އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫޝާއުގެ ތަޖުރިބާ: މިޔުޒިކާއި ގާތްވުމުން ދީނާއި ދުރުވެ، ޝައިޠާނާ ބޮލަށް ސަވާރުވި!

ޔޫޝާއުގެ ތަޖުރިބާ: މިޔުޒިކާއި ގާތްވުމުން ދީނާއި ދުރުވެ، ޝައިޠާނާ ބޮލަށް ސަވާރުވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު

މިޔުޒިކަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ އެއްޗެކޭ ބުނުމުން، ގިނަ މީހުންނަށް މިޒަމާނުގައި ޤަބޫލު ކުރަން ދަތިވެއެވެ. އެކިއެކި ރާގުތައް އަޑުއިވުމުން، އެއަށް ނުގެއްލޭ މީހަކު މިޒަމާނުގައި ވަރަށް މަދު ވާނެއެވެ. އަދި ވިޔަފާރީގެ ބޭނުމަށް ވެސް މިކަން ކުރާ މީހުން ރާއްޖޭގައި މަދެއް ނޫނެވެ. 

މިއީ ވެސް އެވަބާގައި ދުވަސްކޮޅަކަށް ނަމަވެސް ޖެހުނު ޒުވާނެއްގެ ވާހަކައެވެ. ހޮބީއެއްގެ ގޮތުން ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުން ގިިނަ ބައެއްގެ ތެރޭގައި މަޝްހޫރުވެފައިވާ ކ. ގުޅި ވައިޖެހޭގޭ ޔޫޝާއު އިބްރާހިމް، އޭނާގެ ހަޔާތަށް އައި އެބޮޑު ބަދަލު "މިއަދުނޫހާއި" ހިއްސާ ކޮށްލިއެވެ. 

"އަހަންނަކީ ވަރަށް ފަހުން އުމްރާގެ މާތް އަޅުކަން ވެސް އަދާ ކޮށްފައި އައި ޒުވާނެއް. އުމްރާއިން އައިސް މާލެ އައުމުގެ ކުރިން އަހަރެން ދިޔައީ ރަށަށް. ރަށުގައި ހުއްޓާ ރައްޓެއްސަކު އަހަރެން ގާތު އެދުނީ ރަށުގެ ރީތި މަލަމައްޗާއި އެއްޗެހި ދައްކުވައިދޭ ގޮތަށް ވަރަށް ރީތި ވީޑިއޯ ކޮޅެއް ހަދައި ދިނުމަށް. އެއީ އޭނާގެ ޕޭޖަށް ލާން ކަމަށްވެސް ބުނި. އަހަރެން އެކަމަށް އެއްބަސްވީން. ދެން އޭނާއާއި އެހެން ވެސް ރައްޓެއްސަކު އަހަންނަށް ލަފާ ދިނީ އެވީޑިއޯ ކޮޅުގައި މިޔުޒިކު ވެސް ހިމަނަން" ޔޫޝާއު ކިޔައިދިނެވެ. 

ޔޫޝާއު ބުނިގޮތުގައި، އެވީޑިއޯ ކޮޅުގައި މިޔުޒިކު ހިމަނަން ބުނިއިރު، މިޔުޒިކަކީ ޙަރާމް އެއްޗެއްކަން އޭނާއަށް އެއިރުވެސް އެނގެއެވެ. ނަމަވެސް، ޤައުމީ ވަންތަ މިޔުޒިކު ކޮޅެއް ލުމަކީ މައްސަލައެއް ނޫން ކަމަށް އޭނާއަށް އަމިއްލައަށް ވެސް ހިތައް އެރުމުން، އެވީޑިއޯ ގައި އޭނާ މިޔުޒިކު ކޮޅެއް ހިމެނީއެވެ. 

އެވީޑިއޯ އެތައް ބަޔަކަށް ކަމުދިޔައެވެ. ޔޫޝާއު ބުނި ގޮތުގައި ވަރަށް ގިނަ މީހުން ވީޑިއޯ ޝެއާރ ވެސް ކޮށްފައި ހުއްޓެވެ. އަދި އެވީޑިއޯގެ ކާމިޔާބީއާއި ގުޅިގެން، އެފަދަ އެހެން ވީޑިއޯތަކެއް (އަގަށް) ހެދުމަށް ގިނަ ހުށަހެޅުންތަކެއް ވެސް އޭނާއަށް ލިބުނެވެ. ގޮތަކަށް ބުނަންޏާ އޭނާގެ "ވީޑިއޯގްރާފީ" ދާއިރާއަށް އެވީޑިއޯގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބުނެވެ.

ނަމަވެސް، ކުރާ މަސައްކަތުގައި ކާމިޔާބީ ލިބުންއިރު، ފަހު ދުވަހަށް ތައްޔާރުވުމުން އޭނާއައީ ދުރުވަމުންނެވެ. ދީނީ ކަންކަމުގައި ހުރީ ހޭލުންތެރި ނުވެވިއެވެ. 

"ވަރަށް އެހެންކަހަަލަ އުނދަގޫތަކެއް ވެފަ ހުރެވުނީ. އަހަންނަކީ އޭގެ ކުރިން ޤަވައިދުން ނަމާދު ކުރަމުން އައި މީހެއް. ދަމު ނަމާދު ވެސް ކުރަން. އެކަމަކު ވީޑިއޯ ހެދި ފަހުން ރޭގަނޑު އަބަދުވެސް އޮވެވެނީ ދެން ހަދާނެ ވީޑިއޯއަކާއި އެވީޑިއޯއަށް ލާނެ މިޔުޒިކު ކޮޅަކާއި ގުޅޭ ގޮތުން ވިސްނާލަން. އެހެން އުޅެން ފެށީމަ ދަމު ނަމާދަށް ނުހޭލެވެން ފެށި. ނަމާދާއިމެދު ވެސް ފަރުވާ ކުޑަ ކުރެވެން ފެށި. އަހަންނަށް އަބަދުހެން ދެން ހުރެވެން ފެށީ ނުތަނަވަސް ކަމެއްގެ ތެރޭގައި" ޔޫޝާއު ކިޔައިދިނެވެ.

އޭނާއަށް ހަމަ ވިސްނުން އަނެއްކާވެސް ވިސްނާ ދިނީ އެކުވެރިންތަކެކެވެ. ކޮންމެ ކަހަލަ މިޔުޒިކެއް ވިޔަސް، އެއީ ޙަރާމް އެއްޗެއްކަމާއި މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ކޮށްގެން ލިބޭނެ ލާބައެއް މަންފާއެއް ނޯންނާނެކަން އޭނާއަށް ވިސްނައި ދިނެވެ.

ކުރެވުނު ކަންތަކާއިމެދު ލަދުވެތިވެގެން ޔޫޝާއު އެއިރު ހެދި ވީޑިއޯ އެޕޭޖުން ޑިލީޓު ކޮށްލުމަށް އޭނާ ރަހުމަތްތެރިޔާ ގާތު އެދުނެވެ. އޭނާގެ އެދުމުގެ މަތިން އެރަހުމަތްތެރިޔާ އެފަދައިން ކަންތައް ކޮށްދިނެވެ. ފަހުން ލިބުނު ހުށަހެޅުންތަކަށް ވެސް ޖަވާބު ދެމުން ޔޫޝައު ބުނީ، ވީޑިއޯ ހެދިދާނެ ކަމަށާއި ނަމަވެސް އެއަށް އެއްވެސް ކަހަލަ ރާގެއް ނުލެވޭނެ ކަމަށެވެ. އެކަންވީ އޭނާއަށް އެހުށަހެޅުންތައް ދިން ފަރާތްތައް ހިތްހަމަ ޖެހުނު ވާހަކައަކަށް ނޫނެވެ.

"ފައިސާއަށް ވުރެ ބޮޑަށް ބޭނުންމީ ދީން. އިރާދަކުރެއްވިއްޔާ ދެން ހަދާ އެއްވެސް ވީޑިއޯއެއްގައި މިޔުޒިކު ނުހިމަނާނަން" ޔޫޝާއު ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ