީ އެވެ ނުވެސް ބުނެވޭނެ ގޮތަށް ޤާނޫނުތައް ހަދައިދޭނެ މަޖިލީހެއް ކަމަށެވެ. މިހާރުގެ ޙާލަތަކީ މިއީ ކަމަށްވާއިރު އެބުނާ ފަދަ ބައަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ދެން ވެގެންދާނެ ގޮތާއިމެދު ވިސްނުން އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށްވެސް އޮތް ދީނީ ވާޖިބެއް ކަމަށް ޤަބޫލުކުރަން ޖެހެއެވެ. އެމީހަކު ލީ ވޯޓެއްގެ ޒިންމާ ޤިޔާމަތް ދުވަހު އުފުލަން އެމީހަކަށް ޖެހޭނެކަން އެއީ ޤަބޫލުކުރަން ޖެހޭނެ ކަމެކެވެ. 

މިކަން ނޫހުގައި ހާމަނުކޮށް މަޑުކުރީ "ކެތްތެރިވުމަށާއި މައްސަލަ ހައްލުކުރެވޭނެ" ކަމަށް ބައެއް ބޭފުޅުން ދެއްވި ލަފާގެ ސަބަބުންނެވެ. ނަމަވެސް އިސްލާމް ދީނުގެ ޢަދާވާތްތެރިން މިއަދު އެމީހުންގެ ކޮޅަށް މަގުމަގުފަހިވާ މަޖިލީހަކަށް ފައުޅުގައި ވަކާލާތުކުރަން ފެށުމުން މިކަން އޮތް ގޮތުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަ ނުކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ޤަބޫލުކުރެވުމުން ހާމަކުރީއެވެ.

އެހެންކަމުން މަޖިލިސް އިންތިޚާބަށް މެންބަރުން ހޮވުމުގައި މިފަހަރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ނުދެވިއްޖެނަމަ ރާއްޖޭގެ ޙާލަތު މީގެ 900 އަހަރު ފަހަތަށް ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށް ގިނަ ބައަކު ބުނާ ބުނުން އެއީ ޙަޤީޤަތެއް ކަމަށް ޤަބޫލުކުރެވެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް