އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅުގެ ބަރުދަން 20 ކިލޯ، ގެންދާ ފޮތް ދަބަހުގެ ބަރުދަން 10 ކިލޯ؟! މިއީ ވޭނެއް ނޫންތޯ!؟

ދަރިފުޅުގެ ބަރުދަން 20 ކިލޯ، ގެންދާ ފޮތް ދަބަހުގެ ބަރުދަން 10 ކިލޯ؟! މިއީ ވޭނެއް ނޫންތޯ!؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 0 ސިކުންތު

ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ފޮތް ދަބަސް (އެކުދިންނަށް ނުއުފުލޭ ވަރަށް) ބަރުވުމަކީ ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވެ، އެކަމުގެ ޝަކުވާ ސްކޫލުތަކާއި ޚުދު އެޑިއުކޭޝަން މިނިސްޓްރީ ގައި ވެސް ހުއްޓުމެއް ނެތި ކޮށްފައިވާ ކަމެކެވެ. 

ހިތާމައަކީ ކޮންމެ އަހަރަކު ވެސް މިކަންބޮޑުވުން ބެލެނިވެރިން އުފުލަމުން އައިސްފައިވާއިރު، އަދިވެސް މިކަމަށް އެދެވިގެންވާ ޙައްލެއް ލިބިފައި ނުވުމެވެ. 

ފޮތް ދަބަސް ބަރުވެގެން އެތަކުލީފު މިހާރު އުފުލަނީ ހަމައެކަނި ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުން އެކަންޏެއް ނޫނެވެ. ޕްރައިމެރީ ގްރޭޑް ތަކުގެ ދަރިވަރުން ވެސް އަންނަނީ މިވޭނާއި ކުރިމަތިލަމުންނެވެ. 

ދަރިވަރުގެ ބަރުދަނުގައި އެންމެ 20 ކިލޯ ހުންނައިރު، އޭނާ އުފުލާ ފޮތް ދަބަހުގެ ބަރުދަނުގައި ގާތްގަނޑަކަށް 10 ކިލޯ ހުރެފައި، އެފޮތް ދަބަސް ސްކޫލްގެ ތިންވަނަ ނުވަތަ ހަތަރު ވަނަ ފަންގިފިލާއަށް (ނުވަތަ އެއަށްވުރެ ވެސް މައްޗަށް) ކޮންމެ ދުވަހަކު (ސިޑިން) އުފުލަން ވެއްޖެނަމަ، އެދަރިވަރަކަށް ވާނޭވަރު ވިސްނާލާށެވެ. ބެލެނިވެރިން އެކުދިންނަށް ފޮތް ދަބަސް އުފުލާދޭއިރު، ގިނަ ފަހަރަށް އެބެލެނިވެރިންނަށް ދެވެނީ ހަމައެކަނި ސްކޫލްގެ ގޭޓާއި ހަމައަށް އެކަންޏެވެ. ބަރު ފޮތް ދަބަސް ހިފައިގެން އެއްކަލަ ސިޑިން އަރަން މިޖެހެނީ ދަރިވަރުންނަށް އެކަންޏެވެ. 

ބައެއް ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގައި، ބޮޑު ފޮތްތައް އެސްކޫލެއްގެ ކްލާސްރޫމް ތެރޭގައި ބަހައްޓާފައި ހުރެއެވެ. މިއީ ރަނގަޅު ކަމެކެވެ. އެކަމަކު ހަމަ އެސްކޫލުގެ ގްރޭޑް އަށަކާއި އަށަކުން މަތީގެ ދަރިވަރުންނަށް ބައެއް ދުވަސް ދުވަހު ހުރިހާ މާއްދާތަކެއްގެ ފޮތްތައް ގެންދަން ޖެހޭއިރު، އެފޮތްތައް ސްކޫލުގައި ބެހެއްޓޭކަށް ނުހުރެއެވެ. އެހެންކަމުން އެދަރިވަރުންނަށް ޖެހެނީ ކިތަންމެ ވަރަކަށް ފޮތް ދަބަސް ބަރު ނަމަވެސް ސްކޫލަށް ފޮތް ދަބަސް ހިފައިގެން ގޮސް، އަނބުރާ ގެއަށް އަންނައިރު ވެސް ހަމަ އެދަބަސް ކޮނޑުގައި އަޅުވައިގެން އަންނާށެވެ. 

ފޮތް ދަބަސް ބަރުވުމަކީ ހަމަ ޔަގީނުންނަށް ވެސް ދަރިވަރުންނަށް ދެވޭ ބޮޑު އަނިޔާއެކެވެ. އަދި މިކަމަކީ ގިނަ ބެލެނިވެރިން ވެސް އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މިކަމާއި ގުޅޭގޮތުން ކަންބޮޑުވާ މިންވަރު، އެފަދަ އެއް ބެލެނިވެރިއަކު "މިއަދުނޫހާއި" ހިއްސާ ކުރިއެވެ.

"އަޅުގަނޑުގެ ދަރިފުޅު އުޅެނީ ގްރޭޑް ހަތެއްގަ. އޭނާއަކީ ހަށިގަނޑުން ވެސް ތަންކޮޅެއް ހިކިކޮށް ހުންނަ ކުއްޖެއް. ގިނަ ދުވަސް ދުވަހު ސްކޫލަށް ފޮތް ދަބަސް އުފުލަނީ ވެސް އަމިއްލައަށް، އަދި އެހިފައިގެން ގެއަށް އަންނަނީ ވެސް އަމިއްލައަށް. އައިސްފަ ކޮންމެ ދުވަހަކު ވެސް އެންމެ ފުރަތަމަ ކަމަކަށް ބަލާނީ ކޮނޑުން ފޮތް ދަބަސް ބޭލޭތޯ. ދެން ދަބަސް ކޮޓަރިއާއި ހަމައަށް ގެންދަން ބުނީމަ ބުނޭ މަންމާއޭ ކީއްހޭ ކުރާނީ. ދަބަސް ހާދަ ބަރޭ، ވަރަށް ވަރުން ކެތް ކޮށްގެންނޭ ހިފައިގެން މިއައީ ވެސް. އޭނާއަކީ ކަންކަމާއިމެދު އަސްލު ވަރަށް ޝަކުވާ ނުކުރާ ކުއްޖެއް، ކިޔެވުމަށް ވަރަށް ޝައުޤުވެރިކަން ވެސް ހުންނަ ކުއްޖެއް. އެކަމަކު މިހާރު ކޮންމެ ދުވަހަކުހެން ކިޔަނީ ދަބަސް ބަރުވެގެން ކޮނޑަށާއި ބުރަކަށްޓަށް ތަދުވާ ވާހަކަ. އަޅުގަނޑު އޭނާގެ ކޮނޑުގަ ބޭސް ވެސް އުނގުޅާ ދެން ކޮންމެ ދުވަހަކުހެން. މިހެން ކަންތައްތައް ކުރިއަށް ދަންޏާ ކިތަންމެ ކިޔަވާ ހިތްވާ ކުއްޖެއްވިޔަސް، ފަހުން ހަމަ ސްކޫލަށް ދާހިތްވެސް ނުވެދާނެދޯ؟ އަޅުގަނޑުވެސް ބޭނުމެއް ނުވޭ މިކަން މިގޮތަށް ކުރިއަށް ދަންޏާ ކޮންމެ ދުވަހަކު ދަރިފުޅަށް އެވޭން ލިބޭކަށް!" ނަން ހާމަ ނުކުރުމަށް އެދި އޭނާ ކިޔައިދިނެވެ. 

ދަބަސް ބަރުވެގެން އެކަމަށް ހައްލެއް ހޯދައިދިނުމަށް އެތައް ފަހަރަކު ކްލާސް ޓީޗަރާއި ވާހަކަ ދެއްކި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެކަމުގެ ޙައްލެއްގެ ގޮތުގައި އަދި ހަމައެކަނި ސްކޫލުން ކުރިކަމަކީ ކޮންމެ ހަފްތާއަކުހެން ޓައިމްޓޭބަލް ބަދަލު ކުރުން ކަމަށާއި އެފަދައިން ކަންތައް ކުރުމުން ވެސް ދަބަސް ބަރުވުމުގެ ތަކުލީފަށް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ. 

މިއީ އެންމެ ދަރިވަރެއް ނުވަތަ އެންމެ ބެލެނިވެރިއެއްގެ ޝަކުވާއެއް ނޫނެވެ. އެތައް ދަރިވަރުންނެއްގެ އަދި އެތައް ބެލެނިވެރިންގެ ޝަކުވާއެވެ. 

ސަރުކާރުން ބޮޑު ޚަރަދު ކޮށްގެން ސްކޫލްތަކުގައި ބޭނުން ކުރުމަށް ޓެބްލެޓުތަކެއް ވެސް ގެނެސްފައިވެއެވެ. ނަމަވެސް އެޓެބްލެޓުތައް ސްކޫލްތަކުގައި ބޭނުން ކުރަން ފަށާފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ. 

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ގުޅާލުމުން، ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން، އެމިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ